މުޞްޙަފް - 23

(22 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އެހެން ވެގެން އަހަރެން ބުނީ..." ޙަސަން ކުރިއަށް ޖެހިލިއެވެ. "އެހެން ވެގެން އަހަރެން ބުނީ އޭނާޔާ ދުރުގައި އުޅޭށޭ. އެއީ ކޮން ކަހަލަ ލުއްޗާއެއްކަން މުޅި ދުނިޔެ ދަނޭ. އަންހެން ކުދިންގެ ވިޔަފާރި ހިންގާކަންވެސް އެންމެން ދަނޭ. އެހެން ވެގެން އަހަރެން އޭނާޔާ ގާތްވުން މަނާކުރީ."

"އަހަންނަށް މަނާ ކުރެވޭ. އޭނާގެ އަތްފައި ބިންދައެއް ނުލެވޭތަ؟ އަހަރެންގެ ބަދަލުގައި ޙަސަންބެގެ ކޮއްކޮއަށް މި ހާލަތު މެދުވެރިވީނަމަ ހަދާނީ ކިހިނެއް؟" މެހެމަލްގެ ރާގުގައި ހުރި ހިތި ހަރުކަށިކަމެއްގެ ސަބަބުން ޙަސަނަކަށް ބުނާނޭ އެއްޗެއް ނޭނގުމެވެ.

"މެހެމަލް... އަހަރެން..."

"ޙަސަންބެގެ އެއްވެސް ވާހަކައެއް އަޑު އަހާކަށް އަހަރެން ބޭނުމެއް ނޫން. ހައްތަހާވެސް އެއްކަހަލަ މީހުން." މެހެމަލް މޫނު އަނބުރައިލިއެވެ. ރޮއިރޮއި ހާލު ދެރަވެފައި އިން އޭނާގެ މަންމަ ފެނުނީ އެ ވަގުތުއެވެ. މަންމަ އެތަނަށް އައީ ކޮން އިރަކު ކަމެއްވެސް އޭނާއަކަށް ނޭނގުނެވެ.

ހަރުފަތް މަތީގައި އިށީނދެގެން އިން އާރްޒޫގެ ކަޅި ހުއްޓިފައި ހުރީ ޔުނިފޯމުގައި ހުރީ ކިބުރުވެރި އެކަމަކު ރީތިރީތި އެސްޕީއާ ދިމާއަށެވެ. އެސްފިޔަވެސް ޖަހައެއް ނުލައެވެ.

"އާޣާ ސާހިބް. އޭނާ ހުއްޓުވާ. އޭނާ އެ ދަނީ އަޅުގަނޑުމެންގެ ދަރިފުޅު ގޮވައިގެން." ފުލުހުން ފަވާދް ގޮވައިގެން ދާން ފެށީމާ މެހެތާބް އާޣާ ކަރީމްގެ އަތުގައި ހިފައި ތަޅުވައިގެންފައި ރޯން ފަށައިފިއެވެ.

އާޣާ ކަރީމް އަނގަޔަކުން ނުބުންޏެވެ. އެންމެ ފަހުން ވާހަކަ ދެއްކީ ޣަފްރާނެވެ. "ފަހަރި. ކެތް ކުރޭ. ހަވީރު ވާއިރަށް އިރާދަ ކުރެއްވިއްޔާ ފަވާދް ގެއަށް އަންނާނެ."

އާޣާ ކަރީމް ޖެހިލުންވެފައި ހުރެގެން ގޮވައިލިއެވެ. "އެސްޕީ ސާހިބް. މަޑުކުރައްވަބައްލަވާ."

ހުމާޔޫން ކާރާ ދިމާއަށް ފިޔަވަޅެއް އަޅައިފައި ހުއްޓިފައި އެނބުރި ބަލައިލިއެވެ.

