(3 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ނަމަނަމަ ވިޔާނުދާ ކަމަކަށް ފައިސާ ޚަރަދުނުކުރާތި. އެހެން ހަދާކަން އެނގިއްޖެއްޔާ އަހަރެންގެ އަތުން އެއްވެސް އެއްޗެއް ނުލިބޭނެ."
"ކަންބޮޑުނުވޭ. ތިޔަކަހަލަ ކަމެއް ނުކުރާނަން."
މިހެން ބުނަމުން މަންމަ އަތުގައި އޮތް ސަތޭކަ ރުފިޔާގެ ދެނޫޓް ޖަހައިގަނެގެން ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިން ނިކުމެއްޖެއެވެ. އޭނާ ދިޔައީ ކީއްކުރަންކަން، އޭނާގެ މަންމައަށް ޝައްކެއްގެ ގޮތުގައި ހީވިހީވުން އެއީ ޙަޤީޤަތަކަށް ވާނެ ކަމެއްކަމަކަށް ހުވަފެނުންވެސް ނުދެކެއެވެ.
އެކަމަކު، ޙަޤީޤަތަކީ، ބަދަލުވާނެ އެއްޗެއް ނޫނެވެ. ޙަޤީޤަތް ޖެހޭނީ ބަދަލުކޮށްލާށެވެ. އެ ވަގުތަކަށް ތިމާއަށް އެންމެ ފައިދާހުރި ހިތްހަމަޖެހޭ ގޮތަކަށެވެ.
ހައިކަލް ނިކުމެގެން ދިއުމުން، އަލަމާރި ތަޅުލައިފައި ހައިކަލްގެ މަންމަ ގޮސް ބޮޑު އުނދޯއްޔެއްގައި އިށީނދެ ފިކުރެއްގެ ތެރެއަށް ގެއްލިއްޖެއެވެ.
އަނެއްކޮޅުން ހައިކަލް އޭނާގެ އެކުވެރިންނާއެކު ކާރެއްގައި ގޮސް މަޑުކުރި ތަނަކަށް ފައިބައިފިއެވެ. އެމީޙުން ބައްދަލުކުރީ، ދިވެއްސަކާ އިނދެގެން އުޅޭ ބޭރުގެ މީހަކާއެވެ. އެއްކުރި ފައިސާތައް އެކުގައި އެމީހާގެ އަތަށް ދިނެވެ. އެއީ ގާތްގަނޑަކަށް ހަތަރުސަތޭކަ ރުފިޔާއެވެ. އޭގެ އަގަށްވާ މުދައު އެމީހުންނަށް ރައްދުކޮށްފިއެވެ.
ކާރުގައި ދަތުރުކުރި ޒުވާނުން އެކަކު އަނެކަކަށް ސުވާލުކުރަމުން ގެންދިޔައީ، މި އެއްޗެތި އެތެރެކުރާ ގޮތަކާމެދުގައެވެ. އެއްވެސް މީހަކަށް އެ ސިއްރެއް ނޭނެއެވެ. ޚާއްޞަކޮށް އެމީހަކީ ދީލަތި މީހަކަށް ވެފައި، ގާތްގޮތެއް ބަހައްޓާ މީހަކަށް ވާނަމަ، އެއީ އާދަޔާ ޚިލާފު ނުބައިކަންތައްތަކެއް ކުރާނެ މީހެއްކަމަކަށް ނުބަލައެވެ.
ދޫހެލޭ މީހުން އެމީހުންގެ ދާއިރާ ޙިމާޔަތްކުރުމަށް ވަކާލާތުކުރާއިރު، އަމިއްލަ ވިޔަފާރި ރައްކާތެރިކުރުމާއެކު، ސަރުކާރުގެ މަޤާމުގެ ބާރުގައި، އޭނާގެ ހައިބަތު ދައްކަން ބޭނުން މީހާ ހަލަބޮލި ކަނޑުތަކުގެ ރާޅުތަކުގައި ނުޖެހި، ގޮނޑުގޮނޑުންލައިފައި ދަތުރުކުރެއެވެ. އެންމެންނަކީ ވެސް މުސްލިމުންނެވެ. ގެދޮރާއި އަނބިންނާއި ދަރިންގެ މުސްތަޤުބަލަށްޓަކައި އުނދަގުލާ ނުބެހި އުޅޭ މީހުންނެވެ.
