މުޞީބާތްތައް ފޮނުއްވަނީ ކީއްވެ؟ (1)

މުޞީބާތްތަކާއި ކާރިސާތަކަކީ އިންސާނުން ކުރާ އަމަލުތަކުގެ ސަބަބުން އެބައިމީހުންގެ މައްޗަށް މާތް ﷲ ފޮނުއްވާ އުގޫބާތާއި، އިމްތިހާނެވެ. ކީރިތި ޤުރްއާނުގައި އައިސްފައިވާ މިފަދަ ވާހަކަތަކަށް ބަލައިލުމުން، މާތް ﷲ އިންސާނުންގެ މައްޗަށް މުޞީބާތް ފޮނުއްވާ ހަ ސަބަބެއް ނުވަތަ މަޤްޞަދެއް ފާހަގަ ކުރެވެއެެވެ.

ފުރަތަމަ ކަމަކީ ﷲ ކަނޑައަޅުއްވާފައިވާ ނިޒާމާ ޚިލާފުވުމެވެ. ޚާލިޤުވަންތަ ﷲ މި ކައުނު ހައްދަވާފައި ވަނީ އެފަދަ ދެވަނައެއް ނުވާ ފުރިހަަމަ ނިޒާމަކާއެކުގައެވެ. ކައުނުގައިވާ ހުރިހާ ކަމެއް ކުރިއަށް ދަނީ މި އިލާހީ ނިޒާމާ އެެއްގޮތަށެވެ. އިންސާނާ ހައްދަވައި، މާތް ﷲ އޭނާއަށް ކުރިއަށް ދާނެ ގޮތް ނިންމުމުގެ މިނިވަންކަމާއި އިޚްތިޔާރު ދެއްވިއެެވެ. އޭނާ އިލާހީ ނިޒާމާ އެއްގޮތަށް ކުރިއަށް ނުގޮސް އެ ނިޒާމާ ޚިލާފަަށް ދާން ފަށައިފިނަމަ މުސީބާތްތަކާއި ކާރިސާތައް ދިމާވެވެއެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿كُلُوا۟ مِن طَيِّبَـٰتِ مَا رَزَقْنَـٰكُمْ وَلَا تَطْغَوْا۟ فِيهِ فَيَحِلَّ عَلَيْكُمْ غَضَبِى ۖ وَمَن يَحْلِلْ عَلَيْهِ غَضَبِى فَقَدْ هَوَىٰ﴾ (ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި حلال ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އެކަމުގައި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! ފަހެ، އޭރުން ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ކޯފާ އަތުވެދާހުށްޓެވެ. އަދި އެމީހެއްގެ މައްޗަށް ތިމަންރަސްކަލާނގެ ކޯފާ އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު ވެއްޓި ހަލާކުވެ ހިނގައްޖެއެވެ. (ޠާހާ: 81) އިންސާނާ އޭނާގެ ވެރިރަސްކަލާނގެ ނިޒާމާ ޚިލާފުވުން އެކަލާނގެ ސިފަކުރައްވާފައި ވަނީ އަމިއްލަ ނަފުސަށް އަނިޔާވެރި ވުމުގެ ގޮތުގައެވެ. އެހެންކަމުން މިހާލަތުގައި އޭނާގެ މައްޗަށް އަންނަ މުޞީބާތަކީ އޭނާ އަމިއްލައަށް ލިބިގަންނަ އެއްޗެކެވެ. މާތް ﷲ ވަޙީކުުރައްވާފައި ވެއެވެ. ﴿إِنَّ ٱللَّهَ لَا يَظْلِمُ ٱلنَّاسَ شَيْـًٔا وَلَـٰكِنَّ ٱلنَّاسَ أَنفُسَهُمْ يَظْلِمُونَ﴾ (ހަމަކަށަވަރުން، اللَّه، އެއްވެސްކަމަކުން މީސްތަކުންނަށް އަނިޔާއެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، މީސްތަކުން އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާކުރެތެވެ.) (ޔޫނުސް: 44)

ދެވަނަ ކަމަކީ، އިންސާނުން އިމްތިހާނުކުރެއްވުމުގެ ގޮތުން އެބައިމީހުންގެ މައްޗަށް މުޞީބާތް ފޮނުއްވުމެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿أَحَسِبَ ٱلنَّاسُ أَن يُتْرَكُوٓا۟ أَن يَقُولُوٓا۟ ءَامَنَّا وَهُمْ لَا يُفْتَنُونَ﴾ (މީސްތަކުން ތިމަންމެން إيمان ވެއްޖައީމުއޭ ބުނުމުން، އެއުރެން امتحان ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟) (އަލްޢަންކަބޫތު: 2)

