މުސްލިމުންގެ ސިޔާސީމުފައްކިރުންގެ ތެރެއިން: އަބުއްނަޞްރުއަލްފާރާބީ - 1


ނޯޓު:

މި ސިލްސިލާއަކީ އިސްލާމީ ދުނިޔޭގައި އުފެދުނު މަޝްހޫރު ސިޔާސީ މުފައްކިރުންނާއި އެ ބޭކަލުންގެ ސިޔާސީ ފިކުރު މި ޒަމާނުގެ ދިވެހި ދަރީންނަށް ތަޢާރުފު ކޮށް ދިނުމަށްޓަކައި ލިޔާ ސިލްސިލާއެކެވެ.

މީލާދީން ސޯޅަ ވަނަ ސައްތަޔާ ހަމަޔަށް ޢިލްމީ ހުރިހާ މައިދާންތަކެއްގައިވެސް އެދުރުން ކަމުގައި ތިބީ މުސްލިމުންނެވެ. މުސްލިމުންގެ ތެރޭގައި އުފެދިފައި ވަނީ ހަމައެކަނި ޢުމަރު ބުނުލްޚައްޠާބު ފަދަ ސިޔާސީ ޒަޢީމުންނާއި، ޚާލިދު ބުނުލްވަލީދު ފަދަ އަސްކަރީ ޖަނަރަލުން އެކަންޏެއް ނޫނެވެ. ސިޔާސަތާއި ފަލްސަފާގެ ބަގީޗާ ތަކުގައިވެސް ފިޔަ ޖަހަމުން ދިޔައީ މުސްލިމުންގެ ތޯތާ ތަކެވެ. އިމާމުންނަކީ އަލްފާރާބީއާއި، އަލްމާވަރްދީއާއި، ޣަޒާލީއާއި، ނިޒާމުލްމުލްކު ފަދަ އިސްލާމީ މުފައްކިރުންނެވެ.

މި ސިލްސިލާގެ ބޭނުމަކީ އަޅުގަނޑުމެންގެ އާ ޖީލަށް މި ޙަޤީޤަތް އަންގައި ދިނުމެވެ.

                                                                   ފާރޫޤް


(އެއްވަނަބައި)

ވެރިކަމުގެ ސަރަޙައްދުގެ ތެރެއިން ތަނަވަސްކަމަށްބަލާއިރު ޢައްބާސީންނަކީ އެބައިމީހުންގެ ހަތުރުންކަމުގައިވާ އުމަވީންނާ ވާދަކުރެވޭފަދަ ބައެއްނޫނެވެ. ޢައްބާސީންގެ ދައުރުގައި ސްޕޭންވަނީ އަބަދަށްޓަކައި މުސްލިމުންގެ މަރުކަޒީ ސަރުކާރާ ވަކިވެފައެވެ. ހުޅަނގުގައި އިދްރީސީ ވެރިކަން އުފެދުނީ ޚަލީފާ ހާރޫނުގެ ދައުރުގައެވެ. ޚުރާސާނުގެ ޡާހިރީވެރިކަމާއި، ޔަމަނުގެ ޒިޔަދީ ވެރިކަމަކީ މައުމޫނުގެ ދައުރުގެ އުފެއްދުންތަކެވެ. ޚަލީފާ އަލްމުތަވައްކިލް ޤަތުލުވުމަށްފަހު މަސްރަޙުވަނީ ކުރިޔަށްވުރެވެސް ބަނަވެފައެވެ. ޢައްބާސީންގެ ވަރަށްގިނަ ޕްރޮވިންސްތަކެއްވަނީ އަމިއްލަ ވެރިކަން އުފައްދައިފައެވެ. މިދެންނެވި މިނިވަން އަމިއްލަ ދައުލަތްތައް އުފެދުމުން މުސްލިމުންގެ އެއްބައިވަންތަކަމަށާއި ޚިލާފަތުގެ ހައިބަތަށްވަނީ ވަރަށްބޮޑަށް އުނިކަން އައިސްފައެވެ. ނަމަވެސް މހުރިހައި ގެއްލުންތަކެއް ވަރަށްބޮޑަށް ފޫބައްދައިދިން ސަބަބެއްކަމުގައި ހިމެނިގެންދިޔައީ މުސްލިމުންގެ ތެރޭގައި ތަފާތު ޢިލްމުތަކާއި ފަންނުތައް ކުރިއަރައި ޢާއްމުވެގެން ދިއުމެވެ. މުސްލިމުންގެ އެތައް ދައުލަތްތަކެއް އުފެދުމުގެ ނަތީޖާއެއްގެގޮތުން ޢިލްމީއެތައް މަރުކަޒުތަކެއް ބިނާވެގެންދިއުމެވެ. އެންމެ ބަޣުދާދެއްގެ ބަދަލުގައި ސުމާރެއްނެތްހައި ގިނަ ބަޣުދާދުތައް އުފެދިގެން ދިއުމެވެ. ކޮންމެ ދައުލަތެއްގެވެސް ވެރިރަށުގައި ޢިލްމުވެރީންނާއި މުފައްކިރުންގެ ހައިބަބޮޑު ޖަމާޢަަތެއް އޮވެއެވެ.

