މާދަރީ ބަހުގެ ދުވަސް 2020: މާދަމާ މާލޭގައި ބާއްވާ ދިވެހި އަދަބީ ޢީދުގައި 300 އެއްހާ ދަރިވަރުން ބައިވެރިވޭ

މާދަމާ  މާލޭގައި ބާއްވާ ދިވެހި އަދަބީ ޢީދުގައި 20 ސްކޫލުން 300 އެއްހާ ދަރިވަރުން ބައިވެރިވާނެ ކަމަށް ދިވެހި ބަހުގެ އެކަޑަމީން ވިދާޅުވެއްޖެއެވެ.

ދިވެހި އަދަބީ ޢީދު ބޭއްވުމަށް ހަމަޖައްސަވައިފައިވަނީ ތާޖުއްދީން ސްކޫލުގައެވެ. އަދަބީ ޢީދަކީ ތަފާތު އަދަބީ މުބާރާތްތައް ހިމެނޭ ގޮތަށް ހިންގާ އެއްދުވަހުގެ ޙަރަކާތެކެވެ. މިއަހަރުގެ މާދަރީ ބަހުގެ ދުވަހުގެ އެންމެ ބޮޑު ޙަރަކާތެއްގެ ގޮތުގައި ބޭއްވުމަށް ހަމަޖައްސަވައިފައި ވަނީ ދިވެހި އަދަބީ ޢީދެވެ. މިޢީދު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 8:30 ގައެވެ. ދިވެހި އަދަބީ ޢީދު އިފްތިތާޙް ކޮށްދެވާނީ ނިޝާން ޢިއްޒަތްދީނުގެ ޢިއްޒަތުގެވެރިޔާ، ކުރީގެ ޖެންޑަރ މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަނީސާ އަޙްމަދެވެ.

މާދަމާގެ ހަރަކާތްތަކުގެ ތެރޭގައި ފާރުނޫސް މުބާރާތާއި އަތުލިޔުމުގެ މުބާރާތާއި އައުލަފުޒު މުބާރާތާއި ރައިވަރު ކިޔުމުގެ މުބާރާތާއި  ނޫސް ސިންތާއެއް ހިމެނެއެވެ. އަދި އެބައުޅޭ މިބައުޅޭ ވާހަކަ ކިޔުމުގެ މުބާރާތަކާއި ޕްރެޒެންޓޭޝަން ހުށަހެޅުމުގެ މުބާރާތުގެ އިތުރުން  ބޮޑެތި މީހުންނަށް ބާއްވާ ރައިވަރު ކިޔުމުގެ ޚާއްޞަ މުބާރާތެއް ހިމެނެއެވެ. ރަތް ނިޒާރުގެ މިލްކްވާ ތައްޓަށް ބާއްވާ ރައިވަރު ކިޔުމުގެ މުބާރާތް ބޭއްވުމަށް ހަމަޖައްސަވައިފައި ވަނީ މާދަމާ ރޭގައެވެ. އަލަށް ބާއްވާ މިމުބާރާތުގައި 12 ފަރާތަކުން ވަނީ ބައިވެރި ވެފައެވެ. އަންނަ އަހަރުން ފެށިގެން މި މުބާރާތްއޮންނަނީ އަދަބީ ކަލަންޑަރުގައި ހިމެނިގެން ރަތް ނިޒާރުގެ ވާދައިގެ ތަށްޓަށް ބާއްވާ ރައިވަރު ކިޔުމުގެ ޤައުމީ މުބާރާތެއްގެ ގޮތުގައިކަމަށް ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ވިދާޅުވިއެވެ. މިމުބާރާތް ބޭއްވުމުގެ ބޭނުމަކީ ރައިވަރު ކިޔުމުގެ އިހުގެ ގޮތްތައް ގެއްލެމުންދާތީ އެކަންދެމެހެއްޓުމުގެ ފުރުޞަތު ހޯދައި ދިނުން

އެބައުޅޭ މިބައުޅޭ ވާހަކަ ކިޔުމުގެ މުބާރާތަކީ އެކުއްޖަކު ބޭނުންވާ ނުވަތަ ދަންނަ ބަހުރުވަޔަކުން ވާހަކަ ހުށަހެޅުމަށް ހުޅުވާލައިފައިވާ މުބާރާތެކެވެ. ރަށްރަށުގައި އަދަބީ ޢީދު ބާއްވާއިރު މިމުބާރާތުގައި މުޅިންވެސް އޮންނާނީ އެރަށެއްގެ ބަހުރަވައިން ވާހަކަ ހުށަހެޅުން ކަމަށް އަޝަރަފް ފާހަގަ ކުރެއްވިއެވެ.

ނޫސް ސިންތާއަކީ ސްކޫލުތަކުގެ އަދަބީ ޖަމްޢިއްޔާތަކުގެ ރައީސުން ބައިވެރިވާ ޙަރަކާތެއްކަން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ފާހަގަ ކުރެއްވިއެވެ.

