(14 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އެމީހަކު: "ފާރިޝާ! މިއީ ހައިކަލްގެ މަންމަ ޝަކީލާ. ހަމަ ގުޅައިލާހިތްވީ. ކިހިނެއްތަ ޙާލު."
ފާރިޝާ: "ޙާލު ރަނގަޅު. މި އުޅެންޖެހެނީ ކޯޓްގައި. ތިގޭގެ ނަންބަރެއް އަޅުގަނޑުގެ އަތަކު ނެތް."
ޝަކީލާ: "ނަންބަރު ބޯޓްކޮށްލާ."
ޝަކީލާ ފޯނު ނަންބަރު ކިޔައިދިނެވެ. ފާރިޝާ އެ ނަންބަރު ނޯޓްކޮށްލިއެވެ.
ޝަކީލާ: "ދެން ކޮން ދުވަހަކުންތަ މިގެއަށް އަންނާނީ؟"
ފާރިޝާ: "ބުނުއްވި ދުވަހަކުން. އަޅުގަނޑަކީ މާބޮޑު ކަމެއް އޮންނަ މީހެއް ނޫން. ހަމަ ހުންނަ މީހެއް."
ޝަކީލާ: "މާދަމާ މެންދުރު ކާން އާދެވިދާނެތަ؟"
ފާރިޝާ: "ލައްބަ. ދެވިދާނެ. ހައިކަލަށް އެނގިލައްވާނެތޯ؟"
ޝަކީލާ: "މަންމަ މިގެއަށް އަންނަން ބުނި ވާހަކަ ފާރިޝާ ހައިކަލަށް އަންގައިލާ."
ފާރިޝާ: "ލައްބަ!"
ޝަކީލާ: "އެހެންވީމާ މާދަމާ ދޯ؟"
ފާރިޝާ: "ލައްބަ"
ފޯނުން ދެކެވުނު ކުރު ވާހަކަކޮޅުން، ފާރިޝާއަށް އުފައުވެރިކަން އިޙްސާސްކުރެވުނެވެ. ހައިކަލްގެ މަންމަ ފާރިޝާއާ ގާތް ގުޅުމެއް ބާއްވަން ބޭނުންވަންޏާ، އެ އޮތީ ކުރިމަގު ސާފުވެފައިކަމުގެ ވިސްނުމެއް ފާރިޝާގެ ހިތަށް ވަނެވެ.
ފާރިޝާ ހިތަށް އެރިއެވެ. މިފަހަރު އެ ގެއަށްދާނީ ހަދިޔާ ވެސް ހިފައިގެންނެވެ. ހައިކަލްގެ ބައްޕައަށް ކަމުދާނެ އެއްޗަކާމެދު ވިސްނައިލިއެވެ. ހައކަލް ކުރެން އަހާކަށް ބޭނުމެއް ނޫނޭ ހިތަށްއެރިއެވެ.
އެ ވަގުތު ފޯނުވާން ފެށިއެވެ. ފާރިޝާ ފޯނު ގަނައި، ސަލާން ގޮވައިލިއެވެ. ފޯނުކުރި މީހާ ސަލާން ބަލައިގަތެވެ. އެއީ ހައިކަލެވެ.
ހައިކަލް އެއްޗެއް ބުނަން އުޅެފައި، ކިނބިއްސެއް އެޅި އަޑާއި ނޭފަތް ދަމައިލި އަޑު ފާރިޝާއަށް އިވުނެވެ.
ފާރިޝާ: "ރޯގާ ޖެހުނީތަ؟"
ހައިކަލް: "ސޮރީ! އެތެރެހަށި ކުޑަކޮށް ގޯސްވެލައިފައި ހުންނަނީ. ވެދާނެ ރޯގާ ކަމަށް ވެސް ދޯ؟"
ފާރިޝާ: "ވެދާނެ. ވިޓަމިން ސީ ގުޅައެއް ބޭނުންކޮށްލަބަލަ. އާން! މަންމަ ފޯނުކުރެއްވި. މާދަމާ މެންދުރު ކާން އަންނާށޭ ބުނުއްވި."
ހައިކަލް: "އެހެންތަ؟ އަހަރެން ދަންތަ ބަލާ."
