(21 ޖެނުއަރީ 2020ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކޮންމެވެސް ގޯހެއް އުޅޭ ކަމަށް މަރިޔަމަށް ޝައްކުވާން ފެށިއެވެ. އޭނާ އަނެއްކާވެސް ޒަނީންގެ އޮފީހަށް ފޯނުކުރިއެވެ. "މިއަދު މެންދުރު ޒަނީން ބައްދަލުކުރަނީ ކާކާ؟ ބަލައިލާފަ ބުނެދީބަލަ." އޭނާ ބުންޏެވެ.
"މިއަދު އެއްވެސް މީހަކާ ބައްދަލުކުރާ ގޮތަކަށް ހަމަޖެހިފައެއް ނެތް." ޒަނީންގެ ސެކެޓްރީ ބުންޏެވެ. "މެންދުރުގެ ކެއުން އޮންނަ ގަޑީގައި އެއްވެސް ބައްދަލުވުމެއް ތާވަލުނުކުރަން އަންގާފައި ޒަނީން އޮންނަނީ."
އިރުކޮޅެއް ވަންދެން މަރިޔަމް ބަސް ހުއްޓިފައި ހުރެފައި މަރިޔަމް ބުންޏެވެ. "މެންދުރު ކާންދަނީ ކިހާ އިރަކު؟"
"އެކެއް ޖަހާއިރު."
"އެނބުރި އަންނަނީ ކިހާ އިރަކު؟"
"ހަތަރެއް ޖަހާއިރު."
"ކޮންމެ ދުވަހަކުވެސް ތަ؟"
"އާނ."
"އެހެން އުޅޭތާ މިހާރު ކިހާ ދުވަހެއް ވެއްޖެ."
"މިހާރު ދެ އަހަރު ވެދާނެ."
"މަރިޔަމް ހަމަ ރަނގަޅަށް ވެސް ބަސް ހުއްޓުނެވެ. އޭނާ މަޑުމަޑުން ފޯނު ބޭއްވިއެވެ. ވެގެން އުޅޭ ގޮތެއް މަރިޔަމަކަށް ވިސްނައެއް ނުގަނެވުނެވެ. ދެއަހަރު ވަންދެން ޒަނީން ކޮންމެ ދުވަހަކު އޮފީހުން ބޭރުގައި ތިން ގަޑިއިރު ހޭދަކުރެއެވެ. އޭނާ ދަނީ ކޮންތަނަކަށް ބާވައެވެ. އޭނާގެ ހަނދާނަށް ކުއްލިއަކަށް އައީ މީގެ ދެއަހަރެއް ހައި ދުވަސް ކުރިން ޒަނީންގެ ސްވެޓަރުން ފެނުނު ރަންކުލައިގެ އިސްތަށިތައް މަތިންނެވެ. ކާވެނި ކުރި ފަހުން ފުރަތަމަ ފަހަރަށް އޭނާގެ ހިތަށް ބިރުވެރިކަން ވަނެވެ.
"ހަގީގަތުގައި ވެސް އަހަރެމެންގެ ގުޅުން ހަމަ އެހައި ނާޒުކު..." އޭނާ ސޯފާގައި އިށީނދެ ޚިޔާލަކަށް ގެއްލިފައި އިނދެ ނިޔަފަތި ހަފަން ފެށިއެވެ. "ޒަނީން އަހަންނަށް ދޮގު ހެދީ ކީއްވެބާ؟" ޒަނީން އޭނާއަށް ދޮގު ހެދީ ކީއްވެގެން ކަމެއް ނޭނގެއެވެ. އެތައް މަހެއް ފަހުން އޭނާ ބޭރަށް ނުގޮސް ގޭގައި މަޑުކުރިއެވެ. ހަވީރު ޒަނީން ގެއަށް އައިއިރު މަރިޔަމް ފެނުމުން އޭނާ ހައިރާންވިއެވެ.
"ބޭރަކަށް ނުދަންތަ މިއަދު؟" ސަމާސާ ރާގަކަށް ޒަނީން އެހިއެވެ.
"ދާން ބޭނުންވި, އެކަމަކު ޒަނީނަށް ވަގުތު ނުވީމަ..." ޒަނީނާ ދިމާއަށް ބަލަހައްޓައިގެން ހުރެ މަރިޔަމް ބުންޏެވެ.
"ތި ބުނީ މެންދުރު ކާންދާ ވާހަކަތަ؟" ޒަނީން އެހިއެވެ. "އޭރު އުޅުނީ އެހެން ކަމެއްގައި. މިރޭ ކާން ދެވިދާނެ."
