މުޞްޙަފް - 9

(8 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެ ކުއްޖާ މިއަދު ނައީ ކީއްވެގެން ބާވައެވެ؟ ދިޔައީ ކޮން ތަނަކަށް ބާވައެވެ؟ އެހެން ދުވަސް ދުވަހާ ޚިލާފަށް މެހެމަލް މިއަދު މާ އަވަހަށް އައީ އެ ކުއްޖާޔާއެކު ތަންކޮޅެއް ގިނަ ވަގުތު ހޭދަކޮށްލާނީއޭ ހިތައެވެ. އެކަމަކު އެ ކުއްޖާ ކޮންމެ ދުވަހަކު އަންނަ ޚާއްސަ ގަޑިއަކީ ކޮބައި ކަމެއް އޭނާއަކަށް ނޭނގެއެވެ. އަދި އެ ކުއްޖާއަށް އިންތިޒާރު ކުރެވެނީ ކީއްވެގެން ކަމެއްވެސް ނޭނގެއެވެ. އެ ކުއްޖާޔާ ހިއްސާ ކުރާން ބޭނުންވާ ވަކި ޚާއްސަ ކަމެއް އޮތީއަކީއެއްވެސް ނޫނެވެ. މައްސަލައެއްގެ ހައްލެއް ހޯދާކަށް ބޭނުން ވަނީއެއްވެސް ނޫނެވެ. އަދި އެ ކުއްޖާ ގާތު ހުރެގެން ރޯން ބޭނުން ވަނީއެއް ނޫނެވެ. ބުނަން ބޭނުން ވާހަކައެއްވެސް ނެތެވެ. އެކަމަކުވެސް ހަމަ އިންތިޒާރު ކުރެވެނީއެވެ. އިރުއިރުކޮޅާ އަތުކުރީ ގަޑިއަށް އެބަ ބަލައިލެވެއެވެ. ފަންސަވީސް މިނިޓު ފާއިތުވާން އުޅެނީއެވެ. އެ ކުއްޖާގެ ޚަބަރެއް ނުވެއެވެ.

ބަހުގެ ބަރުގޮނުގެ އަޑު އިވުނީމާ އޭނާ ތެދުވެގެން ބަހާ ދިމާއަށް ހިނގައިގެންފިއެވެ. ދޫނިތައް ހާލިތަކުން ނުކުމެގެން ދަތުރަށް ފަށައިފިއެވެ. ނޫކުލައިގެ އުޑުމައްޗަށް އިރުގެ ދޯދިތައް ފާއްދައިލައިފިއެވެ.

އޭނާ އުދާސް ވެފައި ހުރެގެން ގޮސް ބަހަށް އަރައިފިއެވެ. މުޅި ދަތުރު ހޭދަކުރީ ބޭރަށް ބަލަހައްޓައިގެން ހިމޭނުން އިނދެގެންނެވެ.

ބަސް ހުއްޓުމުގެ ކުރިން އޭނާ ދަބަހުން ޖީބުލޯގަނޑަކާއި އަނދުންދަޅަކާ ނަގައިފިއެވެ. އަދި ލޮލުގައި އަނދުން އަޅައިލިއެވެ.

"މެހެމަލް. ކަލޭ އަނދުން ނާޅާ. ހިތް ބަރު ނުކުރާތި. ކަލޭގެ ލޮލުގައި ތިޔަ ހުންނަނީ ރަންކުލަ. ކަޅު ކުލައިގެ އަނދުން އެޅީމާ ކަލޭ ހީވަނީ ބުޅަލެއްހެން." ނާދިޔާ ބަލައިލާފައި ހީނގަތެވެ. "އަހަންނަކަށް ބުޅާ ކަމަކު ނުދޭ." އޭނާ މެހެމަލާ ދިމާއަށް އަތް ބުޅިކޮށްލިއެވެ.

މެހެމަލް އަނގައިންވެސް ނުބުނެ ފޮތުގައި އެއްޗެއް ލިޔާން ފަށައިފިއެވެ.

