މުސްލިމުންގެ ސިޔާސީމުފައްކިރުންގެ ތެރެއިން: އަބުއްނަޞްރުއަލްފާރާބީ – 3

(ތިންވަނަބައި)

ދެނަޒަރިއްޔާގެ އަނެެއްތަފާތަކީ އިޖްތިމާޢި މުޢާހަދާއިގައި އަމިއްލަ އިޚްތިޔާރުގައިވެސް ބަައިވެރިވެވިދާނެކަމަށާއި، އެމުޢާހަދާގެ ބައިވެރިވާން މަޖްބޫރުވެސް ކުރެވިދާނެކަމަށް ހޯބްސް ވިދާޅުވާކަމެވެ. ހޯބްސް ވިދާޅުވާގޮތުގައި މިދެގޮތުގައިވެސް މުޢާހަދާއަކީ މަޖުބޫރު އެއްޗެކެވެ. އެމުޢާހަދާ އުވާލުމުގެ ޙައްޤެއް އެކަކަށްވެސް ލިބިގެނެއް ނުވެއެވެ. ކަނޑީގެ ބާރުގައި ފަތަޙަކުރެވޭ ސަރަޙައްދެއްގެ މީހުންނަށްވެސް އެމުޢާހަދާއާ ތަބާވުން ވާޖިބެވެ. އަނެއްކޮޅުން އަލްފާރާބީގެ މުޢާޙާދާއަކީ އިންސާނާ އެކަމަށް ބޭނުންވެގެން އޭނާގެ ރުހުމުގައި ޤަބޫލުކުރާންޖެހޭ އެއްެޗެކެވެ. އޭނާ މަދީނަތުލްފާޟިލާގެ ބަދަލުގައި މަދީނަތުއްތަޣުލަބެއްވެސް ޤަބޫލުކުރެއްވުމާއެކުވެސްމެއެވެ.

ޖޯން ލޮކް ވެސްވަނީ ޢުމްރާނީ މުޢާހަދާ ޤަބޫލު ކުރައްވައިފައެވެ. ނަމަވެސް އޭނާ އެމުޢާހަދާގެ ބިންގަަލެއްކަމުގައި ބައްލަަވަނީ އަލްފާރާބީ ވިދާޅުވާގޮތުން އިންސާނާގެ ހަނގުރާމަކުރުމާއި އަރާރުންވުމުގެ ތަބީޢަތެއްވެސް ނޫނެވެ. ހޯބްސް ވިދާޅުވާފަދައިން އިންސާނުންގެ ޝައްކާއި ވަހްމެއްވެސް ނޫނެވެ. ލޮކުގެ ނަޒަރުގައި އެމުޢާހަދާގެ ބިންގަލަކީ އަމަން އަމާންކަމާއި ހަމަޖެހުން ޤާއިމުވުމަށް އިންސާނާ އެދޭ އެދުމެވެ. އެއްވެސް މީހަކު އަނެކުންގެ ސުލްޙަ މަސަލަސްކަން ނަގައިލިޔަ ނުދިނުމެވެ. ލޮކްއަކީ ޕާލަމެންޓަށް ތާއީދުކުރައްވާ ބޭފުޅުކެވެ. އެހެންކަމުން އޭނާ ހުރިހާ ބާރުތަކެއް ޙަވާލުކުރައްވަނީ ޢާއްމުންނާއެވެ. އަލްފާރާބީ ހުންނެވީ އިނގިރޭސިވިލާތުގެ މިދެ މުފައްކިރުންގެ ދޭތެރޭ މެދުގައެވެ. އޭނާ ހޯބްސްއެކޭ އެއްގޮތަށް ރަސްގެފާނަކީ ހައްދެއްނެތް އިޚްތިޔާރުތަކާއި ބާރުތަކެެއްގެ ވެރިޔެއްކަމަކަށް ޤަބޫލެއް ނުކުރައްވައެވެ. ލޮކު ވަކާލާތު ކުރައްވާފަދައިން ޢާއްމުން ހެދިހައިގޮތެއް ހެދޭކަށެއްވެސް ދޫކޮށެއްނުލައްވައެވެ.

