މުސްލިމުންގެ ސިޔާސީމުފައްކިރުންގެ ތެރެއިން: އަބުއްނަޞްރުއަލްފާރާބީ – 4

(ހަތަރުވަނަ އަދި އެންމެ ފަހުބައި)

އަލްފާރަބީ އަދިވެސް ވިދާޅުވެފައިވެއެވެ. އިސްވެދެންނެވި ސިފަތަކުން ސިފަލިބިގެންވާ މީހެއްގެ ބެލެހެއްޓުމުގެ ދަށުން ތަރުބިޔަތު ލިބިފައިވާ އެކަކު ނުލިބިއްޖެނަމަ ދެމީހުން ނުވަތަ ތިންމީހުން ނުވަތަ ފަސްމީހުންނާ ހަމަޔަށްވެސް ޢަދަދު އިތުރުކޮށް އިންތިޚާބު ކުރެވިދާނެއެވެ. އެބައިމީހުން ވާންޖެހޭނީ އެ އެންމެން އެއްކޮށްލުމުން، ބޭނުންވާ ބާރަ ސިފަ ހަމަވާ މީހުން ކަމުގައެވެ. ޚާއްޞަކޮށް އޭގެތެރޭގައި ހަކީމަކާއި ފިލޯސަފަރަކު ހިމެނުމަކީ ލާޒިމުކަމެކެވެ. ރައްޔިތުންގެ ބޭނުންތައް އޮޅުންފިލައި ދައުލަތުގެ ލާބަޔާއި މަސްލަހަތު ދެނެގަނެވުމަށްޓަކައެވެ. އަލްފާރާބީ ދަޢުވާ ކުރައްވާގޮތުގައި އެފަދަ ފިލޯސަފަރަކު ނުލިބިއްޖެނަމަ ޔަޤީންކުރަންވީ އެ ވެރިކަމަކީ ކުޑަދުވަސްކޮޅެއްގެ މެހްމާނެއް ކަމެވެ. މާ ގިނަ ދުވަހެއްނުވެ އެވެރިކަމެއް އިންދިރާސްވެ ހުލިވެގެން ހިނގައިދާނެކަމެވެ. އާދެ، މިގޮތުން އަލްފާރާބީވަނީ ކެބިނެޓަކާއި، ޖުމްހޫރިއްޔަތެއްގެ ޞަރީޙު ތަޞައްވުރެއްވެސް ހުށަހެޅުއްވުމުގައި ކާމިޔާބު ހޯއްދަވައިފައެވެ. ޝައްކެއްނެތެވެ. އަލްފާރާބީގެ ނަޒަރުގައި އުސޫލެއްެގެ ގޮތުން އޮންނާން ޖެހެނީ ވިރާޘީ ވެރިކަމެކެވެ. ނަމަވެސް ވެރިއެއްގެ ކިބައިގައި ހުންނަންވާ ލާޒިމީ ސިފަތަކުގެ މީހަކު ނުލިބިއްޖެ ހިނދެއްގައި ޖުމްހޫރިއްޔަތެއް ފިޔަވައި އެހެން ގޮތެއް ނެތްކަން އަލްފާރާބީ ޤަބޫލު ކުރައްވައެވެ.

އަލްފާރާބީއެކޭ އެއްގޮތަށް އަފްލާޠޫންވެސް ވަނީ ބަދަލުގޮތެއްވެސް ހުށަހަޅުއްވައިފައެވެ. އޭނާ ވިދާޅުވާގޮތުގައި، ފަލްސަފީ ރަސްކަލަކު (Philosopher King) ނުލިބިއްޖެނަމަ ރަސްގެފާނުގެ ބަދަލުގައި (Disciples) އަކަށް ވެރިކަންދޭނީއެވެ. ނަމަވެސް އަފްލާޠޫނު އަލްފާރާބީ ފަދައިން (Disciples) އިންނަކީ ޖުމްލަގޮތެއްގައި ވެރިއެއްގެ ކިބައިގައި ހުންނާންޖެހޭ ޝަރުޠުތައް ހަމަވާ ބައެއްކަމަކަށެއް ވިދާޅުވެފައެއް ނުވެއެވެ.

