ރެހެންދި ފުލެޓުން ކަޅު ދަބަސް ހިފައިގެން ނުކުތް މީހުން އޮޅިވަޑައިގެން ނޫޅުއްވާ ކަމަށާއި އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ފެށޭނީ މިހާރުގެ ޕްރޮސެކިއުޓަރ ޖެނެރަލް (ޝަމީމް) ގެ ނަންފުޅުން ކަމަށް މިހާރުގެ ސަރުކާރުގެ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި ޢަލީ ވަޙީދު ވިދާޅުވެފައިވާ ގޮތުގައި (އެމްއެމްޕީއާރްސީގެ ތަހުގީގަށް ބޭނުންވާ) ފޯނުތަކާއި ލެޕްޓޮޕާ އިނގިރޭސި ފުލުހުންނާ ހަވާލު ކުރެއްވީ އޭނާއެވެ.
މިއަދު ކުރެއްވި އެހެން ޓުވީޓެއްގައި ޢަލީ ވަޙީދު ވިދާޅުވެފައިވާ ގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާއެއް ނުކުރެވޭނެއެވެ. އޭނާ ވިދާޅުވި ގޮތުގައި އިނގިރޭސި ވިލާތުގައި ކުރި ތަހުގީގުގައި ޔާމީންގެ އެކައުންޓްތައް ނުހިފެހެއްޓުނު ސަބަބަކީވެސް އެއީއެވެ.
ޢަލީ ވަޙީދު ޓޫރިޒަމް މިނިސްޓާރުކަމުގައި ހުންނެވި ދުވަސްވަރު އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންގެ ހބަޔަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލައި ޝަރީއަތަށް ފޮނުވައި ޝަރީއަތް ހިނގަމުން ދަނިކޮށް ޢަލީ ވަޙީދު ވަނީ ބޭސްފަރުވާއަކަށް އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. ކޯޓުން އޭނާއަށް ދިން މުއްދަތު ހަމަވީއިރުވެސް އެނބުރި ވަޑައެއް ނުގަނެއެވެ.
އިނގިރޭސިވިލާތުގައި ހުންނަވައިގެން ރާއްޖޭގެ ނޫސްވެރިންނަށް މައުލޫމާތު ދެއްވާން ބައްދަލުވުމެއް ބާއްވަން އޮތް ދުވަހު އިނގިރޭސި ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ. ފަހުން އެނގުނު ގޮތުގައި އޭނާ ހައްޔަރު ކުރީ ވިސޤއާ ގުޅުން ހުރި ކަމެއްގައެވެ.
ޢަލީ ވަޙީދު ވިދާޅުވެފައި ވަނީ އޭނާ އެ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ދައްކަވަން ހުރި ވާހަކަތައް ދައްކަވާނެ ކަމުގައެވެ. އޭގެ ފަހުން ދޭތެރެދޭތެރެއިން ގެންދަވަނީ ޓުވީޓު ކުރައްވަމުންނެވެ.