ފަރަންސޭސީ މުފައްކިރު ރޫސޯ ލޮކުގެ ނަޒަރިއްޔާ އިތުރަށް އިސްލާޙުކުރެއްވިއެވެ. އޭނާ ވިދާޅުވާގޮތުގައި ފިތުރީގޮތުން އިންސާނާއަކީ މިނިވަނެކެވެ. ނަމަވެސް އޭނާ އެކަކު އަނެކެއްގެ ޖާނާއި މާލު ޙިމާޔަތްކުރުމަށްޓަކައި މުޢާހަދާއެއްކުރީއެވެ. އެމުޢާހަދާގައި ދެމިތިބޭއިރުވެސް އޭނާގެ އިންފިރާދީ މިނިވަންކަން ދެމިއޮވެއެވެ. އެމުޢާހަދާއަކީ އޭނާގެ ކުރީން އުޅުއްވި މުފައްކިރުން ވިދާޅުވާފަދައިން ވެރިޔަކާއި ރައްޔިތަކާ ދެމެދު ކުރެވަިފައިވާ މުޢާހަދާއެއް ނޫނެވެ. އަދި ކިއެއްތޯއެވެ؟ އަފްރާދުންގެ އަމިއްލަ މުޢާހަދާއެކެވެ.

ޔޫރަޕްގެ މުފައްކިރުންގެ ޚިޔާލުފުޅުތަކަށް ނަޒަރުހިންގާއިރު އަލްފާރާބީ ހުންނެވީ ޙަޤީޤަތާ މާކައިރީގައެވެ. އޭނާ ދެކެވަޑައިގަންނަވާގޮތުގައި އުމްރާނީ މުޢާހަދާއަކީ ދައުލަތް އުފެދުމުގެ ސަބަބެއްނޫނެވެ. އަދި ކިއެއްތޯއެވެ؟ އެމުޢާހަދާއަކީ ސަރުކާރުގެ މުޅި ބިންގަލެވެ. އަފާރާބީ ވިދާޅުވާގޮތުގައި އެމުޢާހަދާގެ ކުރީންވެސް ދައުލަތް ނުވަތަ އިންސާނީ އިޖްތިމާޢުވަނީ ވުޖޫދަށް އައިސްފައެވެ.

ދައުލަތުގެ އިސްވެރިކަން

އަލްފާރާބީ ހިންގަވައިފައިވަނީ އަފްލާޠޫން (PLATO) ގެ ފިޔަވަޅުމަތީގައެވެ. އެހެންކަމުން އޭނާވެސްވަނީ ނަމޫނާ ދައުލަތުގެ ނުވަތަ ރަށުގެ ނަޒަރިއްޔާއެއް ހުށަހަޅުއްވައިފިއެވެ. އެމައްސަލައިގައި އަލްފާރާބީއަށް ވަނީ ގްރީކު މީހުންގެ ޚިޔާލުތަކުގެ އަސަރުވެސް ކޮންމެވެސް މިންވަރަކަށް ފޯރައިފައެވެ. ގްރީކުގެ ގިނަ ދައުލަތްތަކަކީ ބޮޑެތި ސަހަރުތަކުގެ މައްޗަށް ބިނާވެފައިހުރި ދައުލަތްތަކެކެވެ. އެ ދައުލަތްތަކުގެ ނަމަކީ ރަށްރަށުގެ މައްޗަށް އެކުލެވޭ ދައުލަތެވެ. އެހެންކަމުން އަލްފާރާބީވެސް އޭނާގެ ދައުލަތަށް ދެއްވައިފައިވާ ނަމަކީ އަލްމަދީނަތުލްފަޟީލާއެވެ. ނަމޫނާ ދައުލަތުގެ އިސްވެރިޔާއަށް އޭނާ ދެއްވާނަމަކީ އައްރައީސުލްއައްވަލެވެ. އަފްލާޠޫން ވިދާޅުވާގޮތުގައި އިސްވެރިޔާ ވާން ޖެހޭނީ ޤައުމުގެ އެންމެ ޢިލްމުވެރި އެންމެ ވަރުގަދަ މީހާކަމުގައެވެ.

ކީރިތި ޤުރުއާނުގައިވެސްވަނީ ވަލިއްޔުލްއަމްރުގެ ޢިލްމުވެރިކަމަށާއި، ހަށިގަނޑުގެ ޞައްޙަކަމަށް އިޝާރާތްކުރައްވައިފައެވެ.