އެދުވަސްވަރު އުފެދިގެންދިޔަ ތަފާތު ދައުލަތްތަކުގެ ތެރެއިން އެންްްްްމެ އަލިގަދަ އެއްދައުލަތަކީ ހަމްދާނީ ދައުލަތެވެ. ސަރަޙައްދުގެ ފުޅާކަމާއި ވެރިކަން ދެމިއޮތް މުއްދަތަށް ބަލާއިރު އެ ދައުލަތަކީ ޚާއްޞަ މަޤާމެއް ލިބޭފަދަ ދައުލަތެއްނޫނެވެ. ނަމަވެސް އެދައުލަތުގެ ނަންވަނީ އަބަދަށްޓަކައި ތާރީޚުގައި ދިރިދަމަހައްޓައިފައެވެ. ހަމްދާނުގެ ކާފަދަރިކަލުން ސައިފުއްދައުލާގެ ޢިލްމަށް ލޯބިކުރެއްވުމާއި ޢިލްމުވެރިންނަށް ކަމޭހިއްތެވުމުގެ ސަބަބުންނެވެ. ސައިފުއްދައުލާގެ ދަރުބާރުގައި މުތަނައްބީ ފަދަ ޝާޢިރުންނާއި، ޢަބުލްފަރަޖު އަލްއަޞްފަހާނީފަދަ އަދީބުން ތިއްބެވުމުންނެވެ. ޚާއްޞަކޮށް އަބުއްނަޞްރު އަލްފަރާބީފަދަ ފިލޯސަފަރުންނާއި މުފައްކިރުން އެދަރުބާރާ ގުޅުވަޑައިގެންފައިވުމުގެ ސަބަބުންނެވެ.

ހަޔާތްޕުޅު

އަލްފަަރާބީއަކީ އިސްލާމީ ދުނޔެ އުފެއްދި އެންމެ މަޝްހޫރު އެއްފިލޯސަފަރެވެ. އެއްމުފައްކިރެވެ. އޭނާގެ ފުރިހަމަ ނަންފުޅަކީ މުޙައްމަދު ބިން މުޙައްމަދު ބިން ޠަރުޚާނެވެ. ކުންޔަތަކީ އަބުއްނަޞްރެވެ. ނަމަވެސް އޭނާއަށް ނަޞްރެވެ ކިޔުނު ދަރިކަލަކު ލިބިވަޑައިގެންނެވިކަމެއް ތާރީޚުން އެނގޭކަށް ނެތެވެ. އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖްރައިން 256 (މީލާދީން 870) ގައެވެ. އޭނާގެ ބައްޕަ މުޙައްމަދަކީ ތުރުކީ ސިފައިންގެ ކޮމާންޑަރެކެވެ. އަލްފަރާބީ ރައްކާވީ ތުރުކިސްތާނުގެ ފާރާބުގެ ވާސިޖު ނުވަތަ ވަސީޖުގެ ކިއްލާގައެވެ. ފާރާބު އޮންނަނީ ޖައިޙޫން ކޯރުގެ އައްސޭރީގައެވެ. މިހާރުގެ އެރަށުގެ ނަމަކީ އަތުރާރު (Otrar) އެވެ. އަލްފަރާބީގެ ނަންފުޅުން އަބުއްނަޞްރު މަޝްހޫރުވެވަޑައިގަތީ އެރަށަށް ނިސްބަތްކޮށެވެ.

