މުޞްޙަފް - 3

(2 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އެމީހުން އެހީތެރި ނުވިޔަސް މިކަން މި އޮތީ ނިމިފައި." މެހެމަލްވެސް ހިނިތުން ވެލިއެވެ. ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ؟ ނިދާއާއި ސާމިޔާއާ ދެމީހުން މީގެ ކުރިން ކުރީ ކޮން ކަމެއް ހެއްޔެވެ؟ އެމީހުން ގާތު ކަމަކު ބުނެފިއްޔާ އަންނާނެއެވެ. އެކަމަކު ހޭކިލައިފައި ފިލާނެއެވެ. ގަޔަށް ޖައްސާ މެހި އަމިއްލައަށް ފޮޅައި ނުލެވޭ ބަޔަކަށް ކުރެވޭނޭ މަސައްކަތެއް އޮންނާނެ ހެއްޔެވެ؟ އެކަމަކު އެ ދެމީހުން ކުރެ މީހަކު ބަދިގޭ ދޮރުމަތިން ދިޔަތަން ފެނުނަސް ފިޒާ ފޮނި ކަނޑަން ފަށާނެއެވެ. ހެދިކާގެ ރަހަ އެހެން މީހުންނަށް ދައްކަ ދައްކައިފައި މިއީ އަހަރެންގެ ނިދާ ހެދި އެއްޗެކޭ މިއީ އަހަރެންގެ ސާމިޔާ ފިހުނު އެއްޗެކޭ ކިހައި މީރު ހެއްޔޭ ކިޔައި ބައިސާ ކަނޑާނެއެވެ. ދެން ހުރީ މެހެތާބެވެ. އޭނާގެ ކަމަކަށް އަބަދުވެސް އޮންނަނީ މެހެމަލްގެ ދެމައިންގެ އުނިކަން ފާހަގަކޮށް އެތިވަރު ގޮވުމެވެ. އެއީ ކޮންމެ ދުވަހެއްގެ އާދައެވެ. ކަންތައް ހުންނަ ގޮތަކީ މިއީ ކަމުގައި ވާތީ އެހެން މީހެއްގެ އެހީތެރިކަމަށް އެދޭކަށް މެހެމަލް ބޭނުމެއް ނުވެއެވެ. ފިޒާގެ ދުލުގައި ހުންނަ ފޮނިކަމެއްގެ ސަބަނުން މެހެމަލް އޭނާއަކަށް ހަރުކަށި ޖަވާބެއް ނުދެއެވެ.

"ގެނޭ... ތަންކޮޅެއް އަވަހަށް ގެނެސްބަލަ. ދެމައިން ވެގެން މަސައްކަތް ކުރީމާވެސް ގަޑި ދެގަޑިއިރުން ނޫނީ ކާއެތިކޮޅެއް ލިބޭ ވަރެއް ނުވޭ."

"ކުޑައަންމާ. މިގެއަށް ނޯކަރަކު ހޯދަންވީނު؟ އޭރުން އަހަރެމެން ދެމައިންނާ ދިމާއަށް ތިޔަ ލަވާ ހަޅޭއް ނުލަވާ ފަރުޖެއްސިދާނެއެއްނު؟" އޭނާ ގާޑިޔާ ހުރި ތާނގައި ބަހައްޓައިފައި އެނބުރި ހިނގައިގެންފިއެވެ. އެތާގައި ތިބި މީހުން އެކަކު އަނެކެއްގެ މޫނަށް ބަލާން ފަށައިފިއެވެ.

"މީހަކަށް ހެޔޮ ކަމެއް ކޮށް ދޭނެ ކަމެއް ނެތް. ހަނދާނެއް ނުހުންނާނެ." މެހެތާބް ކައިރިއަށް ގާޑިޔާ ދަމައިލަމުން ރުޅިވެރިކަމާއެކު ބުނެލިއެވެ. އާޣާ ކަރީމް އެއް ފަހަރު އޭނާޔާ ދިމާއަށް ކަޅިއެއް އެއްލުމަށް ފަހު އަނެއްކާވެސް ނޫހުގެ ތެރެއަށް ގެއްލިއްޖެއެވެ.