އެފަދަ މީހުންނަކަށް އުނދަގުލަށް ފައިން އެރޭއިރަކުވެސް ނޭނގޭނެއެވެ. ހޭލެވޭއިރު، ކައިރީގައި ޖެހިގެން ހުރި ގެއަކުން ރޯވި އަލިފާން، ވައިހުރި ގޮތަކުން ތިމާގެ އަމިއްލަ ގެއާއި އަމިއްލަ މުދަލާއި އެ ބަރީގެ އެންމެންގެ ގެދޮރު ނެތިދެއެވެ. އަލިފާން ރޯވި ސަބަބު އެނގޭނީ ކިހިނެއް ހެއްޔެވެ. މަސްތުވެފައިވާ މީހާ އޭނާ ބޯން އޮތް ސިގަރެޓާއެކު ނިދިގެން އެ ސިގިރެޓްބުރިން އެނދުގައި އޮތް ގޮދަޑިގައި ރޯވެގެން ބިތުގައި އަލިފާން ހިފައިގެންކަން ހޯދާނީ ކިހިނެއްހެއްޔެވެ؟ ބުނާނީ ކާކުހެއްޔެވެ؟ އިތުރު ޚަބަރެކެވެ. ރޭޑިއޯ އާއި ނޫސްތަކުގެ ބޮޑު ވާހަކައަކަށް ވުމަށްފަހު، އެ އަލިފާން ނިއްވައިލުމަށް ޒިންމާވާކަށް ޢާންމުންނަށް ފެނުނު މީހުން ލަހުން އައިސްގެން ވީ ކަމެއްކަމަށް އެމީހުންގެ މައްޗަށް ނަފުރަތު އުފެދި އެ ނިމިދިޔައީއެވެ. އެހީގެ ގޮތުގައި އެތަކެއް ހާސް ރުފިޔާ ޙާލުގައި ޖެހުނު މީހުންނަށް ލިބުނީއެވެ.
ހައިކަލް އޭނާގެ އެކުވެރީންނާއެކު، ދުމުން ފުރިފައިވާ ކޮޓަރިއެއްގެ ތެރޭގައި އޭނާގެ އަމިއްލަ ފަލްސަފާގެ މައްޗަށް ވަކާލާތުކުރަނީއެވެ. ބައެއް ފަހަރަށް އެންމެން ހެމުންހެމުން ގޮސް، ލޮލުން ކަރުނަ އައިސްގެން ބަނޑަށް ތަދުވެގެން ހިމޭންވެއެވެ. އަނެއްބައިފަހަރު، ރުޅިއައިސް ރަތްވެގެން، ޒުވާބުކޮށް، އަޑުގަދަކުރަމުން، ތަޅައިފޮޅާ ހިސާބަށް ގޮސް، އަވައްޓެރިން އެއްވެދާނެކަމަށް ކޮންމެވެސް މީހަކު ބުނެގެން މައިތިރިވެލައެވެ. ޒުވާބަކީ، ވަކި މައްސަލައެއް ނޫނެވެ. އުޑުގެ ދަށުގައި ވާނަމަ ވާ ހުރިހައި ކަމެކެވެ. ތިމާމެން އުފެދިފައިވާ ގޮތާމެދު ކުރެވޭ ޒުވާބެވެ. އެއްކައުވަންތަކަމާމެދު އުފެދޭ ޝައްކެވެ.
"ބުނެބަލާ؟ ކަލެއަކީ ތެދުވެރިއެއްތަ؟"
"ތެދަކީ ކޮބާ؟ ކަލޭ ބުނެދީބަލަ ތެދަކީ ކޮބާ؟"
"ތެދަކީ ޙަޤީޤަތް. ރަނގަޅު ގޮތް."
"އޮޅުވާލާކަށް އަރަބި ބަސްތައް ލާނެކަމެއް ނެތޭ. ތެދަކީ ކޮބާ؟"
"ތެދަކީ ރަނގަޅު ގޮތް."