އެދުވަސްވަރު ދުނިޔޭގައި އޮތް އެންމެބޮޑު ޢިލްމީ މަރުކަޒަކީ ބަޣުދާދެވެ. ޢިލްމުގެ ޢާޝިޤުން އެބައިމީހުންގެ ކަރުހިއްކުން ފިލުވުމަށްޓަކައި މިސްރާބުޖަހަނީ އެރަށާ ދިމާއަށެވެ. އަލްފާރާބީވެސް ވަރަށް ތުއްޕުޅުއިރު ބަޣުދާދަށް ވަޑައިގެންފިއެވެ. އޭރު އޭނާ ޢަރަބިބަސްވެސް ދެނަވަޑައެއް ނުގަންނަވައެވެ. ފާރާބީ އެންމެ ފުރަތަމަ ދަސްފުޅުކުރެއްވީ ޢަރަބިބަހެވެ. އޭނާ ނަޙުވު ކިޔަވާވިދާޅުވީ އަބޫބަކުރުބުނުއްސިރާޖުގެ އަރިހުންނެވެ. ޢަރަބިބަހުގެ މާހިރަކަށް ވެވަޑައިގަތުމަށްފަހު އެހެނިހެން ޢިލްމުތަކާ ދިމާޔަށް އެނބުރި ވަޑައިގެންނެވިއެވެ. ކްރިސްޓިޔަން ބޭސްވެރިއެއް ކަމުގައިވާ އަބޫބިޝަރު މައްތާ ބިން ޔޫނުސުގެ އަރިހުން މަންޠިޤު ދަސްފުޅުކުރެއްވެވިއެވެ. މައްތާ އަކީ އާއްމުކޮށް ޤަބޫލުކުރެވި މަޝްހޫރުވެވަޑައިގެންފައިވާ އުސްތާޛެކެވެ. ގްރީކުގެ ވަރަށްގިނަ ފޮތްތަކެއް ސުރިޔާނީ ބަހުން އަރަބިބަހަށް ތަރުޖަމާކުރެއްވުމުގެ ސަބަބުންނެވެ. އަލްފާރާބީއާމެދު މައްތާބެހެއްޓެވި ޢިނާޔަތުގެ ސަބަބުން އަލްފާރާބީ މަންޠިޤަށް ވަރަށް ބޮޑަށް ޝައުޤުވެރިވެވަޑައިގެންނެވިއެވެ. ޙައްރާނަށް ވަޑައިގެން ކްރިސްޓިޔަން ފިލޯސަފަރެއްކަމުގައިވާ ޔޫޙަންނާ ބިން ޖިބުލާން (ނުވަތަ ޙައިލާން ނުވަތަ ޙަބްލާން، ނުވަތަ ޚަބްލާން ނުވަތަ ޖައިލާން) ގެ ދަރިވަރަކަށް ވެވަޑައިގެންނެވިއެވެ. ޙައްރާނުން ބަޣުދާދަށް އެނބުރި ވަޑައިގަތުމަށްފަހު އަރަސްޠޫ (ARISTOTLE) ގެ ފަލްސަފާއަށް ސަމާލުކަންދެއްވިއެވެ. އެރޮނގުން އޭނާ ކުރެއްވި މަސައްކަތްޕުޅުގައި ހޯއްދެވި ކާމިޔާބީގެ ސަބަބުން އަރަސްޠޫގެ ފަލްސަފާ ފުރިހަމައަށް ފަހުމުވެޑައިގެންނެވި މުސްލިމުންގެ އެންމެ ފުރަތަމަ ފިލޯސަފަރުކަމުގައި ވެވަޑައިގެންނެވިއެވެ.

