ކޮވިޑް-19: ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް އައްޑޫ ޓާސްކުފޯހުން މަޝްރާ ކޮށްފި

ވިޔަފާރިކުރާ ގަޑިތައް ވެސް ވަނީ ހެނދުނު 9 އިން ހަވީރު 5 އަށް ބަދަލުކޮށްފައި

އައްޑޫސިޓީގައި ޖަމާއަތުގައި ނަމާދުކުރުން ވަގުތީ ގޮތުން މެދުކަނޑާލަން އައްޑޫ ކޮވިޑް ޓާސްކް ފޯހުން މަޝްވަރާ ކޮށްފިއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓާސްކް ފޯހުގެ ޗެއަރ އަދި ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފުއްސާދާތު ވިދާޅުވީ ޓާސްކްފޯސްގައި މަޝްވަރާ ކުރުމަށްފަހު އެންމެނަށް އެއްބަސްވެވުނީ ޖަމާއަތުގައި ނަމާދު ކުރުމަކީ ވެސް މިވަގުތަށް އެންމެ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެކަން ނިންމަވާނީ އިސްލާމިކް މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވިއެވެ. "މަޝްވަރާ ކުރުމަށްފަހު އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅައިގެން މިނިސްޓްރީން ވިދާޅުވާ ގޮތަކަށް ޢަމަލު ކުރަނީ،" ޝަރަފް ވިދާޅުވިއެވެ.

ޝަރަފް ވިދާޅުވީ ކުރިމަތީގައި އޮތީ ރޯދަމަސް ކަމަށާއި އެހެންނަމަވެސް މާހެފުން ބޭއްވުންފަދަ ކަންކަން ވެސް މަނާވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރ އަދި އަދި ޓާސްކްފޯހުގެ ވައިސް ޗެއަރ ޢަބްދުﷲ ސާދިގު ވިދާޅުވީ އައްޑޫ ސިޓީގައި ވިޔާފާރި ކުރާ ގަޑިތަކަށް ވެސް މިހާރު ވަނީ ބަދަލު ގެނެސްފައި ކަމަށެވެ. އެގޮތުން ދެން ވިޔަފާރި ކުރެވޭނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެފަހުން ރޭގަނޑު 10:00 އާ ހަމައަށް ޑެލިވަރީގެ ޚިދުމަތް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ރެސްޓޯރެންޓުތަކާއި ކެފޭތަކާއި، ހޮޓާތައް ވެސް އެއްކޮށް ބަންދުކުރަން ނިންމަވާފައިވާ ކަމަށެވެ. އޭގެތެރޭގައި ގާޑިޔާތައް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެތަންތަން ބަންދު ކުރިޔަސް އެތަންތަނުން ވެސް ޑެލިވަރީގެ ޚިދުމަތް ކަނޑައަޅާފައިވާ ގަޑީގައި ދެވޭނެ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެތަނަށް ގޮސް ތިބެ ކެއުން ބުއިން ފަދަ ކަންކަން ކުރުން އެއްކޮށް މަނާވާނެއެވެ.  ގާޑިއާތަކަށް ގޮސް ވެސް އެތަނުން އެއްޗެހި ގަނެގެން އަންނަންޖެހޭނީ ގެއަށް ކަމަށާއި ގާޑިއާތކުގައި ހުންނަ ގޮނޑިތަކާއި ޖޯލިފަތީގައި ތިބެގެން ކެއުންމާއި ބުއިން ކުރިއަށް ނުގެންދެވޭނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.