މެހެމަލް ބަދިގެޔާ ދިމާއަށް ދިޔައިރު ފަވާދް ވަރަށް ހަލުވިކަމާއެކު ސިޑިން ފައިބަނީއެވެ.

"ސައި ތައްޔާރު ވެއްޖެތަ؟" ސިޑީގެ އެންމެ ތިރީ ހަރުފަތަށް ފައިބައިފައި އަތުކުރީ ގަޑި އަޅަމުން ފަވާދް އަހައިލިއެވެ.

"ހެދިކާ ގެންގޮސްފިން. ސައި އެބަ ގެންދަން."

ފަވާދް އޭނާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ހިނގައިގެންފިއެވެ. މެހެމަލް އޭނާ ދާ ތަން ބަލާން އިރުކޮޅަކު ހުއްޓެވެ.

އެއީ މެހެތާބްގެ ދޮށީ ފިރިހެން ދަރިފުޅެވެ. ފަވާދް ފިޔަވައި ހަތަރު ދަރިން ތިބެއެވެ. އެއީ ޙަނާނާއި ވަސީމާއި ސިދްރާއާއި މެހެރީނެވެ. ފަވާދް މަސައްކަތް ކުރަނީ އާޣާ ކަރީމްގެ އޮފީހުގައެވެ. އެއީ ރީތި ޒުވާނެކެވެ. ހެދިހުރި ހަށިގަނޑެކެވެ. ހެޔޮވަރުގެ އިސްކޮޅެކެވެ. ފައިސާގެ ސަބަބުން ކުލަވަރާއި ދަޅަ އިތުރުކޮށްލީމާ މާ ބޮޑަށް ރީތި ކަމަށް ދައްކައެވެ. ފަވާދަކީ މުޅި އާއިލާގެ އެންމެ މަގުބޫލު މެންބަރެވެ. ހުރިހައި އަންހެން ކުދިން ހިތް އުކަމުން ދުވާ ކަހަލަ ޒުވާނެކެވެ. ނިދާއާއި ސާމިޔާ ތިބެނީ އޭނާޔާ ހެދި ހޭބަލިވެފައެވެ. ނާޢިމާގެ ކިބުރުވެރި ދަރި އާރްޒޫވެސް ތާއަބަދު ހުންނަނީ ފަވާދްގެ ފަހަތުން މުގޯލި އަޅައަޅައެވެ. ރަޒިއްޔާ ހުންނަނީ އޭނާގެ ދަރި ފާއިޤާ ފަވާދާ ދެވަން ހިތުން ނިޔަތް ގަނެގެންނެވެ. ފާއިޤާ އަތަށް ދީފައި ފަވާދަށް ފޮނި ހެދިކާ ފޮނުވައެވެ. އޭނާއަކީ ފޮނި ކާ އެއްޗިއްސަށް ވަރެއް ހުންނަ މީހެކެވެ. އެހެންވީމާ ހުރިހައި އަންހެން ކުދިން އެމީހުންގެ މައިން ލައްވައި ހެދިކާ ހައްދައިހެން މިއީ އަހަރެން ފަވާދަށް ދޭން ވެގެން ހެދި އެއްޗިއްސޭ ކިޔައިގެން ގެނެސްދީ ހަދައެވެ. ފަވާދަކީވެސް މޮޔައެއް ނޫނެވެ. އެހެންވީމާ އެމީހުން އެ ކުރަނީ ކީއްކަމާއި ހަދަނީ ކޮން ކަހަލަ މަކަރުތަކެއްކަން ދަނެއެވެ. އަދި ރީތިކަމާއި މަގުބޫލުކަން ހުރި މިންވަރު އަމިއްލައަށް އިހުސާސް ކުރެވި ހިތުގައި ބާވަތެއްގެ ބޮޑާކަމެއްވެސް އޮވެއެވެ. ފަވާދުގެ މަގުބޫލުކަން އިތުރުވަމުންދާ ވަރަކަށް މެހެތާބްގެ ބޮޑާކަންވެސް ދިޔައީ ބޮޑުވަމުންނެވެ. އެހެން ނުވާންވީވެސް ކީއްވެގެން ހެއްޔެވެ؟ އޭނާގެ ފިރިހެން ދަރިންގެ ތެރެއިން އިސް އުފުލައިގެން އުޅެލެވޭ ވަރަށް ކިޔެވީ ފަވާދް އެކަންޏެވެ. ހަނާން ސާނަވީ ތައުލީމުވެސް ރަނގަޅަށް ނުނިންމައި ފުރައިގެން ދުބައިއަށް ދިޔަ ގޮތަކަށް ޚަބަރެއް ނުވެއެވެ. ސިޓީއެއް ނުފޮނުވައެވެ. ފޯނެއް ނުކުރެއެވެ. މައިންބަފައިންނަށޭ ކިޔާފައި އެންމެ ރުފިޔާއެއްގެ މިންވަރުވެސް ނުފޮނުވައެވެ. ދެން ހުރީ ވަސީމެވެ. އެއީ ހުރިހައި ކަމެއްގައިވެސް ހަފިލި ކުރީގައި ހުންނަ މީހެކެވެ. ކިޔަވަން ފޮނުވީމާ ހެދީ މަކަރެވެ. ސިގިރޭޓު ބޮމުން ހަޅޭއް ލަވަމުން އާވާރާ ކުދިންނާ އެކީ މަގުމަތީގައި އެގޮތް މިގޮތަށް ހޫރުން ނޫން ކަމެއް ނުކުރެއެވެ. ބައެއް މީހުން ބުނާ ގޮތުގައި ރޭގަނޑު ކަސްބީ އަންހެނުން އުޅޭ ތަންތަނަށް ގޮސް އުޅުމަކީވެސް އޭނާ ކުރާ ކަމެކެވެ.