އަލްފާރާބީގެ މިނަޒަރިއްޔާއަކީ ހަމައެކަނި ޚިޔާލީ ނަޒަރިއްޔާއެއްކަމަށް ބައެއް ޢިލްމުވެރީން ދަޢުވާކުރައްވައެވެ. އެހެނީ އަލްފާރާބީ އޭނާގެ ނަމޫނާ ރައީސްގެ ނަޒަރިއްޔާ ހުށަހެޅުއްވުމުގައި އޭނާގެ ޒަމާނުގެ ޙާލަތާމެދުވެސްވަނީ ލޯފުޅު މަރުއްވައިލައްވައިފައެވެ. އެހެނީ އެދުވަސްވަރު ޢައްބާސީ ޚިލާފަތުގެ ޙާލަތު އޮތީ އަލްފާރާބީ ވިސްނުންފުޅު ގެންގުޅުއްވައިފައިވާ ގޮތާ ދިމާއިދިކޮޅަށެވެ. ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އަލްފާރާބީ، ބަޣުދާދަށް އަލްވަދާޢު ވިދާޅުވުމާއި، ސައިފުއްދައުލާގެ ދަރުބާރާ ގުޅިވަޑައިގަތުމުގެ ސަބަބަކީ ސައިފުއްދައުލާއަކީ އަލްފާރާބީގެ ޚިޔާލީ ރައީސާ ވަރަށް އެއްގޮތް ސިފަފުޅުތަކެއްގެ ބޭފުޅަކަށް ވުމުވެ.

 ދާޚިލީ ނިޒާމު

އަލްފާރާބީ އޭނާގެ ނަމޫނާ ދައުލަތުގެ އެންމެ އިސްވެރިޔާގެ ސިފަފުޅުތަކާއި، ވާޖިބުތަކުގެ މައްޗަށް ވާހަކަފުޅުދައްކަވައިފައި އެވަރަކުން ފުއްދަވައެއް ނުލައްވައެވެ. އަދި ކީއްތޯއެވެ؟ އޭނާވަނީ އޭނާގެ ނަމޫނާ ރަށުގެ ދާޚިލީ ހިންގުމުގެ ނިޒާމުގެ މައްޗަށްވެސް ފުރިހަމަޔަށް އަލިއަޅުއްވައިލައްވަައިފައެވެ. ނުހަނު އެކަށޭނަ ގިއުގަނޑެއް ހުށަހަޅުއްވައިފައެވެ. އަލްފާރާބީ ވިދާޅުވާގޮތުގައި އިންސާނުންނަކީ ފިޠުރީގޮތުން އެކަކު އަނެކަކާ ތަފާތު ބައެކެވެ. އެހެންކަމުން ކޮންމެ މީހަކީވެސް ޤާބިލިއްޔަތުގެ ގޮތުން ތަފާތު ދަރަޖައެއްގެ މީހެކެވެ. އަނެއްކޮޅުން ތަރުބިޔަތުގެ ފުރުޞަތުވެސް ލިބެނީ ބައެއް މީހުންނަށެވެ. ބައެއް މީހުން އެނަޞީބުން މަޙްރޫމުވެއެވެ. އޭގެ ނަތީޖާއަކީ އެކިމީހުންގެ ޤާބިލިއްޔަތުގެ ތަފާތު ވަކީން ބޮޑުވެގެން ދިއުމެވެ. ކަން މިހެންހުރުމާއެކު އަލްފާރާބީ ވިދާޅުވާގޮތުގައި ކޮންމެ މީހަކާވެސް އެމީހެއްގެ ޤާބިލިއްޔަތާ ގުޅޭގޮތުން މަޤާމުތައް ޙަވާލުކުރެއްވުމަކީ ރައީސުލްއައްވަލް ކުރައްވާން ޖެހިވަޑައިގަންނަވާނެ ކަމެކެވެ. ދައުލަތުގެ ހުރިހައި މަޤާމުތަކެއް ޙަޤީޤީ މާނައިގައި އެމަޤާމްތަކަށް އަހްލުވެރި މީހުންގެ ޒަރީޢާއިން ފުރައިލެވިފައިވާނަމަ އެސަރުކާރަކީ ފުރިހަމަޔަށް ރޭވި އިންތިޒާމުކުރެވިފައިވާ ސަރުކާރެކޭ ބުނެވިދާނެއެވެ. އެހެންނޫންނަމަ އެހެންނަކުން ނުބުނެވޭނެއެވެ. ކަންކަމަށް އަހްލުވެރި، ލާއިޤު މިީހުން ސަރުކާރުގެ ދަރަޖަވެރީން ކަމުގައި ހެއްދެވުމުގެ ބޭނުންތެރިކަން ރައީސުލްއައްވަލްގެ ސަމާލުކަމަށް ގެންނެވުމުގެ ގޮތުން އަލްފާރާބީ ވިދާޅުވެފައިވެއެވެ. ކާއިނާތުގެ ޚާލިޤު ކޮންމެ މީހަކާވެސް ކަންތައް ޙަވާލުކުރައްވައިފައިވަނީ އެމީހެއްގެ ލިޔާޤަތާ އެއްގޮތްވާ ގޮތުގެމަތީންނެވެ. ކާއިނާތުގެ ނިޒާމު ބޮއްސުންލައިގެން ނުގޮސް ނުހަނު ފުރިހަމަޔަށް ހިނގަމުންދަނީ އެސަބަބާ ހުރެއެވެ. ހަމައެފަދައިން ރައީސުލް އައްވަލް ސަރުކާރުގެ ހުރިހާ ދަރަޖަވެރިންނަށާއި މުވައްޒަފުންނަށް އެމީހެއްގެ ލަޔާޤަތާއި ޤާބިލިއްޔަތާ އެއްގޮަތަށް މަސްއޫލިއްޔަތުތައް ހަވާލުކުރައްވަައިފިނަމަ އެދައުލަތެއްެގެ ހުރިހާކަމެއް ނުހަނު އޮމާންކޮށް ރިވެތިކޮށް ހިނގަމުން ނުދާންވީ ސަބަބެއްނެތެވެ.