"މި އަންހެން ކުއްޖާ ރޭގަނޑު ހަތަރުދަން ހޭދަކުރީ ގެއިން ބޭރުގައި. އަޅުގަނޑުމެންނަކީ އަބުރުވެރިން. އެހެންވީމާ މި މަންޖެ މިގޭގައި ނުބެހެއްޓޭނެ. އޭނާވެސް ގޮވައިގެން ވަޑައިގަނޭ."

މެހެމަލް ހުރިތާނގައި ހިރިވެސް ނުލައި ހުރީއެވެ.

"ނާ ތެދެއްތޯ؟" ހުމާޔޫން އެއް ބުމަ ހިއްލައިލިއެވެ.

މުސްރަތުގެ ލޮލުން އަނެއްކާވެސް ކަރުނަ ފައިބާން ފަށައިފިއެވެ.

"އާދެ." އާޣާ ކަރީމް ބޮޑާކަމާއެކު ހިނިތުންވެލިއެވެ.

"އެންމެ ރަނގަޅު. މެހެމަލް. ފުލުސް އޮފީހަށް ހިނގާ. މެހެމަލަކީ މި މައްސަލައިގެ ހެއްކެއް. އެންމެ ވަރުގަދަ ހެކިވެސްމެ. ފަވާދް ކަރީމް މުޅި އުމުރު ދުވަހަށް ޖަލަށް ކޮއްޕައިލާން ރަނގަޅު ވާނެ. އަހަރެން ހީކޮށްގެން ހުރީ ގޭގެ މައްސަލަ ގޭތެރެއިން ހަމަޖައްސައިލެވޭނެ ކަމަށް. އެކަމަކު އާޣާ ބޭނުންވެ ލައްވަނީ މުޅި ދުނިޔެއަށް މިކަން އަންގަވަން ކަމުގައި ވަންޏާ އަޅުގަނޑަކަށް މައްސަލައެއް ނެތް. ފަވާދް ގޭ ކުއްޖަކަށް ހަދައިލީ ގޮތް ދުނިޔެއަށް އިއުލާނު ކުރެވުނީމާ ވަރަށް ފައްކާ ވާނެ. ހެކިބަސް ދޭން ހުރި ކުއްޖާ ގޮވައިގެން އަޅުގަނޑު ހިނގައިދާނަން. އަޅުގަނޑު އޭނާ ގޮވައިގެން ހިނގައްޖެއްޔާ އޭނާ ރުއްސައިގެން ވާހަކަ ދައްކައިގެން މައްސަލަ ހަމަޖެއްސުމުގެ ފުރުސަތެއް އާޣާއަކަށް ލިބިއެއް ނުލައްވާނެ. ފަވާދަކަށް ޖަލުން ނުއެއް ނުކުމެވޭނެ... ހިނގާ މެހެމަލް..."

"ނޫނޭ... އެސްޕީ ސާހިބް. މެހެމަލަކީ އަޅުގަނޑުމެންގެ ދަރިއެއް. ބޭބެ ރުޅި ދުރުވެގެން ބުނުއްވި އެއްޗެއް އެއީ. ރޭ އެމަންޖެ ހުރީ ފުލުހުންގެ ރައްކާތެރިކަމުގައި ނޫންތޯ؟ އެހެންވީމާ ހުންނާނީ ސަލާމަތުންކަން އަޅުގަނޑުމެންނަށް ޔަގީން." ޣަފްރާން އަވަސްއަވަހަށް ބުނެލިއެވެ.

"ޔަގީން ނުވިޔަސް އަޅުގަނޑުމެންނަކަށް މައްސަލައެއް ނެތް. މެހެމަލް ރޭ ހުރީ އަންހެނުންގެ މިސްކިތެއްގައި. ސަލާމަތުން، ރައްކާތެރިކަމާއެކު. އަޅުގަނޑުގެ ކޮއްކޮއަކީ އެ މިސްކިތުގައި ކިޔަވައިދޭ މީހެއް." ހުމާޔޫން އާޣާ ކަރީމާ ދިމާއަށް ބަލައިލާފައި "ކޮއްކޮއެއް" މި ލަފުޒަށް ތަންކޮޅެއް ބާރު ލައިފައި ބުނެލިއެވެ.