"އެކުދިން ތިބޭނީ ޝޭސް އަޅައިގެން، ރައީސުންގެ ގޮތުގައި، ސުވާލުތަކަށް ހުޅުވާލުމުގެ ކުރިން ކޮންމެ ރައީސެއް ވެސް އެޖަމްޢިއްޔާއަކުން ހިންގާ އަދަބީ ޙަރަކާތްތަކާ ބެހޭ ފަސްމިނެޓްގެ ކަރުދާހެއް ހުށަހަޅައިދޭނެ. އެކަރުދާސް އެކުލަވާލާނެ ގޮތްވެސް އެކަޑަމީން އެކުދިންނަށް ވާނީ ކިޔައިދީފައި. އޯޑިއޯންސްގައި ތިބޭ ކުދިންނާއި ބޮޑެތި މީހުންވެސް އެކުދިންނާ ސުވާލުކުރުމުގެ ފުރުޞަތު އޮންނާނެ. މި ޙަރަކާތުގެ އެންމެ ބޮޑު ބޭނުމަކީ ކުދިންނަށް ލީޑަރޝިޕް ނުވަތަ އިސްދާނަކަން ދައްކައިދިނުމުގެ ފުރުޞަތު ހޯދައި ދިނުން." އަޝްރަފް ވިދާޅުވިއެވެ.  

ޢަދަބީ ޢީދުގެ ޙަރަކަތަކުގެ ތެރޭގައި ޕީޓީއޭ ތަކުން ވާދަކުރާ ޖާފަތް މުބާރާތެއްވެސް ބޭއްވުމަށް ވަނީ ހަމަޖައްސައިފައެވެ. މިޖާފަތް ވެސް އޮންނާނީ މާދަމާ މެންދުރު ތާޖުއްދީން ސްކޫލުގައެވެ.

މިއަހަރުގެ މާދަރީ ބަހުގެ ދުވަހުގެ ޙަރަކާތްތައް ފެށިގެން ދިޔައީ މިދިޔަ ހޮނިހިރު ދުވަހު ސަލްޓަންޕާކްގައި ބޭއްވި "ހިނގަމުން ހިނގަމުން ކިޔަމާ" ގޮތްކިޔުމުގެ މަހާސަމާ ޙަރަކާތުންނެވެ. މިޙަރަކާތުގައި ވެސް ދެހާހާއި ތިންހާހާ ދެމެދުގެ ޢަދަކަކަށް ކުދިން ބައިވެރި ވެފައިވާކަމަށް ދިވެހި ބަހުގެ އެކަޑަމީ ގެ ރައީސް އަޝްރަފް ޢަލީ ފާހަގަކުރެއްވިއެވެ. އަޝްރަފް ސިފަކުރެއްވީ އެ ޙަރަކާތަކީ ވަރަށް ކާމިޔާބު ޙަރަކާތެއްގެ ގޮތުގައެވެ. މީގެ އިތުރުން މާލޭގެ ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބަނދިހަދަން ދަސްކޮށްދިނުމުގެ ޙަރަކާތެއްވެސް ދިވެހި ބަހުގެ އެކަޑަމީން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މާދަރީ ބަހުގެ ދުވަހުގެ ޙަރަކާތްތައް އިއްޔެއިން ފެށިގެން ސްކޫލުތަކުގައި ވަނީ ފަށާފައެވެ. އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ މާދަރީބަހުގެ ދުވަހަށް ސްކޫލުތަކުން ވަރަށް ބޮޑު ތަރްހީބެއް ލިބެމުންދާކަމަށެވެ. ދެތިން ހަތަރު ހަފަތާ ކުރިން ސްކޫލުތަކުން ގުޅައި ދުވަހުގެ ޝިޢާރާއި ދުވަހުގެ ޙަރަކާތްތަކާ ބެހޭ ގޮތުން ސުވާލުކޮށް ހަދާކަމަށެވެ.

"ކުދިން ސަޤީފީ ހެދުން ލައިގެން ސްކޫލަށްދާތަން މީހުންނަށް ފެންނާނީ، އެކުދިން ހަމައެކަނިސަޤާފީ ހެދުން ލައިގެން ދަނީއެއް ނޫން. ތަފާތު އަދަބީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އެކުދިންނަށް ލިބޭ. އެކުދިންނަށް ބަހާމެދު ވިސްނާ ފިކުރު ކުރުމުގެ ފުރުޞަތު ދެވޭ" އަޝްރަފު ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހަކީ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހެވެ. މާދަރީ ބަހުގެ މިއަހަރުގެ ޝިޢާރަކީ "ސަރަޙައްދީ އިމެއްނެތި ބަސްބަސް" އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.