މުސްލިމުންގެ ސިޔާސީމުފައްކިރުންގެ ތެރެއިން: އަބުއްނަޞްރުއަލްފާރާބީ - 2

(ދެވަނަބައި)

ސިޔާސީނަޒަރިއްޔާތައް

އަލްފާރާބީ ގެ ސިޔާސީ ނަޒަރިއްޔާތަކުގެ މައްޗަށް ވާހަކަދައްކަން ފެށުމުގެ ކުރިން ދަންނަވާލަން ބޭނުންވާ ނުކުތާއެއް އެބައޮތެވެ. އެއީ އަލްފާރާބީ ގެ ހުރިހާވެސް މަސައްކަތްޕުޅަކީ ފަލްސަފާއާއި ޝަރީޢަތް އެއްތައްގަނޑަކަށް ފެއްތެވުންކަމެވެ. ތަޠުބީޤު ކުރެއްވުންކަމެވެ. ހަމައެއާއެކު އަރަސްޠޫއާއި އަފްލާޠޫންގެ ނަޒަރިއްޔާތައްވެސް ތަޠުބީޤު ކުރެއްވުން ކަމެވެ. ސިޔާސީ ނަޒަރިއްޔާތަކުގެ މައްސަލައިގައި އަލްފާރާބީގެ މައްޗަށް ވަރަށް ބޮޑަށްވަނީ އަފްލާޠޫންގެ އަސަރުފޯރައިފައެވެ. ނަމަވެސް އޭނާގެ ޚިޔާލުފުޅު އަފްލާޠޫނާ ތަފާތުވާ ތަންތާގައި އޭނާ ގިނަފަހަރަށް ހުރަހަޅުއްވަނީ އަރަސްޠޫގެ ނަޒަރިއްޔާތަކެވެ. އަލްފާރާބީގެ ސިޔާސީ ނަޒަރިއްޔާތަކަކީ ވަރަށް ގިނަފަހަރަށް ތަސައްވުރީ ނުވަތަ ޚިޔާލީ ނަޒަރިއްޔާތަކެކެވެ. ނަމަވެސް އޭނާގެ ޒަމާނުގެ ޙާލަތު އޮތްގޮތާއި ކަންހިނގަމުން ދިޔަގޮތާމެދުވެސް އޭނާ ފަރުވާކުޑަކޮށެއްނުލައްވައެވެ. ނަމޫނާ ދައުލަތެއްގެ ވާހަކަފުޅު ދެއްކެވުމުގައި ރަނގަޅުނޫން ދައުލަތެއްގެ ނަޒަރިއްޔާވެސްވަނީ ހުށަހަޅުއްވައިފައެވެ. އެދައުލަތުގެ ހިރުހާކަމެއްވެސް ހުރީ ފާރާބީގެ ދުވަސްވަރުގެ ޙާލަތު ވަރަށް ރަނގަޅަށް ހާމަވެގެންދާ ގޮތަށެވެ. އެދުވަސްވަރު ފުރިހަމަޔަށް ދައްކައިދޭ މޫނުބަލާ ލޯގަނޑެއް ފަދައިންނެވެ.

އިންސާނާ

އަލްފާރާބީ އިންސާނާގެ ބުއްދި ދެބަޔަކަށް ބައްސަވައިފައިވެއެވެ. ޢަޤްލުލްފައްޢާލު (Active Intellect) އާއި، ޢަޤްލުލްމުސްތަފާދު (Inferred Intellect) މިދެބައެވެ. އިންސާނުންނާއި ހަޔަވާންތަކާ ދެމެދު ހުރި އިމްތިޔާޒެއް ކަމުގައި އަލްފާރާބީ ވިދާޅުވަނީ ޢަޤްލުލްފައްޢާލެވެ. ޢަޤްލުލްފައްޢާލާ ނުލައި ޢަޤްލުލް މުސްތަފާދު ހުންނަނީ އެއްވެސް ހިއްސެއް ޙަރަކާތެއްނެތިއެވެ. އިރުގެ އަލިކަމާއި ނުލައި ލޮލުގެ ބޭނުމެއް ނުހިފޭފަދައިންނެވެ. އެހެނިހެން ޙަޔަވާންތަކުގެ ކިބައިން ނުފެންނަ ދެބާރެއް އިންސާނާގެ ކިބައިގައިވާ ކަމަށް އަލްފާރާބީ ޤަބޫލުކުރައްވައެވެ. އޭނާ އެދެބާރަށް ދެއްވާފައިވާ ދެނަމަކީ ޤުއްވަތުއްނާތިޤާއާއި، ޤުއްވަތުއްނުޒޫޢިއްޔާއެވެ. އިންސާނާ ޢިލްމު ޙާޞިލްކުރަނީ ޤުއްވަތުއްނާތިޤާގެ ބާރުގައެވެ. ހެވާއިނުބައި، ރަނގަޅާއި ނުރަނގަޅު ފައިދާއާއި ގެއްލުމުގެ ތަފާތު ދެނެގަންނާނީ އެބާރުގެ އެހީގައެވެ. އިންސާނާގެ ހިތުގައި އެއްޗަކާމެދު ލޯބި ނުވަތަ ނަފްރަތު އުފައްދަނީ ޤުއްވަތުނުޒޫޢިއްޔާއެވެ. އުފަލާއި ހިތާމައިގެ ޖަޒުބާތު އުފެދެނީ ޤުއްވަތުނުޒޫޢިއްޔާގެ ސަބަބުންނެވެ.

