ޖަމީލަކީ މި ޒަމާނުގެ ބަހުރުވައިން ނަމަ ފަތްބޯ މީހެކެވެ. އެހެން ނަމަވެސް މިހާރު އެ ނަން ވެފައި ވަނީ އޭނާ އަށް ދެވިފައިވާ ވަނަމަކަށެވެ. މަސްތުވާ ތަކެތީގެ ބޭނުން ކުރާ މީހުންނަށް ފަރުވާ ދޭން ސަރުކާރުން އުފައްދަވާފައިވާ މަރުކަޒުން ފަރުވާ ދެއްވައިގެން އޭނާ ވަނީ ރަނގަޅު މީހަކަށް ބަދަލު ވެފަ އެވެ.
އަޅުގަނޑު މި ދަންނަވާ ޙާދިސާ ހިނގާފައި ވަނީ އޭނާ ރަނގަޅު ނުވާ ދުވަސްވަރު އެވެ. އެއީ މީގެ އަހަރު ތަކެއް ކުރީގެ ކަމެކެވެ.
ޖަމީލަށް ކޮންމެވެސް ކަހަލަ ބައްޔެއް ޖެހިގެން ހަސްފަތާލަށް ގެންދެވިއްޖެ އެވެ. އޭނާ ގެންދެވުނީ ރާއްޖެތެރޭގެ ރަށެއްގެ ހަސްފަތާލަކަށެވެ. ޑަކްޓަރަށް ދެއްކީމާ ހަސްފަތާލުގައި ބާއްވައިގެން ފަރުވާ ކުރަން ޖެހޭތީ ވޯޑެއްގައި ބޭއްވީއެވެ. އޭނާ އޮތް ވޯޑުގައި އެހެން މީހުން ވެސް ތިއްބެވެ.
ޖަމީލަކީ ކޮން ކަހަލަ މީހެއްކަން ނޭނގޭ މީހަކު އެ ހަސްފަތާލަކުވެސް ނެތެވެ. އެހެންވީމާ އޭނާގެ އަތު ޖެހޭ ހިސާބުގައި ބެހެއްޓުން މަނާ އެއްޗެހި ހުރެއެވެ. އޭގެ ތެރޭގައި ނިދާ ބޭސް، ކެއްސާތީ ބޯ ބޭސް ފަދަ އެއްޗެހި ހިމެނެއެވެ.
ކޮންމެ ކަހަލަ މީހަކަށް ވިޔަސް ގާތް ތިމާގެ މީހަކު ނެތް މީހަކު ނުހުންނާނެއެއް ނޫންތޯއެވެ؟ އެހެންވީމާ ޖަމީލަށް ގޮވައިލާން ހަސްފަތާލަށް އަންނަ މީހުންވެސް މަދެއް ނޫނެވެ. އޭގެ ތެރޭގައި އެއްބަނޑު، ތިމާގެ މީހުންނާއި ގާތް ރަޙްމަތްތެރިން ހިމެނެއެވެ. ގޮވައިލާން އަންނަ މީހުން އޭނާ އަށް ދޭން ވަރަށް ގިނަ ހަދިޔާ ގެނެއެވެ.
އެއް ދުވަހަކު އޭނާގެ ވަރަށް ގާތް މީހަކު އޭނާގެ ހާލު ދެކިލަން ހަސްފަތާލަށް އަތުވެއްޖެއެވެ. އޭރު އޭނާ ބާއްވައިފައި އޮންނަތާ ހަތަރު ދުވަސް ވެއްޖެއެވެ. އެ މީހާ އައިސް ދެއްކި ވާހަކައިގެ ތެރޭގައި ބޭނުން އެއްޗެއް އޮތްތޯ ސުވާލު ކޮށްފިއެވެ.
[އަހަރެން މިހެން އޮންނަ އިރު ވަރަށް ބޮޑަށް ގައި ކަހައެވެ. އެހެންވީމާ ދަތި ނޫނިއްޔާ ކޯލާވާޓަރު ފުޅިއެއް ގެނެސްދޭށެވެ.] ޖަމީލު ބުންޏެވެ.
އެ މީހާ ހަމަ އެ ދުވަހު ޖަމީލަށް ކޯލާވާޓަރު ފުޅިއެއް ގެނެސް ދީފިއެވެ.