އަލްފާރާބީ ރައީސުލްއައްވަލާއި އެހެނިހެން ދަރަޖަވެރީން ތަފާތު ކުރައްވަނީ ތިރީގައި މިދަންނަވާ ގޮތުގެ މަތީންނެވެ. އާދެ، ރައީސުލްއައްވަލް އެހެން އެއްވެސް ފަރާތެއްގެ އިރުޝާދު ހޯއްދަވާކަށެއް މަޖްބޫރެއް ނުވާނެއެވެ. ނަމަވެސް ފުރަދާނައިންނާއި، އެހެނިހެން ވެރީން އެބޭފުޅެއްގެ މައްޗަށް ހުންނަވާ ވެރިއެއްގެ އިރުޝާދު ހޯއްދަވަން ޖެހިވަޑައިގަންނަވާނެއެވެ. އަދި އެބޭފުޅެއްގެ ދަށުގައި ތިބި ބަޔަކަށް މަޝްވަރާދެއްވާންވެސް ޖެހިވަޑައިގަންނަވާނެއެވެ. މިގޮތުން ރައީސުލްއައްވަލް ފިޔަވައި ސަރުކާރުގެ ކޮންމެ މަޤާމެއް ފުރާ ކޮންމެ މީހަކީ ހާކިމެއްކަމުގައްޔާއި، މަޙްކޫމެއްކަމުގައިވާމީހެކެވެ. އެގޮތަށް ތިރިއަށް ދަމުންދަމުންގޮސް އެންމެ ދަށުމަޤާމުގައި ހުންނަ މީހާވާނީ ހަމައެކަނި އަމުރަށް ކިޔަމަންވާ މީހަކަށެވެ. އެހެންމީހަކަށް އަމުރުކުރާ މީހަކަށެއް ނުވާނެއެވެ.

ހާބަޓް ސްޕެންސަރ ސިފަކުރައްވާފަދައިން އަލްފާރާބީވެސް ސަރުކާރުގެ ނިޒާމު ސިފަކުރައްވައިފައިވަނީ ހަށިގަނޑެއްގެ މިސާލުގައެވެ. އޭނާ ރައީސުލްއައްވަލަށް ދެއްވަނީ ހިތުގެ މަޤާމެވެ. އެހެނިހެން ދަރަޖަވެރީންނަށް ދެއްވަނީ ގުނަވަންތަކުގެ މަޤާމެވެ. ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކުގެ މަސައްކަތާއި އެއްގުނަވަނަކާއި އަނެއްގުނަވަނަކާ ހުންނަ ގުޅުންތައް ކަނޑައަޅާއެޅުމަކީ ހިތުގެ މަސްއޫލިއްޔަތަކަށްވާ ފަދައިން ސަރުކާރުގެ އެހެނިހެން މަސްއޫލުވެރިންނާއި މުވައްޒަފުންގެ މަޤާމާއި މަސަައްކަތް ކަނޑައަޅުއްވަނީ ރައީސުލްއައްވަލްކަމުގައި އޭނާ ވިދާޅުވެއެވެ. އަލްފާރާބީ އޭނާގެ މި މިސާލުން ވަނީ ފުރަދާނައިންގެ އަހައްމިއްޔަތު ހުންނަ މިންވަރާއި އެބޭފުޅުންގެ ތަފާތު ދައްކަވަން މަސައްކަތްކުރައްވައިފައެވެ.