މެހެމަލް ބަދިގެއަށް ވަން އިރު މަންމަ އުޅެނީ ފޮތިގަނޑެއް ހިފައިގެން ތެތް ތަށިތައް ފޮހޭށެވެ. ބޯން ވެގެން ހެދި ސައި ތަށި ހިހޫވޭވެ މޭޒުމަތީގައި ހުއްޓެވެ. އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ ބޭކާރު ކަމެއްކަން އޭނާއަށް އެނގެއެވެ. އެހެންވީމާ ސައިތަބަށް ހިފައިގެން ބަދިގެއިން ނުކުމެއްޖެއެވެ.

ފެންޑާގައި އިށީނދެގެން ތިބިއިރު ފަވާދާ ޖެހިގެން ހުރި ގޮނޑީގައި އިނީ ފިޒާއެވެ. އޭނާ ފަވާދާ ކޮންމެވެސް ވާހަކައެއް ދައްކަނީއެވެ. އެކަމަކު އެ ވާހަކައަކަށް ފަވާދް ސަމާލުކަމެއް ނުދެއެވެ. އެ ދައްކަނީ ނިދާއާއި ސާމިޔާގެ ވާހަކަ ކަން ޔަގީނެވެ.

މެހެމަލް އޭނާގެ ތަށްޓައް ސައި އަޅާން ފެށުމާއެކު ފަވާދް ބުންޏެވެ. "އަހަރެންގެ ސައި ތަށްޓައް ހަކުރު ނާޅާތި."

"ނާޅަން." އޭނާ ބިންމަތީގައި އިށީނދެގެން އިނދެ ތަށިތަކަށް ސައި އަޅަނީއެވެ.

"ދަރިފުޅާ ފަވާދް. ހަކުރު ނާޅަނީ ކީއް ވެގެން؟" ފިޒާ ފިކުރު ބޮޑު ވެފައި އަހައިލިއެވެ.