ގްރީކުގެ ފަލްސަފީފޮތްތައް ޢަރަބި ބަހަށް ތަރުޖަމާކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށިފައިވަނީ އައްބާސީ ޚަލީފާ އަލްމަންޞޫރުގެ ވެރިކަމުގައެވެ. ހާރޫނުއްރަޝީދާއި މައުމޫނުގެ ދައުރުގައި ގްރީކުގެ ހުރިހައި ފޮތްތަކެއްހެންވަނީ ޢަރަބިބަހަށް ބަދަލުކުރެވިފައެވެ. ނަމަވެސް ޙަޤީޤަތަށް ދަންނަވާނަމަ އެފޮތްތައް ހަމައެކަނި ތަރުޖަމާކުރެވުނީއެވެ. ގްރީކުބަހުގެ ނުވަތަ ސުރިޔާނީ ބަހުގެ ބަދަލުގައި ޢަރަބިބަހުން ލިޔެވުނީއެވެ. އެއްވެސް މީހަކަށް އެފޮތްތަކުގެ މަޢުލޫމާތު ފުރިހަމަޔަކަށް ވިސްނައެއް ނުގަނެވެއެވެ.

ހަމްދާނީން ހަލަބު ފަތަޙަކޮށް މައުޞިލްގެ ބަދަލުގައި އެބައިމީހުންގެ ވެރިރަށަކަށް ޙަލަބު ހެދުމުން އަލްފާރާބީ އެރަށަށް ބަދަލުވެވަޑައިގެން ސައިފުއްދައުލާގެ ދަރުބާރާ ގުޅިވަޑައިގެންނެވިއެވެ. މީލާދީން 946 ގައި ހަމްދާނީން ދިމިޝްޤުވެސް ފަތަޙަކޮށްފިއެވެ. އެރަށް ފަތަޙަވުމުން އަލްފާރާބީ ވަޑައިގަތީ ދިމިޝްޤަށެވެ. ދިމިޝްޤުގައި ޞޫފީއެއްގެ ދިރިއުޅުއްވުން ވޭތުކުރައްވާން ފެއްޓެވިއެވެ. ސައިފުއްދައުލާގެ ފަރާތްޕުޅުން އޭނާއަށް ދުވާލަކު ހަތަރު ދިރުހަމުގެ ޕެންޝަނެއް ލިބިވަޑައިގަންނަވައެވެ. އެކުޑަކުޑަ ފައިސާކޮޅުވެސް އޭނާގެ ޙަޔާތްޕުޅުގެ ބޭނުންފުޅުތަކަށް ފުދިފައި އިތުރުވެއެވެ. އަލްފާރާބީއަކީ އެކަހެރިކަމަށް ލޯބިކުރެއްވި ބޭފުޅުކެވެ. އޭނާ އެންމެ ކުރައްވާ ހިތްޕުޅުވާކަމަކީ ބަގީޗާތަކުގެ ތެރޭގައްޔާއި ކޯރުކޯރުގެ އައްސޭރީގައި ހިންގަވައިލެއްވުމުވެ. އަލްފާރާބީ އަވަހާރަވީ ހިޖްރައިން 339 (މީލާދީން 950) ގައެވެ.  އޭނާ ފަސްދާނުލެވުނީ ދިމިޝްޤުގައެވެ.

ލިޔުއްވިފޮތްތައް

އެދުވަސްވަރު ޢާއްމުވެފައިވާ ޢިލްމުތަކެއްގެ މައްޗަށް އޭނާ ފޮތް ލިޔުއްވިއެވެ. ނަމަވެސް އޭނާގެ ފޮތްތަކުގެ ތެރެއިން އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ފަލްސަފާއާއި މަންޠިޤުގެ ފޮތްތަކެވެ. އަރަސްޠޫގެ (ARISTOTLE) ޝާރިޙެއްގެ ހައިޡިއްޔަތުން އަލްފާރާބީވަނީ ވަރަށްބޮޑަށް މަޝްހޫރުވެވަޑައިގެންފައެވެ. އެހެންކަމުން އޭނާއަށް "ދެވަނަ އެދުރު" ގެ ނަންލިބިވަޑައިގަތެވެ. އެންމެފުރަތަމަ އެދުރަކީ އާދެ، މުއައްލިމުލްއައްވަލަކީ ޚުދް އަރަސްޠޫއެވެ. ބުނެވޭގޮތުގައި މުސްލިމުންގެ މަޝްހޫރު ފިލޯސަފަރު ބޫޢަލީސީނާ (އިބްނު ސީނާ) ވެސް އަރަސްޠޫގެ ފަލްސަފާއާ ފުރިހަމައަށް ރައްޓެހިވެފުޅުވެޑައިގަތީ އަލްފާރާބީގެ ފޮތްތަކުގެ އެހީގައެވެ. އަރަސްޠޫގެ "އަޚްލާޤިއްޔާތު" ގެ މައްޗަށްވެސް އަލްފާރާބީ ފާޑުވިދާޅުވުމުގެ ފޮތެއް ލިޔުއްވިއެވެ. އަފްލާޠޫން (PLATO) ގެ "އަލްޤާނޫން" ގެ ޚުލާޞާއެއް ތައްޔާރުކުރެއްވިއެވެ. ފަލްސަފާގެ އިތުރަށް މަންޠިޤުގެ ރޮނގުންވެސް އޭނާވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްހޫރުވެފައިވާ ފޮތްތަކެއް ލިޔުއްވައިފައެވެ.