ފާރިޝާ: ނޫން. އަހަރެން ހިނގައިދާނަން. މެންދުރު ގެއަށް ދާނަން ދޯ؟"
ހައިކަލް: "ފާރިޝާ ދަންޏާ އަހަރެން ހުންނަންޖެހޭނެ، ނޫންތަ؟ އެކަމަކު މަންމަ އަހަރެންގެ ގާތަކު ނުބުނުއްވާ."
ފާރިޝާ: "އެ ވެދާނެ މަންމަ ކޮންމެވެސް ވާހަކައެއް ދައްކަވަން އުޅުއްވަނީ ކަމަށް ވެސް. އެހެންވީމާ ކަންނޭނގެ."
ހައިކަލް: "އެހެންވިޔަސް އެންމެ ރަނގަޅު. އަހަރެން ގޭގައި ހުންނާނަން. ފާރިޝާމެންނާއެކު ކެއުމުގައި ބައިވެރިވެލައިފައި އަހަރެން އޮފީހަށް އަންނާނީ. އޯކޭތަ؟"
ފާރިޝާ: "އާން! އެންމެ ރަނގަޅު. މިހާރު ޝަރީޢަތުގެ ކަންތައް ކިހިނެއްތަ؟"
ހައިކަލް: "އޮފީހަކުން ނުގުޅާތަ؟ އަހަރެން ހީކުރީ އަންގައިފައި އޮންނާނެ ކަމަށް. ހޯމަދުވަހު 11 ޖަހާއިރު ޝަރީޢަތް އޮންނާނެ. ތައްޔާރު ދޯ."
ފާރިޝާ: "އަހަރެންގެ ވަކީލު ތައްޔާރަށް ހުރިއްޔާ އަހަރެން ހުންނާނީ ތައްޔާރަށް."
ހައިކަލް: "ކަނޑާލަނީ އިނގޭ. މާދަމާ މެންދުރު ގޭން ބައްދަލުވާނެ."
ފާރިޝާ ޓެކްސީއެއްގައި ހައިކަލްގެ ގެއަށް ގޮސް ވަންއިރު، ހައިކަލްމެންގެ މަންމަ ޝަކީލާ ހުރީ އިންތިޒާރުގައެވެ. ފާރިޝާ ފެނުމާއެކު އައިސް ބައްދައިލައި، ފާރިޝާގެ ދެކޮލުގައި ބޮސްދިނެވެ. ފާރިޝާ ހިތަށް އެރިއެވެ. މިއީ ހާދަ ރަނގަޅު އަންހެނެކެވެ. އެކަނިވެރި އަންހެނުންގެ އިހްސާސްތައް ދަންނަ މީހެކެވެ.
ފާރިޝާ: "ހައިކަލް އެބަ އުޅުއްވާތޯ؟"
ޝަކީލާ: " ނޫޅޭ. އޭނާ މެންދުރަކު ނާންނާނެ."
ހައިކަލް އައްސަލާމް ޢަލައިކުމް އޭ ގޮވައިލައި ގެއަށް ވަދެގެން އެ އަންނަނީއެވެ. ހައިކަލްގެ މަންމަ ހިނިތުންވެލިއެވެ. ހިތަށް އެރިއެވެ. އަހަރެން ނުބުންޏަސް މި ދެމީހުން އެކަކު އަނެކަކަށް ޚަބަރުކޮށް ހަދަނީތާއެވެ.
ޝަކީލާ: "ދަރިފުޅާ، ކިހިނެއް؟ ކައިގެން ދޯ ދާނީ. ފާރިޝާ ގާތު ބުނެގެން މި ގެނުވީ. މީނާގެ ބީރައްޓެހިކަން ފިލާކަށް ނޫޅެންޏަ."
އެހެން ބުނެ ޝަކީލާ، ފާރިޝާގެ ކޮނޑުގައި ހިފައިލައި ގަޔާއި ގާތްކޮށްލިއެވެ.
ހައިކަލް: "މި އައީ ފާރިޝާ މިގެއަށް ކާން އަންނަ ވާހަކަ ބުނެފައި އޮތީމަ."
ޝަކީލާ: "ވަރަށް ރަނގަޅު އައިކަން! ބައްޕަ ވީ ރިޒޯޓްގަ."
ހައިކަލް: "މަންމާ! އަހަރެން ވެސް ކައިލައިގެން ދާންޖެހޭ. ކާން ހަދައިފިންތަ؟"
ޝަކީލާ: "އާން! އެކަން ހުރީ ތައްޔާރަށް. ހިނގާ."