"އެނަބިއްޔާ ވިދާޅުވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ﷲ، އޭނާ ޚިޔާރުކުރެއްވިއެވެ. އަދި އޭނާއަށް ޢިލްމާއި، ހަށިގަނޑުގެ ގޮތުން ތަނަވަސްކަން އިތުރުކުރެއްވިއެވެ.  ﷲ އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އެކަލާނގެ ވެރިކަން ދެއްވައެވެ." (އަލްބަޤަރާ 247)

އަފްލާޠޫން އިތުރަށް ބަޔާންކުރައްވާ ސިފަތަކަކީ:

1. ކެރުން

2. ދީލަތިކަން

3. ވިސްނުންތެރިކަން

4.  ހަނދާންގަދަކަން

މިސިފަތަކެވެ.

އެންމެ އިސްވެރިޔެއްގެ ކިބައިގައި ހުންނާންޖެހޭ އަނެއް ޝަރުޠެއަކަމުގައި އަފްލާޠޫން ވިދާޅުވަނީ އެމީހެއްގެ އަތުގައި ކޮންމެހެން ބޭނުން ބައެއް ތަކެތި ފިޔަވައި އަމިއްލަ އެއްވެސް އެއްޗެއް ނެތުމެވެ. ދިރިއުޅޭނެ އަމިއްލަ ގެއެއްހައިވަރުވެސް ނެތުމެވެ. އެމީހެއްގެ ކެއުމަކީ ޢާއްމު ސިފައިންގެ ކާނާފަދަ އާދައިގެ ކެއުމަކަށްވުމެވެ. ވެރިމީހާގެ ކެއިންބުއިމުގެ ޚަރަދު ހަމަޖެއްސުމަށްޓަކައި ކަނޑައެޅިފައިވާ މިންވަރު އޭނާއަށް ރައްޔިތުންގެ އަތުން އަތުލެވިދާނެއެވެ. ވެރިމީހާ އޭނާއަކީ ޢާއްމު ރައްޔިތުންނަށްވުރެ މަތީ މީހެއްކަމުގައި ދެކެގެން ނުވާނެއެވެ. ޢާއްމު ރައްޔިތުންނާއެކު އެއްތަނެއްގައި އިށީނދެ ތެދުވެ އެމީހުންނާއެކު ކައިބޮއިހަދަންވާނެއެވެ. ވެރިޔެއްގެ އެންމެ މުހިންމު ވާޖިބަކީ ރައްޔިތުންގެ ފުރާނަތަކާއި މުދާތައް ޙިމާޔަތްކޮށްދިނުމުވެ.

އަލްފާރާބީ އެންމެ އިސްވެރިޔާގެ ސިފަތައް ބަޔާންކުރައްވަނީ އަފްލާޠޫނަށްވުރެ ޞަރީޙުކޮށެވެ. އޭނާ ޢިލްމުވެރިކަމުގެ ފުޅާ ލަފުޒުގެ މައްޗަކަށް ފުއްދަވައެއް ނުލައްވައެވެ. އަދި ކީއްތޯއެވެ؟ ޢިލްމުވެރިކަމުގެ މިންގަނޑެއްވެސް ބަޔާންކުރައްވައެވެ. އާދެ، އަލްފާރާބީ ވިދާޅުވާގޮތުގައި އެންމެ އިސްވެރިޔާ ވާންޖެހޭނީ ނަތީޖާއާ ހަމަޔަށް އަވަހަށް ވާޞިލުވުމާއި، ކަންކުރުމުގެ އުޞޫލުތައް ކަނޑައެޅުމުގެ ކުޅަދާނަކަން ފުރިހަމަޔަށް ލިބިފައިހުރި މީހަކަށެވެ. އަލްފާރާބީ ވިދާޅުވާގޮތުގައި އިންސާނުންނަކީ ވިސްނުމުގެ ގޮތުން އެއްވަރު ބައެއް ނޫނެވެ. ޢާއްމުކޮށް ފެންނަމުންދާކަމެކެވެ. ބައެއްމީހުންނަށް ކަންކަމުގެ ނަތީޖާ އަވަހަށް ވިސްނައިގަތުމުގެ ހުނަރު ވަކީން ބޮޑަށް ލިބިފައިވެއެވެ. އަނެއްބަޔަކަށް ލިބިފައިވަނީ ތަންކޮޅެއް ކުޑަކޮށެވެ. އެއްގޮތަކަށްވެސް އެބާރު ލިބިފައިނުވާ މީހުންވެސް ފެނެއެވެ. ސިޔާދަތުގެ ފުރާނައަކީ އިސްތިންބާޠު ކުރުމުގެ ބާރެވެ. ހަމައެކަނި އިސްތިންބާޠު ކުރުމުގެ  ބާރު ލިބިފައިހުރުމަކުންވެސް ނުފުދެއެވެ. އިސްތިންބާޠުކުރެވޭ ނަތީޖާތައް އެހެންމީހުންނަށް ރައްދުކުރާންވެސް ޖެހެއެވެ. އެހެންކަމުން އެންމެ އިސްވެރިޔާގެ ކިބައިގައި އިސްތިންބާޠުކުރުމުގެ ބާރާއެކު އަނެކުންނަށް އެކަންކަން ވާޞިލުކުރުމުގެ ނުވަތަ އެކަންކަން ވިސްނައިދީ އަންގައިދިނުމުގެ ހުނަރުވެސް ފުރިހަމަޔަށް ހުންނާން ޖެހެއެވެ.

