ދިރިއުޅުމުގެ ރަހަތައް - 12

(4 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ދިރިއުޅުމުގެ ބައިވެރިޔާއަކީ، ތިމާގެ ހުރިހައި ކަމެއްގެ މައްޗަށް ލަފާދީ، ލަފާ އަހާ މީހާއެވެ. ހުހިހައި އުނދަގޫތަކަކާއި މައްސަލަތަކެއް ޙައްލުކޮށްދޭ މީހާއެވެ. އޭނާއާއެކު ދައްކާ ވާހަކަތަކާއި ބަދަލުކުރާ ޚިޔާލުތައް ކިތަންމެ ގާތް މީހަކާ އެކުވެސް ނުދެއްކޭނެއެވެ. މި ހުރިހައި ފިކުރުތަކެއްގެ ތެރޭގައި ފާރިޝާ އުޅެމުން ގެންދަނީ އަލަށް ކުއްޖަކު ލިބޭތީ ވާންވީ އުފައުވާން ނޭނގިއެވެ. ލިބެން އުޅޭ ދަރިފުޅާމެދު ކުރަން ހުރި އުންމީދުތައް ޙިއްޞާކުރާނެ މީހަކު ނެތިގެން އެކަން ޙިއްޞާނުނުކުރެވިއެވެ. ބައެއް ފަހަރު ފަހަރަށް، އެކަނި އިނދެ، ރޯންވީ ސަބަބެއް ނޭނގި ރޮއި ހަދައެވެ. ގެއަށް ވަދެއުޅޭ މީހުން ދެކެ، ރުޅިއަންނަންވީ ސަބަބެއް ނޭނގި ބައެއް ފަހަރަށް ރުޅިއާދެވެއެވެ. އެއީ ހައްޔަރުގައި އިނުމުން ހަށިގަނޑަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ވާ ކަމެއްކަމަށް ފާރިޝާއަށް ޤަބޫލެއް ނުކުރެވެއެވެ. އެއީ ދޭންވީ ވަރަށްވުރެ ބޮޑަށް އޭނާގެ ހިތާއި ހަށިގަނޑު އޭނާގެ ބައިވެރިޔާއަށް ދެވުމުގެ ސަބަބުން ވީގޮތެއްބާވައޭ ސުވާލު އުފެދެއެވެ.

އެކަމަކު ތިމާގެ ޙަޔާތް ވޭތުކުރުމަށްޓަކައި ކައިވެނީގެ މަތިވެރި ގޮށުން ގޮށްޖަހައިލި ބައިވެރިޔާއަށް އަމިއްލަ ހިތުގެ ނުދީ ބާއްވަންވީ ކިހާވަރެއް ބާވައެވެ؟ ތެދެކެވެ. އުޅެންޖެހިފައިވާ ތިމާވެށީގައި ކަންތައްތައް ހުރިނެތް ގޮތަށް ވިސްނައިފައި، ބައެއް އަންހެނުން އެމީހުންގެ ޙަޔާތަށް އަންނަ ފިރިހެނަކަށް ހުރިހައި އެއްޗެއް މުޅިއަކުން ނުދެއެވެ. އެއީ ފަހުން ވާނެގޮތް ކަނޑައަޅައިގެން، ދިރިއުޅުމާ ކުރިމަތިލާ މީހުންގެ ވިސްނުމުގައި ހުންނަ ގޮތެވެ. ފަހުން ވާނެ ގޮތް އެނގޭނީ ކާކަށްހެއްޔެވެ؟ އެންމެ ފަރާތަކަށްކަން ކަށަވަރެވެ. ވީމާ، އެ ބުނާ ބުއްދިވެރި އަންހެނުންގެ ދިރިއުޅުން ވަރުގަދަވާނީ އެ ކުރާ ޝައްކުތަކާއި ނުބައިކޮށް ކަންތައްތައް ދާނެކަމަށް ހީކުރާ ހީކުރުންތަކުގެ ސަބަބުން ނޫންކަމެއް އެނގޭނީ ކާކަށްހެއްޔެވެ؟