މެހެމަލް އަދިވެސް ހަމަ ހުރިތާގައި ހުރީއެވެ. އާޣާ ކަރީމް ދެއްކި ވާހަކަ ހަމަ އެ ގޮތަށް ދެއްކީ ބާވައޭ އޭނާގެ ހިތަށް އެރިއެވެ. އެއީ ގަބޫލު ކުރަން ދަތި ވާހަކައެކެވެ.

ފުލުސް ކާރު ދޮރާށިން ނުކުމެއްޖެއެވެ. ޣަފްރާން ފޯނުން ކޮންމެވެސް މީހަކަށް ގުޅޭތޯ މަސައްކަތް ކުރާން ފަށައިފިއެވެ.

މެހެތާބް އަޑުންއަޑު ނަގައި ރޯން ފަށައިފިއެވެ. "ހުރިހައި ކަމެއް މި ލައިގަތީ މިހިރަ ސުންޕާ ޑައިނަކާ ހެދި. އާޣާ ސާހިބް. އޭނާ ހަމަ މި ވަގުތު ގެއިން ނެރެލައްވާ. އެހެރީ އަޅުގަނޑުމެންގެ ދަރިފުޅުގެ ދުވަސް ދުއްވައިލާފައި. ބަފަޔާ އެކީ މަރުވިނަމަ..."

މެހެތާބް މެހެމަލާ ދިމާއަށް އަތް މަޅައިގެން ހިނގައިގެންފިއެވެ. އެކަމަކު ޙަސަން ދެމެދަށް ވަދެއްޖެއެވެ. "ކުޑައަންމާ. ކީއްކުރަން ތިޔަ އުޅެނީ؟" ޙަސަން މެހެތާބްގެ ދެ އަތުގައި ހިފަހައްޓައިފިއެވެ. "އަންހެން ކުއްޖަކު ބުނެލާ ބަހަކަށް ފަވާދް ކަހަލަ މީހަކު ހައްޔަރު ކުރުމުގެ އަމުރެެއް ނެރެފާނެތަ؟"

"އޭނާ އެހަދަނީ ދޮގު. އަހަރެން އޭނާ މަރައިލާނަން."

"މެހެމަލް. އެތެރެއަށް ވަދޭ." ފިޒާ މަޑުމަޑުން މިހެން ބުނެލީމާ އޭނާ ސިހިފައި އެތެރެއަށް ވަންނާން ހިނގައިގެންފިއެވެ.

ފިޒާއާއި ނާޢިމާއާ ދެމީހުން މާނައިން ފުރިފައިވާ ގޮތަކަށް އެކަކު އަނެކަކާ ދިމާއަށް ބަލައިލިއެވެ. އާޣާ ކަރީމްވެސް ބޭރަށް ހިނގައިގެންފިއެވެ. މެހެތާބް ޙަސަންގެ އަތުގައި ހިފަހައްޓައިގެން ހުރެ ރޮނީއެވެ.

މެހެމަލް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ފެންޑާއަށް އަރައިފިއެވެ. މުސްރަތު މޫނު އަނބުރައިލީމާ މެހެމަލްގެ ހިތަށް ވަރަށް އަސަރު ކުރިއެވެ.

"މަންމާ..."

"އޭތް... މެހެމަލް." އާރްޒޫ އޭނާގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ. "އެ ރީތި ފުލުސް މީހާއަކީ ކާކުތަ؟"

"އެއީ ހުމާޔޫން. ހުމާޔޫން ދާވޫދް."