ސައެންސުގެ މައުޟޫޢުތަކުގެތެރެއިން ޠަބީޢިއްޔާތާއި، މޫސުމާއި ފަލަކިއްޔާތުގެ ރޮނގުން އަގު ހިމަނައިނުގަނެވޭ ފަދަ ފޮތްތަކެއް ލިޔުއްވިއެވެ. ނަފްސިއްޔާތާއި، މާވަރާއުއްޠަބީޢިއްޔާތު (supernatural) ފަދަ "ހަރުހިލައިގެ" މައިދާންތައްވެސް އޭނާ ގަލަންކޮޅު ނުހިންގަވައެއް ދޫކޮށެއްނުލައްވައެވެ. ރިޔާޟިއްޔާތުގެ މައިދާނުގައިވެސް އޭނާގެ ޤާބިލިއްޔަތުވަނީ ހާމަކޮށްދެއްވައިފައެވެ. އަޤްލީދަސްއާމެދު އޭނާ ލިޔުއްވި ފޮތްތަކަށް ޔޫރަޕްގެ ޢިލްމުވެރީންވެސްވަނީ އައްސަރިބަސް ރައްދުކުރައްވައިފައެވެ. އަޖާއިބުވެ ޙައިރާންވާންޖެހޭ ކަމަކީ އިސްވެދެންނެވި ފަދަ ކުރަކި ޢިލްމުތައް ފިޔަވައި މިއުޒިކްގެ ފަށުވިފަންނުގައިވެސް އަލްފާރާބީއަށް 'ދިގުއަތްޕުޅެއް" ލިބިވަޑައިގެންފައިވާކަމެވެ. އޭނާއަކީ ރުބާބުގެ އުފެއްދުންތެރިޔާއެވެ. ޢޫދުގެ މާހިރެވެ. ޞައިފުއްދައުލާގެ ދަރުބާރުގައި އޭނާގެ ލަވަތަކުން އަޑުއަހާމީހުންގެ މައްޗަށް ޖާދޫގެ އަސަރު ވެރިކޮށްލައްވައެވެ. އޭނާ ބޭނުންފުޅުނަމަ "ބަނޑުގައި ގޮށްލާ ވަރަށް" މީހުން ހެއްވަވައިލައްވައެވެ. ބޭނުންފުޅުނަމަ މީހުންގެ ލޯތަކުން ކަރުނައިގެ ސައިލު ހިންގަވައިލައްވައެވެ.

އަލްފާރާބީއަކީ ޅެންވެސް ހެއްދެވި ބޭފުޅެކެވެ. މިއުޒިކާބެހޭގޮތުންވެސް ފޮތްތައް ތަސްނީފުކުރެއްވިއެވެ. އޭނާ ގްރީކު މިއުޒިކުގެ ވަރަށް ގިނަ އުނިކަންތައްތައް ފާހަގަކުރެއްވިއެވެ. އެކަންކަން ރަނގަޅުކުރުމަށްޓަކައި ކިތާބުލްމޫސީޤީ އަލްކަބީރު ލިޔުއްވިއެވެ. އެފޮތްވަނީ ޔޫރަޕްގެ ގާތްގަނޑަކަށް ހުރިހާ ބަސްބަހަކަށް ތަރުޖަމާކުރެވިފައެވެ.