ފާރިޝާއަށް ކަންކަން ވިސްނެން ފެށީއްސުރެ ދުނިޔެ ދެކެމުން އައީ ބާރުގަދަ ޖިންސް، ލަތީފު ޖިންސަށް ހަދައިލާ ބޭއިންސާފު ގޮތްތަކާ ހަނގުރާމަކުރުމަށް އޮތް ދުނިޔެއެއްގެ ގޮތުގައެވެ. އޭގެ ސަބަބުތައް ވެސް ހުއްޓެވެ. އެހެންނަމަވެސް، ޢަމަލީގޮތުން އެ ހަނގުރާމައާ ކުރިމަތިލާން ޖެހުމުން، ބަލިކަށިވެއްޖެއެވެ. ބާރެއް ނެތިއްޖެއެވެ. އަންހެނުންނަކީ، ލަތީފީ ނުވަތަ ނާޒުކީ ބައެކޭ ބުނަނީ އެހެންވެގެންކަންވެސް ނޭނގެއެވެ.

އަންހެނުންގެ ހިތަކީ، ފިރިހެނުން ބޭނުން ގޮތަކަށް ކުޅެލާގޮތަށް އުފައްދައިފައިވާ އެއްޗެއް ނޫނެވެ. އެއީ ފިޠުރަތީ އުޞޫލެއް ނޫނެވެ. އެ ގޮތް ދިމާވާނީ، އާދަކާދަޔާއި އެ ބައެއްގެ ތަންދޮރު އެނގުމާއި އަޚުލާޤާއި މި ހުރިހައި ދުނިޔަވީ ކަންތައްތަކެއް މެދުވެރިވެގެންނެވެ. ތުނިތުނި ފިޔަތަކެއްގެ ވެރި މަލެއްގެ ސިފައިގައި ސިފަކުރާ ނުވަތަ ސާދަވިލޭރޭގެ ހަނދުގެ ގޮތުގައި ސިފަކުރާ ނޫނީ ހޫރައްލީނެއްގެ ސިފައިގައި ސިފަކުރާ، ހުރިހައި މީރުވަހަކާއި ހުރިހައި އަރާމެއްގެ ގޮތުގައި ސިފަކުރާ އަންހެންކުއްޖާއާ ލޯބީގެ ގޮތުން ގުޅިގެން، އުޑުގައިވާ ތަރިތައް ބާލައިދޭނެ ކަމަށް ވަޢުދުވެގެން އެންމެ ފަހު ނޭވާއާ ހަމައިން ނޫނީ ވަކިނުވާނޭ ކަމަށް ޢަހުދުވެފައި، ކައިވެނީގެ  ގުޅުމުން ގުޅިގެން ދިރިއުޅުމުގެ ވަކި ހިސާބަކަށްދާއިރު އެ އަނބިމީހާ ކުނިގަނޑަކަށް ވެސް ނުހަދައި އެ ނާޒުކު ހަށިގަނޑު އާވާރާވުމަށް އެއްލައިލަނީ ކީއްވެގެންބާވައެވެ؟ އެކުގައި އުޅުމަށް ދަތިވެގެންކަމަށް ބުނެއެވެ. އެކަކު އަނެކަކަށް ނުވިސްނި، މައްސަލަތައް ޖެހެމުންދާތީއޭ ބުނެއެވެ. ވަރިޔަށް އެދޭތީއޭ ބުނެއެވެ. އެހެން މީހަކާ އެކީގައި ގުޅުންހިންގީމައޭ ބުނެއެވެ. މިހެން ބުނާއިރު، އެކުގައި އުޅުނު އަހަރުތައް ހަނދާނެއް ނުހުރެއެވެ. ލިބިފައިވާ ދަރީންތަކުގެ މަތީންނެއް ނުވިސްނެއެވެ. ލޯބިވެގެން އެޅުނުއިރު ވީ ވަޢުދުތަކާމެދު ފިކުރެއް ނުކުރެއެވެ.

