(2 ޖުލައި 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މެހެމަލް ކޮޓަރީގެ އެކި ދިމަދިމާއަށް ބަލަން ފަށައިފިއެވެ.
ހުދު ކުލައިގެ ޔުނިފޯމުއެޅި ނަރުހަކު ކޮޓަރި ތެރެއަށް ވަދެއްޖެއެވެ. އޭނާގެ އަތުގައި ތަބަކެއް ހުއްޓެވެ. ތަބައް ހިފައިގެން އެނދާ ކައިރިވެލީ ވަގުތު މެހެމަލް ހޭލައި އޮތްތަން ފެނުނީމާ ހައިރާންވެގެން ތަންކޮޅެއް ފުންކޮށް ބަލައިލިއެވެ.
"ހެއިފުޅުލެއްވުނީތީ ޝުކުރުހުރި." އެ ކުއްޖާ އެނދާ ކައިރިވެލީތަނާ ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ.
ދޮރުމަތީގައި ހުރީ ހަތް އަހަރު ނުވަތަ އަށް އަހަރުގެ ރީތި ފިރިހެން ކުއްޖެކެވެ. އެއީ ނަވްމީގެ ގެޔާ ޖެހިގެން ހުންނަ ގޭގެ ކުއްޖެއް ކަމުގައިވާ ރާޙިމެވެ. ނުވަތަ ރާޙިމްގެ ކޮއްކޮއަށްވެސް ވެދާނެއެވެ. މެހެމަލަކަށް މާ ރަނގަޅަކަށް ފާހަގައެއް ނުކުރެވުނެވެ.
"ހާލުކޮޅު ރަނގަޅުތޯ؟" ނަރުސްކުއްޖާ އޭނާގެ އަތުގައި އަތް ޖައްސައިލިއެވެ. އޭނާ އެއްވެސް ޖަވާބެއް ނުދިނެވެ. އެ ކުޑަ ކުއްޖާޔާ ދިމާއަށް ބަލަނީއެވެ. އެއީ ހަވީރު އޭނާ ޤުރްއާން ކިޔަވައިދޭ ކުއްޖަކަށް ވެދާނެއެވެ.
"އަޅުގަނޑު މެހެމަލްގެ ދައްތައަށް ގޮވައިލާނަން." ނަރުސްކުއްޖާ އުފަލުން ފޮޅިފައި ހުރެގެން ކޮޓަރިން ނުކުންނާން ހިނގައިގެންފިއެވެ.
މެހެމަލްގެ ނަޒަރު އެ ކުއްޖާގެ މައްޗަކުން ކައްސައެއް ނުލިއެވެ. އެ ކުއްޖާ މަޑުމަޑުން ގޮސް ކުރިމަތީގައި ހުރި ބޮޑު ގޮނޑިއަށް އަރައި އިށީނދެއްޖެއެވެ. އަދި ދެއަތްތިލައަށް މޫނު ލައިގެން މެހެމަލާ ބަލާން ފަށައިފިއެވެ.
"ރާޙިމް." މެހެމަލަށް އޭނާގެ އަޑު އިވުނީ ވަރަށް ބަލިކަށި އަދި ބީރައްޓެހި ގޮތަކަށެވެ.
އެ ކުއްޖާ އަނގައިންވެސް ނުބުނެ ބަލަހައްޓައިގެން އިނީއެވެ.
"ރާޙިމް." އޭނާ އަނެއްކާވެސް ގޮވައިލިއެވެ. ވާހަކަ ދެއްކެނީވެސް ތަންކޮޅެއް އުނދަގުލުންނެވެ.
"އަޑު އިވިއްޖެ." އެކުއްޖާ ވަރަށް ލަސްލަހުން ބުނެލިއެވެ. "ތިޔައީ ކަމުދާ މީހެއް ނޫން."
"އަޑުއިވުނު؟" އޭނާ ހައިރާން ވެއްޖެއެވެ. އެއީ ރާޙިމްގެ ކޮއްކޮއެވެ. އެ ކުއްޖާއަށް އޭނާ ކޮންމެ ދުވަހަކު ޤުރްއާން ކިޔަވައިދެއެވެ. އެކަހަލަ ގޮތަކަށް އެ ކުއްޖާ ވާހަކަ ދައްކަނީ ކީއްވެގެން ހެއްޔެވެ؟
އަނެއްކާވެސް ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ.