އަލްފާރާބީގެ އިންސާނާއަކީ މަދަނީ ތަބީޢަތުގެ މީހެއްނޫނެވެ. އަރަސްޠޫވެސް ވިސްނާވަޑައިގެންފައިވާ ފަދައިންނެވެ. އަދި ކީއްތޯއެވެ. އިންސާނާގެ ކިބައިގައިވާ ޤުއްވަތުއްނުޒޫޢިއްޔާގެ ސަބަބުން އޭނާއަކީ ދެބަސްވެ ކޯޅޭ މީހެކެވެ. ނަމަވެސް އޭނާގެ ކިބައިގައި ހުންނަ ޤުއްވަތުއްނާތިޤާ އޭނާގެ ތަބީޢަތާއި ޖިބިއްލަތުގެ މައްޗަށް ބާރު ފޯރުވައެވެ. އެންމެންގެ ލާބައާއި މަންފާއަށްޓަކައި ދެބަސްވުންތަކާއި ކޯޅުންތައް ދޫކޮށްލައިގެން ދިރިއުޅޭން މަޖްބޫރުކުރުވައެވެ.

އިޖްތިމާޢު

އިންސާނާއަކީ ފިތުރީގޮތުން "ހަނގުރާމަވެރި" މީހެއްކަމުގައިވިޔަސް އޭނާ އަނެކުންނާ މިލިގެންއުޅޭން އެއްބަސްވެއެވެ. އޭނާގެ ބޭނުންތަކުގެ ބާވަތުންނެވެ. ދިރިއުޅުމަށް ބޭނުންވާ ސާމާނު ހޯދުމުގެ ބޭނުމުގައިވެސްމެއެވެ. އަނެކުންގެ އެއްބާރުލުމާ ނުލައި ޙަޔާތަށް ބޭނުންވާ ތަކެތި ލިބޭނެ ގޮތެއްވެސް ނެތްކަމާއި، އެއްވެސް މަޤްޞަދެއް ޙާޞިލްކުރެވޭނެ ގޮތެއްވެސް ނެތްކަން އޭނާއަށް އެނގެއެވެ. ނަމަވެސް އިންސާނުންގެ މިއެކުވެރިކަން އޮތީ އެއްސިފައަކަށް ނޫނެވެ. އަދި ކީއްތޯއެވެ؟ އިންސާނުން އެކުގައި ދިރިއުޅޭ އެތައް ގޮތްތަކެއް އޮވެއެވެ. ބައެއް ކަހަލަ އެއްބައިވެ އުޅުމަކީ "އުނި" އެއްބައިވުމެކެވެ. ބައެއްކަހަލަ އެއްބައިވުމަކީ ތަންކޮޅެއް ހަރުލައި ހުންނަ އެއްބައިވުމެކެވެ. ރަށްފުށުގެ ރަށެއްގެ ނުވަތަ ރަށްވެހިރަށެއްގެ އަވަށްގަނޑެއްގައި ނުވަތަ މަގެއްގެ އަރިމަތީގައި އޮންނަ ދުވާރުމަތީގައި ހިނގައިބިނގައި އުޅޭ މައްމީހުންނަކީ އަލްފާރާބީގެ ނަޒަރުގައި އުނި މުޖްތަމަޢެއްގެ ނުވަތަ އިޖްތިމާޢެއްގެ މިސާލެކެވެ. ރަށްވެހި ރަށްރަށަށް އޭނާ ދެއްވާ ނަމަކީ އިޖްތިމާޢެވެ. ރަށާޖެހިގެން އަންނަނީ މިއްލަތެވެ. ނުވަތަ ބިމުގެ ޚާއްޞަ ސަރަޙައްދެއްގެ އެއްބައިވަންތަކަމެވެ. ބިންމަތީގައި ދިރިއުޅެމުންގެންދާ އެންމެހައި އިންސާނުންނަކީ އަލްފާރާބީގެ ނަޒަރުގައި އެންމެބޮޑު އިޖްތިމާޢެވެ.