"މިހާރު މި އުޅެނީ ކުޑަކޮށް ލުއި ވެލަން ވެގެން."

"ލުއި ވެލާށޭ؟ މިހާރުވެސް ނުލާހިކު ރީތި."

އެ ވަގުތު އާރްޒޫ އައިސް ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. "މެހެމަލް. އަހަރެންގެ ސައި ތަށްޓައް ބައި ސަމުސާ ހަކުރު."

އޭނާ އިނީ ފަވާދާ ދިމާއަށް ބަލަހައްޓައިގެން އެއްފައި މައްޗަށް އަނެއް ފައި އެއްލައިގެންނެވެ. ހުދު ހަރުވާޅަކާއި ތަންކޮޅެއް ކަރު ބޮޑު ގަމީހެއް ލައިގެންނެވެ. އިސްތަށިގަނޑު އޮތީ ކޮނޑާ ހަމައިން ބުރިކޮށްފައެވެ. ބަދަން ކުލައިގެ މޫނެކެވެ. ވަރަށް މަސައްކަތުން، އެކި ކަހަލަ އެއްޗެހި އުނގުޅައިގެން ދޮން ވެވޭތޯ މަސައްކަތް ކޮށްފައި ހުރިކަން އެނގެއެވެ. އޭނާގެ ހިމަހިމަ ބުމައަށް ބަލައިލީމާ މަކަރުވެރި ވައްތަރު ޖަހައެވެ. އެއީ ނާޢީމާއާއި އަސަދްގެ ހަމައެކަނި ދަރިއެވެ.

"ހަށިގަނޑު ރަނގަޅަށް ބަހައްޓަން މަސައްކަތް ކުރަން ވާނެ... މެހެމަލް. ތިތަނުން ކަވާބެއް ދީބަލަ." ފަވާދް މިހެން ބުނެލުމާއެކު މެހެމަލް އަވަސްއަވަހަށް ކަވާބު ތަށި ނަގައި ފަވާދަށް ފޯރުކޮށްލިއެވެ. ފަވާދް ތަށީގައި ހިފި ވަގުތު މެހެމަލްގެ އަތް އޭނާގެ އަތުގައި ކުޑަކޮށް ބީހިލިއެވެ. ފަވާދް ސިއްސައިގެން ދިޔައީމާ މެހެމަލް ބިރުން ތަށިން ދޫކޮށްލިއެވެ. ތަށި ނުވެއްޓި ސަލާމަތްވީ ފަވާދް ހިފަހައްޓައިގެން ހުރީމައެވެ. މެހެމަލް އަތް ދަމައިގަތީމާ ފަވާދް އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުރެއްޖެއެވެ. ހީވަނީ ފުރަތަމަ ފަހަރަށް އޭނާ ފެނުނީހެންނެވެ. އެއީ ކުޑަ ހިނދުކޮޅެއްގެ ކަމެކެވެ. އެޔަށް ފަހު ދެމީހުންވެސް ނަޒަރު ބަދަލު ކޮށްލިއެވެ.

ފިޒާއާއި އާރްޒޫ އާ ދެމީހުން ތިބީ އެހެން ދިމާއަކަށް ސަމާލުކަން ދީގެންނެވެ. އައިސްފައި އެ ދިޔަ ލަމަހާ އެއްވެސް މީހަކަށް ފާހަގައެއް ނުކުރެވެއެވެ. ފަވާދް ދޭތެރެ ދޭތެރެއިން އޭނާޔާ ދިމާއަށް ކަޅިއެއް އެއްލައެވެ. އޭނާ ބިންމަތީގައި އިށީނދެގެން އިނެވެ. އަނގަޔަކުން ނުބުނެއެވެ. ކުޑަކޮށް އިސް ޖަހައިލައިގެން އިނީމާ ބޮލުގައި ހުރި ހުޅި ފެންނަނީ މާ އުސްކޮށެވެ. އިސް އުފުލައިލީމާ ފެންނަނީ ބިއްލޫރި ދެ ލޮލެވެ. އެ ގޭގެ އެހެން އެއްވެސް އަންހެން ކުއްޖަކަށް އޭނާއަށް ލިބިފައި އެވާ ފަދަ ރީތި ކަމެއް ލިިބިފައެއް ނެތެވެ.