މެހެމަލް ސިއްސައިގެން ގޮސްފައި ބަލައިލިއެވެ.
ދޮރުމަތީގައި އެެހެރީ ފަރިޝްތޭއެވެ. ކަޅު ޢަބާޔާއެއް ލައިގެން ކަޅު ބުރުގާއެއް އަޅައިގެންނެވެ. މެހެމަލާ ދިމާއަށް ޔަގީންކަމެއް ނެތް ގޮތަކަށް ބަލަހައްޓައިގެންނެވެ.
"ދައް... ދައްތާ." ފަރިޝްތޭ ރަށަކު ނެތެވެ. އެނބުރި އައީ ކޮން ދުވަހަކު ހެއްޔެވެ؟
"އޯހ... އަލްޙަމްދުލިއްލާހި... މެހެމަލް." ފަރިޝްތޭ އަމިއްލަ އަނގަމަތީގައި އަތް އަޅައިލިއެވެ. އެ ހުރި ގޮތަށް އިރުކޮޅަކު އޭނާއަށް ހުރެވުނެވެ. މޫނުމަތީ ހުރީ މިލައިފައެވެ.
"މެހެމަލް... މެހެމަލް." ފަރިޝްތޭ އެނދު ކައިރިއަށް އައިސް މެހެމަލްގެ މޫނުގައި ފިރުމާން ފަށައިފިއެވެ. "އަހަރެން އެބަ ފެނޭތަ؟ މެހެމަލް... އަހަރެން މިއީ ކާކުކަން އެނގޭތަ؟ މެހެމަލަށް ވާހަކަ ދެއްކޭތަ؟"
"އަހަންނަށް އަހަރެންގެ ދައްތަ ނޭނގެންވީ ކީއްވެގެން؟ އެނބުރި އައީ ކޮން އިރަކު؟"
"އަހަރެން؟" ފަރިޝްތޭ ހައިރާންވެފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. "އަހަރެން... އަހަރެން އައިސް އުޅޭތާ ކިތަންމެ ދުވަހެއް ވެއްޖެ. މެހެމަލް. އަހަރެން މެހެމަލާ ވަރަށް ގިނަ ވާހަކަ ދެއްކިން. އަޑު އިވުނުތަ؟"
"ކީކޭ؟" އޭނާއަކަށް ފަރިޝްތޭ އެކިޔާ އެއްޗެއް ނުވިސްނުނެވެ. "ނޫން. އަހަރެން އެއްވެސް ވާހަކައެއް އަޑެއް ނާހަން. އަހަރެން..." އޭނާ ވާހަކަ ދައްކަމުން ދިޔައީ ލަސްލަހުން އުނދަގުލުންނެވެ. "އަހަރެން ހެނދުނު ދިޔައީ ޒުވާރި ވިއްކާ މީހާ ގާތަށް... ކާރެއް އައިސް އަހަރެންގެ ގައިގައި ޖެހުނީ. ދެން... ދައްތަ އަންނަ ވާހަކައެއް ނުވެސް ބުނަމެއްނު؟"
ފަރިޝްތޭ އޭނާ ދައްކާ ވާހަކަ ގަބޫލު ނުކުރެވޭ ކަހަލަ ގޮތަކަށް ބަލަހައްޓައިގެން ހުރީއެވެ. އޭނާ ދައްކާނޭ އެއްވެސް ވާހަކައެއް ނެތީ ކަހަލައެވެ.
"ދައްތާ. ބުނެބަލަ..." ފަރިޝްތޭ ހައިރާން ވެފައި ހުންނާތީ އޭނާ ކަންބޮޑު ވެއްޖެއެވެ. ކޮންމެވެސް ނުބައެއް ވެއްޖެއޭ އޭނާގެ ހިތަށް އެރިއެވެ.
"މެހެމަލް..." ފަރިޝްތޭ ވާހަކަ ދައްކާން އުޅެފައި ހުއްޓައިލިއެވެ. ބުނާނޭ އެއްޗެއް ނޭނގުނީ ކަހަލަ ގޮތަކަށެވެ.
"ހުނ... ހެދެނީ..." އެއްކަލަ ކުޑަ ކުއްޖާ ނުރުހުމުގެ ރާގަކަށް ބުނެލިއެވެ.