އަލްފާރާބީ ވިދާޅުވާގޮތުގައި ކިތަންމެ އުނި އިޖްތިމާޢަކީވެސް ދެމިއޮންނަނިވި އިޖްތިމާޢަކަށް ބޭނުންތެރިކަންހުރި އެހީތެރިޔެކެވެ. އެހެނީ އުނިކަމާނުލައި ފުރިހަމަކަމެއްވެސް އޮތުމަކީ ވާނޭކަމެއްނޫނެވެ. މިސާލެއްގެގޮތުން މަގުތަކުގެ އަރިމަތީގައި އޮންނަ ދުވާރުތަކަކީ އުނި އިޖްތިމާޢެއްގެ ކުދިކުދި މިސާލުތަކެވެ. ނަމަވެސް އެތަންތަނަކީވެސް މަގުގެ ބައެކެވެ. ހަމައެފަދައިން މަގަކީ އަވަށުގެ ބައެކެވެ. އަވަށަކީ ރަށުގެ ބައިކުޅަބައެވެ. ރަށަކީ ޤައުމުގެ އޭކަން އަދަދެވެ. ޤައުމަކީ އިންސާނިއްޔަތުގެ ޙިއްސާއެކެވެ. މިގޮތުން ބަލާއިރު އިންސާނިއްޔަތާ ދުވާރާ ދެމެދުވަނީ ނުސީދާގޮތުން ގުޅިފައެވެ.