ފަވާދް ސައި ބޮމުން މެހެމަލާ ދިމާއަށް ވަގަށް ބަލަމުން ދަނީއެވެ.

* * *

ހަވީރުއްސުރެ އޭނާ އޮތީ ކޮޓަރީގައި ބަންދު ވެގެންނެވެ. ބަދިގެއަށް މަންމަޔާ އެހީތެރިވާން އައީ މަޣްރިބުގެ ފަހުންނެވެ. މުސްރަތު އޭރު ހުރީ ފިޔަޔާއި ޓޮމާޓޯ ކޮށާށެވެ. ރޭގަނޑަށް ކައްކަން ވެގެންނެވެ. ބަދިގެޔަކު އެހެން މީހަކު ނެތެވެ. ހުރިހައި މަސައްކަތެއް ކުރަން ޖެހިފައި އޮތީ ދެމައިންނަށެވެ.

"މަންމާ. ކުޑައަންމަޔާއި ދެން އެ އުޅޭ ބޮޑުދައިތައިންތަކަށް ކެއްކުމުގެ ޒިންމާ އުފުލަން ނުޖެހެނީ ކީއްވެގެން؟ ކައްކަން މި ޖެހެނީ މަންމަޔަށް އެކަނި. އެއީ ކީއްވެގެން؟" ބަދިގެ ތެރެއަށް ބަލައިލުމަށް ފަހު މެހެމަލް އަހައިލިއެވެ.

"މިއީ އަހަރެމެންގެ ގެއެއްނު؟ އެހެންވީމާ މަންމަ ކެއްކިއްޔާ ވާނީ ކީއް؟"

"އެމީހުންނަށް ޚިދުމަތް ކޮށްކޮށް މަންމަ ވަރުބައްޔެއް ނުވޭތަ؟"

"ނުވޭ. ވަރުބަލި ވާންވީ ކީއް ވެގެން؟"

"އެންމެ ރަނގަޅު. އަހަރެން ކުރަންވީ ކަމެއް ބުނޭ."

"ބިރިޔާނީ ކައްކަން ޖެހޭ. ދެން ކައްކަން ޖެހޭ އެއްޗެއް މެހެތާބް ފަހަރި ގާތު އަހައިލާނަން."

އެ ވަގުތު މެހެތާބް ބަދިގެ ތެރެއަށް ބޯދީ ބަލައިލައިފިއެވެ.

"މުސްރަތު. ކައްކަން ފަށްޓާ އަވަހަށް. ކޮންމެ ރެޔަކު ކާން ލިބެނީ މާ ލަހުން."

މުސްރަތު އުނދުން ރޯކުރާން އުޅެފައި އެނބުރި ބަލައިލިއެވެ. "ލައްބަ ފަހަރި. މި ފަށްޓަނީ. ވަސީމް ދިޔައީ ބިރިޔާނީ ބޭނުން ވާހަކަ ބުނެފައި. ދެން ކައްކާނީ ކޮން އެއްޗެއްތޯ؟" ދޯޕައްޓާއިން އަތް ފޮހެމުން ގޮސް މުސްރަތު މެހެތާބްގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ.

"ހިކިކޮށް ބަކަރިމަސް ކޮޅެއް ހަދައިލާ. އަދި މަސްކޮޅެއް ކަވާބުވެސް ކޮށްލަން ވާނެ. އަލުވި ރިހަފޮދެއްވެސް ބޭނުން ވާނެ. އަދި ރަނގަޅު ސަޓަންޏެއްވެސް ހަދައިލާން ވާނެ."