"ރަނގަޅު ގޮތަކީ ކޮބާ؟"
"ރަނގަޅު ގޮތަކީ އިންސާފުވެރި، އަނެކުންނަށް އަނިޔާ ނުލިބޭ ޢަދުލުވެރި ގޮތް."
"ކަލެއަށް ހީވޭތަ. މި އުޅޭ ދިރިއުޅުމަކީ އިންސާފުވެރި، އަނިޔާ ނުލިބޭ، އަދުލުވެރި ގޮތްހެން."
"އެހެން ހިއެއް ނުވޭ."
"އެކަމަކު، މިކަންތައް މަޖުބޫރުކުރާ ފަރާތުން އަންގަނީ ކީކޭ؟"
"އެ އަންގަނީ ރަނގަޅު ގޮތޭ."
"އެހެންވީމާ ބުނަން، ރަނގަޅާއި ނުބައި އެކި ތަންތާނގައި ތަފާތު. އެކި ދީނުގައި ތަފާތު. އެކި ސޮސައިޓީގައި ތަފާތު. އެކި މީހުންގެ ގާތުގައި ތަފާތު."
"އެހެންވިއްޔާ....."
"އެހެންވިއްޔާއޭ ބުނެ މާކަ ގިނަ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތޭ. ކަލޭގެ އަމިއްލަ ކަންތައްތައް ރައްކާތެރިކުރުމަށް ކަލެއަށް ރަނގަޅު ގޮތް ނިކަމެތި، ބަލިކަށި މީހާއަށް އެއީ ބޮޑު މުސީބާތެއް."
އެހެންވިއްޔާ ސަލާމަތެއް ނެތްތާ."
"ސުވާލަކީ ތިޔައީ. ސަލާމަތެއް އެބަ އޮތްހޭ؟ އެމީހަކަށް ބޭނުން ގޮތަކަށް އެމީހަކު ބޭނުން މާނައެއް، އެމީހެއްގެ އަމިއްލަ ބާރާއި ނުފޫޒު ރައްކާތެރިކުރުމަށް މަސައްކަތްކުރާ ދުނިޔެއެއްގައި ސަލާމަތެއް ނެތް. ކަލޭ ރައްކާތެރިކުރާނީ ކަލޭގެ ވިޔަފާރި. އަހަރެން ރައްކާތެރިކުރާނީ މީތި. އަނެކަކު ރައްކާތެރިކުރާނީ އޭނާއަށް ލިބިފައިވާ ހައިބަތާއި ބާރު. އަނެކަކު ރައްކާތެރިކުރާނީ އޭނާގެ ފިލޯސަފީ. އަނެކަކު ރައްކާތެރިކުރާނީ...."
"ދެން ސަލާމަތްކަން އޮތީ ކޮން ގޮތެއްގައި؟"
"ސަލާމަތްކަން އޮތީ؟ ސަލާމަތްކަން އޮތީ؟ ބުނަންތަ ރަނގަޅު ވާހަކައެއް. ސަލާމަތް އޮތީ ނަފުސާއި ފުރާނައާއި ވިސްނުމާއި ޚިޔާލުކުރުމާއި ދުލާއި ގަލަމާއި އުޅުމާއި ނެތިދިއުމުގެ މިނިވަން ކަމުގައި."
"ތިޔަކަމާ މަށެއް އެއްބަހެއް ނުވާނަން."
"މިނިވަންކަން ތަޢާރުފުކޮށްދީބަލަ."
"މިނިވަންކަން އެކި ތަންތަނުގައި އެކި މީހުންގެ ގާތުގައި، އެކި ސޮސައިޓިގައި، އެކި ޤައުމުގައި ތަފާތު. މި ތަފާތު އެކައްޗަކަށް ނުހެދޭހާ ހިނދަކު، ސަލާމަތެއް ނެތް."
"ތިޔަ ބުނާ މިނިވަންކަން އޮތީ ކޮންތާކު؟"
"އެއްތާކުވެސް ނެތް. މި ދުނިޔެމަތީގައި އެއްވެސް ތާކު ނެތް."