ކުރީންވެސް ދަންނަވައިފައިވާ ފަދައިން އިންސާނީ އިޖްތިމާޢަކީ ފިތުރީކަމެއްކަމަށް އަލްފާރާބީ އެއްބަސްވެވަޑައެއް ނުގަންނަވައެވެ. އަދި ކިއެއްތޯއެވެ؟ އަލްފާރާބީ ވިދާޅުވާގޮތުގައި އިންސާނާގެ ބޭނުންތަކާއި އޭނާގެ އެދުންތައް އެހެންމީހުންގެ އެހީތެރިކަން ހޯދަން މަޖްބޫރުކުރުވަނީއެވެ. އަލްފާރާބީގެ މިނަޒަރިއްޔާއަކީ އޭނާ ދުނިޔޭގައި އުޅުއްވި ދުވަސްވަރުގެ ސިޔާސީ ޙާލަތުގެ ނަތީޖާކަމުގައި ވެދާނެއެވެ. ހިޖްރައިން ތިންވަނަ ސައްތައާއި ހަތަރުވަނަ ސައްތައިގައި މުސްލިމުންގެ ތެރޭގައިވެސް ވަރަށްގިނަ އަމިއްލަ ދައުލަތްތަކެއް އުފެދިފައިއޮތެވެ. އޭގެތެރެއިން ގިނަ ދައުލަތްތައް މަރުކަޒީ (ޢައްބާސީ) ދައުލަތާ ހަމައެކަނި ޚިޔާލު ތަފާތީކީ ނޫނެވެ. އަދި ކީއްތޯއެވެ؟ ޢައްބާސިންނަކީ ޚިލާފަތުގެ ޙަޤީޤީ ޙައްޤުވެރީން ކަމަށްވެސް ޤަބޫލެއްނުކުރެއެވެ. ކަން އެހެން ހުރުމާއެކުވެސް ޢައްބާސީ ޚިލާފަތުގެ ޙިމާޔަތާއި، އޭރަކު ހުންނަވާ ޚަލީފާއެއްގެ ހެޔޮދުޢާފުޅާއި، އެބޭފުޅަކު ދެއްވާ ދިގު ލަޤަބުތަކާ ނުލައި އެބައެއްގެ ވެރިކަން ދެމިނޯންނާނެކަން އެކުދިކުދި ދައުލަތްތަކުގެ ވެރީން ދެނެވަޑައިގަންނަވައެވެ. ޢާއްމު މުސްލިމުންގެ މެދުގައި އެބޭފުޅުން މަޤްބޫލުވަނީ ޢައްބާސީން އެބޭފުޅުންގެ ވެރިކަން ތަޞްދީޤުކުރެއްވުމުންނެވެ. ޚަލީފާކަން ދެމިއޮތަދިނީ މިދެންނެވި ވަގުތީ ބޭނުންތެރިކަމެވެ. އޭގެ ސަބަބުން އެދައުލަތްތަކުގެ އެއްބަޔަކު އަނެއްބަޔަކާ އިދިކޮޅުވުމާއެކުވެސް އެއްބައިވަންތަ ބައެއްގެ ގޮތުގައި ދައްކައިދިނެވެ. އަޅުގަނޑުމެންގެ މިޚިޔާލަށް އިތުރު ސާބިތުކަމެއް ލިބެނީ އަލްފާރާބީގެ ނަޒަރިއްޔާއަކުންނެވެ. އަލްފާރާބީ ދެކެވަޑައިގަންނަވާގޮތުގައި ދައުލަތްތައް ބިނާވެފައިވަނީ ޙައްޤުތަކުން ބައެއް ދޫކޮށްލުމުގެ ބިންގަލުގެ މައްޗަކަށެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ޙައްޤުތަކުން ބައެއްދޫކޮށްލުމުގެ މުއާހަދާގެ މައްޗަށް ބިނާވެފައިވަނީ ދައުލަތްތަކުން ހިންގާ ކާރުބާރަށެވެ. އަލްފާރާބީގެ ނަޒަރުގައި ކުރީން އުފެދުނީ ދައުލަތުގެ ނުވަތަ ރަށުގެ ނިޒާމެވެ. އޭނާ ޢުމްރާނީ މުޢާހަދާގެ ނަޒަރިއްޔާ ހުށަހަޅުއްވަނީ ދައުލަތުގެ ނުވަތަ ރަށުގެ ހިންގުމުގެ ނިޒާމު އުފައްދައި ދެމެހެއްޓުމަށްޓަކައެވެ. އެހެނީ ޢައްބާސީ ޚިލާފަތު ކުރީއްސުރެ އޮތީ އުފެދިފައެވެ. މިނިވަން ސަރުކާރުތަކެއް އުފެދިގެންއައީ ޢައްބާސީ ޚިލާފަތު ދެމެހެއްޓުމަށްޓަކައެވެ.

ބައިނަލްއަޤްވާމީ އެއްބައިވަންތަކަމަށް އެޅިފައިވާ ހުރަސްތަކާމެދުވެސް އަލްފާރާބީ ވާހަކަދެއްކެވިއެވެ. އޭނާ ވިދާޅުވާގޮތުގައި ދައުލަތްތަކުގެ އެއްބައިވަންތަކަމަށް ކުރިމަތިވެފައިވާ އެންމެބޮޑު ހުރަހަކީ ޖިއޮގްރަފީގެ ޚިލާފުތަކެވެ. އެހެނީ އެޚިލާފުތައް ދުނިޔޭގެ ވަޔާއި ފެނަށް ވަރަށް ބޮޑަށް އަސަރުފޯރުވައެވެ. އިންސާނާގެ ޝަޚުޞިއްޔަތު ބިނާކުރުމާއި، އިންސާނުންގެ މެދުގައި އާދަކާދަތައް އަށަގަންނުވައި ހިންގައިލުމުގައި ދުނިޔޭގެ އާބުހަވާގެ ނުފޫޒު ވަރަށް ވަރުގަދައެވެ. އިންސާނުންނަށް އެއްބައިނުވެވެނީ އެރަސްމުތަކާއި އާދަކާދަތަކުގެ ސަބަބުންނެވެ. މިކަމުގައި ދިމާވާ އަނެއް ހުރަހަކީ ބަހެވެ. ކޮންމެ ސަރަޙައްދެއްގައިވެސް ތަފާތު ބަސްތައް ބޭނުންކުރެވެމުންދެއެވެ. އޭގެސަބަބުން ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ޚިޔާލުބަދަލުކުރެވުމަކީ މުސްތަޙީލުކަމަކަށް ވެއެވެ. ޚިޔާލު ބަދަލުކުރެވިގެން މެނުވީ ބައިނަލްއަޤްވާމީ އެއްބައިވަންތަކަމެއް ޙަޤީޤަގަތަކަށް ނުހެދޭނެއެވެ. ޖިއޮގްރަފީގެ ތަފާތުތަކާއި ބަސްބަހުގެ ހުރަސްތަކާއެކުވެސް އިންސާނާ ހުންނަނީ އެއްބައިވަންތަކަމަށް ދަހިވެތިވެފައެވެ. އެހެންމީހުންގެ މަދަދާއި އެހީއަށް ބޭނުންވެފައެވެ. ދުނިޔޭގައި ދިރިއުޅޭ އެންމެހައި އިންސާނުންނަށް ތިމާގެކަމުގެ އެއްގުޅުމަކަމުން ނުގުޅެވިގެން އުޅެނީ އެހެންވެގެންނެވެ. މިގޮތުންބަލާއިރު މިފަދަ އެއްބައިވަންތަކަމެއް އުފެދުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. އެހެންކަމުން އެންމެފުރިހަމަ އިޖްތިމާޢަކަށްވާނީ ރަށް ނުވަތަ ދައުލަތެވެ. އަލްފާރާބީ އޭނާގެ ފޮތެއްކަމުގައިވާ އާރާއުގައި އަލްމަދީނަތުލްފާޟިލާއަށް ވަރަށް ބޮޑަށްވަނީ ވަކާލާތު ކުރައްވައިފައެވެ.

