މަސް ބޭނޭތަން ފާހަގަ ކުރުން
އަޙްމަދާއި، ޢަލީ އާ ދެ މީހުން ބޮއްކުރައެއްގައި މަހަށް ހިނގައްޖެއެވެ. ދެތިން ތަނެއްގައި އަޅައިގެން ތިބެ ތިބެ މަހެއް ބޭނޭ ގޮތެއް ނުވިއެވެ. ދެ މީހުން އެކަމާ ދެރަ ވެގެން ވާހަކަ ދައްކަން ތިއްބާ ކައިރިން ލާފައި ބޮއްކުރައެއް ދާތީ ފެނިއްޖެއެވެ. އެ ބޮއްކުރާ ފުރެންދެން އޮތީ މަހެވެ. އޭގައި ތިބި މީހުންނާ ސުވާލު ކުރީމާ އެ މީހުން މަސް ބޭނިތަން ބުނެދީފިއެވެ.
ޢަލީ އަވަހަށް ބޮއްކުރާ ޖަހާފައި އެ ދިމާއަށް ހިނގައްޖެއެވެ. އެ ތާނގައި އިރުކޮޅަކު މަސް ބާނަން ތިބީއެވެ. އެ ވަގުތުކޮޅުގެ ތެރޭގައި ދިހަ ވަރަކަށް މަސް ބޭނުނެވެ. އެހެން ނަމަވެސް މާ ގިނަ އިރު ވުމުގެ ސަބަބުން އަވަހަށް ރަށަށް އަންނާން ނިންމީއެވެ. "މާދަމާ އަދި މިތަނަށް އަންނާނީ-" އަޙްމަދު ބުނެލިއެވެ.
"އާނ- މިއީ މަސް ބޭނޭ ތަނެއްކަން ޔަޤީން- އެހެންވީމާ މިތަން ވާނީ ފާހަގަ ކުރަން-" ޢަލީ ބުންޏެވެ.
އަޙްމަދު ބުނެލިއެވެ. "ތިޔަ ކަމާ ހާސް ނުވޭ- އަހަރެން މިތަން ފާހަގަ ކޮށްފިން-"
ދެ މީހުން އެނބުރި ރަށަށް އައިސް އެއްގަމަށް ފައިބާފައި ޢަލީ އަހައިލިއެވެ. "އޭތް- އަހަރެމެން މަސް ބޭނިތަން ފާހަގަ ކުރަން ކަލޭ ހެދީ ކިހިނެއް-؟"
އަޙްމަދު ބުންޏެވެ. "ބޮއްކުރާގައި ހުންނާނެ އެ ދިމާ އެނގޭ ގޮތަށް ރަތް ފާހަގައެއް ޖަހާފައި-"
ޢަލީ ރުޅި އައިސްފައި ބުނެލިއެވެ. "ކަލެއަކީ ބޮޑު މޮޔައެއް- އެހެން ހެދީމާ އެތަން ފާހަގަ ކުރެވޭނެތަ-؟ މާދަމާ އަހަރެމެންނަށް އެހެން ބޮއްކުރައެއްގައި ދާން ޖެހިއްޖެއްޔާ ހަދާނީ ކިހިނެއް-؟"
ރަނގަޅު ދުވަހެއް
ފިހާރައަކުން މީހަކު ވައްކަން ކޮށްގެން، ފިލައިގެން ދިއުމާ ގުޅިގެން ފުލުހުން އައިސް ތަޙްޤީޤް ކުރަނީއެވެ.
ފިހާރައިގެ ވެރިމީހާ ބުންޏެވެ. "އެ މީހާ މިއަދު ވައްކަން ކުރިކަން އެއީ އަހަރެންގެ ނަސީބު- އިއްޔެ ކުރި ނަމަ އަހަންނަށް ވަރަށް ބޮޑަށް ގެއްލުން ވީސް-"
ފުލުހުންގެ މީހަކު އަހައިލިއެވެ. "އެއީ ކީއްވެގެންތޯ-؟? އިއްޔެ މާގިނައިން މުދާ ހުރީތޯ-؟"
ފިހާރައިގެ ވެރިމީހާ ބުންޏެވެ. "ނޫން- އެހެން ވެގެންނެއް ނޫން- އަޅުގަނޑު ފިހާރައިގައި ސޭލް އެޅުވީ މިއަދު-!"
ތެޔޮފުޅި
މީހަކު އޭނާގެ އަނބިމީހާއަށް ކުޑަ ފުޅިއެއް ދައްކާލާފައި އަހައިލިއެވެ.
"މި ފުޅީގައި މިހިރީ ކޮން ކަހަލަ ތެލެއް-؟"
އަނބިމީހާ ކުޑަކޮށް ނުރުހިފައި ބުނެލިއެވެ.
"ޙައިރާނެއް ނުވާނެތަ-! ތިޔައީ ތެލެއް ނޫން- ތިޔައީ ތެރަސް ފުޅިއެއް-"
ފިރިމީހާ ބުންޏެވެ.
"އެހެންތަ-؟ އަހަރެން ފަތިސް ނަމާދަށް ދާން ބޮލުގައި އެޅި ތާކިހާ ނުނެގިގެން މި އުޅެނީ އެހެން ވެގެންތާ-!"