"ދެން ކޮން ވާހަކައެއް؟"
"އާން! ދެން ކޮން ވާހަކައެއް؟ އަހަރެމެން މި ގޮތަށް އުޅެ، ދުނިޔެ ދޫކޮށް ދާނީ، އަހަރެމެންގެ ޚިޔާލުތަކާއި އަހަރެމެންގެ އުންމީދުތައް އޮންނާނީ ދަމިލަޖަހައިފަ އަސްލު ނުފެންނަ، އެއްލައިފައިވާ މޮހޮރަކަށް ވެފައި."
"އެހެންވީމާ ކީއްކުރާނީ..؟"
"ކުރާނެ ކަންތައް ނާހާ. އެ ހިސާބަށް ޚިޔާލުކޮށްފިނަމަ، އަހަރެންގެ ސިކުނޑި ގޮވައިފާނެ."
"ދެން މި ގޮތަށް ދުނިޔޭގައި އުޅޭނީ."
"މި ގޮތް ދެރަތަ؟"
"ނޫނޭ. ދެރައެއް ނޫން. މުޖުތަމަޢުގައި ހުނިޖެހޭތީ ދެރައީ."
"ތިޔައީ މުޅިން އެހެން މައްސަލައެއް."
"އެހެން މައްސަލައެކޭ؟"
"އާން! އެހެން މައްސަލައެއް. އެހެން މީހުން ބޭނުންވާ ގޮތަށް ތިމާ ބަދަލުވުމެކޭ، ގޮނޑިކޮއްކޮއަކަށް ވުމެކޭ އޮތީ ކޮން ތަފާތެއް."
ޖަމާވެފައި ތިބި މީހުން ބައިވެރިވެގެން ދައްކަމުން ގެންދިޔަ ވާހަކަ ކުރިޔަށް ދާގޮތެއް ނުވިއެވެ. ބައެއް ޒުވާނުން ނިދައިފިއެވެ. އަނެއް ބަޔަކު ނުކުމެގެން ހިނގައްޖެއެވެ. އެންމެ ފަހުން ދިޔަ މީހުންގެ ތެރޭގައި ހައިކަލް ހިމެނެއެވެ. އޭނާ ދިޔައީ އަޅައިގެން އުޅުނު ތޮފިގަނޑު ބާއްވައިފައެވެ. އަރައިގެން އައި ފައިވާނުގެ ބަދަލުގައި އެހެން މީހެއްގެ ފައިވާނުގައެވެ. ކާން ތައްޔާރުކުރި އެއްޗެހީގައި އަތްލުމަކަށް މާކަބޮޑު ފޯރިއެއް ނެތެވެ.
ފާރިޝާގެ ބަނޑުބޮޑުވުމުން، ކުނިކަހަން ގުދުވެ އުޅުން ދަތިކަމަކަށް ވެއްޖެއެވެ. އޭނާގެ މޫނުމަތިން ފެންނަނީ، ބަދަލުވުމުގެ ސިފަތަކެވެ. ކުރިން ހުރި ޅަގޮތް ކެނޑި، ހަރު އަންހެނަކަށް ވާން އުޅެނީއެވެ. ކުރިން ހުރި ހިމަތޮޅިގޮތް ކެނޑި ކުރުފަލައަށް ބަދަލުވަނީއެވެ. ކޯތާކަށިގަނޑު ނިކުމެފައި ހުންނަ ހުރުން،ފަލަވުމުގެ ސަބަބުން ވަށްމޫނަކަށް ވަނީއެވެ.