މިއިން ސުވާލަކަށް ޖަވާބު ދިނުމަށް ސަބަބު ދައްކާ މީހުން ބޭނުންކުރަނީ އެންމެ އުކުޅެކެވެ. އެއީ، އޭނާގެ ބައިވެރިޔާ އެކަންތައްތަކާ ޚިލާފުވީކަމަށް ސަބަބު ދެއްކުމެވެ. މިގޮތަށް ސަބަބު ދެއްކުމުގައި ޖާހިލެއް، ޢިލްމުވެރިއެއް ތަފާތެއް ނުހުރެއެވެ. ފަޤީރެއް، މުއްސަންޖެއް ތަފާތެއް ނުހުރެއެވެ. ތަފާތެއް ނެތީ އެންމެ ކަމަކުންނެވެ. އެއީ އަމިއްލަ އެދުމެވެ. އަނެކާއަށްޓަކައި ތިމާގެ ހައްދެއް ނެތް ހަވާނަފުސުގެ އެދުންތައް ޤުރުބާންކޮށްލަން ފަސްޖެހޭ ކޮންމެ މީހަކަށް ދިމާވަނީ މި ދަތުރެވެ. އޭނާވެސް މި ހިތާމަވެރި ސިލްސިލާގެ ޗޭނުގެ ބޮޅަކަށް ވެގެންދެއެވެ.

ފާރިޝާގެ ހުރިހައި އެދުމަކީ، ބައިވެރިޔަކާއެކު ދިރިއުޅެމެވެ. އެކުގައި އެކުވެގެން ދިރިއުޅުމެވެ. ވަކިވުމެއް ނޫނެވެ. ކިތަންމެ ވަރަކަށް ރޫޖެހުނަސް، ކިތަންމެ ފަލަވިޔަސް، ކޮންމެ ބަލިޙާލެއް ޖެހުނަސް އެކުގައި އުޅުމެވެ. އޭގެ ސަބަބަކީ އޭނާ ދެކޭގޮތުގައި ދުވަސްވީ ވަރަކަށް އެހެން މީހަކާއެކު އައު ޙަޔާތެއް ފެށުމުގެ ފުރުޞަތު ކުޑަކަމެވެ. މި ސަބަބަށްޓަކައި، ޢަލީއަށްޓަކައި، އޭނާ ވަމުންދާ ޤުރުބާނީ އިންސާފުކުރާނެ، ހެއްދެވި ފަރާތް ނޫން ދެވަނަ ފަރާތެއް ނެތެވެ. ދެވަނަ ފަރާތެއް ބޭނުންވާނީ ޢަދުލުއިންސާފަށް މި ދުނިޔެމަތީގައި އެ މައްސަލަ ހުށަހެޅޭނެކަމަށް ވާނަމަ ތާއެވެ. އެހެންނަމަވެސް މިދުނިޔޭގެ އުޞޫލުތަކާއި ހަމަތައް ރޭވިފައިވަނީ ފިރިންނަށް ހަތަރު ބައިވެރިން ގެންގުޅެވޭ ގޮތަށެވެ. މިއީ ކޮން އިންސާފެއްހެއްޔޭ ސުވާލުކުރާނެ ގާޖައެއް ނެތެވެ. އެއީ ދީނެވެ. އެއީ ޘަޤާފަތެވެ. އެއީ ދިރިއުޅުމުގެ އުޞޫލެވެ. އެއީ، ހަމައެވެ. އެއީ އިންސާފެވެ. އެއީ އިލާހީ އަމުރުފުޅެކެވެ.