އޭނާ ވިދާޅުވާގޮތުގައި ހިތާ އެގުނަވަނަކާ ހުރި ގުޅުން ބޮޑުވިވަރަކަށް އެގުނަވަނެއްގެ އަހައްމިއަޔަތު އިތުރުވާފަދައިން ރައީސާ އެމަޤާމަކާ އޮންނަ ސީދާ ގުޅުން ބޮޑުވި ވަރަކަށް އެމަޤާމެއްގެ މުހިންމުކަން ބޮޑުވާނެެއެވެ. މިސާލަކަށް ގޮހޮރަކީ ހިތާ އެހާ ގުޅުން ބޮޑު ގުނަވަނެއް ނޫންކަމަށާއި، އެހެންކަމުން އެނިސްބަތުން ގޮހޮރުގެ އަހައްމިއްޔަތު ކުޑަކަމަށް އޭނާ ފާހަގަކުރައްވައެވެ.

 އަލްމަދީނަތުލް ޖާހިލިއްޔާ

އަލްފާރާބީ އޭނާގެ ނަމޫނާ ދައުލަތުގެ ނަޒަރިއްޔާއާއެކު އޭނާގެ އުންމީދީ ދައުލަތުގެ މިންގަނޑަށް ނުފެތޭ ދައުލަތެއްގެ ތަޞައްވުރެއްވެސް ހުށަހަޅުއްވައެވެ. އޭނާ އެދައުލަތަށް ދެއްވާ ނަމަކީ އަލްމަދީނަތުލް ޖާހިލިއްޔާއެވެ. އަލްމަދީނަތުލް ޖާހިލިއްޔާއަކީ އަލްފާރާބީގެ ނަމޫނާ ސަރުކާރުގެ މިންގަނޑުތަކަށް ފެތޭ ދައުލަތެއްނޫނެވެ. އެފަދަ ދައުލަތްތައް އުފެދޭ ފަސް ސަބަބެއް އަލްފާރާބީ ބަޔާންކުރައްވައެވެ.

1.   އެފަދަ ސަރުކާރުތައް ވުޖޫދަށް އައުމުގެ އެންމެ މުހިންމު ސަބަބަކަށްވަނީ އާރާއި ބާރެވެ. ބާރުގަދަ ނުފޫޒުހުރި މީހެއް، ބަލިކަށި ނުފޫޒެއްނެތް އެތައް ބައެއްގެ މައްޗަށް ބާރުހިންގައިލައެވެ. އެގޮތުން ވެރިކަމެއް އުފެދޭގޮތްވެއެވެ. އަލްފާރާބީ އޭނާގެ މިޚިޔާލުފުޅުގެ ޒަރީޢާއިންވަނީ މިޒަމާނުގެ ސިޔާސީ ބާރުގެ ނަޒަރިއްޔާ (Political Power) ހުށަހަޅުއްވައިފައެވެ.

2.  އެއްޚާންދާނަކަށް ނުވަތަ އެއް ޢާއިލާއަކަށް ނިސްބަތްވާ މީހުން އެހެން މީހުނަށްވުރެ ބޮޑަށް އެކުވެރިވެ އެކަތިގަނޑަކަށްވެއެވެ. ނަތީޖާއެއްގެ ގޮތުން އެވަންހައެއް ނުވަތަ ޤަބީލާއެއް ސަރުކާރެއް އުފެދުމުގެ ޒަރީޢާއަކަށްވެއެވެ. އަލްފާރާބީ ވަނީ އަރަސްޠޫގެ ނަޒަރިއްޔާއެއްކަމުގައިވާ (Patriarchial Theory) ވަރަށް ފުރިހަމަޔަށް ހުށަހަޅުއްވައިފައެވެ.

3. ވެރިކަމުގައި ތިބޭ ބަޔަކު ރައްޔިތުން ފުރިހަމަޔަށް އެކަތިގަނޑަކަށް ހަދައި އެބައިމީހުންގެ ކަންތައް ރާވައިލުމުން ސަރުކާރެއް އުފެދޭގޮތްވެއެވެ.

