ކޮވިޑް-19: ބަލި ކޮންޓްރޯލް ކުރަން އެޅޭނެ އެންމެބޮޑު ފިޔަވަޅަކީ ތެދުހެދުން: ޑރ. ޢަލީ ލަތީފް

ކަރަންޓީން ކުރާ އެންމެން ދޫކުރާއިރު ޓެސްޓު ހަދާނަން: ޑރ. އަލީ ލަތީފް: ފޮޓޯ ސަން

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅޭނޭ އެންމެބޮޑު ފިޔަވަޅަކީ ތެދު މަޢުލޫމާތު ދިނުން ކަމަށް ޑރ. ޢަލީ ލަތީފް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޢަލީ ލަތީފް ވިދާޅުވީ ޕޮޒިޓިވްވާ ބައެއް މީހުން ތެދު މަޢުލޫމާތު ދިނުން މުހިންމު ކަމަށެވެ. އަދި އެފަދަ މީހަކާ ބައްދަލުވެފައިވާ މީހަކު ނުވަތަ ބަޔަކު ތިބި ކަމަށްވާނަމަ ލަސްނުކޮށް އެކަން ވީހާވެސް އަވަހަކަށް ކަމާބެހޭ ފަރާތްތަކަށް އެންގުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ރާއްޖެއިން މިހާތަނަށް ވަނީ 67 ކޭސް ފެނިފައިވެއެވެ. އޭގެ ތެރެއިން މާލެއިން ވަނީ 47 މީހަކު ޕޮޒިޓިވްވެފައެވެ. ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ތެރެއިން 16 މީހަކުވަނީ ބަލިން ރަނގަޅުވެފައެވެ.

ޑރ. ޢަލީ ލަތީފް ވިދާޅުވީ މާލެއިން ފެންނަ ކޭސްތައް އިތުރުވަމުންދާތީ ބޭރަށްދާއިރު މާސްއެޅުން މިހާރު މުހިންމު ކަމަށެވެ. "މާސްކު އެޅުމާ ބެހޭ ގޮތުން، ކުރިން ބުނެފައި އޮންނާނީ މާސްކު އަޅާކަށް ނުޖެހެނެޔޭ. އޭރު މާލެ މިހާލަތަކަށް ނުދޭ. އެހެންވިޔަސް މިހާރު މިއޮތް ހާލަތަށް ބަލާއިރު ބޭރަށް ދަންޏާ މާސްކު އެޅުން މުހިންމު މިހާރު. އެހެންނަމަވެސް ކޮންމެހެން ބޭރަށްދާން ނުޖެހެންނާ ނުގޮސްތިބެންވީ ގޭގައި،" ޑރ. ޢަލީ ލަތީފް ވިދާޅުވިއެވެ.

ޑރ. ޢަލީ ލަތީފް ވިދާޅުވީ މާލެ ސަރަހައްދު ލޮކްޑައުން ގައި އޮތުމުން ކޭސްތައް ފެނުން މަދުވުމުގެ ފުރުސަތު އޮންނާނެކަމަށެވެ. އެހެންކަމުން ލޮކްޑައުން ކޮށްފައި އޮންނައިރު އަމަލުކުރަންޖެހޭ އުސޫލުން އެންމެހާ ރައްޔިތުން މަސައްކަތް ކުރުމަށް ވެސް އޭނާ އެދިވަޑައިގެންނެވިއެވެ.

ޑރ. ވިދާޅުވީ މާލެއިން ޕޮޒިޓިވްވި 47 މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ބަލި އިތުރަށް ބޮޑުވެ ޚާއްސަ ފަރުވާއެއް ދޭން ނުޖެހޭ ކަމަށެވެ. އެންމެންގެ ޙާލުވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ޕޮޒިޓިވްވާ މީހުން ގިނަވާ ކަމަށްވާނަމަ އެޑުމިޓްކޮށްގެން ފަރުވާދޭން ޖެހޭ ހިސާބަށް ކަންތައް ހިނގައިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.