ޒަނީން ކާންދާން ބުނީ ކީއްވެގެން ކަމެއް މަރިޔަމަކަށް ނުވިސްނުނެވެ. އެކަމަކުވެސް އޭނާ އެކަމަށް އެއްބަސްވިއެވެ. ރެސްޓޯރެންޓުގައި ކާން އިނދެފައި ޒަނީން ބުންޏެވެ. "އަހަރެން މިއުޅެނީ އިންގްލެންޑަށް ދާން. ދެމަހާއި ފަނަރަ ދުވަހަަށް."
"ކީއްކުރަން؟" ފެންތަށި މޭޒުމަތީގައި ބަހައްޓަމުން މަރިޔަމް އެހިއެވެ. އައިސްފައި ހުރި ރުޅި ފޮރުވަން ކުރި މަސައްކަތް ވީ ނާކާމިޔާބެވެ.
"ފެކްޓަރީ ކަމެއްގައި." ޒަނީން ކަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.
"ދެމަހާއި ފަނަރަ ދުވަހަކީ ހާދަ ގިނަ ދުވަހެކޭ." މަރިޔަމް ޒަނީނަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. އޭނާ މަސައްކަތް ކުރީ ޒަނީންގެ މޫނުމަތިން އެއްވެސް އެއްޗެއް އެނގޭތޯ ބަލާށެވެ.
"އާނ. އެކަމަކު ކީއްކުރާނީ؟" ދެކޮނޑު އަރުވައިލަމުން ޒަނީން ބުންޏެވެ. މަރިޔަމް ރުޅި އައިސްފައި އިންކަން އެނގޭކަމަށް ހަދާކަށް ޒަނީން ބޭނުމެއް ނުވިއެވެ.
"އަހަރެންވެސް ދާނަން." މަރިޔަމް ބުންޏެވެ. "ދެމީހުން އެކުގައި ދަތުރު ނުކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެ."
ޒަނީން އޭނާއަށް ބަލައިލިއެވެ. މަރިޔަމް އޭނާއާ ހަތަރުކަޅި ހަމަކުރިއެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން އިރުކޮޅަކު ތިއްބެވެ. "ތީ އަބަދުވެސް އަވަދި ނެތި އުޅޭ މީހެއްނުން. ދެ މަހާއި ފަނަރު ދުވަސް ވަންދެން ހުރެވޭނެތަ؟" ޒަނީން އެހިއެވެ.
"އާނ، ވަގުތު ހޯދާނީ." މޭޒުމަތިން ފެންތަށި މަރިޔަމް ނަގަމުން ބުންޏެވެ.
"މައްސަލައެއް ނެތް، ހިނގާ." ޒަނީން އަނެއްކާވެސް ކެއުމާއިގެން މަޝްޣޫލުވެއްޖެއެވެ.
މަރިޔަމް ހައިރާންވިއެވެ. އެހާ ފަސޭހައިން ޒަނީން އެއްބަސްވާނެ ކަމަކަށް މަރިޔަމް ހިއެއްނުކުރެއެވެ. އޭނާއަށް ކުރެވޭ ޝައްކަކީ ވަހުމަކަށް ވެދާނެއެވެ. އެހެންކަމުން ޒަނީންގެ ހަރަކާތްތަކާ ބެހޭ ގޮތުން އޭނާ ގާތު އަހަން ނިންމިއެވެ.
"ޒަނީންގެ ސެކެޓްރީ ބުނީ މެންދުރު ކެއުން އޮންނަ ވަގުތު ދުވަހަކުވެސް އެއްވެސް މީހަކާ ބައްދަލެއް ނުކުރެއޭ."
ޒަނީންގެ މޫނުމަތީގެ ކުލަވަރު ބަަދަލުވިއެވެ. "އަހަންނަށް ޖާސޫސް ކުރަން އަހަރެންގެ ސެކެޓްރީއަށް ގުޅަން ފެށީތަ؟" ތުންފުހިން ތުން ފޮހެގެން ޒަނީން ތަށި ދުރަށް ޖައްސައިލިއެވެ. އޭނާގެ މޫޑު ޚަރާބުވެއްޖެއެވެ.
"ނޫން، އެހެނެއް ނޫން. އަހަރެން ގުޅީ ޒަނީނަށް. އޮފީހުގައި ނޫޅޭތީ އޭނައާ ކުޑަކޮށް އަނގަތަޅާލީ." މަރިޔަމް އަވަސްއަވަހަށް ދޮގެއް ހަދައިލިއެވެ.