ކުނިކަލައިލަން އުނދަގޫވެގެން އެ ފިކުރުގައި އުޅެނިކޮށް ދޮރޯށިޖެހި އަޑަށް ބަލައިލިއިރު ރަށްފުށުގެ މީހަކު އެއްޗެއް ހިފައިގެން އައިސް ހުއްޓެވެ. ކީއްކުރަންހޭ އެހުމުން، ތިޔައީ ފާރިޝާހޭ އެއްސެވެ. އާނއެކޭ ބުނީމައި، ސިޓީއަކާއި ނޫސްކަރުދާހުން ބަންދުކޮށްފައިވާ އެއްޗެއް ދީފައި އެ އައި މީހާ ބޭރަށް ދިއުމަށް ހިނގައިގެންފިއެވެ. އިހަށް މަޑުކޮށްލާށޭ ބުނަން އުޅެފައި، ސިޓީއުރައަށް ބަލައިލައިފައި އިސް އުފުލައިލުމުގެ ކުރިން ދޮރޯށިޖެހި އަޑު އިވުނެވެ. ބޭރަށް ނިކުންނަން އުޅެފައިމެ، ބަނޑަށް އެރި ތަދަކުން އިލޮށިފަތި އެހުރިތާ ބާއްވައިފައި ފެންޑާމަތީގައި ހުރި ގޮނޑިއެއްގައި އިށީނދެލިއެވެ. ސިޓީއަކީ އޭނާ ކުޑަކޮށް ދަންނަ، ރަށުމީހަކު ލިޔެފައިވާ ސިޓީއެކެވެ. އެ ސިޓީގައި މާގިނަ ވާހަކަތަކެއް ނެތެވެ. އޮތީ ގަދަބަދަވިކޮށް އުޅެފައި، ކުއްލިއަކަށް ބޮޑުދައިތަ ނިޔާވި ވާހަކައެވެ. އަދި ފާރިޝާއަށް ރައްދުކޮށްދިނުމަށް، ބޮޑުދައިތަ އެދުނު ދެތިން ފޮތެއް ފޮނުވި ވާހަކައެވެ. ލަސްނުކޮށް އެ ފޮތްތައް ފޮނުވީ އެއީ ބޮޑުދައިތަ މަރުވުމުން ކުރި ވަޞިއްޔަތަކަށްވާތީ ކަމުގެ ވާހަކައެވެ.

އަވަސްއަވަހަށް އެ ޕެކެޓް ކަނޑައިލިއެވެ. އެތެރޭގައި އޮތީ ވަރަށް ދުވަސްވެފައިވާ ބޮޑެތި އިސްކޫލް ފޮތުގެ ތިން ފޮތެވެ. ފުރަތަމަ ހުޅުވައިލި ފޮތުން ވެސް ފާރިޝާގެ ހިތަށް ކުރީ ފުން އަސަރެކެވެ. އައުވެގެން އައީ މަޑުމަޑުން ފުހެވެމުންދާ އޭނާގެ މަންމަގެ ލޮބުވެތި ހަނދާންތަކެވެ.

އެއްކޮށްފައި ހުރި ކުނިތައް ނުނަގައި ހުރުމުގެ ސަބަބުން، ވެއްޓޭ ވައިރޯޅީއާއެކު ފަތްތަކާއި ކަރުދާސްތައް ގޯތިތެރެއަށް މަޑުމަޑުން ފެތުރެމުން ދެއެވެ. ފާރިޝާގެ މާޒީގެ ހަނދާންތައް ޒަމާނުގެ ރޯޅިފަށާއެކު ވިހުރެމުންދާ ބީދައިންނެވެ.

އޮފީސްތެރޭގައި އުޅޭ ދެމީހުންކުރެ އެކަކު، ލަވައެއް ކިޔަމުން ނިކުމެއްޖެއެވެ. ދިގުގޮނޑިއެއްގައި އިން މީހަކު ފެނިފައި ރަކިވިއެވެ. މަޑުކޮށްލާށޭ މިހާރު ކަތީބު އެބަ ދުރުވެއޭ ބުންޏެވެ.

