(28 އޭޕްރީލް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ފާރިޝާގެ އަތްދޫކޮށްލުމަށްފަހު، އޭނާގެ މަންމަ ދެން ދަނީއޭ ބުނެފައި އެ ގެއާ ދިމާއަށް ތަންކޮޅެއް ބާރަށް ހިނގައިގެންފިއެވެ. މަންމަ ނުދާށޭ ބުނެ ފާރިޝާއަށްރޯންފެށުނެވެ. ގިސްލެވެން ފެށުނެވެ. އޭނާ ހުއްޓި ހުރެ ރޮނީއެވެ. އޭނާގެ މަންމަ ގޭގެ އަނެއް ފަރާތަށް ގޮސް، ލޯމަތިން ގެއްލުނީއެވެ. ގިސްލެވެނީއެވެ. ރޮވެނީއެވެ.
ކޮނޑުގައި މީހަކު އަތްޖައްސައިލައި ތަޅުވައިލިއެވެ. ލޯ ހުޅުވައިލައިފައި ބަލައިލިއިރު އޭނާއާ ދިމާއަށް ބަލަން ހުރީ ޢަލީއެވެ. ފާރިޝާ ވަނީ ދާހިއްލާ ފޯވެފައެވެ. މޫނު ވަނީ ކަރުނައިން ތެމިފައެވެ. ހިތުގައި ވަނީ އެކަނިވެރިކަމުގެ ބިރެވެ. އޭނާއަށް ފެނުނު ހުވަފެނުން ކޮށްފައިވާ އަސަރުން ޢަލީ އެތަނަށް އަންނަންޖެހުނު ގޮތާމެދު ޚިޔާލުކުރާހާ ހިއްވަރެއް ނެތެވެ. ޢަލީ އަހައިލިއެވެ.
"ހުވަފެނެއް ފެނުނީތަ؟"
ފާރިޝާ ބޯޖަހައިލައިފައި މަޑުމުން ތެދުވިއެވެ. މަންމައެއްގެ ކުލުނާއި ބައްޕައެއްގެ ލޯބި ނުލިބި ޅަދުވަސް ފާއިތުވެ، ޒުވާންކަމާ ކުރިމަތިލައި، ދިރިއުޅުމެއް ފަށަންޖެހޭ ދުވަސް އައުމުން، ހިތުގައި ފޮރުވިފައިވާ އަސަރުތައް މަޑުމަޑުން ހޭލަނީއެވެ. ފާރިޝާއަކީ ހިތްވަރުގަދަ ކުއްޖެކެވެ. އެހެންނަމަވެސް އޭނާއަށް ފެންނަ ހުވަފެންތައް ނުފެންނާނެ ގޮތަކަށް ކޮންޓްރޯލްކުރުމަކީ އޭނާއަށް ބާރުލިބިފައިވާ ކަމެއް ނޫނެވެ. ހަމަ އެގޮތަށް އޭނާ ވިސްނަން ބޭނުން ނޫން، އެހެންނަމަވެސް އޭނާއާ ވަކިނުވެ ސިކުނޑީގެ ކޮންމެވެސް ކަނެއްގައި ފޮރުވިފައިވާ ހިތާމަތަކަކީ، އޭނާގެ ބާރު ފޯރައިގެން އާލާވި ހިތާމަތަކެއް ވެސް ނުމެނޫންމެއެވެ.
މައިންބަފައިންގެ ލޯތްބާއި އޯގާތެރިކަމާއި އެމީހުންގެ އެހީގެ ދަށުން ބޮޑުވެފައިވާ މީހުންނަށް ފާރިޝާގެ "އެކަނިވެރިކަން" އިޙްސާސްކުރާކަށެއް ނުވެސް އެނގޭނެކަން ކަށަވަރެވެ.
ފާރިޝާ އަނގައިން ބުނާހިތެއް ނެތެވެ. ޢަލީ ހިތަށްއެރީ މަޖުބޫރުކުރުމެއްގެ ތެރެއިން، ފާރިޝާ ޢަލީއާ އިންނަންޖެހުމުން އެކަމާ ރޮއި ހިތާމަކުރާކަމަށެވެ. ޢަލީ ހިތަށް ހަމްދަރުދީ ވަނެވެ. އަދި މިގެއަށް ފާރިޝާ ގެނައި މީހަކީ މިއަދު ދުނިޔެއާ ވަކިވެފައިވާ ކަތީބުބޭގެ އެދުމާއި ޢަލީގެ އަނބިމީހާކަން ހަނދާންވުމުން ލަދުވެތިކަން ހިތަށް ވަނެވެ. އަމިއްލައަށް ބުނެލާގޮތަށް ބުންޏެވެ.