އޭނާ ކުތުބުޚާނާއަށް އައީ ރޭ ހިނގައި ދިޔަ ކަންތައްތައް ނާދިޔާއަށް ކިޔައިދޭށެވެ. އެކަމަކު ނާދިޔާގެ ސާމާސާގެ ވާހަކަތައް ނުވަތަ މަލާމާތުގެ ވާހަކަތައް އަހައިފައި ކިޔައިދޭ ހިތް ކެނޑިއްޖެއެވެ. އޭނާގެ ރީތި ދެލޯ ބުޅަލުގެ ލޮލާ އެގޮތް ކުރީމާ އޭނާއަކަށް ކަމަކު ނުދިޔައެވެ. ނާދިޔާއާއި އޭނާޔާ ދެ މީހުން އެކީގައި ދާތަން ފެނިއްޖެ ނަމަ ފިރިހެން ކުދިންގެ ނަޒަރު ހުއްޓެނީ އޭނާޔާ ދިމާއަށްކަން މެހެމަލަށް އެނގެއެވެ. އޭނާގެ ރީތި ދެ ލޮލަކީ މުޅި ކޮލެޖަށް މަޝްހޫރު ދެ ލޮލެވެ. ވުމާއެކު ނާދިޔާގެ ވާހަކަތަކުން އޭނާގެ ހިތަށް ވަރަށް ބޮޑަށް އަސަރު ކޮށްފިއެވެ.

ނާދިޔާއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އޭނާ މިއަދު އައީ ނާދިޔާ ގާތުގައި ރޮއި ހިތާމަ ކުރާން ހިތުލައިގެންނެވެ. އެކަމަކު އޭނާގެ ވާހަކަތައް އަހާނޭ ފުރުސަތެއް ނާދިޔާއަކަށް ނުލިބުނެވެ. އޭނާ އަވަދިނެތި އުޅެނީ ނޯޓު ލިޔުމުގައެވެ. ލިޔެ ނިމިގެން އަނގަ ހުޅުވައިލުމާއެކު ނުކުތީ މެހެމަލްގެ ހިތުގައި ޖެހޭ ކަހަލަ ވާހަކައެކެވެ.

"އާނ... ކީކޭ؟ ކޮންމެވެސް ވާހަކައެއް ދެއްކީމެއްނު؟" އޭނާ ޗިޕްސް ޕެކެޓެއް ކަނޑައިލަމުން އަހައިލިއެވެ. "ކަލޭގެ ކުޑައަންމަގެ ވާހަކަ ދޯ؟"

"ނޫނޭ. އެއީ މާ ބޮޑު ވާހަކައެއް ނޫން. އަޅާނުލާ."

"އެހެންތަ؟ އަހަރެން ހީކުރީ..."

"ކަލެއަށް ހީކުރެވުނު ގޮތެއް. އަހަރެން ދަނީ. ކުޑަ މަސައްކަތެއް ކުރަން ޖެހިފައި އެބައޮތް." އޭނާ ފޮތްތައް ދަބަހަށް ލައިގެން ގޮސް ކުތުބުޚާނާއިން ނުކުމެއްޖެއެވެ.

ވިދިގެން އައި ދެ ދުވަހަކީ އޭނާގެ ހިތަށް ބާވަތެއްގެ ނުތަނަވަސްކަމެއް ވެރިވެފައި އޮތް ދެ ދުވަހެވެ. ކަންބޮޑުވުމާއި، މާޔޫސީއާއި، ނާއުއްމީދާއި، ހިތާމައާއި، އިދިކީލި ވިސްނުމުގެ އޮއިވަރެއް އޭނާގެ ސިކުނޑީގައި ހިނގަމުން ދިޔައެވެ. ދުނިޔޭގެ ހުރިހައި ކުލައެއް ފިލައި މުޅީން ކަޅު ތަނަކަށް ބަދަލު ވެއްޖެއޭވެސް ބައެއް ފަހަރަށް ހީވެއެވެ. ހިތުގެ ބަގީޗާ އޮތީ ވީރާނާވެފައެވެ.

ތިންވަނަ ދުވަހު އޭނާ ބަސް ހުއްޓާ ތަނަށް ދިޔައިރު އެއްކަލަ ކަޅު އަންހެން ކުއްޖާ އިނެވެ. އެ ކުއްޖާ ދިގުގޮނޑީގައި އިށީނދެގެން އިންތަން އޭނާއަށް ފެނުމާއެކު ރުޅި އައިސް ރަތްވެއްޖެއެވެ. ވަރަށް ބާރަށް ހިނގައިފައި ގޮސް އެ ކުއްޖާގެ ގާތަށް ހުއްޓިއްޖެއެވެ.