ގޯތިން ބޭރަށް ނުކުމެފައި، ކުރިން ކީ ލަވަކިޔަމުން ދުރަށް ގޮސް އޭނާގެ އަޑު ހިނދިއްޖެއެވެ. އޮފީހުގެ ތެރެއިން ވަރަށް ޅަ އަންހެނުންކުއްޖަކު ނިކުމެ، ހިނިތުންވެލައިފައި އެތެރެއަށް ދެމިގެންފިއެވެ. ގިނައިރުނުކޮށް އެކިކަހަލަ ފޮތްފޮތް ހިފައިގެން ދޭތެރެދޭތެރެއިން ދޮރު ހުރަސްކުރެއެވެ. އެންމެފަހުން، ބޭރުގައި އިން މީހާއަށް ފެންނާނެ ގޮތަށް މޭޒެއްގެ ދޮށުގައި އިށީނދެއްޖެއެވެ.

ހައިކަލް ހިތަށްއެރިއެވެ. މިއީވެސް ސަރުކާރުގެ އޮފީހެކެވެ. އެއިނީ، ކާތިބާއެއްކަން ވެސް ނޭނގެއެވެ. މިތަނުން ކުރަނީ ކީއްބާވައެވެ؟ މިއީ ސަރުކާރުގެ ތަފާތު ދާއިރާތަކުން ކުރާ ހުރިހައި މަސައްކަތެއްހެން ބަލަންޖެހޭ ތަނެވެ. ޙާލުހުރި ގޮތަކީ މިހުރީއެވެ. ތަރައްޤީ މިއީ ކާކު ބޭނުންވެގެން ކުރަންޖެހޭ ކަމެއްކަމާމެދު މިމީހުންގެ ހިތުގައި އުފެދިފައިވާ ސުވާލަށް ޖަވާބެއް ލިބޭނީ ކޮން ދުވަހަކުންބާވައެވެ؟

ކަތީބު ދުރުވެ އޮފީހަށް ވަންނަވަމުން ހައިކަލަށް އޭނާގެ ފަހަތުން އައުމަށް އިޝާރާތްކޮށްލެއްވިއެވެ.

"ހައިކަލް މި ގެނައީ ޢަފޫޢާންމެއްގައި." ކަތީބު ބުނުއްވަން ފެއްޓެވިއެވެ.

އިންސާނީ ގުޅުންތަކުގެ ތެރެއިން ޢަލީއާއި ފާރިޝާގެ ގުޅުމަކީ، އާދަޔާ ޚިލާފު ގުޅުމެކެވެ. ލޯބިވުމެއް ނެތި ކުރެވުނު ކައިވެނީގެ ތެރެއަށް ފާރިޝާ ވަދެވެމުން އައީ، ޙަޔާތުގެ ބައިވެރިއެއް ލިބިއްޖެކަމުގެ ޙިމާޔަތާއި ރައްކާތެރިކަން ޙާޞިލްކުރަމުންނެވެ. ނަތީޖާއަކީ އަންހެނުންގެ ޖަޒުބާތުތައް މަލެއް ފޮޅޭހެން ފޮޅުމެވެ. އެ މަލުގެ މީރުވަސް ޢަލީގެ ޙަޔާތަށް ފޯރަމުން ދިއުމެވެ. ފާރިޝާ، ޢަލީ ދެކެ ލޯބިވާން ފެށީ އެއްވެސް ތަންކޮޅެއް ހުހަށް ނުބާއްވައެވެ. އެ ލޯބީގެ ނާޖާއިޒު ފައިދާ ޢަލީ ނަގަމުން ދިޔައެވެ. އޭނާގެ އަނބިމީހާއަށް ކުރަންޖެހޭ ޤަދަރާއި އަޅައިލަންޖެހޭ އަޅައިލުމުގެ މަތީން ހަނދާން ނެތެމުން ދިޔަވަރަކަށް ފާރިޝާ މަސައްކަތްކުރީ ޢަލީ ރުހޭނެހާ ގޮތަކަށް ކަންތައްތައް ކުރެވޭތޯ ބެލުމަށެވެ. ފާރިޝާ ހުންނަނީ ހިތްހަމަޖެހިފައެވެ. އޭނާގެ ފިރިމީހާގެ ފަރުވާކުޑަކުރުންތައް އިޙްސާސްކުރާކަށް ފާރިޝާ ބޭނުންވާހެނެއް ހިއެއް ނުވެއެވެ. ފާރިޝާގެ މަންމަގެ ޅެންފޮތުގައި ބުނެފައިވާ ފިރިހެނުންގެ ކެހިވެރިކަމާއި ޝިކާރީ އުޞޫލުތަކުގެ މަތީން ފާރިޝާ ހަނދާން ނެތްކަހަލައެވެ.