"އަހަރެން މަޖުބޫރުކޮށްގެން ފާރިޝާއާ އިންނާކަށް ނޫޅެން. ކުރިންވެސް އުޅުނު ގޮތަށް މިގޭގައި އުޅޭ. އަހަރެން ނެރެ އެއްލައެއް ނުލާނަން."
"މަޖުބޫރުކުރެއެކޭ އަހަރެން ނުބުނަން. ހުވަފެނުން މަންމައާ ވާހަކަދެއްކިން. މަންމަ އަހަރެން ބަހައްޓައިފައި ދިޔައީ. އެކަމާ ރޮވެނިކޮށް ހޭލެވުނީ."
"މިގޭގައި ފާރިޝާ އުޅެނީ ހިތްމަޖެހިގެން ދޯ؟"
"ހިތްމަޖެހޭ"
"އެހެންވީމާ ހިތާނަނުކުރޭ."
"ހިތާމައެއް ނުކުރަން."
"ދެން މި ބުނިހެން، އަހަރެން ބުނީތީ އަހަންނާ އިންނަން ނިންމާނެކަމެއް ނެތް."
"މަޖުބޫރެއް ނެތް. އަހަރެން މިހިރީ ޢަލީއާ އިންނަން. އެކަމަކު، އަހަރެން ކިޔަވަމުން ގެންދާނަން... އެއްބަސްތަ؟"
ގެއަށް މީހަކު ގެނެސްގެން ވެސް ކިޔެވިދާނެ."
"އެންމެ ރަނގަޅު."
ކުޅެން ތިބި ތިންކުދިންގެ ތެރެއިން ދޮށްޓަށް ހުރި ކުއްޖާ ކުޅެން ގެންގުޅުނު ދަނޑިބުރިން މެދުގައި ހުރި ކުއްޖާ ހަދައިފައިވާ ދޯނީގައި ޖެހުމާއެކު ފަރުމާނު ބިނދިއްޖެއެވެ.
އެ ދެކުދީންގެ ތަޅާފޮޅުން ފެށިއްޖެއެވެ. ވެލިޖެހުމުގެ ތެރޭގައި ކައިރީގައި އިން އެ ދެކުދީންގެ ކޮއްކޮގެ ލޮލަށް ވެލި ހިނގައްޖެއެވެ. އެ ކުއްޖާ ރޯންފެށިއެވެ. އޭނާއަށް އެހީވެދޭކަށް އޭނާގެ ބޭބެމެންނެއް ނޫޅެއެވެ. މި ކުދީންގެ ތަޅާފޮޅުން ބަލަން ދުރުގައި އިނީ ރަށަށް އަރުވާލައިފައިވާ މީހެކެވެ. އޭނާގެ ހިތަށް އަރައިފައިބަމުން ދިޔައީ އޭނާ ބޮޑުވަމުން އައި ދުވަސްވަރެވެ. ދޮށްޓަށް ތިބޭ އެއްބަނޑުއެއްބަފާ މީހުންގެ ފަރާތުން ލިބެންވީ އެހީތެރިކަން ނުލިބި، އެމީހުންގެ ފަރާތުން ލިބެމުން ދިޔަ އުނދަގޫތަކެވެ.
ގޭގެތެރެއިން އަންހެނަކު ހަޅޭއްލަވައިގަތެވެ. ރޯން އިން ކުއްޖާ ތެދުވެގެން އެ އަޑާ ދިމާއަށް ދާންފެށިއެވެ. އޭނާގެ ލޮލެއް ނުހުޅުވެއެވެ. މި 3 ކުދީންގެ މަންމަ ބަލަންހުރީ ހޮޅުއަށީގައި އިން ޒުވާނާއަށެވެ. އެއްވެސް އަސަރެއް ނެތް، އެއްވެސް އިޙްސާސެއް ނެތްގޮތެއްގައި، ކުދީންތައް ތަޅާފޮޅާތަން ބަލަން އެއިނީއެވެ.
