ކޮވިޑް- 19 ގެ 'ޕޭޝަންޓް ޒީރޯ' ދެނެގަނެވިފައިވާ ކަަމަށް ހޮންކޮންގުގެ ނޫހަކުން ބުނެފި

ޗައިނާގެ ހުބޭ ޕްރޮވިންސުގެ ވޫހާން ސިޓީގައި ފާއިތުވި އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ފެތުރެން ފެށި ނޮވެލް ކޮރޯނާ ވައިރަސް (ކޮވިޑް- 19) ގެ 'ޕޭޝަންޓް ޒީރޯ' ނުވަތަ އެންމެ ފުރަަތަމަ އެ ބަލި ޖެހުނު މީހާ ދެނެގަނެވިިފައިވާ ކަމަށް ހޮންކޮންގުގެ ނޫހަކުން ބުނެފިއެވެ.

ޗައިނާ ސަރުކާރުގެ ޑާޓާއާ ހަވާލާދީ ސައުތު ޗައިނާ މޯނިންގް ޕޯސްޓުން ބުނެފައިވާ ގޮތުގައި ކޮވިޑް- 19 ފުރަތަމަ އިންސާނަކަށް ޖެހިފައި ވަނީ ފާއިތުވި އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުގައި ކަމަށް ގާތްގަނޑަކަށް ޔަގީންކުރެވެއެވެ. އަދި އެ ދުވަހު އެބަލި ޖެހިފައިވަނީ އުމުރުން 55 އަހަރުގެ މީހަކަށެވެ. އެ ދުވަހުން ފެށިގެން އެކި ދުވަސްދުވަހު އެކަކާއި ފަސް މީހުންނާ ދެމެދުގެ އަދަދެއްގެ މީހުންނަށް އެ ބަލި ޖެހެމުން ގޮސްފައި ވެއެވެ.

އެ ނޫހަށް ލިބިފައިވާ ސަރުކާރުގެ ޑާޓާއާ ހަވާލާދީ އެ ނޫހުން ބުނެފައިވާ ގޮތުގައި ޑިސެންބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށް އައިއިރު އޭރު ކޮން ބައްޔެއްކަން ދެނެގަނެވިފައި ނުވާ އެ ބަލި ޖެހިފައިވާ 27 މީހުން ތިއްބެވެ. އަދި ދެ އަކުރުގެ އަދަދެއް ފުރަތަމަ އެ ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އެމަހުގެ 20 ވަނަ ދުވަހާ ހަމައަށް އައިއިރު، އެބަލި ޖެހިފައިވާކަަން ޔަގީންކުރެވިފައިވާ 60 މީހުން ތިއްބެވެ.

މަޑުމަޑުން ފެތުރެން ފަށާފައިވާ ބަލި ޖައްސަނީ ކޮރޯނާ ވައިރަސްގެ މުޅިން އާ ވައްތަަރަކުންކަން ޑިސެންބަަރު މަހުގެ 27 ވަނަ ދުވަހު ހޯއްދެވީ ހުބޭ ޕްރޮވިންޝަލް ހޮސްޕިޓަލް އޮފް އިންޓެގްރޭޓެޑް ޗައިނީޒް އެންޑް ވެސްޓަން މެޑިސިން ގައި މަސައްކަތްކުރައްވާ ޑރ. ޝާންގް ޖީޒިއާން އެވެ. އޭނާ މިވާހަކަ ޗައިނާގެ ކަމާބެހޭ ފަރާތްތަކަށް އެންގެވިއިރު 180 މީހަކަށް މި ބަލި ވަނީ ޖެހިފައެވެ.

ކޮވިޑް- 19 ޖެހުނު މީހުންގެ އަދަދު 2020 ވަނަ އަަހަރު ފެށުނު ދުވަހު 381 އަށް އެރިއެވެ.

ޗައިނާ ސަރުކާރުގެ ޑާޓާ އާއްމުނުުކުރި ނަމަވެސް، ކޮރޯނާ ވައިރަސް ފެތުރެން ފެށި ގޮތާއި، އެކަކުގެ ގައިން އަނެކެއްގެ ގަޔަށް އެ ބަލި އަރަމުން ދިޔަ ގޮތް އެ ޑާޓާއިން އެނގެއެވެ.

ސައިންސުވެރިން ދަނީ، މިބަލި ފެށުނު ހިސާބެއް ދެނެގަތުމަށް ޝައުގުވެރިކަމާއެކު އިންތިޒާރުކުރަމުންނެވެ. މި ބަލި ފުރަތަމަ ޖެހުނު މީހާ ޔަގީންކުރެވުމުން، ބަލި އިންސާނުންގެ ގަޔަށް އަރާފައިވަނީ ޖަނަވާރެއްގެ ފަރާތުންކަން ޔަގީންކުރެވޭނެއެވެ.

ނޮވެލް ކޮރޯނާ ވައިރަސް ޖެހިފައިވާކަން ޔަގީންކުރެވިފައިވާ ފުރަތަމަ 9 މީހުން (4 ފިރިހެނުންނާއި، 5 އަންހެނުން) ގެ ތެރެއިން ވަކި މީހަކީ 'ޕޭޝަންޓް ޒީރޯ' އަކީ ކޮބައިކަން ޗައިނާއިން ރަސްމީކޮށް ކަނޑައަޅާފައި ނުވާ ކަމަށް އެެ ނޫހުން ބުނެފައި ވެއެވެ. އުމުރުން 39 އަހަރާއި 79 އަހަރާ ދެ މެދުގެ އެ އެންމެންކީ ވޫހާން ސިޓީގައި ދިރިއުޅޭ މީހުންކަން ވެސް ޗައިނާއިން ޔަގީންކޮށްދީފައި ނުވެއެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.