ފަރިޝްތޭ ސިހިފައި އެނބުރި ބަލައިލިއެވެ. އޭނާގެ މޫނުމަތީން ހިތްހަމަ ނުޖެހުމުގެ އަސަރުތައް ފެނުނެވެ.
"ސަނީ ދަރިފުޅާ. އިހަށް ދޭ. އަހަރެމެންނަށް ވާހަކަ ދެއްކިޔަދީ."
"އަހަރެން ދާންވީ ކީއްވެގެން؟ އެހެން މީހުން ދޭ."
"ދައްތާ. އެއީ ކޮން ކުއްޖެއް؟ ބޮޑާ ހާކަނީ ކީއްވެގެން؟" މެހެމަލް އަހައިލިއެވެ. އެކަމަކު މެހެމަލް ހުރީ އެ ކުއްޖާއަށް ސަމާލުކަން ދީގެންނެވެ.
"އަހަރެން ދާކަށް ބޭނުމެއް ނޫން."
"ތައިމޫރް... އަނގަނުތަޅާ ބޭރަށް ދޭ. އަހަރެން މަންމަޔާ ވާހަކަ ދައްކާ ތަނެއް ނުފެނޭތަ؟"
ފަރިޝްތޭ ބުނި އެއްޗެއްގެ ސަބަބުން އޭނާގެ ހިއްސުތައް އައްސި ވެއްޖެކަމުގައި ހީވިއެވެ.
"ދައްތާ... ދައްތަ ބުނީ ތައިމޫރޭތަ؟"
"ހައް... ތިޔައީ އަހަރެންގެ މަންމައެއް ނޫން." އެ ކުއްޖާ ގޮނޑިން ފައިބައިގެން ގޮސް ކޮޓަރިން ނުކުމެ ވަރަށް ބާރަށް ދޮރު ލައްޕައިފިއެވެ.
"ދައްތަ ދެންމެ ބުނީ ތައިމޫރޭތަ؟ އެހެންނެއް ނުވާނެ... އެއީ އަހަރެންގެ ތައިމޫރެއް ނޫން. އަހަރެންގެ ތައިމޫރް ކޮބާ؟" އޭނާގެ ހިތުގެ ހިނގުން ހުއްޓޭން އުޅޭ ކަހަލައެވެ. ކޮންމެވެސް ކަމެއް ވެއްޖެއެވެ. ކޮންމެވެސް ނުބައި ކަމެއް ވެއްޖެއެވެ.
ފަރިޝްތޭ މަޑުމަޑުން އޭނާޔާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ލޮލުން ހުރީ ކަރުނަ އައިސްފައެވެ.
"މެހެމަލް... ހަނދާނެއް ނެތްތަ؟"
"ކޮން ކަމެއް؟ ހަނދާން ނެތީ ކޮން ކަމެއް؟ އަހަރެންގެ ދަރިފުޅު ކޮބާ؟" މެހެމަލަށްވެސް ރޮވޭން ފަށައިފިއެވެ.
"މެހެމަލް..." ފަރިޝްތޭގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަނީއެވެ. އޭނާ މެހެމަލްގެ އަތުގައި ހިފަހައްޓައިލިއެވެ. "މެހެމަލްގެ އެކްސިޑެންޓުވީ..."
"ދައްތާ... އަހަރެން މި އަހަނީ އަހަރެންގެ ދަރިފުޅު ކޮބައިހޭ."
"މެހެމަލްގެ ބޮލަށް އަނިޔާވީ... މައިބަދަޔަށްވެސް..."
"ދައްތާ. އަހަރެންގެ ދަރިފުޅު." އޭނާގެ އަޑު ކުރެހިއްޖެއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ފަރިޝްތޭގެ ލޮލަށެވެ.
"މެހެމަލް... މެހެމަލް ހޭނެތުނީ. ކޯމާއަކަށް ދިޔައީ."
"އަހަންނަށް ތިޔަކަން އެނގޭ. ހެނދުނު އެކްސިޑެންޓު..." އެހެން ބުނިއިރުވެސް އެއީ ހެނދުނު ހިނގި ކަމެއް ނޫންކަން އޭނާއަށްވެސް ޔަގީން ވެއްޖެއެވެ.