ކުޑަދަރިފުޅުގެ ލޮލަށް ފުމެލަމުން އަންހެންމީހާގެ ހިތަށްއެރިއެވެ. މާލޭގެ މީހުންނަކީ އެހެން މީހުންނާ އަޅާލުން ކުޑަ، ރަޙުމް ކުޑަ ބައެކޭ ބުނާ ބުނުމަކީ ހަމަ ތެދެއްތާއެވެ. އޭނާގެ ފިރިމީހާއަކީ ފުރުޞަތު ނެގުމުގެ ބޮޑެކެވެ. އެހެންކަމުން އެރަށަށް އަރުވައިލި ހައިކަލް ނަމަކަށްކިޔާ ޒުވާނަކު އެގޭގައި ބަހައްޓަން ގެނައީއެވެ. އެރަށު މީހުންނަށް މި ހައިކަލަކީ ކާކުކަން ނޭނގުނަސް މިގޭގެ ވެރިމީހާއަށް މި ހައިކަލަކީ ކާކުކަން އެނގެއެވެ. އެއީ ރާނާ ގުރޫޕެއްގައި މަސައްކަތްކުރަން އުޅުމުގެތެރޭގައެވެ. އެހެންކަމުން މީނާ ސަލާމަތްވާ ދުވަހަކުން ލިބިދާނެ ފައިދާތަކެއް އޮވެދާނެކަމަށް ފެނިގެން، ކަތީބަށް ނަންގަނެގެން، މި ޒުވާނާ އެގެއަށް ގެނައީއެވެ.
އެ ދެކުދީންގެ މަންމަ އަންނަތަން ފެނިފައި، ތަޅާފޮޅަން ތިބި ދެކުދީން ދުވެ ހިނގައްޖެއެވެ. ހައިކަލާ ދިމާއަށް އެޗެއް ބުނަން އުޅެފައިމެ، އެ އަންހެން މީހާގެ ހިތަށް އެރިއެވެ. ރަށަށް މީނާ އަލީއެވެ. ބީރައްޓެހިކަމުން ފަރުވާލެއް ނުބަހައްޓާ މީހެކޭ ހީވަނީކަންނޭނެއެވެ. އެކަމަކު ރާބޮއި، އަފިހުން ދުންބޯ މީހުން ވަރަށް ރަޙުމްކުޑަވާނެއޭ ބުނާތީ އިވެއެވެ. އެކަމަކު، މިއިން މީހަކީ ނުލަފާ މީހެއްގެ ވައްތަރެއް ނުޖަހާ މީހެކެވެ.
ޝައްކެއް ނެތެވެ. އެންމެ ނުލަފާ އެންމެ ރަޙުމްކުޑަ އެންމެ މުނާފިޤު މީހުން ތިބެނީ ވަރަށް ރީއްޗަށެވެ. ބަލާބެލުމަށް، މަޢުސޫމްކޮށެވެ. އެކަން ގިނަ މީހުންނަކަށް ނޭގެއެވެ.
އަންހެންމީހާ އެނބުރިލައިފައި ދާތަން ފެނިފައި ހައިކަލް ހިތަށްއެރިއެވެ. އަހަރެންގެ މަންމައަކީ ވެސް ހަމަ މިކަހަލަ ރަށްފުށު އަންހެނެކެވެ. އެކަމަކު ހާދަ ކެތްތެރިއެވެ. ބައްޕަ ދެބަސްވިޔަސް ދުވަހަކުވެސް ދަރީންނާ ދިމާއަށް ހަޅޭއްލަވައެއް ނުހަދައެވެ. ހަމަ އެ ޚިލާލާ ގުޅިގެން ހިތަށްއެރިއެވެ. ފައިސާ ހުރިނަމަވެސް ދަރީންތައް އެގޮތް މިގޮތްވެ ދިޔައީވެސް އަދަބުދޭންޖެހޭ ކަންތައްތަކަށް އަދަބު ނުދިނީމާވެސް ތޯއްޗެކެވެ.