4.  އެއްބަހަކުން ވާހަކަދައްކާ ނުވަތަ އެއްކަހަލަ އާދަކާދަ ތަކެއް ގެންގުޅޭ ބަޔަކު އެއްބައިވެ އެކަތިގަނޑަކަށްވުމުން ސަރުކާރެއް އުފެދުމުގެ ސަބަބަކަށް ވެއެވެ.

5. އެއްސަރަޙައްދެއްގައި ދިރިއުޅޭ މީހުން އެއްބައިވެ އެކުވެރިކަން ބަދަހިކުރެއެވެ. އެކުވެރިކަމާއި އެއްބައިވަންތަކަން ސަރުކާރެއް އުފެދުމުގެ ސަބަބަކަށްވެއެވެ.

މަދީނަތުއްތަޣުލަބު

އަލްފާރާބީގެ ނަމޫނާ ދައުލަތް އެއްވެސް ދުވަސްވަރެއްގައި އުފެދޭނެކަމުގެ ޔަޤީންކަމެއް ނެތްކަން އަލްފާރާބީ ރަނގަޅަށް ދެނެވަޑައިގަންނަަވައެވެ. އެހެންކަމުން އޭނާވަނީ އެތައް ބާވަތްތަކެއްެގެ ސަރުކާރުތަކެއްގެ ނަމޫނާތައް ހުށަހަޅުއްވަައިފައެވެ. އެތައް ބާވަތްތަކެެއްގެ ސަރުކާރު ތަކަކާމެދު ޚިޔާލު ފާޅުކުރައްވައިފައެވެ. މިދެންނެވި ޚިޔާލުފުޅުތައް ހުށަހެޅުއްވުމުގައި އެޒަމާނުގައި އުފެދިފައިހުރި އެކިއެކި ސަރުކާރުތައް އުފެދިފައިހުރިގޮތުގެ އަސަރު އަލްފާރާބީގެ ވިސްނުންފުޅަށް ފޯރައިފައިވާކަމަށް ބެލެވެެއެވެ. އަލްފާރާބީ ވިދާޅުވާގޮތުގައި ގަދަފަދަ މީހުން ބަލިކަށިމީހުން އަތްދަށުލުމުގެ ނަޒަރިއްޔާއަކީ ފިޠުރީކަމެކެވެ. އެހެންކަމުން ގަދަފަދަ މީހާ ނިކަމެތިމީހާގެ މައްޗަށް ބާރުހިންގުމާއި އާރެއް ބާރެއް ނެތްމީހުން ބަލިކަށިވުމަކީ އިންސާފާ އެއްގޮތްވާގޮތުގެ މަތިން ހިނގާކަމެކެވެ. މިގޮތުން އުފެދޭ ސަރުކާރުތަކަށް އަލްފާރާބީ ދެއްވާ ނަމަކީ މަދީނަތުއް ތަޣުލަބެވެ. ފާރާބީ ވިދާޅުވާގޮތުގައި ފަތަޙަކުރެވޭ ޤައުމުތަކުގެ މީހުން ފަތަޙަކުރާ ޤައުމުގެ މީހުންނަށް ކިޔަމަންވުން ވާޖިބެވެ. ހަމައެފަދައިން ފާތިޙުންނަށްވެސް އޭނާ ކަންތައްތަކެއް ލާޒިމުކުރައްވައެވެ. މިގޮތުން އޭނާ ހުށަހަޅުއްވާ އެންމެ ފުރަތަމަ ޝަރުޠަަަކީ ބާރުގެ ބޭނުންކޮށްގެން ލޭއޮހޮރުވާއިރު ހަނގުރާމައިގެ މައިދާނުގައި އިދިކޮޅު ފަރާތަށް ފުރިހަމަޔަށް މުޤާބަލާ ކުރުމުގެ ފުރުޞަތުދިނުމުވެ. ތިމާމެންނާ ހަނގުރާމަކުރަން ނުއުޅެ ޞުލްހަވެރިކަމުގައި ތިބި ބަޔަކަށް ކުއްލިޔަކަށް ޙަމަލަދިނުމާއި، ނިކަމެތިބައެއްގެ މުދަލާއި ހިފާގެންގުޅޭ އެއްޗެހި ފޭރުމަކީ އަލްފާރާބީ ހުއްދަކުރައްވާ ކަންކަމެއްނޫނެވެ. މިނަޒަރިއްޔާ ހުށަހެޅުއްވުމުގައި އަލްފާރާބީގެ ކުރިފުޅުމަތީގައިވަނީ ސައިފުއްދައުލާގެ ސަރުކާރާއި އޭނާގެ ހިތްވަރުފުޅު ގަދަކަމެވެ.