"ހޫނ... ނަންވެސް ވަރަށް ރީތި. އޭނާ އުޅެނީ ކޮންތާކު؟"

"ޖަހަންނަމައިގައި. އެޑްރެސް ބޭނުންތަ؟" އޭނާ މިހެން ބުނި ރާގުން އާރްޒޫ ރުޅި އައިސް ރަތް ވެއްޖެއެވެ. މެހެމަލް އޭނާގެ ކޮނޑުމަތީން އާރްޒޫގެ އަތް ފޮޅައިލުމަށް ފަހު އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

"ހުމާޔޫން ދާވޫދް..." އާރްޒޫ ހިނިތުންވެލިއެވެ.

* * *

އެތައް ދުވަހެއް ވާންދެން ގޭތެރެއަށް ހިމޭންކަން ވެރިވެފައި އޮތެވެ. ފަހަރަކު މީހެއް ގާތަށް ގޮސް މެހެމަލްގެ ދިފާއުގައި ވާހަކަ ދައްކާ މީހަކަށް ހުރީ ހަމައެކަނި ޙަސަނެވެ.

"ބޮޑުދައިތާ. މެހެމަލްގެ ބަދަލުގައި މި ދިމާވީ ކަމެއް ދިމާވީ އާރްޒޫއަށް ނަމަވެސް ކަންތައް ކުރީހީ ތިޔަހެންތަ؟" ޙަސަން ނާޢިމާއާ ދިމާއަށް ބުނެލިއެވެ.

މެހެމަލް އޮތީ ފެންޑާގައި ހުރި ގޮނޑިއެއްގައި އޮށޯވެގެންނެވެ. ޙަސަންމެން ތިބީ ބަގީޗާ ތެރޭގައެވެ. އެމީހުން ދައްކާ ވާހަކަ އޭނާއަށް ރީތިކޮށް އަޑުއިވެއެވެ. އޭނާ ތެދުވެގެން ބޭރަށް ނުކުމެއްޖެއެވެ.

"ޙަސަންބޭ. ގޭ މީހުންގެ ކުރިމަތީގައި އަހަރެން ދިފާއުކޮށް ވާހަކަ ދައްކާނެ ކަމެއް ނެތް." އޭނާ މިހެން ބުނިލެއް ބާރުކަމުން އެންމެނަށްވެސް ލިބުނީ ބޮޑު ސިހުމެކެވެ.

"މެހެމަލް..."

"އެމީހުން ބޭނުން ވަނީ އަހަރެންގެ އަބުރު ނަގައިލާން ކަމަށް ވަންޏާ އެކަން ވިޔަދީ. އަހަރެންގެ މައްސަލައެއް ނެތް. ބޮޑު ވަރަކަށް ވާނީ އަހަރެންގެ އަބުރު ގެއްލުމެއްނު؟ އަބުރު ގެއްލުނީމާ ދެން ސަލާމަތް ކުރާކަށް އަބުރެއް ނޯންނާނެ. އެހެންވީމާ ކޯޓަށް ގޮސް ކަލޭމެންގެ ވާހަކަ ވަރަށް ރީތިކޮށް އެންމެންގެ ކުރިމަތީގައި ކިޔައިދޭނަން. ބަލަން ތިބޭތި."

މެހެމަލް ބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

މުސްރަތު އޭރު އުޅެނީ އެނދު ތަންމަތި އަޅާށެވެ. މެހެމަލް ވަން އަޑު އިވިފައި އިސް އުފުލައި ބަލައިލުމަށް ފަހު އަނެއްކާވެސް ކުރާން ހުރި މަސައްކަތާ ދިމާއަށް އެނބުރިއްޖެއެވެ.

"މަންމާ. މަންމަ ތިޔަ ހުންނަނީ އަހަރެން ދެކެ ރުޅި އައިސްފައިތަ؟" މުސްރަތު އަނގައިން ނުބުނީމާ އޭނާ ދެރަ ވެފައި އަހައިލިއެވެ.

މަންމަ ތަންމަތި އަޅައި ނިންމައިލުމަށް ފަހު ބޭރަށް ނުކުންނާން ހިނގައިގެންފިއެވެ.

