މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައިގެ ބަހުސްގެ ތެރެއިން، ކުއްޑަކުދިނަށް ޖިންސީ ގޯނާ ކުރުމުގެ އާމައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ފެންމަތި ކުރައްވައިފިއެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖަކަށް، ޖިންސީ ގޯނާކުރި މައްސަލައެއްގައި ޖެންޑަރ މިނިސްޓަރގެ އިހުމާލު އޮތްކަމަށް ބުނެ މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައިގެ ބަހުސްގައި މިފަދަ އެއްމައްސަލައެއްގެ ގޮތުގައި މާލެ އަތޮޅު ދިއްފުށީގައި ކުޑަކުއްޖަކަށް ލިބެމުންދާ ޖިންސީ ގޯނާގެ މައްސަލަ ފެންމަތި ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރ އަޙްމަދު ނަސީމެވެ. މެމްބަރ ނަސީމް ވިދާޅުވީ އެމައްސަލައިގެ ވާހަކަ އެކުއްޖާގެ ރަށްޓެހި ކުދިންނަށް ވެސް ކިޔައި ދެމުން ދާކަމަށެވެ. އެކުއްޖާއަށް ޖިންސީ ގޯނާކުރާކަމަށް ތުޙުމަތުކުރެވެނީ ކުއްޖާގެ ބައްޕަ ފަރާތު ބޮޑު ބޭބެ އެކެވެ. ނަމަވެސް ކުއްޖާގެ ބައްޕަގެ ވިޔަފާރި ބަލަހައްޓަނީ އެމީހަކަމަށްވާތީ އެކަން ސިއްރުކޮށްފައިވާ ކަމަށް މެމްބަރ ނަސީމް ތުޙުމަތު ކުރެއްވިއެވެ.
މިމައްސަލަ، ތުލުސްދޫ ދާއިރާގެ މެމްބަރ ފާހަގަ ކުރެއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އަމީން އާންމަށް ދަންނަވައިގެން ދިއްފުށީގެ ކަމާބެހޭ މުޢައްސަސާތަކުގެ އިސްވެރިންނަށް ގުޅައިންގެ އެކަމުގެ މަޢުލޫމާތު މަޖިލީހުން ސާފުކުރައްވާނެކަމަށެވެ.
ކުޑަކުދިންނަށްޖިންސީ ގޯނާތަކެއްގެ ލިބެމުން ދިޔަ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް ގެންނެވިކަމަށް ބާރަށު ދާއިރާގެ މެމްބަރ އަޙްމަދު ޢަބްދުﷲ ވެސް ވިދާޅުވިއެވެ. އެމައްސަލައިގައި ފުލުހުން އަދިވެސް އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވާކަން މެމްބަރ އަޙުމަދު ޢަބްދުﷲ ފާހަގަ ކުރެއްވިއެވެ. ކުޑަކުދިންނަށް ލިބެމުންދާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ކަމާބެހޭ މުއައްސަސާތަކުގެ އިހުމާލު ވަރަށް ބޮޑުކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މިމައްސަލަވެސް އަމީން އާންމަށް ދަންނަވައިގެން ބައްލަވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ޖިންސީ ގޯނާ ލިބެމުން ދިޔަކުއްޖާ މިހާރު ހުރީ ކޮންތަނެއްގައިކަން އެނގިވަޑައި ނުގަންނަވާތީ މެމްބަރުން، ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން މަޖިލީހުގެ ރައީސް ވިދާޅުވީ އެކަން ވެސް މެމްބަރުންނަށް ސާފުކޮށްދެއްވާނެކަމަށެވެ.
މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަވުން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލައްވައިފިއެވެ. ޖެންޑަރ މިނިސްޓަރގެ އިހުމާލާ ގުޅޭ ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއީލް އަހްމަދު ނަސީމެވެ. މީކާއީލް ވަނީ މިނިސްޓަރ ޝިދާތާގެ އިހުމާލު މަތިމައްޗަށް އޮތްކަން ފާހަގަ ކުރައްވާ އަމިއްލައަށް އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފައެވެ. މިނިސްޓަރ އިސްތިއުފާ ނުދެއްވައިފިނަމަ މަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ގޮވާލައްވައިފައެވެ. މަޖިލީހުން އިސްނަގައިގެން ވެސް ޖެންޑަރ މިނިސްޓަރ ޝިދާތާ މަޤާމުން ވަކި ކުރަންޖެހޭކަމަށް އޭނާ ވިދާޅުވި ވިއެވެ.
ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދެއްކުމަށް އެދިވަޑައިގަންނަވާ ހުރިހާ މެމްބަރުންނަށް ފުރުޞަތު ދެއްވުމަށް ގަލޮޅު އުތުރުދާއިރާގެ މެމްބަރ އީވާ ޢަބްދުﷲ ހުށަހެޅުއްވި ހުށަހެޅުން 43 މެމްބަރުންގެ އަޣްލަބިއްޔަތުން ވަނީ ފާސްކުރައްވައިފައެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެހެން މަސައްކަތެއް ކުރައްވާނީ ކުއްލި މައްސަލައިގެ ބަހުސް ނިމުމުންނެވެ.