 އާ އާބާދީ

އަލްފާރާބީގެ އައްސިޔާސަތުލްމަދީނާގައި އާ އާބާދީތަކާމެދުވަނީ ތަފްޞީލުކޮށް ބަޙު×ޘްކުރައްވައިފައެވެ. އޭނާ ވިދާޅުވާގޮތުގައި އާ އާބާދީތައް ތިންގޮތަކަށް އުފެދެއެވެ.

1.                 ބޭރުގެ ދުޝްމިނެއްގެ ހަމަލައިގެ ސަބަބުން ރަށެއްގެ އަހްލުވެރީން އެހެންތަނަކަށް ދިރިއުޅުން ބަދަލުކުރުން.

2.                 އެބައެއްގެ ވަޒަނުގައި ވަބާއީ ބައްޔެއް ފެތުރުމުގެ ސަބަބުން އެހެންތަނަކަށް އާބާދީ ބަދަލުކުރަން މަޖްބޫރުވުން.

3.                 އިޤްތިޞާދީ މައްސަލަތަކާއި، ތަދުމަޑުކަމާހުރެ ރަށެއްގެ މީހުންނަށް ވަޒަން ދޫކޮށްލަން މަޖްބޫރުވުން.

އާ އާބާދީތައް އާބާދުކުރާ މީހުންނަށް އެބަޔަކު އަމިއްލައަށް އެބައެއްގެ ދުސްތޫރު ތައްޔާރުކުރުމަށް ނުވަތަ ކުރީގެ ދުސްތޫރު ދެމެހެއްޓުމަށް އަލްފާރާބީ އިޚްތިޔާރު ދެއްވައެވެ. ނުވަތަ އެބަޔަކު ބޭނުންގޮތަކަށް ކުރީގެ ދުސްތޫރަށް އުނިއިތުރު ގެނައުންވެސް އަލްފާރާބީ ހުއްދަކުރައްވައެވެ. މިގޮތުން އަލްފާރާބީ ދެކެވަޑައިގަންނަވާން ބޭނުންފުޅުވަނީ އާ އާބާދީތައް ހަމައެކަނި މަރުކަޒީ ސަރުކާރުގެ ބާރުގެ ދަށުން މިނިވަންވެފައި އޮތުމެއްނޫނެވެ. އަދި ކީއްތޯއެވެ؟ ޤާނޫނު ހެދުމުގެ ބާރުވެސް އެބައިމީހުންނާ ޙަވާލުކުރައްވަން އޭނާ ބޭނުންފުޅުވެއެވެ.

އިޝްތިރާކިއްޔަތު

އިޝްތިރާކިއްޔަތުގެ މައްސަލައިގައި އަލްފާރާބީ އަފްލާޠޫނާ ޚިޔާލުފުޅު ތަފާތެވެ. އަފްލާޠޫން އޭނާގެ "ރިޕަބްލިކް" ގައި އޭނާގެ ޚިޔާލީ ރައީސްގެ ވާޖިބުތަކުގެ ތެރޭގައި ހިމަނުއްވާފައި އެއްކަމަކީ ސަރުކާރުގެ އިސް ފަންތީގެ އެއްވެސް ބޭފުޅެއްގެ އަތްޕުޅުގައި އިންތިހާ ދަރަޖައިގެ އަސާސީ އެއްޗެއް ފިޔަވައި އަމިއްލަފުޅު އެއްވެސް އެއްޗެއް ހުރޭތޯ ބެއްލެވުމެވެ. ޚާއްޞަކޮށް ދައުލަތުގެ އެންމެ އިސްވެރިޔާއަށް އަމިއްލަފުޅު އެއްވެސް މިލްކިއްޔާތެއް ގެންގުޅުއްވުންވަނީ ޙަރާމްކުރައްވައިފައެވެ. އަފްލާޠޫން ވިދާޅުވާގޮތުގައި ރަސްރަސްކަލުންގެ އަމިއްލަފުޅު ގަނޑުވަރުތަކާއި، ބިންތަކާއި، ރަންރިއްސާއި މުދާ ހުންނަކަމުގައި ވާނަމަ އެބޭފުޅުންނަށް ރަނގަޅު ދަނޑުވެރީންކަމުގައްޔާއި، ވިޔަފާރިވެރީންކަމުގައި ވެވަޑައިގެންނެވިދާނެކަމީ ކަށަވަރުކަމެކެވެ. ނަމަވެސް އެބޭފުޅުންނަށް ދައުލަތް ޙިމާޔަތެއް ނުކުރެއްވޭނެއެވެ. ޢާއްމުންގެ ވާގިވެރީން ކަމުގައްޔާއި މަދަދުގާރުންކަމުގައި ވެވަޑައިގަތުމުގެ ބަދަލުގައި އެބޭފުޅުން ހިމެނިވަޑައިގަންނަވާނީ ޢާއްމުންގެ ދުޝްމިނުންކަމުގައެވެ.