މި ޚިޔާލުގައި އިނދެފައި، ތެދުވެގެން އަތިރިމައްޗަށް ދިއުމަށްޓަކައި ހިނގައިގެންފިއެވެ. ރަށަށް ބީރައްޓެހިކަމުން ތަންތަނަށް ދާންވީ ގޮތެއް ނޭނގެއެވެ. ރަށަށް ބީރައްޓެހިކަމުން އަނގައިން ބުނެލާނެ މީހަކު ނުވެއެވެ. އިއްޔެ ބައްދަލުވި ދެ ޒުވާނުން ފެނިއްޖެނަމަ، ތަންކޮޅެއް ފޫހިފިލާނެއޭ ހިތަށްއެރިއެވެ. އެ ދެމީހުންނަކީ، ރިސޯޓެއްގައި ކޮޓަރިބަލަހައްޓަން އުޅޭ ދެމީހުންނެވެ. މަސްތުވާތަކެތީގެ މައްސަލައިގައި އަރުވާލާފައިވާ މީހެއްކަމަށް ވާތީއޭ ކިޔައިފައި ވަކި ވައްތަރެއްގެ ގޮތަކަށް ބަލާހެން ހީނުކުރެވޭކަން ހައިކަލަށް ޤަބޫލުކުރެވުނެވެ.
ހިނގަމުން ގޮސް ހަތަރުއަނގޮޅިއަކަށް ނިކުމެވުނުއިރު، ރަށުގެ ހަތަރުފަރާތު ގޮނޑުދޮށަށް ދިއުމަށް މިއިން ކޮންމެ މަގެއް ވެސް ރަނގަޅުވާނެކަން އެނގުނެވެ. އިރުހުރިގޮތުން ހިނގައިގައިތީ އިރުމަތީ ފަރާތަށެވެ. އޭނާއަށް ފެންނަނީ ނަމެއް ނެތް މޫނުތަކެކެވެ. ދިރުމެއް ނުވާ ގެތަކެކެވެ.
މީހުންތައް ކޮބައިބާވައެވެ. އަންހެނުން ވަލުގައިކަން ނޭނގެއެވެ. ފިރިހެނުން މަހަށްގޮސްފައިވަނީ ތޯއްޗެކެވެ. ޒުވާން ފިރިހެން ކުދީން ރިސޯޓްތަކުގައިކަމަށް ލަފާކޮށްލިއެވެ. ޒުވާން އަންހެންކުދީން މަދަރުސާއަށް ގޮސްފައިކަމަށް ވެދާނެއެވެ. މިކަހަލަ ރަށްރަށަށް ތަރައްޤީއޭ މިކިޔާ ކަންތައްތަކުގެ އަސަރު މާނަހުރި ގޮތެއްގައި ފޯރަން ހާދަ ދުވަހެއް ވާނެތާއޭ ހިތަށް އެރިއެވެ. އަދި ހަށިގަނޑުގެ އެތެރެއިން ތިމަން މިއީވެސް އެހެން ދުނިޔެއެއްގައި އުޅޭ މި މީހުންގެތެރެއިން އެކެއްކަމުގެ އިޙްސާސްތަކެއް އުފެދުނެވެ. މަންމައަކީ ވެސް ބައްޕައަކީ ވެސް ރާއްޖެތެރޭގެ މީހުންނެވެ.
އިރުވައިގެ ރޯޅިތައް މޫނުގައި ޖެހެންފެށިއެވެ. ހަށިފުރައި ނޭވާއެއްލިއެވެ. ދެއުކުޅުގައި އަތްވިއްދާލިއެވެ. އުދަރެހަށާއި ކަނޑަށާއި މޫދަށް ނަޒަރު ހިނަގައިލިއެވެ. މީހެއްގެ އަސަރެއް ނެތެވެ. ދުރުން ކަނިކަނިލާ އެންމެ ރަށެއް ނޫނީ ފެންނާކަށް ނެތެވެ. ދުއްވާ އެއްޗެއް ނުފެނެއެވެ. ރިޔަލެއް ވެސް ކުނބެއް ވެސް ނުފެނެއެވެ. ނަގާ ބޮޑެތި ރާޅުތަކާއި ރީތި މޫދާއި ހުދު ދޮންވެލިގަނޑު އުދަރެހުގައިވާ މަޑުނުލާއި ކަނޑުގެ ގަލަދުންކުލައާއި ގުޅިގެން ހޭޅީގެ ފެހި މަގޫގަސްތަކުގެ އޮފުއަރާ ފަތްތަކާއި އުޑުގައިވާ ސާފު ވިލާތަށް ހީވަނީ ތަމްސީލަކަށް ތައްޔާރުކޮށްފައިވާ ސްޓޭޖެއްގެ ފަސްމަންޒަރުހެންނެވެ. އެ ސްޓޭޖްގައިވާ ރަށުގެ ދޮންވެލިގަނޑުގައި ހުރީ އޭނާ އެކަންޏެވެ.