"ފާއިތުވި ދެ ދުވަހު ކަލޭ އުޅުނީ ކޮންތާކު؟"

އެ ކުއްޖާ އިސް އުފުލައި ބަލައިލިއެވެ. "އަހަރެން ކުޑަ ކަމެއް..."

"އެހެން މީހުން ކަލެއަށް އިންތިޒާރު ކުރާތީ ވަރަށް އުފާވޭ ދޯ؟ ކަލޭގެ އެހީތެރިކަމެއް ނުލިބުނިއްޔާ އަހަރެން މަރު ވާނީއޭ ހީކުރީތަ؟ ކިހައި ދެރަ. އެހެންނެއް ނުވިއެއްނު؟ ކަލޭ ދައްކާ ވާހަކައަކީ ކަލެޔާ ދިމާއަށް މީހުން ލަންބުވަން ދައްކާ ފޮނި ވާހަކަ. އެކަމަކު އަހަންނަކަށް ކަލޭގެ އެއްވެސް ބޭނުމެއް ނެތް. ކަލެއަށް ވަނީ ކިހިނެއްތޯ ބަލާކަށްވެސް އަހަރެން ބޭނުމެއް ނޫން. ކޮންމެފަދަ ގޮތެއް ވިޔަސް ވަރިހަމަ. އަދި... އަދި ބުނަންތަ؟ އަހަންނަކަށް ކަލޭގެ ފޮތުގެ ބޭނުމެއްވެސް ނެތޔް. ކަލޭގެ އެހީތެރިކަން ނުލިބުނީމާ އަހަރެން މަރެއް ނުވޭ. މިހިރީ ގަދަވެ ސަލާމަތުން. ބަލާބަލަ. އަހަރެން މަރެއް ނުވޭ."

އެ ކުއްޖާ ކުޑަކޮށް ހިނިތުންވެލިއެވެ. "މެހެމަލް އަހަންނަށް އިންތިޒާރު ކުރިން ދޯ؟"

"ނުކުރަން. އެއް ގޮތަކަށްވެސް ނުކުރަން." މެހެމަލް ފަހަތަށް ޖެހިލިއެވެ. "ބުނެފީމެއްނު... އަހަންނަކަށް ކަލޭގެ އެހީތެރިކަމެއް ބޭނުމެއް ނުވެއޭ."

"މެހެމަލް ތިޔަ ކުރާ ކަމެއް އެނގޭތަ؟ ތިޔަ ކުރާ ކަމަކީ އަޑުގަދަ ކޮށްގެން ހިތުގެ އަޑު އިވުނަ ނުދީ އޮއްބައިލަނީ. މިއީ އަހަންނަށް ލަފާ ކުރެވޭ ގޮތް. އެހެން ހަދަނީ ކަމަށް ވަންޏާ އެއީ ދެރަ ކަމެއް. އެހެން ނުހަދާ. ހިތުގެ އަޑު އަހާ. ހިތުން މެހެމަލް ގާތު ކޮންމެވެސް އެއްޗެކޭ އެބަ ބުނެއެއްނު؟"

"އަހަރެން ކަންތައް ކުރާނޭ ގޮތް ކިޔައި ދޭނޭ ކަމެއް ނެތް. އަހަންނަށް ރަނގަޅީ ކޮން ގޮތެއް ކަމާއި ނުބައީ ކޮން ގޮތެއްކަން ކަނޑއަޅަން އަހަންނަށް ރަނގަޅަށް އެނގޭ. އަހަރެން ގާތު އުއްމީދީ ވާހަކަތައް ދައްކައިގެން ތިޔަ އުޅެނީ ކަލޭގެ ފޮތް އަހަންނަށް ވިއްކާކަށްނު؟ ކަލޭގެ ބޭނުމަކީ ކޮބައިކަން އަހަންނަށް އެނގޭ. އެކަމަކު ހަނދާން ކުރާތި. ކޮންމެ ގޮތެއް ވިޔަސް ކަލޭގެ ތިޔަ ފޮތެއް އަހަންނެއް ނުގަންނާނަން."