އުމްރާނީ މުޢާހަދާ

އަލްފާރާބީ ވިދާޅުވާގޮތުގައި ސްޓޭޓަކީ އިންސާނުންގެ ޢުމްރާނީ މުޢާހަދާ (social contract) އެއްގެ ނަތީޖާއެވެ. ފާރާބީގެ ނަޒަރުގައި އިންސާނީ އިޖްތިމާޢު ވުޖޫދަށް އައީ އިންސާނުންގެ ތޮޅެއަރާރުންވުމުގެ ނުވަތަ ހަނގުރާމަވެރި ފިތުރަތުގެ ސަބަބުންނެވެ. އޭނާ ވިދާޅުވާގޮތުގައި ސަރުކާރުތައް އުފެދުމުގެ ކުރީން ގަދަފަދަ މީހުން ބަލިކަށިމީހުންނަށް އަނިޔާކުރެއެވެ. އެކަމާހުރެ އަބަދުވެސް އަރާރުމާއި ޒުވާބު ހިނގައެވެ. ފިތުނަފަސާދަ އުފެދެއެވެ.  މެދުކެނޑުމެއްނެތި ހިނގަމުންދިޔަ ކޯޅުންތަކުގެ ސަބަބުން އިންސާނާއަށް ކުޅަދާނަނުވާ ހިސާބަށް ކަންތައް ދިޔައެވެ. އެހެންކަމުން އެކަމުން ސަލާމަތްވުމަށްޓަކައި ކޮންމެ މީހަކުވެސް އެމީހެއް ހިތުން ރުހުމުން އެމީހެއްގެ ޙައްޤުތަކުގެ ބައެއް މަރުކަޒީބާރަކާ ޙަވާލުކުރެއެވެ. އަލްފާރާބީގެ މިޚިޔާލުފުޅަށް ވިސްނާއިރު އަލްފާރާބީއަކީ އޭނާ އަވަހާރަވިތާ ގާތްގަނޑަކަށް ހަތްސަތޭކަ އަހަރުފަހުން އިންގްލޭންޑާއި، ފްރާންސުގައި މަޤްބޫލުވުމުގެ ޝަރަފު ޙާޞިލްކުރި ދައުލަތުގެ ނަޒަރިއްޔާގެ ބާނީއެވެ. އެންމެންގެ މެދުގައި އެއްބަސްވެވިގެން އެއްބައިވަންތަވެގެން ޙައްޤުތައް ދޫކޮށްލުމުގެ ނަޒަރިއްޔާ ހުށަހެޅުއްވިކަމުގެ ޝަރަފު ޔޫރަޕްގެ މީހުން ދީފައިވަނީ ތޯމަސް ހޯބްސް (Thomas-Hobes, 1588-1679) އަށެވެ. ނަމަވެސް ޙަޤީޤަތުގައި، ހޯބްސްއާއި، ޖޯންލޮކް (John Locke, 1632-1704) އާއި، ރޫސޯ (Jean-Jacques Rousseau, 1712-1778) އަށްވުރެ މާކުރިން އަލްފާރާބީވަނީ އައިބުތަކުން ކޮންމެވެސް ވަރަކަށް ސަލާމަތްވެފައިވާ ދައުލަތެއްގެ ނަޒަރިއްޔާ ހުށަހަޅުއްވައިފައެވެ.