އަލްފާރާބީއަކީ ޢުމްރާނީ މުޢާހަދާ ޤަބޫލުކުރައްވާ ބޭފުޅެކެވެ. އެމުޢާހަދާގައިވާ ގޮތުން އިންސާނުން އެއްބައިވަންތަވެފައިވަނީ އެބައިމީހުންގެ ޙަޔާތުގެ ބޭނުންތަކަށްޓަކައެވެ. އެމަޤްޞަދު ނެތްނަމަ އިންސާނުންވީހީ އެކަކު އަނެކެއްގެ ދުޝްމިނުންކަމުގައެވެ. އެހެންކަމުން އަލްފާރާބީ ދެކެވަޑައިގެންނެވިގޮތުގައި އިޝްތިރާކިއްޔަތަކީ އަމަލުކުރެވޭނެ ނަޒަރިއްޔާއެއް ނޫނެވެ. ނަމަވެސް އަލްފާރާބީ ބައެއް ކަހަލަ ތަކެތި ޒާތީ މިލްކިއްޔާތުކަމުގައި ހެދުމަކަށް ތާއީދެއް ނުކުރައްވައެވެ. އޭނާ ޙުކުމް ކުރައްވަނީ އެފަދަ ތަކެތި ޖަމާޢަތުގެ މިލްކުކަމުގައި ހަމަޖެެއްސުމަށެވެ. ހަމައެއާއެކު އޭނާ ބައެއްކަހަލަ ތަކެތީގެ ފަރުދީ މިލްކުވެރިކަން ހަމައެކަނި ޤަބޫލުކުރައްވަނީކީ ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ ލާޒިމު ކަމެއްކަމުގައިވެސް ދެކެވަޑައިގަންނަވައެވެ. މިރޮނގުން އަލްފާރާބީ ފާޅުކުރައްވައިފައިވާ ޚިޔާލުފުޅުތަކަކީ މިއަދުގެ ދުނިޔޭގައިވެސް ޢަމަލުކުރެވޭފަދަ ބިނާކުރަނިވި ޚިޔާލުފުޅުތަކެކެވެ. ހަނގުރާމައިގެ ހުޅުގަނޑުން ދުނިޔެ ސަލާމަތްކުރެވިދާނެ ފަދަ ޚިޔާލުފުޅުތަކެކެވެ.

އާދެ، އަލްފާރާބީވަނީ ސިޔާސަތުގެ ހުރިހާ ދަައިރާތަކަށް ތަފްޞީލުކޮށް އަލިއަޅުއްވައިލައްވައިފައެވެ. އޭނާގެ ޚިޔާލުފުޅުތަކަކީ މައިގަނޑުގޮތެއްގައި ގްރީކު ފިލޯސަފަރުންގެ ކިބައިން އުނގެނިވަޑައިގެންނެވި އެއްޗެއްކަމުގައި ވިޔަސް އޭނާވަނީ ގްރީކުންގެ ޚިޔާލުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާގެ އަމިއްލަފުޅު ތަޖްރިބާގެ އަލީގައި ވަރަށް ގިނަ އިޞްލާޙީ ބަދަލުތައްވެސް ގެންނަވަައިފައެވެ.

އަރަހުށި މާތްﷲ މުސްލިމުންގެ އެންމެފުރަތަމަ ފިލޯސަފަރަށް ރަޙްމަތް ލައްވާށިއެވެ. (ނިމުނީ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.