ހައިކަލް: "ފާރިޝާއާ މެދު ދައުލަތުން ކުރައްވާ ދަޢުވާ ހޯމަދުވަހު އެބަ ފަށާ."
ޝަކީލާ: (ފާރިޝާއާ ދިމާއަށް ބަލައިލައިފައި) "ތިޔަ ހުރީ ތައްޔާރުވެގެންތަ؟"
ފާރިޝާ: "ތައްޔާރުވެލައްވާނީ އަޅުގަނޑުގެ ވަކީލު ނޫންތޯ؟ އަޅުގަނޑު ހައިކަލަށް ވަރަށް އިތުބާރުކުރަން."
ހައިކަލް: "ޝުކުރިއްޔާ."
ތިން މީހުން ކާން ތިބެގެން ވެސް ދެއްކީ ޝަރީއަތުގެ ވާހަކައެވެ. ހައިކަލް ތަންކޮޅެއް އަވަސްކޮށްލައިގެން އޮފީހަށް ދާންޖެހޭ ވާހަކަ ބުނެފައި ހިނގައްޖެއެވެ.
ޝަކީލާ: "ފާރިޝާ ގެންނަ ވާހަކައެއް ހައިކަލް ގާތަކު ނުބުނަމޭ. ހިތްހަމަނުޖެހިފައިކަން ނޭނގެ އެ ހުރީ."
ފާރިޝާ: "އަޅުގަނޑަކަށް ހިއެއް ނުވޭ. ހައިކަލަކީ ކަންކަމާމެދު ވަރަށް ފުންކޮށް ވިސްނާ މީހެއް."
ޝަކީލާ: "އޭނާއަށް ހީވާނެ އޭނާ ގާތު ނުބުނެ ފާރިޝާ ގެނައީ ކޮންމެވެސް ވާހަކައެއް ދައްކާށޭ."
ފާރިޝާ: (ޝަކީލާގެ މޫނަށް ބަލައިލައިފައި) "ހަމަ އެހެންތަ؟"
ޝަކީލާ: "ފާރިޝާ ފުރަތަމަ ފެނުނު ދުވަހުންސުރެ އަހަރެންގެ ހިތް ބުނަނީ، ތިޔައީ ހަމަ މިގޭ ކުއްޖެކޭ. ހައިކަލް ފާރިޝާއާމެދު... "
ޝަކީލާގެ ވާހަކަ ހުއްޓައިލައިފިއެވެ. ކުޑަކޮށް ފެންކަޅިވެލައިފައި އިސްދަށަށް ޖަހައިލިއެވެ. ފާރިޝާއަށް ވިސްނިގެން ތެދުވެގެން ގޮސް، ޝަކީލާގެ ގާތުގައި ހުއްޓިފައި، އޯގާތެރިކަމާއެކު ފިރުމައިލިއެވެ.
ފާރިޝާ އިތުރު އެއްޗެއް އޮޅުންފިލުވާކަށް ބޭނުމެއް ނުވެއެވެ. މަޔަކު ދަރިޔަކާމެދު ކުރާނެ ފިކުރުތައް ފާރިޝާގެ މަންމަގެ ޅެންތަކުން ފާރިޝާއަށް ވަނީ ވަކިވަރަކަށް ދަސްވެފައެވެ.
ޝަކީލާ: "އަހަރެމެން ދެމަފިރިން ވެސް މި ދަނީ ދުވަސްވަމުން. ހުރި އެންމެ އަންހެން ދަރިފުޅު ކިޔަވަން ދިޔަގޮތަށް އެ އުޅެނީ ބޭރު މީހަކާ އިނދެގެން ބޭރުގައި. އަހަރެން ވަރަށް ބޭނުން ހައިކަލް މީހަކާ އިނދެގެން އަމިއްލަ ޢާއިލާއެއް ހޯދަން. އެހެންވީމާ ދެރަވަނީ."
ފާރިޝާ: "އަޅުގަނޑަށް ހީވަނީ ހައިކަލަށް ވެސް މަންމަގެ އިޙްސާސްތައް އެނގިލައްވާހެން."
ޝަކީލާ: "ފާރިޝާ އަހަރެން ބޭނުމެއް ނޫން ކޮންމެ ކޮންމެ ކުއްޖަކާ އޭނާ އިންނާކަށް ވެސް. އަހަރެން ބޭނުމީ ގޮތް ހުރި މަޑުމޮޅި އޯގާތެރި ކުއްޖަކާ އިންނަން. އޭނާ ގެންގުޅެން ދަންނަ ކަހަލަ ކުއްޖަކާ އިންނަން."