ހޯބްސް ވިދާޅުވާގޮތުގައި ފިތުރީގޮތުން ބަލާއިރު އިންސާނާއަކީ ޝައްކުކުރަން އާދަވެފައިވާ މީހެކެވެ. ޤާނޫނާއި، ފުލުހުންނާއި، ސިފައިން ތިބޭއިރުވެސް އިންސާނުން އެކަކު އަނެކަކާމެދު ޝައްކުކުރެއެވެ. ތިމާއާ އެއްޖިންސުގެ މީހުންގެ މައްޗަކަށް ކުޑަވެސް އިތުބާރެއް ނުކުރެއެވެ. ބޭރުން އަތުވެދާނެ ޙަމަލާއަކާމެދު އޭނާ އަބަދުވެސް ހުންނަނީ ބިރުންނެވެ. އެކަމުގެ ފަރުވާއަކަށް އޮތްހައިވެސް ކަމަކީ ހުރިހާ އެންމެންވެސް ތިމާމެންގެ އަމިއްލަ ޒާތް ޙާކިމަކާ ޙަވާލުކުރުމެވެ. އެޙާކިމާއަށް ކިޔަމަންވުމަކީ ތިމާގެ އާދަޔަކަށް ހެދުމެވެ.

ހޯބްސްއާއި އަލްފާރާބީގެ ނަޒަރިއްޔާގައި ވަރަށްގިނަ ތަފާތު އެބަހުއްޓެވެ. އެންމެ ފުރަތަމަ ތަފާތަކީ އުމްރާނީ މުޢާހަދާގެ ބިންގަލެއް ކަމުގައި އަލްފާރާބީ ބައްލަވާފައިވަނީ އިންސާނާގެ ހަނގުރާމަވެރި ފިތުރަތުކަމެވެ. ހޯބްސްގެ ނަޒަރުގައި އެމުޢާހަދާ ވުޖޫދަށްއައީ، އިންސާނާ އެކަކު އަނެކަކާމެދު ކުރާ ޝައްކުގެ ސަބަބުންނެވެ. އެކަކު އަނެކަކަށް އިތުބާރު ނުކުރެވުމުގެ ސަބަބުންނެވެ. އިންސާނާގެ އަރާރުންވުމާއި ހަނގުރާމައިގެ ފިތުރަތުގެ ސަބަބަކުންނޫނެވެ.

ދެވަނަ ތަފާތުހުރީ ދެބޭފުުޅުންގެ ނަޒަރިއްޔާގައެވެ. އިންސާނާގެ އަމިއްލަ ހުރިހާ ޙައްޤުތަކެއް ދޫކޮށްލާކަށެއް އަލްފާރާބީ އެއްބަސްްވެވަޑައެއް ނުގަންނަވައެވެ. އަދި ކީއްތޯއެވެ؟ އޭނާ ޤަބޫލު ކުރައްވަނީ އިންސާނާގެ އަމިއްލަ ހުރިހާ ޙައްޤުތަކުގެ ބައެއް ދޫކޮށްލުމަށެވެ. އޭނާ އެޙައްޤުތައް ޙަވާލުކުރަން ހުށަހަޅުއްވަނީވެސް ވަކި ފަރުދަކާނޫނެވެ. އަދި ކިއެއްތޯއެވެ؟ އޭނާ ހުށަހަޅުއްްވަނީ އެޙައްޤުތައް މަރުކަޒީ ބާރަކާ ޙަވާލުކުރުމަށެވެ. އެބާރުވާންޖެހެނީ ހިތަށް އެރިހައި ގޮތަކަށް ކަންކުރުމުގެ އިޚްތިޔާރު ލިބިގެންވާ ފަރާތަކަށްވެސް ނޫނެވެ. ތަފާތު ބަނދެވުންތަކުން ބަނދެވިފައިވާ، ޒިންމާވާންޖެހޭ ފަރާތަކަށެވެ. ހޯބްސްގެ ނަޒަރިއްޔާ މަގުދައްކަނީ ޝަޚްޞީ ވެރިކަމަކަށެވެ. އަލްފާރާބީގެ އެމުޢާހަދާގެ ޒަރީޢާއިން އުފައްދަވަން ޤަޞްދު ކުރައްވަނީ ޖުމްހޫރީ ނިޒާމެކެވެ. މިތަފާތަކީ ދެނަޒަރިއްޔާ އުފެއްދެވި ދެބޭފުޅުންގެ ޒަމާނުގެ ސިޔާސީ ޙާލަތު އޮތްގޮތާއި އެދެބޭފުޅުންގެ އަމިއްލަފުޅު އިޢުތިޤާދުގެ ތަފާތެވެ.