ވެލިގަނޑުމަތީ އިށީނދެއްޖެއެވެ. ގަހުން ވެރިފައިވާ ބައެއް ކާނިއޮށާއި މާތަކުން ދެތިން އެއްޗެއް ނަގައިގެން ބިންމަތީގައި ވަކި އެއްޗެއް ނޭނގޭ ކުރެހުމެއް އަޅަންފެށިއެވެ.
ތިޔައިނީ ކީއްވެފައިހޭ މީހަކު އަހައިލި އަޑަށް ފަހަތަށް އެނބުރި ބަލައިލިއިރު، އެއީ ރަށުއޮފީހުގައި އުޅޭ މީހެއްކަން އެނގިއްޖެއެވެ.
ކޮޅަށް ތެދުވެއްޖެއެވެ. ބިންމަތީގައި އަޅަމުން ގެންދިޔަ ކުރެހުން އެހުރި ގޮތަށް ބަހައްޓައިފައި، އައިމަގުން އެއްގަމަށް އަރައިގެން ހިނގައިގެންފިއެވެ. މިސްކިތްދޮށުން ލައިފައި ރަށުތެރެއަށް އަރަން ދިޔައިރު، ނަމާދަށް އަރާމީހުން މިސްކިތުގެ ވަޅުދޮށުގައި ވުޟޫކުރަން ތިއްބެވެ.
ޖެހިގެން އޮތް މަގަށް އަޅަމުން ފަހަތަށް ބަލައިލިއިރު، ވަޅުދޮށުގައި ތިބި އެންމެންހެން ތިބީ އޭނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެ ދައްކަނީ އޭނާގެ ވާހަކަކަމަށް ހީކުރިއެވެ. އެޅިމަގުން ތަންކޮޅަކަށް ނުދެވެނީސް ކުރިމަތީގައި ހުރި ގެއަކުން ނިކުތް ފުރާވަރުގެ ދެ އަންހެނުންކުދީން އޭނާއާ ދިމާއަށް ހިނގައިގެންފައިމެ ހުއްޓި އެކަކު އަނެކަކަށް ސިއްރުން އެއްޗެއް ބުނެފައި ހިނގައިގަތުމަށްފަހު، އެނބުރި ދުވަމުންގޮސް، ނިކުތް ގެއަށް ވަދެއްޖެއެވެ.
މި ފެންނަ ކަންތައްތަކުގެ ތަސްވީރު އަރަނީ މި ދާ މީހާގެ ލޮލަށެވެ. ހިތަށާއި ސިކުނޑުއަށް އެއްވެސް އެއްޗެއް ނާރައެވެ. ވިސްނަނީ ނުވަތަ ފިކުރުކުރެވެނީ ކޮންކަމަކާ ކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. އޭނާ ވަނީ ތަނަށް ބީރައްޓެހިވުމާއި މި އަރުވައިލުމުން ލިބުނު ކުއްލި ޝޮކްގައި މުޅިން ދީވާނާވެފައިކަން ވެސް ނޭނގެއެވެ.
ހައިކަލްއޭ މީހަކު ގޮވާލި އަޑު އިވިފައި ސިއްސައިގެންގޮސް ހުއްޓެވިއްޖެއެވެ. އެނބުރި ބަލައިލިއިރު އޭނާ ހުންނަ ގޭގެ ވެރިމީހާ މިއޮތް އަންނަނީއެވެ. ހަނދާންކުރަން އުޅެއުޅެވެސް އޭނާގެ ނަމެއް ހަނދާނެއް ނުވިއެވެ. އެމީހާ އައިސް އަރާ ހަމަކޮށްފައި ބުންޏެވެ.
(ނުނިމޭ)
ވަރަށް ކިޔާހިތްވާ ގޮތަކަށް ލިޔުއްވާފައިވާ ވާހަކައެއް. ސިފަކޮށްދިނުން ވެސް އެހައިމެ ފުރިހަމަ.