އިންސާނިއްޔަތުގެ ހުރިހާ މައިދާންތަކަކާ ގުޅޭގޮތުން މިދެބައި ފުރިހަމަޔަށް ލިބިފައިހުރި މީހަކު ނުވަތަ ހުރިހައި ރޮނގަކުންވެސް "ފަސްމީރު ކުރިރުކެއް" ފަދަ މީހަކު ލިބުމަކީ ނާދިރުކަމެއްކަންވެސް އަލްފާރާބީއަކަށް ވަންހަނާވެވަޑައިގެންފައެއް ނުވެއެވެ. ދައުލަތުގެ ހުރިހައިކަމަކާ ބެހޭގޮތުން އެއްލީޑަރަކަށް ޤައުމެއްގެ ހުރިހައި އެންމެންނަށް މަގުދައްކަވައި ނުދެއްވޭނެކަންވެސް އަލްފާރާބީ ޤަބޫލުކުރައްވައެވެ. އެހެންކަމުން އަލްފާރާބީ ވިދާޅުވަނީ ކޮންމެ  ދާއިރާކަށް ވަކިޚާއްޞަ ޤާއިދަކު ހުންނަވަންޖެހޭނެކަމުގައެވެ. އެހުރިހާ ޤާއިދުންގެ ތެރެއިން އިސްވެދެންނެވި ހުނަރު އެންމެ ވަރުގަދަޔަށް ލިބިވަޑައިގެންފައިވާ ބޭފުޅަކު ޤާއިދުލްއައްވަލްކަމުގައި ހަމަޖެއްސެމަށެވެ. އެއްވަނަ ޤާއިދު ދެވަނަ ޤާއިދަށް، ދެވަނަ ޤާއިދު ތިންވަނަ ޤާއިދަށް މަގުދައްކަވަމުން ގެންދެވުމަށެވެ. އާދެ، މައްޗަށް ތިއްބަވާ ބޭފުޅުން ދަށުގައި ތިބޭ މީހުނަށް މަގު ދައްކަވަމުން ގެންދެވުމަށެވެ. މިގޮތުން އަލްފާރާބީ ވަނީ ފުރިހަމަ ޖުމްހޫރިއްޔަތެއްގެ ތަޞައްވުރު ހުށަހަޅުއްވައިފައެވެ. އަދި ކީއްތޯއެވެ؟ ފުރިހަމަ ކެބިނެޓަކާއި، ތަފާތު ފުރަދާނައިން ތިއްބެވުމުގެ ނަޒަރިއްޔާވެސް މީގެ އެއްހާސް އަހަރުކުރިން ދުނިޔެއަށް ތަޢާރަފުކޮށްދެއްވައިފައެވެ.

އަލްފާރާބީ ދެކެވަޑައިގަންނަވާގޮތުގައި ރައީސުލްއައްވަލް ވެވަޑައިގަންނަވާންޖެހޭނީ އެހެންމީހުންގެ ކިބައިން އުނގެނިވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާ ފަދަ ބޭފުޅަކަށެވެ. އިސްތިންބާޠުކުރެއްވުމާއި، އެކަންކަން ޢާއްމުކުރައްވައި ފާޅުކުރެއްވުމާއި، ދައުލަތުގެ ހުރިހާކަމެއް ފުރިހަމަޔަށް ކޮންޓްރޯލް ކުރެއްވުމުގެ ހުނަރު ލިބިވަޑައިގެން ހުންނެވިބޭފުޅަކަށެވެ. އަލްފާރާބީ ވިދާޅުވާގޮތުގައި ރައީސުލްއައްވަލަށްވުރެ އެބާރުތައް ވަރުގަދަ ބުއްދިވެރިޔަކު ފެނިއްޖެނަމަ އެމީހަކު ރައީސުލްއައްވަލަކަށް ހަދަންވާނެއެވެ.