ފާރިޝާ: "އެވަރުގެ ނިންމެވުމެއް ނިންމަވަން ހައިކަލަށް އެނގިލައްވާނެ. މައިންނަށް ދަރިން ބޮޑެއްޗެއް ނުވާނެ. މަންމައަށް ވެސް ތިޔަވަނީ އެހެން. ހައިކަލަކީ ވަރަށް ވިސްނުން ރަނގަޅު ހަރުދަނާ މީހެއް."
ޝަކީލާ: "ފާރިޝާއަށް އެނގޭ ދޯ އޭނާއާ ކުރިމަތިވި ޑުރަގުގެ މައްސަލަ. އަނެއްކައިވެސް އެކަމުގެ ތެރެއަށް ނުވަދެ، ބަލަހައްޓާނެ ކަހަލަ އަންހެނަކާ އޭނާ އިންނާނެ ނަމައޭ ހިތަށް އަރަނީ. ތެދަށް ބުނަންޏާ އަހަރެން ބޭނުންވަނީ ފާރިޝާއާ އޭނާ ކައިވެނިކުރަން. އެ ވާހަކަ ދައްކައިލަން މިއަދު އަންނާށޭ ބުނީ."
ފާރިޝާގެ ހިތަށް އަސަރުކުރިއެވެ. އަންހެނަކު އެހެން އަންހެނެއްގެ މައްޗަށް އެހައި އިތުބާރުކޮށްފާނެ ކަމަކަށް ކުރީން ފާރިޝާއަށް ހީކުރެވިފައެއް ނެތެވެ. އެހެންކަމުން، އުފައުވެރި ހިއްތަދިވުމެއް ފާރިޝާއަށް އިޙްސާސްކުރެވުނެވެ. އަދި އިޚްތިޔާރަކާ ނުލައި، ހައިކަލްގެ މަންމަގެ ގާތަށް ޖެހިލައި ހައިކަލްގެ މަންމަގެ ގައިގައި ބައްދައިލިއެވެ.
ޝަކީލާ ފާރިޝާގެ އަތުގައި ހިފައިގެން ތެދުވެގެން ގޮސް ޝަކީލާގެ ކޮޓަރިއަށް ވަނެވެ. އަދި ލޯ ފުހެލައިފައި ފާރިޝާގެ ލޯ ފުހެލަދިނެވެ.
ޝަކީލާ: "އެއްޗެއް ހީނުކުރާތި. ވަރަށް ކުރުކޮށް އަހަރެން ހިތުގައި އޮތް އެތި މި ބުނީ."
ފާރިޝާ: "އަޅުގަނޑުގެ މައްޗަށް ތިޔަހާ ބޮޑު އިތުބާރެއް ކުރެއްވި ކަމީ، ހައިކަލްގެ މަންމަގެ ހިތް އަޅުގަނޑާމެދު ސާފުކަން."
ޝަކީލާ: "އެހެންވީމާ މި ހުށަހެޅުން ޤަބޫލުކުރަން ދޯ."
ފާރިޝާ: "މަންމާ! ތިޔަފަދަ ނިންމެވުން ނިންމެވުމަކީ ހައިކަލްގެ ކަމެއް. ކުރެވޭ ކުށެއްގެ ތުހުމަތުން އަޅުގަނޑު ސަލާމަތްކޮށްދެއްވުމުގެ މަސައްކަތް ހައިކަލް އެ ކުރައްވަނީ. ހަނދާން އެބަހުރިތޯ، ފުރަތަމަ ކާން މިގެއަށް އައި ރޭ؟ އެ ރޭ ބައްޕަ ބުނުއްވިއެއް ނޫންތޯ، ހައިކަލްގެ ސައިކަލްގެ ފަހަތުގައި އަޅުގަނޑު ގެންދާކަށް ރަނގަޅެއް ނޫނޭ. އެއީ ވަރަށް ރަނގަޅު ވާހަކައެއް. އަޅުގަނޑުމެން ދެމީހުން ވެސް ހައިކަލްގެ ޝަރަފާއި އަގަށް އިޙްތިރާމް ކުރަންވާނެ. ހައިކަލް ތިޔަފަދަ ހުށަހެޅުމެއް ހުށަހަޅުއްވައިފިނަމަ، އަޅުގަނޑު ވަރަށް އުފައުވާނެ."