މަންމައަކަށް ވުމަށްޓަކައި ކުރާ އުންމީދުތަކުގެ އިތުރުން ގޭތެރެ އައު އިންތިޒާމްތަކަކަށް ހަމަޖެއްސުމަށް ކުރާ ފިކުރުތައް ވެސް ވަކި ކުޑައެއް ނޫނެވެ. އެހެންނަމަވެސް، އަލަށް ބައްޕައަކަށް ވާން އުޅޭ އޭނާގެ ފިރިމީހާގެ ފަރާތުން އަލަތު ދަރިފުޅާއި ޚުދު ފާރިޝާގެ ހަށިގަނޑަށް އަންނަ ބަދަލުތަކާ ބެހޭގޮތުން މާގިނަ ވާހަކަތަކެއް ނުދައްކައެވެ. ފަރުވާކުޑަވަނީބާވައޭ، އަޅާލުން ކުޑަވަނީބާވައޭ ހިތަށްއަރާފަހަރު އާދެއެވެ. އެހެންނަމަވެސް ދިރިއުޅުމުގެ މަސައްކަތުގައި ދުވާލުދާ ހަތަރުދަމު އުޅޭ މީހަކަށް، އެހެން ފިކުރުތަކެއް ކުރާނެ ގިނަ ވަގުތެއް ނޯންނާނެ ކަންވެސް ފާރިޝާއަށް ޤަބޫލުކުރެވެއެވެ. ޢަލީއާ އިނދެގެން މިވީ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ފާރިޝާގެ ހިތް ދިޔައީ ޢަލީގެ މައްޗަށް ޤުރުބާން ކުރަމުންނެވެ. ފާރިޝާއަށް މުޅި ދުނިޔެއަކީ އޭނާގެ ފިރިމީހާކަމަށް ހީކުރެވެން ފެށިއެވެ. ކޮންމެ ކަމެއް ވެސް ކުރަނީ އޭނާގެ ޙަޔާތުގެ ބައިވެރިޔާ އުފައުކޮށްދެވޭތޯއެވެ. ބައެއް ފަހަރަށް އެކަން ކާމިޔާބުވީނަމަވެސް ގިނަފަހަރަށް އޭނާގެ ޤުރުބާނީ ވަޒަނެއް ނުކުރެވެއެވެ. އެހެންކަމުން ކުރާ ހުރިހައި ހިއްވަރެއް ދަނީ ހިތްހަމަޖެހުން ނުލިބޭ ބުރަ މަސައްކަތްތަކަކަށް ވެގެންނެވެ.
ފާރިޝާގެ ކައިވެނީގެ ޙަޔާތް ވެގެން ދިޔައީ އައު ދުނިޔެއަކަށް އާދެވުނު ކަހަލަ ކަމަކަށެވެ. އެކަކު އަނެކަކަށްޓަކައި ދިރިއުޅެން ފެށުމުން އެ ލިބެންފެށި ހިތްހަމަޖެހުމަކީ، ނިޢުމަތަކަށް ވިއެވެ. ކުރީން ޢަލީގެ އެކިއެކި ޤަބޫލުނޫން ސިފަތަކާމެދު ކުރެވުނު ޚިޔާލުތައް ހަނދާންނެތިގެން ހިނގައްޖެއެވެ. ޢަލީގެ ސިފައާއި ދިރިއުޅުމާއި މިޒާޖަކީ ފާރިޝާއަށް ދެބަހެއް ނެތި ޤަބޫލުކުރެވެން ފެށި ކަންތައްތަކަކަށް ވިއެވެ.
ވާންވާނީވެސް އެހެންތާއެވެ. ކޮންމެ ދެމީހަކީ ވެސް ތަފާތު ދެމީހެކެވެ. އެކި ކަންކަމުގައެވެ. އެކަން އެހެން އޮތްނަމަވެސް ކައިވެނިކުރަނީ، ދިރިއުޅުން އެކުގައި ޙިއްޞާކުރާށެވެ. އެހެންކަމަށް ވަންޏާ ދެ މީހުންގެ ތަފާތުތަކާމެދު ވިސްނައިގެން، ނަފުރަތުގެ ކުލަތަކުން ދިރިއުޅުމުގެ ޖައްވު ފަވާކަށް ނުޖެހެއެވެ.
އަންހެންކުއްޖެއްގެ އަލަތު ފިރިއަކީ، އަންހެންކުއްޖާއަށް ވަރަށް ޚާއްޞަ މީހެކެވެ. އޭނާ ރައްކާތެރިކުރި ހުރިހައި ތެދުވެރިކަމަކާއި އަމާނާތްތެރިކަމެއް، ބާކީއެއް ނެތި ޙަވާލުކޮށްލަނީ އެމީހާގެ އަތްމައްޗަށެވެ. މުޅި ހަށިގަނޑު ދެނީ އޭނާ ބޭނުންގޮތަކަށް މިލްކުކުރުމަށެވެ. ނަތީޖާއަކަށް ވަނީ، ޖިންސީ ގުޅުމަކަށްވުރެ، ބައިވެރިއެއްގެ ޙިމާޔަތަށްވުރެ، ސަލާމަތްކަން ލިބިފައިވާ، ބަދަލުވުމެއް ނެތް، އުފައުވެރި ޙަޔާތަކާ ކުރިމަތިލާން ޖެހިއްޖެކަމުގެ ފޮނިކަން އިޙްސާސްވާން ފެށުމެވެ. އަޅެއްފަދައިން ސާހިބުމީހާގެ އިންތިޒާރުގައި ހުރުމެވެ. ސާހިބުމީހާގެ ފޭރާން ދޮވެދީ، އޭނާއަށް މީރުވާނެ ކަހަލަ އެއްޗެހި ތައްޔާރުކޮށްދީ، އޭނާގެ ވަރުބަލި ހަށިގަނޑު މޮޑެދީ ހެދުމެވެ.