ތިރީގައި މިދަންނަވާ ބާރަ ސިފައަކީ އަލްފާރާބީގެ ނަޒަރުގައި އެންމެ އިސްވެރިޔެއްގެ ކިބައިގައި ހުންނާންޖެހޭ ސިފަތަކެވެ.

1.  ޖިސްމާނީގޮތުން އެއްވެސް އައިބެއް އުނިކަމެއް ނެތްމީހަކު ކަމުގައިވުން.

2.  ވިސްނުންތޫނު ބުއްދިވެރިޔަކު ކަމުގައިވުން.

3.  އެމީހަކު ދައްކާ ކޮންމެ ވާހަކައެއްގެ ފުރިހަމަ ލަފުޒީ ޗާޓެއް އަޑުއަހާ މީހުންގެ ކުރިމަތީގައި ކުރަހައިލެވޭފަދަ ބަޔާންކުރުމުގެ ބާރު ވަރުގަދަ މީހަކު ކަމުގައިވުން.

4.  ވީހައިވެސް ކުރު ބަހުޘަކުން ކަންކަމުގެ އަޑިޔާހަމަޔަށް ވިސްނުން ފޯރުވައިލެވުމުގެ ހުނަރުލިބި ހުރި މީހެއްކަމުގައިވުން.

5.  ހަނދާންގަދަ މީހެއްކަމުގައިވުން.

6.  ބޭނުންވެއްޖެ ހިނދެއްގައި އޭނާގެ ޢިލްމަށް ލޯބިކުރުމުގެ ސިފަ މީހުންނަށް ހާމަކުރެވޭފަދަ މީހަކަށްވުން.

7.  ފައިދާއެއްނެތް ތާކުންތާކު ނުޖެހޭ ވިޔާނުދާ ކުޅިވަރުތަކަށް ނަފުރަތުކުރާ މީހަކަށްވުން.

8.   ނަފްސާނީ އެދުންތަކަށް ފުރިހަމަޔަށް ބާރުފޯރުވޭ މީހެއްކަމުގައިވުން. (ޚާއްޞަކޮށް ކެއިންބުއިމާއި، ޖިންސީގުޅުންތައް ހައްދުފަހަނައަޅައި ނުދާމީހެއްކަމުގައިވުން.)

9. ތެދުބުނުމަށް ލޯބިކުރާ އަދި ދޮގުހެދުމުން ރައްކާތެރިވާ މީހެއްކަމުގައިވުން.

10.  ތަނަވަސް ހިތެއްގެވެރި ޢަދުލު އިންސާފުދެކެ ޚާއްޞަގޮތެއްގައި ލޯބިވާ އަދި އަނިޔާވެރިކަމާއި ގަދަބަދަވިކަމުގެ ހިޔަންޏެއްވެސް އެޅިލައިފައިނެތް މީހެއްކަމުގައިވުން.

11. ތިމާ ރަނގަޅުކަމުގައި ދެކޭގޮތް އެހެންމީހުންދެކެ ބިރުގަތުމެއް، ފަސްޖެހިލުމެއްނެތި ތަންފީޒުކުރާމީހެއްކަމުގައިވުން.

12.  އެމީހެއްގެ ޚަޒާނާ އާރާސްތުވެގެންވާ އެކަށީގެންވާފަދަ މުއްސަނދި މީހެއްކަމުގައިވުން.