މަތީގައިއެވަނީ އަލްފާރާބީ ލިޔުއްވިފޮތްތަކުގެ މައްޗަށް ހިންގައިލެވިފައިވާ އަވަސް ނަޒަރެކެވެ. އޭނާގެ ޢިލްމުވެރިކަމާއި، މަޢުލޫމާތުގެ ދާއިރާގެ ފުޅާކަން ހާމަކުރުމަށްޓަކައެވެ. އަޅުގަނޑުގެ މިއަދުގެ މައުޟޫއާ އެންމެބޮޑަށް ގުޅެނީ އޭނާ ސިޔާސީމައިގަނޑު ނަންތަކަށް ލިޔުއްވާފައިވާ ފޮތްތަކެވެ.

އަލްފާރާބީ ސިޔާސީ މައިގަނޑު ނަންތަކުގައި ލިޔުއްވާފައިވާ މުހިންމުފޮތްކަކަކީ:

  1. އަފްލާޠޫނުގެ "ޤާނޫނު"ގެ މައްޗަށް ލިޔުއްވި ޚުލާޞާ
  2. އައްސިޔާސަތުލްމަދީނާ
  3. އާރާއު އަހްލިލްމަދީނަތިލްފާޟިލާ
  4. އިޖްތިމާޢުލް މަދީނާ

މި ފޮތްތަކެވެ. މި ދެންނެވި ފޮތްތަކުގެ ތެރެއިން އެންމެ ބޮޑަށް މަޝްހޫރު ވެފައި ވަނީ އައްސިޔާސަތުލްމަދީނާ އާއި، އާރާއު އަހްލިލްމަދީނަތިލްފާޟިލާއެވެ. އަލްފާރާބީ މި ދެ ފޮތުގައި ވަނީ އޭނާގެ ހުރިހާ ސިޔާސީ ފިކުރުފުޅުތަކާއި ނަޒަރިއްޔާތަކެއް ބަޔާން ކުރައްވައިފައެވެ. މި ދެ ފޮތުގެ ތެރެއިން އައްސިޔާސަތުލްމަދީނާ އަކީ މާ ބޯ ފޮތެއް ކަމުގައި ނުވިޔަސް އެ ފޮތުގައި އޭނާ ބަޔާން ކުރައްވާފައި ނުވާ ސިޔާސީ އެއްވެސް ނަޒަރިއްޔާއެއް އޮންނާނެ ކަމެއްވެސް ނޭނގެއެވެ. އަލްފާރާބީ އެ ފޮތް ފައްޓަވައިފައި ވަނީ އިންސާނުންނާއި އެހެނިހެން ޙަޔަވާންތަކުގެ ތަފާތު ބަޔާން ކުރައްވަމުންނެވެ. އެ ރޮނގުން ލިޔުއްވި ލިޔުއްވުމުގައި އިންސާނުންގެ މެދުގައި އޮންނާން ޖެހޭ އެއްބާރުލުމުގެ ބޭނުންތެރިކަން ބަޔާން ކުރެއްވިއެވެ. އިންސާނުންގެ ކިބައިގައި ފިޠުރަތުން ލައްވައިފައިވާ ބާރުތަކުގެ މައްޗަށް އަލިއަޅުވައި ލެއްވިއެވެ.ޚާއްސަކޮށް ޚިޔާލު ތަފާތު ވުމާއި، ދެކޮޅުވެރި ވުމުގެ ބާރާއި އޭގެ އަސަރުތަކުގެ މައްޗަށް ވަނީ ވާހަކަ ދައްކަވައިފައެވެ. ނަމޫނާ ދައުލަތަކާއި، އެ ދައުލަތުގެ ރައީސެއްގެ އަހައްމިއްޔަތާއި އެ ބޭފުޅެއްގެ ކިބައިގައި ހުންނާން ޖެހޭ ޤާބިލިއްޔަތުގެ މައްޗަށް ވަނީ ބަޙްޘު ކުރައްވައިފައެވެ. އިހު ޒަމާނުއްސުރެ ދުނިޔޭގައި ޤާއިމު ވެފައިވާ ވެރިކަމުގެ ބާވަތްތަކަކީ އެ ފޮތުގެ މައުޟޫޢެވެ.