"މަންމާ..." އޭނާއަށް މަންމަގެ ލޮލުން ކަރުނަ ފާއްދާލިތަން ފެނުނެވެ. "އަހަރެން ކުރީ ކީއް މަންމާ؟" އޭނާއަށް ރޮވިއްޖެއެވެ.

މުސްރަތު އެނބުރި ބަލައިލިއެވެ. "މެހެމަލް. ދަރިފުޅު ކަންތައް ކުރީ ރަނގަޅަކަށް ނޫން."

އެއީ އެތައް ދުވަހަކު އަނގައިން ނުބުނެ ހުރުމަށް ފަހު އޭނާގެ މަންމަ އަނގައިން ބުނި ފުރަތަމަ ފަހަރެވެ.

"މަންމާ..." އޭނާ މަންމަގެ ގާތަށް އަތުވެއްޖެއެވެ. "ފަވާދްބޭބެ އަހަރެން ގޮވައިގެން ކާށޭ..."

"އަހަރެން ދެނަހުރިން."

"ދެނަހުރިން... އެކަމަކު ޔަގީނެއް ނުކުރެވޭ ދޯ؟"

"ޔަގީންވެސް ކުރެވޭ."

"އެހެން ވެއްޖެއްޔާ މަންމަ އަހަންނާ ވާހަކަ ނުދައްކަނީ ކީއްވެގެން؟"

"އަހަރެން މި މީހުންގެ ޚިދުމަތުގައި އަޅެއްހެން އެތައް އަހަރެއް މި ހޭދަކުރީ ކޮންމެވެސް ދުވަހަކުން އަހަރެމެންނަށް ހައްގުވާ ގަދަރު ކޮށްފާނޭ ކަމުގެ އުއްމީދުގައި. އެކަމަކު އަހަރެންގެ ދަރިފުޅު އެމީހުންގެ ދަރި ހައްޔަރު ކުރުވައިގެން ކޯޓުގައި އެ ދަރިއާ ދެކޮޅަށް ހެކިބަސް ދޭން ދާން ތައްޔާރު ވަނީ... އަހަރެމެންގެ ދިރިއުޅުން މިހާރުވެސް މި އޮންނަނީ ދަތިކޮށް. ދަރިފުޅު ތިޔަ އުޅެނީ އިތުރު މުސީބާތެއް ކުރިމަތި ކުރުވާން." މުސްރަތު ހިނގައިގެންފިއެވެ.

މެހެމަލް ތެމިފައިވާ ލޮލަކުން އޭނާގެ މަންމަޔާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. އެޅޭ އެންމެ ކަތި ފިޔަވަޅަކުން މުޅި ދިރިއުޅުން މި ކަހަލަ ގޮތަކަށް ބަދަލު ވެގެން ހިނގައިދާނެއެކޭ ފަހަރެއްގައިވެސް އޭނާގެ ހިތަކަށް ނާރައެވެ.

* * *

އެހެން ހިތާމައިގައި އެތައް ދުވަހެއް ފާއިތު ވެގެން ހިނގައްޖެއެވެ. އެއް ދުވަހަކު ކުއްލިއަކަށް އޭނާގެ ޚިޔާލަށް އައީ އޭނާ ލައިގެން އައި ޢަބާޔާއާއި ޖިލްބާބާއި ފިރިހެން ކުރުތާއާއި ހަރުވާޅެވެ. އެހެންވީމާ އެ ތަކެތި ފަރިޝްތޭއާ ހަވާލު ކުރަން ދާން އޭނާ ނުކުމެއްޖެއެވެ.

އޭނާގެ ހިތަށް އެރިއެވެ. "ހުމާޔޫން ދާވޫދަކާ އަނގަޔަކުން ނުބުނާނަމެވެ. ފެނުނަސް ނުފެންނަ ކަމުގައި ހެދިގަންނާނީއެވެ. ހެދުންތައް ފަރިޝްތޭއާ ހަވާލު ކޮށްފައި އެނބުރި އަންނާނީއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.