"މި ފޮތް މެހެމަލަށް ވިއްކާކަށް އަހަންނެއް ނޫޅެން. ނުވެސް ވިއްކާނަން. މި ފޮތް ބޭނުން ވެގެން މެހެމަލް އަހަރެންގެ ގާތަށް އަންނާނެ. އެ ދުވަހަކުން އަހަރެން މުޅީން ހިލޭ މި ފޮތް ދޭނަން. ދަތުރު އަދި ކިރިޔާ މި ފެށުނީ. ވަރުބަލިވީމާ މި ފޮތުގެ ފަހަތުން ދުއްވައިގަންނާނެ. މެހެމަލް ތިޔަ ދެއްކި އެއްވެސް ވާހަކައަކުން އަހަރެންގެ ހިތުގައި ނުރުހުމެއް ނުއުފެދޭ. އަހަރެން މި ހުންނަނީ މެހެމަލް ވަރުބަލިވާނޭ ދުވަހެއްގެ އިންތިޒާރުގައި... ބަސް އަތުވެއްޖެ."

އޭނާ ރުޅި އައިސް ފުފިފައި ހުރެގެން ގޮސް ބަހަށް އަރައިފިއެވެ. އެކަމަކު އެ ދުވަހުގެ ހަތަރުދަމު އޭނާ ހުރީ ފިކުރު ބޮޑު ވެފައެވެ. އެ ކަޅު އަންހެން ކުއްޖާ ފެނުނީމާ އަހަންނަށް އެވީ ކިހިނެއް ހެއްޔެވެ؟ އެވަރަށް ރުޅި އައީ ކީއްވެގެން ހެއްޔެވެ؟ އެއީ އަހަރެންގެ ކާކު ހެއްޔެވެ؟ އޭނާ އަހަންނަށް ދިނީ ކޮން ގެއްލުމެއް ހެއްޔެވެ؟ ބީރައްޓެއްސަކާ މެދު މިފަދަ ގޮތަކަށް އޭނާ ދުވަހަކުވެސް އަމަލެއް ނުކުރެއެވެ. މިއަދު މިވީ ކިހިނެއް ހެއްޔެވެ؟

ލަދުވެތިކަމުގެ އިހްސާސް އެ ދުވަހު އޭނާއަށް ކުރެވޭން ފެށީ މާ ބޮޑަށެވެ. ބަދިގޭގެ މަސައްކަތްވެސް ކުރީ މާ ބޮޑު ފަރުވާތެރިކަމަކާ ނުލައެވެ. ފިލާވަޅެއްވެސް ރަނގަޅަކަށް ދަހެއް ނުކުރެވުނެވެ. ދަސް ކުރާން ޖެހޭ ފިލާވަޅު އެބަހުއްޓެވެ. އެކަމަކު ކުށެއް ކުރެވިއްޖެ ކަމުގެ އިހުސާސް ކުރެވޭ ވަރުން އެއްވެސް ކަމަކަށް ސަމާލު ކަމެއް ނުދެވެއެވެ.

ކުއްލިއަކަށް ބޭރުން އިވުނީ ރަޒިއްޔާދައްތަ އައިސްގެން އުޅޭ އަޑެވެ.

"ފާއިޤާ މިހާރަކަށް އައިސް ތާއަބަދު އުޅެނީ އަހަންނާ އެކީ ބަދިގޭގައި. އަހަރެން މަނާވެސް ކުރަން. އެކަމަކު އަހަރެން ލައްވައި އެއްވެސް ކަމެއް ނުކުރުވާ. މިއަދުވެސް ޕުޑިން ހަދައި ނިމިގެން ކިޔައިފި... ބޮޑުބޭބެމެން ވަރަށް މީރުކޮށް ކާ އެއްޗެކޭ... ގެންގޮސް ދޭށޭ. އަހަރެން ބުނިން އަމިއްލައަށް ގޮސް ދޭންވީ ނޫންހޭ. ބޮޑުބޭބެމެން ދެކެ މި މަންޖެ ވަރަށް ލޯބިވާނެ. ގޭގެ ކަންތައް ރަނގަޅުތަ؟ ފަވާދް މިއަދަކު ނުފެނޭ. ކޮބައިތަ؟" މެހެތާބާއެކު ގޭތެރެއަށް ވަންނަމުން އެންމެ ފަހުން ރަޒިއްޔާ ސުވާލު ކޮށްލިއެވެ. ފަވާދެއް ނުފެނެއެވެ. އެކަމަކު މެހެމަލް ފެނުމާއެކު އޭނާގެ މޫނުގެ ކުލަވަރު ބަދަލު ވެގެން ހިނގައްޖެއެވެ.