"އެއީ މިއަދު ހެނދުނެއް ނޫން. އެއީ މީގެ ހަތް އަހަރު ކުރި."
މެހެމަލް ދެލޯ ބޮޑުކޮށްގެން ފަރިޝްތޭއާ ދިމާއަށް ބަލަހައްޓައިގެން އޮތީއެވެ.
"އެ ހާދިސާގެ ފަހުން ހަތް އަހަރު ފާއިތުވެގެން ހިނގައްޖެ. މެހަމަލަކަށް ނޭނގޭތަ؟ ހަނދާނެއް ނެތްތަ؟ ފާއިތުވެދިޔަ އަހަރުތަކުގައި އަހަރެން ދެއްކި ވާހަކަތައް ހަނދާނެއް ނެތްތަ؟ އެ ދުވަސްތަކާއި ރޭތައް... އަހަރެން މިތާގައި މެހެމަލް ގާތުގައި ހޭދަކުރި ދުވަސްތައް ހަނދާނެއް ނެތްތަ؟"
އޭނާ ހިލަ ބުދަކަށް ވެއްޖެއެވެ. ފަރިޝްތޭއަށް ހީވީ އޭނާ ދައްކާ ވާހަކަ މެހެމަލަށް އަޑުވެސް ނީވޭ ކަމުގައެވެ.
"ޑަކްޓަރުން ބުނީ މެހެމަލް ދުވަހަކުވެސް ހެއެއް ނާރާނެއޭ. އަހަރެމެން ވަރަށް އިންތިޒާރު ކުރިން... މެހެމަލް. ވަރަށް ދިގު އިންތިޒާރެއް..." ފަރިޝްތޭ ރޮމުން ވާހަކަ ދައްކަމުން ގެންދިޔައެވެ.
މެހެމަލް ހިމޭނުން ބަލަހައްޓައިގެން އޮތީއެވެ.
"މެހެމަލް ހޭއަރާގޮތް މެދުވެރި ކުރައްވާތޯ އަހަރެން އެތައް ދުޢާއެއް ދެންނެވިން. އަހަރެން ޕީއެޗްޑީވެސް ދޫކޮށްލީ. އެކްސިޑެންޓުވީތާ ދެވަނައަށްވީ މަހު އެނބުރި އަތުވެއްޖައިން. އޭރު ބާކީ އޮތީ ދެމަސް ދުވަސް. އެނބުރި އަނެއްކާވެސް ދިޔައިން. އެކަމަކު ހިތެއް ހަމައެއް ނުޖެހުނު. ކިޔެވޭ ގޮތެއް ނުވި. އެހެންވީމާ ކިޔެވުން ދޫކޮށްލާފައި އައީ. ކިތައް އަހަރު... މެހެމަލް. ކިތައް އަހަރު ފާއިތު ވެގެން ހިނގައްޖެ؟ އެއްވެސް ކަމެއް ހަނދާނެއް ނެތްތަ؟"
ފަރިޝްތޭ އޭނާގެ ކޮނޑުގައި ހިފައި ތަޅުވައިލިއެވެ. އޭނާ ސިހިގެން ދިޔައެވެ.
"އަހަރެންގެ... އަހަރެންގެ ތައިމޫރް ކޮބާ؟"
"މިތާގައި ހުރެފައި އެ ދިޔައީ ތައިމޫރް. އަހަރެމެން އޭނާއަށް ކިޔަނީ ސަނީ."
އެވާހަކަ އޭނާއަށް ގަބޫލު ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އެއީ އެހެން ކުއްޖެއްކަމުގައި ހީވީ ކުއްޖާއަކީ އޭނާގެ ދަރިފުޅު ހެއްޔެވެ؟ އެއީ ކިހިނެއް ވާނޭ ކަމެއް ހެއްޔެވެ؟ އޭނާ ހީކުރީ އެކްސިޑެންޓުވީ ފަހުން އަދިވީ އެންމެ ދުވަހެއް ކަމުގައެވެ. ނުވަތަ ބައިދުވަސް ކަމުގައެވެ. އެކަމަކު މިހާރު ހީވަނީ އެތައް ގަރުނެއް ފާއިވެގެން ހިނގައްޖެ ހެންނެވެ. އޭނާއަށް އެކަން ނޭނގުނީ ކީއްވެގެން ހެއްޔެވެ؟ ތައިމޫރް...
