މާދަރީބަހުގެ ދުވަސްފާހަގަ ކުރުމުގެ އެންމެބޮޑު ބޭނުމަކީ ބަވަނަވެރި ރައްޔިތެއްގެ ޙިއްސާ ހޯދައިދިނުން: ޔުމްނާ

ފޮޓޯ: ރައީސް އޮފީސް

މާދަރީބަހުގެ  ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ފުޅާ ދާއިރާއެއްގައި ދިވެހި ދަރީންގެ ސިކުނޑިތައް ބައްޓަންކުރުމުގައި މާދަރީ ބަސް  އަދާކުރާ ތަފާތު ދައުރުތަކަށް ސަމާލުކަން ދިނުމަށާއި އުނގެނުމުގައްޔާއި ދިރިއުޅުމުގެ އެކިކަންކަމުގައި ބިރެއް ޖެހިލުމެއް ނެތި ބައިވެރިވެވޭނޭ ފުރުޞަތު މާދަރީބަހުގެ ތެރެއިން ފަހިކޮށްދީ ބަވަނަވެރި ރައްޔިތެއްގެ ޙިއްސާ ހޯދައިދިނުން ކަމަށް ހެރިޓޭޖު މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޔުމްނާ މައުމޫން މިހެން ވިދާޅުވީ ބައިނަލް އަގުވާމީ މާދަރީބަހުގެ ދުވަހާ

އެކަމަނާ ވިދާޅުވީ ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައެވެ.

އެމަނާ ވިދާޅުވީ ބަހަކީ ހަމައެކަނި ޝުޢޫރުތަކާއި އިޙްސާސްތައް ހާމަ ކުރާ އެއްޗެއް ނޫންކަމަށެވެ. އެއީ ހަނދާންތަކާ މާޒީއާއި ގުޅުވައިދޭ އަދި  އަމިއްލަ ވަންތަކަން ދައްކައިދޭ ވެސް އެއްޗެއެއް ކަމަށް ވިދާޅުވިއެވެ.

ބަހަކީ ތަރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދައާ އެބަޔަކާ  ގުޅުވައިދޭ ތަހުޒީބާއި ތަމަންދުނު ބިނާވާ ޙަޟާރީ ތަރިކައެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މިއަދު ގިނަ ކުޑަކުދީންނާއި ޒުވާނުން ވިސްނަނީ އިނގިރޭސި ބަހުން. ވާހަކަދައްކަނީ އިނގިރޭސިބަހުން. މިއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް. މިއީ ބަސް އުވިގެން ދާން މެދުވެރިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް. މިހެންވުމުން ދިވެހިބަސް ރައްކާތެރި ކުރެވޭނީ ބަހާ މެދު އަޅުގަނޑުމެން ދެކޭގޮތް ބަދަލު ކޮށްގެން. ބަހަށް އަޅުގަނޑުމެން އިޖާބަދޭގޮތް ބަދަލުކޮށްގެން،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މައިންބަފައިން ފަރުވާތެރިކަމާއެކު ދަރީންނަށް ދިވެހިބަސް ދަސްކޮށްދެއްވަންޖެހޭ ކަމަށެވެ. އެކަމަށްޓަކައި ގޭތެރެއިން ފެށިގެން ގިނަގުނަ  މަސައްކަތްތަކެއް ކޮށްދޭންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. ޅަފަތުގެ ތަޢުލީމުގައި ދިވެހިބަސް އުނގަންނައި ދެއްވުގެ ދައުރުތައް ފުޅާކޮށް މުޖުތަމަޢުގައި ބަހަށް ޚާއްސަ މަގާމު ކަށަވަރުކޮށްދޭންޖެހޭ ކަމަށްވެސް އެމަނާ ވިދާޅުވިއެވެ.

"ދިވެހި ބަހަކީ މުއްސަނދި ބަހުރުވަތަކެއް ލިބިފައިވާ ބަހެއް. ބަހުރުވަތަކަކީ އެ އަތޮޅެއްގެ ނުވަތަ އެ ރަށެއްގެ ޚާއްސަ ސަގާފަތާއި ދިރިއުޅުން ދައްކައިދޭ މުހިންމު މާނަވީ ތަރިކައެއް. މި ބަހުރުވަތައް ދިރުވަން އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަން އެބަޖެހޭ. މިކަންކަމުގައި ދޭދޭ ފަރުދުންނާއި، ވަކިވަކި އާއިލާތަކާއި، ބަހަވީ މުޖުތައުގެ ލޭފަ ހަންހާރަވެތި އެހީތެރިކަން މިއަދު ވަނީ ނުހަނު ބޮޑަށް ބޭނުންވެފައި. މި އެހީތެރިކަން އެންމެ ފުރިހަމަ މާނައިގައި ދިވެހިބަހަށް ލިބެމުންދާނެ ކަމަށް އަޅުގަނޑު އުންދީކުރަން. އެކަމަށް އެދި ނުހަނު އިޚުލާސްތެރިކަމާއެކު އިލްތިމާސްކުރަން،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއަދަކީ ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަސް މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަކުރާތާ 20 އަހަރު ފުރޭ ދުވަސް ކަމަށެވެ. ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަސް ވަނީ، ފެންވަރުމޮޅު ތަޢުލީމެއް ދިނުމަށް ޓަކައި ކުރެވޭ ޢިލްމީ މަސައްކަތްތަކުގައި މާދަރީބަހުގެ މުހިންމުކަމަށް ޓަކައި ދިދަ އުފުލައިލުމުގެ ހިނދުކޮޅެއް ކަމުގައި ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.