ހައްޔަރުގައި އިނުމުން އުޅެންޖެހުނު ބަލިޙާލާއެކުވެސް ފާރިޝާ ބެލީ ޢަލީ އަށް ފުރިހަމަކޮށްދޭންޖެހޭ ޚިދުމަތްތައް ފުރިހަމަކޮށްދެވޭތޯއެވެ. ޢަލީއަށް ބޭނުންވެދާނެހެން ހީވާ ކާއެއްޗެހި ތައްޔާރުކޮށްދެވޭތޯއެވެ. އަރާމެއް، ހަމަނިންޖެއް ނެތި، އެހެން އުޅެންޖެހުމުން އެއީ ދަރިފުޅު ބައިގެންދާން ދިމާވި ސަބަބަކަށްވުން ވަރަށް ވެސް ގާތެވެ.

ދަރިފުޅު ބައިގެން ދިއުމުން، ފާރިޝާ ކުރި ހިތާމަތައް ނުނިމެނީސް، ޢަލީއަށް ބަދަލުތަކެއް އަންނާން ފެށިއެވެ. އަމުރުވެރިކޮށް ވާހަކަދެއްކުމާއި އަތްއިސްކުރުން ޢާންމުވާން ފެށިއެވެ. ފާރިޝާއަށް އެނގިގެން ކަމެއް ނޭނގިގެން ކަމެއް ނޭނގެއެވެ. އޭނާ ދިރިއުޅެމުން ދިޔައީ ލިބެން އުޅުނު ދަރިފުޅު ނެތިދިއުމުން އިޙްސާސްވި ހިތްދަތިކަމާއި ޢަލީއަށް ޚިދުމަތްކުރުމަށް އައު ހިއްވަރެއްލުމަށް ވިސްނިވިސްނުމާއި ޢަލީގެ ހިތްދަތިކުރުވަނިވި ޢަމަލުތަކުގެ ފިކުރާއި މި ހުރިހައި ކަމެއް މަސްހުނިވެފައިވާ ހުސްކަމެއްގެ ތެރޭގައެވެ. ބައެއް ފަހަރަށް ބިއްޖެހިފައި އެތައްއިރަކު އިނދެވެއެވެ. އަނެއްބައިފަހަރަށް ކަމެއް ކުރަން ހުރެފައި، ހުއްޓުން އަރައިފައި ދެން ކުރަންވީ ކީއްތޯ ވިސްނާކަހަލަ ގޮތަކަށް ބުދެއްހެން އިނދެވެއެވެ. މިހެން އުޅުމުގެ ތެރޭގައި ބައެއް ފަހަރަށް ނުކެއްކި ހުރެއެވެ. ޢަލީ ކާން އައިސް ކައްކައިފައި ނެތުމުން ފާރިޝާއަށް އަނިޔާކުރެއެވެ. ފާރިޝާ އެ އަނިޔާތައް ބަލައިގަންނަނީ އޭނާއަށް ލިބުން ޙައްޤު އަނިޔާތަކެއްކަމުގައެވެ. އޭނާ ތެދުވެއެވެ. ގައިގައި ރިހެއެވެ. އެކަމަކު ތިޔަހެން ނުހަދާށޭ ވެސް ނުބުނެއެވެ. ފާރިޝާގެ ކެތްގަދަކަން ފެނިފައި ޢަލީގެ ރުޅި ހައްތާ އިތުރުވެއެވެ. އަނިޔާކުރުން ބޮޑުވެއެވެ.