އޭނާގެ ހަނދާނަށް އައީ ދުއްވާ ގާޑިޔަލުގައި އޮތް އޭނާގެ ތުއްތު ދަރިފުޅެވެ.
"ދައްތާ... އަހަރެންގެ ދަރިފުޅު... ޔާﷲ." މެހެމަލް ލޯ މަރައިލިއެވެ. "އެވަރަށް ބަދަލުވީތަ؟"
"މެހެމަލް. ވަރަށް ގިނަ ކަންތައްތައް ބަދަލު ވެއްޖެ. ޒަމާންވެސް ބަދަލު ވެއްޖެ. ވަގުތަކީ އެކަހަލަ އެއްޗެއް. ހުރިހައި ކަމެއް ބަދަލުކޮށްލާ."
"ހުމާޔޫން؟" އޭނާ ވަރުދެރަ ގޮތަކަށް ކިޔައިލިއެވެ. "ހުމާޔޫން ކޮބާ؟"
"މެހެމަލް ހޭއެރި ވާހަކަ ނަރުސްކުއްޖާ ބުނުމާއެކީ އަހަރެން ހުމާޔޫނަށް ފޯނުކުރިން. އެކަމަކު..." ފަރިޝްތޭ ކުޑަކޮށް ޖެހިލުންވީކަން އެނގުނެވެ. "އޭނާ ހުރީ އޮފީސް ބައްދަލުވުމެއްގައި. މިރޭ އަންނާނެ."
"ނޫނޭ... ދައްތާ. އަދި އޭނާއަށް ގުޅާ. އަންނާށޭ ބުނޭ. މެހެމަލް ހޭއަރައިފިއޭ ބުނޭ. މެހެމަލް އިންތިޒާރު ކުރަނީއޭ ބުނޭ. އަހަރެން ފޯނު ކޮށްލުމާއެކީ އޭނާ ދުވެފައި އަންނާނެ..."
"ތިޔަ ދައްކަނީ ހަތް އަހަރު ކުރީގެ ވާހަކަ. ޒަމާނާއެކު ވަރަށް ގިނަ ކަންތައްތައް ބަދަލުވޭ. މީހުންނަށްވެސް ބަދަލު އާދޭ."
"އޭނާ ނައީ ކީއްވެގެން؟" މެހެމަލް މަޑުމަޑުން އަހައިލިއެވެ.
"މެހެމަލް. ކަންބޮޑު ނުވޭ. ބުނަންތަ..."
"ޒަމާނާއެކު ހުމާޔޫނަކަށް ބަދަލެއް ނާންނާނެ. އަހަރެންގެ ހުމާޔޫނަކީ އެކަހަލަ މީހެއް ނޫން. އަހަރެންގެ ތައިމޫރަކީ އެކަހަލަ ކުއްޖެއް ނޫން." މެހެމަލް ހަޅޭއް ލަވައިގަތެވެ. އޭނާއަކަށް ނުވެސް ރޮވުނެވެ.
ފަރިޝްތޭ ކަންބޮޑުވެފައި ބަލަހައްޓައިގެން ހުއްޓެވެ.
މެހެމަލް ހަމައަކަށް އެޅޭނީ އަދި ދުވަސްކޮޅަކުންކަން އޭނާއަށް އެނގެއެވެ.
* * *
ފަރިޝްތޭ ހިނގައްޖެއެވެ. އޭނާ މޫނާއެކީ ފޮރުވޭ ވަރަށް ގައިމަތީގައި ފޮތިގަނޑު އަޅައިލުމަށްފަހު ލޯ މަރައިލިއެވެ. ފަރިޝްތޭ އެ ދެއްކީ ތެދު ވާހަކައެއް ކަމަކަށް އޭނާއަކަށް ގަބޫލެއް ނުކުރެވެއެވެ. އޭނާއަށް ހީވާ ގޮތުގައި އެއީ ބިރުވެރި ހުވަފެނެކެވެ. ލޯ ހުޅުވައިލުމާއެކު ހަގީގީ ދުނިޔެ ފެންނާނެއެވެ.
(ނުނިމޭ)
Aarizoo hifaanamey buni badhalu ran'galhah hifaaleebaa.haadha dherey.