އަރާއު އަހްލިލްމަދީނަތިލްފާޟިލާއަކީ ތިރީސްހަތަރު ބާބުގެ މައްޗަށް އެކުލެވިފައިވާ ފޮތެކެވެ. އެފޮތުގެ ނަމުންވެސް ދޭހަވާފަދައިން އެފޮތުގައިވަނީ ނަމޫނާ ދައުލަތަކާއި، އެފަދަ ދައުލަތެއްގެ ބޭނުންތަކާއި، އިންތިޒާމްތަކާއި ހިންގުން އޮންނާނެގޮތް ތަފްޞީލުކޮށް ބަޔާންކުރައްވައިފައެވެ. އެންމެމަތީވެރިކަމުގެ ބާރާއި، އިޝްތިރާކިއްޔާތާއި، އިންފިރާދިއްޔަތުގެ މައްޗާށް ތަފްޞީލުކޮށްވަނީ ވާހަކަ ދައްކަވައިފައެވެ. އެފޮތުގައިވަނީ އަފްލާޠޫންގެ ތަޞްނީފެއްކަމުގައިވާ ޖުމްހޫރިއްޔަތު (REPUBLIC) ގެ ފުރިހަމަ ޢަރަޤު ޝާމިލުކުރައްވައިފައެވެ. ނަމަވެސް އާރާއު އަހްލިލް މަދީނަތިލްފާޟިލާއަކީ އަފްލާޠޫނުގެ ކަނު ތަޤްލީދެއްނޫނެވެ. ވަރަށްގިނަ ތަންތާނގައި އަލްފާރާބީވަނީ އަފްލާޠޫނާއި ޚިލާފުވެވަޑައިގެންފައެވެ. އަފްލާޠޫންގެ ނަޒަރިއްޔާތައް އިޞްލާޙުކުރައްވައިފައެވެ. އާރާއުއަކީ ރިޕަބްލިކްގެ އިޞްލާހުކޮށްފައިވާ އެޑިޝަނެކޭ ބުނުން ޙަޤީޤަތާ ވަރަށް އެއްގޮތްވާނެއެވެ.

އަލްފާރާބީއަކީ "އިސްތަށިފުޅުން ފެށިގެން ފައިތިލަފުޅާ ހަމަޔަށް" ވެސް މަންޠިޤުގެ ބޭފުޅުކެވެ. އެހެންކަމުން އޭނާގެ ކޮންމެ ތަސްނީފެއްގައިވެސް މަންޠިޤުގެ އަސަރު ވަރަށް ވަރުގަދަޔަށް އެކުލެވެއެވެ. އަލްފާރާބީ އޭނާގެ ޚިޔާލުފުޅުތަކަށް ދަލީލުދެއްކެވުމުގައި އެހީހޯއްދަވަނީ މަންޠިޤުންނެވެ. ތަންތަންކޮޅުން މިސާލުތައް ޖައްސަވައި އޭނާގެ ދައުވާ ސާބިތުކުރައްވައި ވަރުގަދަކުރައްވައެވެ. އަލްފާރާބީއަކީ ތަފާތު އެތައް ޢިލްމެއްގެ މާހިރެކެވެ. އެހެންކަމުން އޭނާގެ ނަޒަރިއްޔާތައް އުފެއްދެވުމަށާއި، އެނަޒަރިއްޔާތައް ސާބިތުކުރެއްވުމަށްޓަކއި ތަފާތު ޢިލްމުތަކުގެ ބޭނުންފުޅު ކުރައްވައެވެ. އެގޮތުން އޭނާގެ ސިޔާސީ ފޮތްތަކުންވެސް ނަފްސިއްޔާތާއި، އަޚްލާޤިއްޔާތާއި، މާވަރާއުއްތަބީޢިއްޔާތުގެ މަލަތައް ފެންނާން ހުރެއެވެ. އިންސާނުންގެ މެދުގައި އޮންނާންޖެހޭ އިޖްތިމާޢީ ގުޅުމުގެ ބޭނުންތެރިކަން ސާބިތުކުރެއްވުމަށްޓަކައި އިންސާނީބާރުތަކާއި، އިންސާނާއާއި އެހެނިހެން ޙަޔަވާންތަކުގެ ތަފާތު ހަމަކުރައްވައިފައިވެއެވެ. (ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.