ބައެއް މީހުން، މީހުންނާމެދު ދެރަކޮށް ކަންތައްތައް ކުރަނީ ބަދަލުހިފުމަށެވެ. އުފެދުމުގައި ހުރި އުނިސިފައެއްގެ ބަދަލުހިފުމަށެވެ. ހައިބަތާއި ބާރަށް އެދޭތީ އެކަމުގެ ފުރުޞަތު ނުލިބުމުން ހިފާ ބަދަލެއްގެ ގޮތުގައެވެ. ނޫނީ ޖިންސީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ތިމާއަކީ ނިކަމެތި މީހެއް ނޫންކަމުގެ އިޙްސާސް އަމިއްލަ ނަފުސަށް ލިބިގަނެ ހިތްހަމަޖެއްސުމަށެވެ. އެއީ ނަފުސާނީ ބަލިމީހުންނެވެ. އެފަދަ މީހުންގެ އަތުޖެހޭ ހިސާބުން މީހުންނަށް ދެރަ ގޮތްގޮތް ހަދައެވެ. ގޭތެރެއިން އެކަން ވާން ނެތިއްޔާ މަސައްކަތްކުރާ ދާއިރާގައި އެކަން ކުރެއެވެ. އެކުގައި އުޅޭ މީހުންނާ މެދުގައި ވެސް މެއެވެ.

ފާރިޝާގެ އާދަޔަކަށް ކުރިން ވެފައި އޮންނަނީ ޢަލީ ބޭރަށް ހިނގައްޖެނަމަ، ގޭތެރެ ތަރުތީބުކޮށް، ފޮޅައި ސާފުކުރުމެވެ. ތަންމަތި އަޅައި އެއްޗެހި ދޮވުމެވެ. ކެއްކުމެވެ. އެކަމަކު، މިހާރަކަށް އައިސް ފެންނަނީ ޢަލީ ބޭރަށް ދިއުމުން ކޮންމެވެސް ތަނެއްގައި އޮށޯވެ ލޯމަރާލައިގެން އޮންނަތަކެވެ. ނިދިއްޖެނަމަ، ގުގުރިދަމައެވެ. ނިދީގައި ފުރޮޅިލާންވެއްޖެނަމަ، ކުކުރައިލާ އަޑުއިވެއެވެ.

ފާރިޝައަކީ، އުންމީދުތަކެއް ކުރި ކުއްޖެކެވެ. ކިޔަވައިގެން މޮޅުމީހަކަށް ވާން ބޭނުންވި ކުއްޖެކެވެ. ލޯބިވާ މީހަކާއެކު، ކުދިން ހޯދައިގެން އެ ކުދީން ބަލައި ބޮޑުކުރުމަށް އުންމީދުކުރި ކުއްޖެކެވެ. އޭނާގެ މިހުރިހައި ހުވަފެންތައް ހަމަ ހުވަފެންތަކެއްގެ ގޮތުގައި އޮތީއެވެ. އެ ހުވަފެންތަކުގައި ކުލަޖެހޭގޮތެއް ނުވިއެވެ.

(ނުނިމޭ)

މުޙައްމަދު ވަޙީދު - މަޑުލު
މަޑުލު މުޙައްމަދު ވަޙީދަކީ ދިވެހި ލިޔުންތެރިކަމުގެ ދުނިޔޭގައި އެންމެ ވިދާ އެއް ނަމެވެ. ކުރުވާހަކަ ލިޔުއްވުމުގައި އެއްވަނައެވެ. ފާޑުކިޔުމާއި، ސިފަކުރުމުގެ ލިޔުންތަކުގެ މައިދާނުގައި އެންމެ ކުރީގައި އުޅުއްވާ ލިޔުންތެރިއަކީ ވަޙީދެވެ. ކުރު އިބާރާތް ބޭނުން ކުރައްވައިގެން ސާފުކޮށް، ރީތިކޮށް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.