ޖަމީލު ކޯލާވާޓަރު ފުޅި ހޯދީ އެއްގޮތަކަށް ވެސް ގައި ކަހާތީ، ގައިގައި އުނގުޅާކަށެއް ނޫނެވެ. އޭނާގެ މަގްސަދު އޮތީ އެހެން ގޮތަކަށެވެ. އެހެންވީމާ ދަނޑިވަޅު ބަލައިފައި ޖަމީލު ގޮސް ވަނީ ފާޚާނާ އަށެވެ. ފާޚާނާ އަށް ވަނީ އެހެން މީހަކަށް ނުފެންނާނޭހެން ފޮރުވައިގެން ކޯލާވާޓަރު ފުޅި ހިފައިގެންނެވެ.
ދިހަ ވަރަކަށް މިނިޓު ފަހުން ނުކުމެގެން އައީ ކަނަކު ޢިޝާ ނަމާދަށް ދާހެން، ކާލި އަޅަމުން، ހޫރެމުންނެވެ. އޭރު ކޯލާވާޓަރު ފުޅިއެއް އަތަކު ނެތެވެ. ފާޚާނާ އަށް ވަދެ އެ ފުޅި ހުސް ވާންދެން ބުއީއެވެ.
އެ އައި ގޮތަށް އައިސް އެނދަށް ވެއްޓިގެންފިއެވެ. އެކަމަކު އެރޭ އެއް ގޮތަކަށް ވެސް ނިދޭ ގޮތެއް ނުވި އެވެ. ހޫނު ވާން ފެށީ މާ ވަރަކަށެވެ. ޖަމީލު ބަލައިލީ އިރު އޭނާގެ އެނދާ ދިމާއަކަށް ފަންކާއެއްވެސް ނެތެވެ. ވޯޑުގައި ދެ ފަންކާ ހުއްޓެވެ. އެހެން ނަމަވެސް ދެ ފަންކާ ވެސް ހުރީ އޭނާ އޮތް އެނދާ ތަންކޮޅެއް ދުރުގައެވެ.
އިރާކޮޅުގެ ވަގުތަށް ވާތީ މީހުން ހިނގާބިގާވެ އުޅެއެވެ. އެހެންވީމާ ތަނަކަށް ނުކުންނާކަށް ވެސް ޖަމީލަކަށް ނުކެރުނެވެ. ކުރާހައިވެސް ކަމަކީ އިރު އިރުކޮޅާ ފާޚާނާ އަށް ގޮސް ގަޔަށް ފެން އެޅުމެވެ. އެކަމަކު ހޫނު ވާ ވަރުން ހޫނު ވެއެވެ. ވާނީވެސް އެހެން ނޫންތޯއެވެ؟ މިހާރު އެ އަރާ ހޫނަކީ އެތެރެ ހަށިން ނުކުންނަ ހޫނެއް ވިއްޔާއެވެ.
މި ހާލެއްގައި ޖަމީލު ތެޅިތެޅި އޮއްވާ މެންދަމުން އަލިވެ އެކެއް ޖަހައިފިއެވެ. ވޯޑުގައި ތިބި އެހެން ބަލި މީހުން ނިދައިފިއެވެ.
ޖަމީލު ތެދުވެ ބަލައިލީ އިރު ވޯޑުގެ އެންމެ ދޮރާ ކައިރީގައި ހުރި އެނދާ ދިމާވާ ގޮތަށް ފަންގިފިލާ ފަންކާއެއް އެބަ ހުއްޓެވެ. ކުއްލިއަކަށް މޮޅު ބުއްދިއެއް ކުރެވުމާއެކު އޭނާ ފުންމައިގެން ތެދުވެއްޖެއެވެ. އަދި އެނދުއެނދު ކައިރިއަށް ހިނގައި އެކަކުވެސް ހޭލާ އޮތްތޯ ބަލައިފިއެވެ. ނަސީބު ރަނގަޅު ކަމުން އެހީތެރިންގެ ގޮތުގައި ތިބި މީހުންނަށް ދާންދެން ތިބީ ނިދާފައެވެ.