މިކަންކަމުގެ ބަދަލުގައި ހިނިތުންވެލުމާއި އޯގާތެރިކަމާއި އަޅައިލުން ބޭނުންވާނެއެވެ. އިންސާނީ ޠަބީޢަތަށް ވިސްނާއިރު، އެއީ އަމިއްލަ އެދުންކަމަށް ބުނުމަކީ، ޤަބޫލުކުރާ ކަމަކަށް ވާނަމަ، އެއީ ވާންވާނެ ގޮތެއް ނޫނެވެ.
ދިރިއުޅުން ޙިއްޞާކުރުމަކީ ހަމައެކަނި ދިނުމެއް ނޫނެވެ. ދިނުމާއެކު ލިބިގަތުން ވެސް މެއެވެ. ހަމައެކަނި ލިބިގަތުމެއް ނޫނެވެ. ލިބިގަތުމާއެކު ދިނުން ވެސް މެއެވެ.
ފާރިޝާގެ ހިތުގައި ހުރި ހުރިހައި ލޯތްބެއް ވަރަށް މަދު މަސްދުވަސްތަކެއްގެ ތެރޭގައި ޢަލީއަށް މިލްކުކޮށްދީފިއެވެ. އެއާ ޙަވާލުވެއްޖެކަމުގެ ގެރެންޓީއެއް ފާރިޝާއަކަށް ނުލިބުނެވެ. ގެއަށް ވަދެއްޖެނަމަ، ވިޔަފާރިއާބެހޭ މަސައްކަތްތަކެއް ގޭގައި ވެސް ކުރެއެވެ. ފިކުރު ބޮޑުވެ، ހާސްވެގެން އުޅެނީ ފިހާރަތަކުގެ މައްސަލަތަކާއެވެ. މިހުރިހައި ކަމެއް ނިންމައިގެން ގެއަށް ނުވަންނަނީ ކީއްވެގެންބާވައޭ ފާރިޝާގެ ހިތަށްއަރައެވެ. މިހެން ހިތަށްއަރަނީ ފޫހިވާންޖެހޭ ދުވަސްދުވަހުއެވެ.
ފާރިޝާ ބޭނުންވަނީ، އަޅައިލުމެވެ. ފަރުވާބަހައްޓާކަން އަންގައިލުމެވެ. ހަށިގަނޑުގައި އަތްޖައްސައިލުމެވެ. ބަނޑުގައި ފިރުމައިލައި، ލިބެންއުޅޭ ދަރިފުޅާ ބެހޭގޮތުން ވާހަކަދައްކައިލުމެވެ. ފިރިއެއްގެ ފަރާތުން ލިބޭނެ މިއަށްވުރު އަގުބޮޑު އެއްޗެއް ނެތެވެ. ގަހަނާއާއި ފޭރާމަކީ، ދުވަސްކޮޅެއް ވުމުން ފޫހިވާންޖެހޭ އެއްޗިއްސެވެ. އެހެންނަމަވެސް ލޯބިވާ ބައިވެރިއެއްގެ އޯގާތެރިކަން ދުވަހަކުވެސް ބަލެއް ނުވެއެވެ. އެފަދަ އޯގާތެރިކަމެއް ދާއިމީ ގޮތެއްގައި ބެހެއްޓިއްޖެނަމަ، ދުވަސްވީވީހެން އޭގެ ކުލަ ރީތިވެ، ވިދުން ގަދަވެ، އަގުބޮޑުވަމުން ދެއެވެ.
(ނުނިމޭ)