"ލައްބަ. ފޮނި އެއްޗަކަށް ކޮން އެއްޗެއްތޯ؟"

"ޕުޑިން ރަނގަޅު ވާނެ. އަދި ހަލުވާކޮޅެއްވެސް..." އޭނާ ފޫހި ގޮތަކަށް މެހެމަލާ ދިމާއަށް ބަލައިލައިފައި ހިނގައްޖެއެވެ.

"މަންމަ އެއް ވަގުތަކާ އެތައް ވައްތަރެއް އެބަ ކައްކާ. ދިހަބާރަ ވައްތަރުގެ ކާ އެއްޗެހި ހަދާއިރުވެސް ބަތްފުކެއްގެ މިންވަރުވެސް ބާކީއެއް ނުވޭ." މެހެމަލް ހައިރާން ވެފައި ބުނެލިއެވެ.

"މިގޭ މީހުން ކަނީ ހަރާން އެއްޗިއްސޭ ބުނަނީވެސް ދަރިފުޅެއްނު؟ ހަރާން އެއްޗެހީގައި ބަރަކާތެއް ނުލައްވާނެއެއްނު؟" މުސްރަތުގެ އަޑުގައި ހުރީ އަޖައިބެއް ފަދަ މަޑުމައިތިރި ކަމެކެވެ. އެއްވެސް ކަމަކާ ކަންބޮޑުވާ ހެންނެއް ހިޔެއް ނުވެއެވެ.

އޭނާ ހިމޭން ވެއްޖެއެވެ. އެއީ ރަނގަޅު ވާހަކައެކެވެ. މި ގޭގައި ކިތަންމެ ގިނައިން ކެއްކިޔަސް ކާގަޑި ނިމޭއިރު ހުންނަނީ ހުރިހައި އެއްޗެއް ހުސްވެފައެވެ. މަންމަ އެ ބުނި ގޮތަކަށް އޭނާ މީގެ ކުރިއަކުން ނުއެއް ވިސްނައެވެ. މަންމައަކީވެސް އަޖައިބެއް ކަހަލަ މީހެކެވެ. އެމީހުންގެ އަނިޔާވެރިކަމަށް ކެތްކޮށްލައިގެން ޗުއްޕުވެސް ނުކިޔައި ހުންނަނީއެވެ.

"އަހަރެމެންގެ މުދާ..." އޭނާގެ ހިތަށް އަނެއްކާވެސް ކަށްޓެއް ހެރިއްޖެއެވެ. ބައްޕާ ނިޔާވީ މީގެ އެގާރަ އަހަރު ކުރީންނެވެ. ކާރުޚާނާތަކާއި މުދަލާއި ފައިސާއާއި މުޅި ވިޔަފާރިއަކީ ބައްޕަ ނަގައި ކޮޅަށް ޖެހި ވިޔަފާރިއެކެވެ. އާޣާ ކަރީމް ޚާން އެ ދުވަސްވަރު ހުންނަނީ ބާޒާރުމަތީގައި ކުޑަކުޑަ ފޮތި ފިހާރައެއް ހިންގާށެވެ. ޣަފްރާން އަކީ ކުންފުންޏެއްގައި އިންޖިނޭރެއްގެ ވަޒީފާ އަދާކުރަމުން އައި މީހެކެވެ. އާރްޒޫގެ ބައްޕަ އަސަދަކީ ވަސީމް ކަހަލަ މީހެކެވެ. ހައްދަވައިގެން ކުރާ ކަމެއް ނޯވެއެވެ. އެފަދަ ނިކަމެތި ހާލަތެއްގައި އުޅެނިކޮށް އޭނާގެ ބައްޕަ ނިޔާ ވުމާއެކު ކުއްޔަށް ހިފައިގެން ދިރިއުޅެމުން އައި ގެތައް ދޫކޮށްލައިފައި އެންމެން އައިސް މިގެއަށް ފާވެގެންފިއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.