ޝަކީލާ: "އޭނާ ފާރިޝާއާ މެދު ވިސްނާކަން އެނގޭ. ފިކުރުކުރާކަން އެނގޭ. ދައްކާ ވާހަކައިން އޭނާގެ ހިތުގައި ކޮންމެވެސް ޚާއްޞަ ކަމެއް ފޮރުވިފައިވާކަން އިޙްސާސްކުރެވޭ."
ފާރިޝާ: މަންމަ ވިސްނެވިންތޯ އަޅުގަނޑާ މެދު. އަޅުގަނޑު މިއީ ކާކުތޯ؟ ގެއެއްގައި ގެންގުޅެން ގެނައި ބީރައްޓެހި ކުއްޖެއް. މީހަކާ އިނދެ، ހައްޔަރުގައި އިނދެ، ހައްޔަރުން ނެއްޓި، ފިރިމީހާއަށް ވިހައެއް ލައިގެން އޭނާ މަރައިލިކަމުގެ ތުހުމަތު އެޅިފައިވާ އަންހެނެއް. މިއީ ޙަޤީޤަތް. މި ޙަޤިޤަތް ޤަބޫލުކުރަންޖެހޭނެ. މިކަންކަމާ ހައިކަލް ވެސް ވިސްނަވާނެ. އަޅުގަނޑަށް ވެސް އެނގޭ ހައިކަލްގެ ހިތުގައި އަޅުގަނޑާމެދު ޚާއްޞަ ގޮތެއް އޮންނަކަން. ހަމަ ގައިމު ވެސް ހައިކަލް ދެކެ އަޅުގަނޑު ވަރަށް ލޯބިވަން. އޭނާއަކީ މާޒީ ކޮންމެ ގޮތަކަށް އޮތަސް ވަރަށް ހިތް ސާފު ރަނގަޅު މީހެއް.
ޝަކީލާ: "އޭނާ ގާތު ބުނިންތަ، ފާރިޝާ އޭނާ ދެކެ ލޯބިވާ ވާހަކަ؟"
ފާރިޝާ: "އަޅުގަނޑުމެންގެ އޮންނަނީ ވަރަށް ޒިންމާދާރު ގުޅުމެއް. އެހެންވީމާ އެ ފަދަ އަމިއްލަ ވާހަކައެއް ނުދައްކަން."
ފާރިޝާ ހިތަށް އެރިއެވެ. ހައިކަލް ފާރިޝާ ދެކެ ލޯބިވާކަމަށް ބުނެފައިވާކަން ހައިކަލްގެ މަންމަ އަށް މި ސިއްރުކުރެވުނީ ކޮން ސަބަބަކާ ހުރެ ބާވައެވެ؟ ހައިކަލްގެ ސަޚުސިއްޔަތު ދިފާޢުކޮށްދިނުމަށް ބާވައެވެ؟ ނޫނީ... ނޫނީ ލޯބިވަމޭ ބުނިނަމަވެސް އެއީ ކައިވެންޏަކާ ހިސާބަށް ދާވަރަށް ލޯބިވާ ވާހަކަ ކަމެއް ސާފުކޮށް ނޭނގޭތީބާވައެވެ؟
ފާރިޝާ ހައިކަލްގެ ގެއިން ނިކުމެގެން އައީ ކުރިމަތިން ފެންނަ ބަނަ ކުރިމަގު ސާފުވާއިރު ފާރިޝާއަށް އެދިގެން ހައިކަލް ހުންނަތަން ފެންނާނޭ ކަމަށް ކުރެވޭ އުފައުވެރި އުންމީދެއްގެ ފޮނިރަހަ ކަރުތެރެއަށް ފޭދެން ފަށައިފިކަހަލަ މިޒާޖެއްގައި ހުރެގެންނެވެ. ޙަޤީޤަތުގައި ވެސް ފާރިޝާ ވަރަށް އެކަނިވެރިއެވެ. އޭނާގެ ޙަޔާތް ވެއަތުކުރުމަށްޓަކައި ހަރުދަނާކޮށް ހިފަހައްޓައިދޭނެ އެއްވެސް ވަލެއް އޭނާއާ ގުޅިފައެއް ނެތެވެ. ހިތާމައަކީ އެއީއެވެ. އެކަނިވެރިކަމެވެ. ޢާއިލާއެއް ނެތްކަމެވެ. ބައިވެރިޔަކު ނެތްކަމެވެ.