ޖަމީލު ތެދުވެގެން ގޮސް ފަންކާޔާ ދިމާއަށް ހުރި އެނދާ ދިމާއަށް ބަލައިލިއެވެ. އެ އެނދުގައި މެދު އުމުރުގެ މީހަކު ނިދާފައި އޮތެވެ. އެ މީހާގެ އެހީތެރިއަކަށް އެއްވެސް މީހަކު ނެތެވެ.
ހަސްފަތާލުގެ އެނދުތައް ހުންނަނީ ފުރޮޅު ލާފައި ދުއްވޭ ގޮތަށެވެ. އެނދުގެ ނަންބަރު ޖަހާފައި ހުންނަނީ އެނދާ ދިމާއަށް ފާރުގައެވެ. ބަލި މީހާގެ މަޢުލޫމާތު ހުންނަ ލިޔުންތައް ހުންނަނީ އެނދުގެ ކައިރީގައި ހުންނަ ކުޑަވަރެއްގެ އަލަމާރިގަނޑެއްގެ މަތީގައެވެ.
ޖަމީލު ބަލާކަށް ނެތި އެނދު ކޮއްޕާފައި އޭނާގެ އެނދު ހުންނަ ތަނަށް ގެނެސްފިއެވެ. އަދި އޭނާގެ އެނދު ގެންގޮސް ފަންކާގެ ދަށުގައި ބަހައްޓައިފިއެވެ. އަދި އެ އެނދަށް އަރައި ހަމަ ޖެހިލައިގެން ނިދައިފިއެވެ. ހެނދުނު މައްސަލައެއް ޖެހިއްޖެއްޔާ މަޢާފަށް އެދޭނީއޭ ހިތައި ހިތް ހަމަ ޖައްސައިލީއެވެ.
ހެނދުނު ހަތެއް ޖެހި ތަނާ ނަރުހުންގެ ބަޔަކު އެ ވޯޑަށް އަތުވެއްޖެއެވެ. ފުރަތަމަ ވެސް އައީ ޖަމީލު އޮތް އެނދުގެ ކައިރި އަށެވެ. ކައިރީގައި ހުރި އަލަމާރިގަނޑުގެ މަތީގައި ހުރި ލިޔުންތައް ބެލުމަށްފަހު އެކަކު އަނެކަކާ ދިމާއަށް ބަލާފައި ވާހަކަ ތަކެއް ދައްކައިފިއެވެ. އަދި ޖަމީލަށް ގޮވާފައި ބުނެފިއެވެ.
[އޮޕަރޭޝަން ތިއޭޓަރަށް ދާ ގަޑި ޖެހެނީއެވެ. އެހެންވީމާ ހެދުން ބަދަލު ކުރަން ތެދުވާށެވެ.]
ޖަމީލަކަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އެހެންވީމާ މަޑު މަޑުން ތެދުވެއްޖެއެވެ.
[އޮޕަރޭޝަން ތިއޭޓަރަށް ދަނީ ކީއްކުރަން ހެއްޔެވެ؟]
[އޮޕަރޭޝަން ކުރާށެވެ. ބަނޑުގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ވާހަކަ ކުރިންވެސް އޮތީ ބުނެފައެއް ނޫން ހެއްޔެވެ؟]
ޖަމީލު މޫނުމަތީގައި ކޮކާ ބުރަން ފެށި ކަމުގައި އިހްސާސް ކުރެވުނެވެ. ކުޑަކޮށް ތުރުތުރު ވެސް އަޅަން ފަށައިފިއެވެ. ބަނޑު ފަޅައިލީމާ ވާނެ ގޮތް ހިތަށް ގެނެވުނީމާ ގަތް ބިރުން ލޮލުން ފެންވެސް އަތުވެއްޖެއެވެ.
ނަރުހުން ތައްޔާރުވާން ފެށީމާ ޖަމީލަކަށް ނުހުރެވުނެވެ. ކަންތައް ވީ ގޮތް ތެދު ބަހުން ކިޔައި ދީފިއެވެ. އެ ދުވަހު ޖަމީލުގެ ބަނޑު ފަޅައި ނުލަނީސް ސަލާމަތްވީ ހަމަ ކިރިޔާއެވެ.