ހޯބްސްގެ ދުވަސްވަރަކީ އިނގިރޭސިވިލާތުގެ ޗާލްސް އެކަކާއި، ޕާލަމެންޓާދެމެދު އަރާރުން ހިނަގަމުންދިޔަ ދުވަސްވަރެވެ. ހޯބްސް ހުންނެވީ ރަސްގެފާނުގެ ފަރާތްޕުޅުގައެވެ. އެހެންކަމުން އޭނާ އިންސާނީ އިޖްތިމާޢުގެ ބިންގަލެއްކަމުގައި ބެެއްލެވީ އިންސާނުންނަށް ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ރަސްކަމެެއް އުފެެއްދުމެވެ. ހޯބްސް ދެކެވަޑައިގެންނެވި ގޮތުގައި ރަސްކަމާދެކޮޅަށް ބަޣާވާތްކުރުމާއި، ރަސްގެފާނަށް ފާޑުކިއުމަކީ އިންސާނުންގެ މެދުގައި ވެރިކަމެއް އުފެދުމުގެ ކުރީން އިންސާނިއްޔަތު އޮތް ފެންވަރަށް އަލުން ގެންދާން އުޅުމެވެ.

އަލްފާރާބީގެ ދުވަސްވަރަކީވެސް ތަފާތު ދައުލަތްތަކެއް އެއްދައުލަތަކުން އަނެއް ދައުލަތަކާ ހަނގުރާމަކުރަމުން ގެންދިޔަ ދުވަސްވަރެކެވެ. އެތަޅާފޮޅުމާއި، ކޯޅުންތައް ހުއްޓުވޭނެގޮތަކަށް އޮތީ، ހުރިހާ ދައުލަތްތަކެއްވެސް މަރުކަޒީ ސަރުކާރެއް ޤަބޫލުކުރުމެވެ. އެދައުލަތްތަކުގެ ޙައްޤުތަކުގެ ތެރެއިން ބައެއް މަރުކަޒީ ސަރުކާރާ ޙަވާލުކުރުމެވެ. އަލްފާރާބީއަކީ ހަމްދާނީ އަމީރުގެ ފަރާތްޕުޅުގެ ބޭފުޅެކެވެ. ހަމައެއާއެކު ޢައްބާސީ ޚިލާފަތު ދެމިއޮތުމުގެ ބޭނުންތެރިކަންވެސް އޭނާ އިޙްސާސްކުރައްވައެވެ.

ތިންވަނައަށް އެންމެ ބޮޑުތަފާތަކީ އިންސާނާއަށް ކުރިމަތިވެފައިވާ ނުރައްކަލަކީ ދާޚިލީ ނުރައްކަލެއްކަމަށް އަލްފާރާބީ ދެކެވަޑައިގަތުމެވެ. އަލްފާރާބީ ވިދާޅުވާގޮތުގައި އެއީ ޚާރިޖީ ނުރައްކަލެއްނޫނެވެ. އެހެނީ ޢުމްރާނީ މުޢާހަދާ ވުޖޫދަށްއައީ ދޭދޭމީހުންގެ އަރާރުުމާއި، ކޯޅުންތައް ހުއްޓުވައި އިންސާފު ލިބިދިނުމަށްޓަކައެވެ. އެއާ ޚިލާފަށް އެންމެހައި އިންސާނުން އެމުޢާހަދާއެއް ޤަބޫލުކުރަން ހޯބްސް މަޖްބޫރުކުރައްވާ މުޢާހަދާގެ ބިންގަލަކަށް އޭނާ ހައްދަވައިފައިވަނީ ބޭރުގެ ދުޝްމިނެއްގެ ޙަމަލައިގެ ބިރެވެ.  (ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.