"އޭތް ކުއްޖާގަނޑާ. މިއަދު ކަލޭ ކުރާނޭ އެއްވެސް ކަމެއް ނެތީތަ؟ ތާއަބަދު ކޮޅުކޮޅުމައްޗަށް ދުވުން ނޫން ކަމެއް ނުކުރަން ދޯ؟ މި މަންޖެ މި ގޮތަށް ދޫކޮށްފައި ބަހައްޓަނީ ފަހަރީގެ ރަނގަޅު ކަމުން. އަހަރެން ނަމަ..." އޭނާ ދެއްކި ވާހަކަ މެހެމަލަށް އިވުނު ކަމާއި އެ ވާހަކައިގެ ބޭނުމަކީ ކޮބައިކަންވެސް އެނގޭނޭކަން އެނގުނީމާ ކަންބޮޑުވީ ކަމަށް ވެދާނެއެވެ. ކުއްލިއަކަށް އޭނާޔާ ފޮށިގެންފިއެވެ.

ފާއިޤާ ދެ އަތުން ތަބަށް ހިފައިގެން ފަހަތުން އާދެއެވެ.

"މި ތަބަށް ބަހައްޓާނީ ކޮންތާކުތޯ؟" ފާއިޤާ މަޑުމަޑުން އަހައިލިއެވެ.

"ބަދިގޭގައި ބަހައްޓާ... ނޫނޭ... މެހެމަލް. ކަލޭ އެ ތަބަށް ހިފައިގެން ދޭ."

"ގެނޭ." މެހެމަލް ކުރިއަށް ޖެހިލީމާ ފާއިޤާ ކުޑަކޮށް ފަސްޖެހިފައި އޭނާގެ މަންމަޔާ ދިމާއަށް ބަލައިލިއެވެ.

"ގެނޭ... ފާއިޤާ ދައްތާ. ފަވާދްބޭބެ އަދި ގެއަކަށް ނާދޭ. ރަޒިއްޔާއްތަ އެހީމެއްނު..." މެހެމަލް ވާހަކަ ދައްކަމުން ތަބަށް އަތުލައިގެން ބަދިގެޔާ ދިމާއަށް ހިނގައްޖެއެވެ.

"އެއީ ތެދެއްތަ؟ ފަވާދް އަދި ގެއަކަށް ނާދޭތަ؟" ރަޒިއްޔާ ކަންބޮޑުވެފައި އަތުކުރީ ގަޑިއަށް ބަލައިލިއެވެ. އަދި ފާއިޤާއަށް ލޮލުން އިޝާރާތެއް ކޮށްލިއެވެ. އޭނާ މެހެތާބާ ޖެހިގެން ހުރި ސޯފާގައި އިށީނދެއްޖެއެވެ.

"އާނ. އޮފީހުގައި މުހިއްމު މަސައްކަތެއް އޮތީ ކަމަށް ވެދާނެ. އަދި ނާދޭ. ރަޒިއްޔާގެ ހާލު ރަނގަޅުތަ؟" މެހެތާބް ޓީވީގެ ޗެނަލް ބަދަލު ކުރަމުން އަހައިލިއެވެ. ރާގާއި ހަރަކާތުން ޝާހީ ގޮތް ދައްކަމުން ކުޑަކޮށް ހިނިތުންވެސް ވެލިއެވެ. ފަވާދް ފަދަ ފިރިހެން ދަރިއަކު ލިބިފައި ހުރީމާ މެހެތާބް އަބަދުވެސް ފަޚުރުވެރިވެއެވެ. އޭނާގެ ފަހަތުން އަންހެންކުދިންގެ މައިން އެނބުރޭނޭކަންވެސް އޭނާ ދަނެއެވެ. މިއަދު ރަޒިއްޔާ އައި ބޭނުންވެސް އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

"ރަޒިއްޔާއްތާ. އެ ޕުޑިން ހެދީ ފާއިގާ ދައްތަ ދޯ؟" މެހެމަލް އެނބުރި އައިސް ގޮނޑިއެއްގައި އިށީނދެއްޖެއެވެ. އަދި އެއްފައި މައްޗަށް އަނެއް ފައި އެއްލުމަށް ފަހު ފައި ތަޅުވަން ފަށައިފިއެވެ.