މަތީގައި ބަޔާކޮށްފައިވާ ހުރިހައި ސިފަތަކެއް ހަމަޔަށްހުރި މީހަކު ލިބުމަކީ މުސްތަޙީލު ކަމެކެވެ. އަލްފާރާބީވަނީ އަފްލާޠޫންގެ އެންމެ އިސްވެރިޔާއާމެދު އިޢުތިރާޟު ކުރައްވައިފައެވެ. އަލްފާރާބީ ވިދާޅުވެފައިވެއެވެ. ގްރީކުންގެ ކިބައިގައި ވާ އެންމެ ބޮޑު އުނި ކަމަކީ ޢާއްމު އިންސާނުން ޢަމަލީގޮތުން އެމިންގަނޑަކަށް ފެތޭ ވަރަށްވުރެ މަތީމިންގަނޑެއް ޚިޔާރުކޮށްފައިވުމެވެ. ޝައްކެއްނެތެވެ. އަލްފާރާބީ ބަޔާންކުރައްވާފައިވާ ސިފަތަކަކީ އެސިފަތައް ހުންނަ މީހުން ކޮންމެވެސް މިންވަރަކަށް އުޅެފާނެ ސިފަތަކެކެވެ. ނަމަވެސް އެހުރިހައި ސިފަތަކެއް އެކެއްގެ ޒާތުގައި ހަމަކުރުމަކީވެސް ނާމުމްކިން ކަމެކެވެ. އެކަން ޚުދްއަލްފާރާބީއަށްވެސް އިހްސާސްވެވަޑައިގަންނަވައެވެ. އެހެންކަމުން އޭނާ އަމިއްލަފުޅަށް ލިޔުއްވައިފައިވެއެވެ. މިހުރިހައި ސިފަތަކެއް އެކެއްގެ ކިބަޔަކުން ހަމަޔަކަށް ނުފެންނާނެއެވެ. އެހެންކަމުން އޭގެތެރެއިން ފަސް ސިފައެއް ހުރިމީހަކު ލިބިއަޖެނަމަ އެމީހަކީ ވަރަށް ބޮޑަށް އެކަށިގެންވާ ވެރިޔަކަށް ވާނެއެވެ. ހަމައެފަދައިން އެވަރުގެ މީހަކުވެސް ނުލިބި ހިނގައިދާނެކަމަށްވެސް ފާރާބީ ވިސްނައިވަޑައިގެންނެވިއެވެ. އެހެންކަމުން އޭނާވަނީ ބަދަލުގޮތެއްވެސް ހުށަހަޅުއްވައިފައެވެ. އެހުށަހެޅުއްވުމަކީ އިސްވެދެންނެވި ސިފަތައްހުރި މީހެއްގެ ތަރްބިޔަތުގައި އުޅެފައިހުރި މީހަކު ރައީސުލްއައްވަލްކަމުގައި ހަމަޖެއްސުމެވެ. މިހުށަހެޅުއްވުމުން އަލްފާރާބީގެ އެހެން ނަޒަރިއްޔާއެއްގެ އަސަރުވެސް ފާޅުވެއެވެ.

އަލްފާރާބީ ދެކެވަޑައިގަންނަވާގޮތުގައި އެދެވޭ ރަނގަޅު ސިފަތަކުގެ ނަޒަރުން ބަލާއިރު އިންސާނިއްޔަތު ދުވަހެއް ދުވަހަކަށްދަނީ ދަށަށެވެ. އޭނާގެ ކުރިފުޅުމަތީގައިވަނީ ރިސާލަތުގެ ދައުރުގެ ބަޠަލުންގެ ނާސަރީއާއި، އަލްޚުލަފާއުއްރާޝިދޫންގެ ދައުރުގެ ތާރީޚެވެ. ހަމައެއާއެކު އޭނާގެ ޒަމާނުގައި ތިއްބެވި ޚަލީފާއިންގެ ބަލިކަށިފުޅުކަމެވެ. އެބޭފުޅުންގެ އުނިސިފަފުޅުތަކެވެ. އެހެންކަމުން އޭނާއަށް ނެރުއްވުނު ނަތީޖާއަކީ ޒަމާން ދައުރުވަމުންދާވަރަކަށް އިންސާނުންދާނީ މާތް ޚުލްޤުތަކުން މަހްރޫމްވަމުން ކަމެވެ. ކޮންމެއަކަސް އަލްފާރާބީގެ މަޤްޞަދަކީ ކޮންމެ މަޤްޞަދެއްކަމުގައި ވިޔަސް އޭނާ، ވެރިކަމަކީ ވާރުތަކުރެވޭ ކަމަކަށްވުން ހުއްދަކުރެއްވުމުގެ ދޮރު ހުޅުއްވައިފައިވާ ކަމުގައި ދެންނެވިދާނެއެވެ. (ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.