ރޯދަމަޖާ: މަސްތުވާތަކެތީގެ ގެއްލުން

އަގުބޮޑު ޓައި

މީހަކު ފިހާރައަކަށް ވަދެފައި ސޭޓާ ސުވާލު ކޮށްލިއެވެ.

"މި ޓައި ވިއްކަނީ ކިހައި ވަރަކަށް-؟"

ސޭޓު ބުންޏެވެ.

"ހަތަރު ސަތޭކަ ރުފިޔާ އަށް-"

އެ މީހާ ޙައިރާން ވެފައި ބުނެލިއެވެ.

"އަސްތާ، ހާދަހާ އަގު ބޮޑު ޓައިއެކޭ-! ހަތަރު ސަތޭކަ ރުފިޔާ އަށް ވުރެ އަގު ހެޔޮކޮށް އެންމެ މޮޅު ބޫޓެއްވެސް ގަންނަން ލިބޭނެ-!"

ސޭޓު ބުނެލިއެވެ.

"އާދެ- ތިޔަ ވިދާޅުވީ ތެދުފުޅެއް- އެހެންވީމާ ބޫޓެއް ބައްލަވައިގެންފައި އޮފީހަށް ވަޑައިގަންނަވާ އިރު ކަރުފުޅުގައި އަޅުއްވާ-!"

ދަޢުވާ

ވަކީލު: އެންމެ ރަނގަޅު- އަހަރެން ކަލޭގެ ވަކީލެއްގެ ގޮތުގައި ކޯޓަށް ހިނގައިދާނަން- އެކަމަކު އަހަރެންގެ ފީ ބަރާބަރަށް ދޭންވާނެ-

މުވައްކިލު: މައްސަލައެއް ނެތް- އެކަމަކު އަޅުގަނޑުގެ އަތަކު ފައިސާއެއް ނެތް- އަޅުގަނޑުގެ އަތުގައި ވަރަށް އާ މޮޓަރު ސައިކަލެއް އެބަހުރި- އެންމެ ރަނގަޅުތޯ-؟

ވަކީލު: ރަނގަޅު ވާނެ- އެކަމަކު ޝަރީޢަތް ފެށުމުގެ ކުރިން ސައިކަލު ދޭން ވާނެ-

މުވައްކިލު: މައްސަލައެއް ނެތް- ހަމަ މިހާރުވެސް ސައިކަލު ދީފާނަން-

ވަކީލު: އެންމެ ރަނގަޅު- ދެން ބުނޭ- ކަލޭގެ މައްޗަށް އުފުލިފައިވާ ދަޢުވާ އަކީ ކޮބާ-؟

މުވައްކިލު: ސައިކަލެއް ވަގަށް ނެގި މައްސަލަ-

މަސްތުވާތަކެތީގެ ގެއްލުން

މަސްތުވާ ތަކެތީގެ ގެއްލުމާ މެދު ވާހަކަ ދައްކައި މަޝްވަރާ ކޮށް ޢާއްމުންނަށް މަޢުލޫމާތު ދިނުމުގެ ގޮތުން ބޭއްވި ބައްދަލު ވުމެކެވެ. މި ބައްދަލުވުމުގައި ކަމާ ބެހޭ މާހިރަކު ޢާއްމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަނީއެވެ.

"ތިޔަބޭފުޅުންނަށް އެނގިވަޑައިގަނޭތޯ-؟ މަސްތުވާ ތަކެތީގެ ސަބަބުން އަޅުގަނޑުމެންގެ ހަށިގަނޑުގެ ހުރިހައި ގުނަވަނަކަށް ގެއްލުން ލިބޭ ހަމައެކަނި އެތެރެހަށްޓަށް ގެއްލުން ވަނީއެއް ނޫން- ލޮލުގެ ފެނުމަށްވެސް ބަދަލު އާދޭ- އަޅުގަނޑު މިސާލެއް ދައްކަފާނަން- އެ ދިމާ ދުރުގައި އެ އޮތް ހަތަރު ކާރަށް ނިކަން ބައްލަވާލަ ބައްލަވާ- މަސްތުވާ އެއްޗެއްގެ ބޭނުން ކޮށްގެން ހުރި މީހަކަށް އެ ހަތަރު ކާރުވެސް ފެންނާނީ ދެ ގުނަ ގިނައިން-"

މި ހިސާބަށް ވާހަކަފުޅު ދިޔަ ތަނާ އަޑު އަހަން ތިބި މީހުންގެ ތެރެއިން މީހަކު ވަރަށް ބާރަށް ގޮވައިލިއެވެ.

"ސާހިބާ- އެ ތާނގައި އޮތީ ހަތަރު ކާރެއް ނޫން- ދެ ކާރު-!"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.