"އާނ. ކަށަވަރެއްނު؟"

"އެހެންތަ؟ އެކަމަކު މިއަދު އަހަރެން ތިޔަ ގެއަށް ދިޔައިރު ރަޒިއްޔާއްތަގެ މަންމަ ލައްވައި ޕުޑިން ހައްދަން ހުއްޓާ އަހަންނަށް ފެނުނު. ތިމަންނާއަށްވެސް އަދި ފާއިޤާ ދައްތައަށްވެސް ޕުޑިން ހަދާކަށް ނޭނގެއޭ ބުނި އަޑުވެސް އެހިން... ފާއިޤާ ދައްތާ." އޭނާ ފާއިޤާއާ ދިމާއަށް ބަލައިލިއެވެ. "ދަސްކުރީ ވަރަށް ފަހުން ދޯ؟"

"އާނ... އާނ. މިހާރު އަހަރެން ގާތުން ހުރިހައި ކަމެއް ދަސް ކުރަނީ. ހައްދަވައިގެން ކަމެއް ނުކޮށް އިނދެގެން ކެއުމަކީ އަހަރެންގެ ދަރިންގެ އާދައެއް ނޫން." ރަޒިއްޔާ ރުޅި އައިސްފައި ބުނެލިއެވެ. މެހެތާބް އޭރުވެސް ޗެނަލް ބަދަލު ކުރަމުން ދަނީއެވެ. އަނގަޔަކުން ނުބުނެއެވެ.

"ރަޒިއްޔާއްތަ ދަސްކުރީ ކޮން ތަނަކުން؟ މަންމަ ގާތުންތަ؟"

"މެހެމަލް. ކަލޭގެ އަނގަ ހާދަހާ ގަދަ ވެއްޖެއޭ. ކަލޭ މި ގޭގައި ބަހައްޓައިގެން ކެތްކޮށްގެން ހުންނަނީ ފަހަރީގެ ހެޔޮކަމުން. އަހަރެން ނަމަ އެންމެ ދުވަހަކުވެސް ނުބަހައްޓާނަން. ހަމަ ވަގުތުން ގެއިން ނެރެލާނަން."

"ނަމައޭ؟ ބަލަގަ ރަޒިއްޔާއްތަ ކުޑައަންމައަކަށް ނުވާނެއެއްނު؟ އެހެން މީހެއްގެ ފައިސާ ބޭނުން ކޮށްގެން އުދުހި އުޅުމަކީ ފާޑެއްގެ ހުނަރެއް. އެ ހުނަރު ކޮންމެކޮންމެ މީހަކަށް ނުލިބޭނެ."

"އަނގަ މަޑުން ލައިގެން އިނދޭ." މެހެތާބް ރުޅި އައިސްގެން ރިމޯޓު ކޮންޓްރޯލަރ މޭޒުމައްޗަށް ޖެހިއެވެ. "މާ އަނގަ ގަދަވެގެން އުޅެންޏާ ދެފައި ބިންދައިލަފާނަން. އަހަރެމެން ކަލޭ މިގޭގައި ނުބެހެއްޓި ނަމަ ދާނީ ކޮން ތަނަކަށް؟"

"އިނގިރޭސިވިލާތަށް." އޭނާ ހަމަޖެހިލައިފައި ބުނެލިއެވެ.

"ކީކޭ؟" މެހެތާބް ދިޔައީ ސިއްސައިގެންނެވެ.

"އަހަރެން ސްކޮލަރޝިޕަކަށް އެދި ސިޓީ ލައިފިން. މަންމަ ގޮވައިގެން ވަރަށް އަވަހަށް އިނގިރޭސިވިލާތަށް ހިނގައިދާނަން. ކުޑއަންމަވެސް ވަޒީފާއެއް ލިބޭތޯ އުޅޭ... އަހަރެން އެބަ އަންނަން ބަދިގެއަށް ވަދެލާފައި." އޭނާ ތެދުވެގެން ހިނގައްޖެއެވެ.

އޭނާ ހުރީ ހިތްހަމަ ޖެހިފައެވެ. އެ ވައްޓައިލެވުނީ ވަރުގަދަ ބޮމެއްކަން އޭނާއަށް އެނގެއެވެ.

އެ ރޭ ކާ މޭޒު ދޮށުގައި އެ ވާހަކަ ދެކެވޭން ފަށައިފިއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.