މިފަދަ މުޞީބާތުގެ މަޤްޞަދަކީ ހަގީގީ މުއުމިނުންނާއި ބޭރުފުށުން އީމާންކަން ދައްކައިގެން ތިބޭ މުނާފިޤުން ވަކިކުރެއްވުމެވެ. މިފަދަ މުޞީބާތެއް ޖެހުމުން އިންސާނާއަށް އޭނާގެ އަމިއްލަ ނަފުސުގެ ކުރިމަތީގައި ނުވަތަ އަނެކުންގެ ކުރިމަތީގައި އޭނާގެ ހަގީގަތް ހާމަވެގެން ދެއެވެ. އަދީ އީމާންކަމަށް އޭނާކުރި ދައުވާއަކީ ހަގީގަތެއް ނެތް އެއްޗެއް ކަމާއި، އޭނާގެ ނަފުސު އިޞްލާޙުކުރަން ޖެހޭކަން އޭނާއަށް އެނގިގެން ދެއެވެ. މިހާލުގައި އޭނާ އިސްލާހު ނުވެއްޖެނަަމަ އޭނާ ވެގެން ދާނީ ގެއްލެނިވެެގެންވާ މީހުންގެ ތެރެއިންނެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. وَمِنَ ٱلنَّاسِ مَن يَعْبُدُ ٱللَّهَ عَلَىٰ حَرْفٍ ۖ فَإِنْ أَصَابَهُۥ خَيْرٌ ٱطْمَأَنَّ بِهِۦ ۖ وَإِنْ أَصَابَتْهُ فِتْنَةٌ ٱنقَلَبَ عَلَىٰ وَجْهِهِۦ خَسِرَ ٱلدُّنْيَا وَٱلْءَاخِرَةَ ۚ ذَ‌ٰلِكَ هُوَ ٱلْخُسْرَانُ ٱلْمُبِينُ (شك އެއްގެމަތީގައި ތިބެގެން، اللَّه އަށް އަޅުކަންކުރާ މީހުން، މީސްތަކުންގެ ތެރެއިންވެއެވެ. ފަހެ، އެމީހަކަށް ހެޔޮކަމެއް ދިމާވެއްޖެނަމަ، އެކަމުން ހިތްހަމަޖެހެއެވެ. އަދި އޭނާޔަށް ބަލާއެއް مصيبة އެއް ޖެހިއްޖެނަމަ، كفر ވެރިކަމަށް ފުރޮޅިދެއެވެ. އޭނާޔަށް ދުނިޔެއާއި آخرة ގެއްލުނީއެވެ. ބަޔާންވެގެންވާ ގެއްލެނިވުމަކީ ހަމައެއީއެވެ.) (އަލްޙައްޖު: 11)

އުޙުދު ހަނގުރާމައިގެ ދުވަހު ކީރިތި ރަސޫލު صلى الله عليه وسلم ގެ އަމުރުފުޅާ ޚިލާފުވުމުން މުސްލިމުންނަށް ކުރިމަތިވި މުޞީބާތަކީ، އެބައިމީހުން އަމުރާ ޚިލާފުވުމުގެ ސަބަބުން މާތް ﷲ އެބައިމީހުން އިމްތިޙާނުކުރެއްވުމަށް ކުރިމަތިކުރެއްވި މުޞީބާތެކެވެ. މި އިމްތިޙާނުން މުނާފިޤުން ވަކިވެ އެނިގެން ދިޔައެވެ. އެ ދުވަހު މުސްލިމުންގެ ޙާލު ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿هُنَالِكَ ٱبْتُلِىَ ٱلْمُؤْمِنُونَ وَزُلْزِلُوا۟ زِلْزَالًا شَدِيدًا * وَإِذْ يَقُولُ ٱلْمُنَـٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌ مَّا وَعَدَنَا ٱللَّهُ وَرَسُولُهُۥٓ إِلَّا غُرُورًا﴾ (އެވަގުތު مؤمن ން امتحان ކުރެއްވިއެވެ. އަދި ގަދަވެގެންވާ ގުޑުމަކުން އެއުރެންނަށް ގުޑުން އަރައިގެން ދިޔައެވެ. (އެބަހީ: އެއުރެންގެ ސާބިތުކަން ގެއްލި، އެގޮތް މިގޮތް ވެގެންދިޔައެވެ.) * އަދި منافق ންނާއި، އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުން ބުނާހިނދެވެ. اللَّه އާއި، އެކަލާނގެ رسول އާ، ތިމަންމެންނަށް ކެހިވެރި وعد އަކުން މެނުވީ وعد އެއް ނުކުރައްވަތެވެ.) (އަލްއަޙްޒާބު:11، 12)  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.