ގެއަށް އައިސް ނުވަންނަނީސް ފޯނު ރަނގަބީލުވާ އަޑުއިވިއްޖެއެވެ. އަވަސްއަވަހަށް ގޮސް ފޯނު ނެގިއެވެ. ގުޅީ ޚާލިދު ދީދީއެވެ.
ފާރިޝާ: "ބޭބޭ! ކިހިނެއްތޯ؟"
ޚާލިދު ދީދީ: "ބޭބެ ރަނގަޅު. މި ގުޅީ ވަރަށް އުފައުވެރި ޚަބަރެއް ދޭންވެގެން"
ފާރިޝާ: "އަވަހަށް ވިދާޅުވޭ."
ޚާލިދު ދީދީ: "ކޮއްކޮގެ ތިޔަ ބޮޑު ދަޢުވާ މަޑުމަޑުން ހުލިވެގެން ހިނގައިދާނެ. ބޭބެ ބެލިބެލުމުން އެކަން ޔަޤީނާ ގާތަށް އެނގޭ. މި ބުނާ އެއްޗެއް ދޮގެއް ނުވާނެ. މާތް ﷲ އަށް ދުޢާކުރޭ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ހިނދިގެން ހިނގައިދާނެ."
ފާރިޝާ ހުރީ ޙައިރާންކަމެއްގެ ތެރޭގައެވެ. ބޭބެ އެ ވިދާޅުވާ އެއްޗެއްގެ ތެދުދޮގާމެދު ޝައްކު އުފެދިފައެވެ. ފާރިޝާ ބުންޏެވެ.
ފާރިޝާ: "ކިހިނެއްތޯ އެނގިވަޑައިގަތީ؟"
ޚާލިދު ދީދީ: "ބޭބެއަށް އެނގޭ ފޯނުކުރިއިރު ވެސް، ކޮއްކޮއަށް ޤަބޫލުނުކުރެވޭނެކަން."
ފާރިޝާ: "އަޅުގަނޑު ޤަބޫލުނުކުރާކަށް ނޫން."
ޚާލިދު ދީދީ: "ކޮއްކޯ ބުނަންތަ ރަނގަޅު ވާހަކައެއް. ބޭބެ ސަމާސާކުރަނީއެއް ނޫން. ވަރަށް ސީރިއަސްކޮށް ބުނި ވާހަކައެއް މިއީ. ތިމާ ހިތްއެދޭގޮތަށް ވިސްނުން ބެހެއްޓުމަކީ، ކަންކަން ތިމާގެ ކޮޅަށް ފަހިވެގެން އަންނާނެ ކަމެއް. ހިތުގެ އަޑިން ކޮއްކޮ ޤަބޫލުކުރަންވީ ބޭބެ މި ބުނީ ތެދެއްކަމަށް. ޝައްކެއް އޮވެގެން ނުވާނެ. އެ ޔަޤީންކަމާއެކު، ﷲ އަށް ދަންނަވަންވީ މިވެނި ކަމެއް މިވެނި ގޮތަކަށް ނިންމަވައިދެއްވާށޭ."
ފާރިޝާ: "ބޭބޭ! ތިޔަ ވިދާޅުވި އެއްޗެއް ޤަބޫލުކޮށްފިން. މާތް ﷲ ގެ ރަޙުމަތްފުޅުން، ޖެހިގެން މިއުޅޭ ކަންތައް އަޅުގަނޑަށް ފަހިވާ ގޮތަށް މިންވަރުކުރައްވާށި."
ޚާލިދު ދީދީ: "އާމީން! ދެން ބާއްވަނީ އިނގޭ."
ފޯނު ކެނޑިއްޖެއެވެ. ފާރިޝާ ވިސްނުމުގެ ކަނޑަކަށް ގެނބިގެން ހިނގައްޖެއެވެ. އޭނާއަށް ހިންމަވައިދެއްވާތޯ ﷲ އަށް ދުޢާ ދަންނަވަންވެފައިވާ ކަންތައްތަކެއް އެބަހުއްޓެވެ. ޝަރީޢަތް ރަނގަޅު ގޮތަކަށް ނިމިގެންދިއުމެވެ. ހައިކަލްގެ ލޯބި އޭނާއަށް ލިބުމެވެ. އުފައުވެރި ދިރިއުޅުމެއް ދެއްވުމެވެ.
(ނުނިމޭ)