ޒަނީން ރުޅި އައިސްފައި އޭނާއަށް ބަލަން އިނެވެ. "އަހަރެންގެ ސެކެޓްރީއަށް އެނގޭނީ އޭނާ ގާތު އަހަރެން ބުނި އެއްޗެއް." ޒަނީން ބުންޏެވެ. "އަހަރެން ކުރާ ހުރިހާ ކަމެއް އޭނަ ގާތަކު ނުބުނަން. އެހެން ނޫނަސް ހުރިހާ ބައްދަލުވުމަކީ ރަސްމީ ބައްދަލުވުންތަކެއް ނޫން. ވަރަށް ގިނަ ފަހަރު މީހުންނާ ގުޅުން ބަދަހިކުރަންވެސް އަހަރެން މީހުންނާ ބައްދަލުކުރަން. އަދި ބައެއް ފަހަރު ބޯ ހަމަޖައްސާލަން ރައްޓެހީންނާއެކު ބޭރަށް ވެސް ދަން. މިދިޔަ ތިން އަހަރު ތެރޭ އަހަންނާއެކު އެކު ކާލަން މަރިޔަމަށް ވަގުތުވިތަ؟ އެހެންވީމާ ކުއްލިއަކަށް އަހަންނާއެކު މެންދުރު ކާން ބޭނުން ކަމަށް ބުނީމާ އަހަރެންގެ ޝެޑިއުލް ބަދަލުުކުރާނެ ކަމަށް އުއްމީދުކޮށްގެން ނުވާނެ. އެއީ ބަހަނާއެއް ކަމަށް ހަދައިގެން، އަހަރެން ކާންދަނީ ކޮންތަނަކަށްތޯ، ކާކާ އެކުތޯ ބަލައި، އަހަންނަށް ފާރަލާން ފެށީތަ؟"
މަރިޔަމް ލަދުން އިސްދަށަށް ޖަހައިލިއެވެ. އޭނާއަށް ކުރެވޭ ހީއަކީ ކުށްހީއަކަށް ވެދާނެއެވެ. "އެހެނެއް ނޫން ޒަނީން. ކޮންމެ ދުވަހަކު ދެތިން ގަޑިއިރު ކުރަނީ ކީއްތޯ ބަލައިލަންވެގެން." މަރިޔަމް ބުންނެވެ.
"މެންދުރު ކައިގެން އަހަރެން ދަނީ ކަސްރަތުޚާނާއަށް... އެތަނަށް ދިއުން ހުއްޓާލަަންވީތަ؟" މަލާމާތުގެ ރާގަކަށް ޒަނީން އެހިއެވެ.
"އަހަންނަށް މާފުކުރޭ." އޭނާ މޭޒުމަތީގައި އަތް ބާއްވައިލިއެވެ.
"މަރިޔަމް އަހަންނަށް ޝައްކުކުރުމުގެ ބޭނުމެއް ނެތް. އަހަރެން މީހަކާ ގުޅުމެއް ބާއްވަން ބޭނުން ނަމަ މަރިޔަމަކަށް އެކަން ނުހުއްޓުވޭނެ. އަދި މަރިޔަމަށް އެކަން ފޮރުވަންޖެހޭ ސަބަބެއްވެސް އަހަންނަކަށް ނުވިސްނޭ. އެކަމަކު އަހަރެންގެ ދިރިއުޅުމާމެދު އަހަރެން ހިތްހަމަ ޖެހޭ. އަހަންނަށް ފާރަލުމުގެ ބޭނުމެއް ނެތް."
ޒަނީން ބުނި އެއްޗަކާ މެދު މަރިޔަމް ވިސްނައިލިއެވެ. "ރަނގަޅު ވާހަކައެއް." މަރިޔަމް ހިތާހިތުން ބުނެލިއެވެ. "ސެކެޓްރީއަށް އޭނާ ކުރާ ހުރިހާ ކަމެއް ނޭނގޭނެ. ކުޅިވަރު ކުޅޭށާއި ކަސްރަތު ކުރަން އޭނާ އަބަދުވެސް ކަސްރަތުޚާނާއަށް ދޭ. އެހެން މީހަކާ ރައްޓެހިވެގެން އުޅޭ ނަމަ، އަހަރެން ގުޅާފާނެ ކަމަށް ބަލައި ސެކެޓްރީ ގާތު ހެދީހީ ދޮގު." ޒަނީންގެ ވާހަކައިން މަރިޔަމް ހިތްހަމަ ޖައްސައިލިއެވެ. އެކަމަކު މާފުކުރިއަސް އެ ސުވާލު ކުރުމުން ޒަނީނަށް އުނދަގޫވެފައި އިންކަން އެނގެއެވެ.
ދެ ހަފްތާ ފަހުން ޒަނީން އިންގްލެންޑަށް ފުރިއެވެ. އޭނާޔާ އެކު މަރިޔަމެއް ނުދެއެވެ. ޒަނީނާއެކު އެހެން މީހަކު އެދަތުރުގައި ބައިވެރިނުވާކަމަށް ގަބޫލުކުރެވިގެންނެވެ.
***
އެއްދުވަހަކު ކަސްރަތުޚާނާއިން މަރިޔަމާ މަންޒަރާ ބައްދަލުވިއެވެ. މަންޒަރަކީ ޒަނީންގެ ވަރަށް ގާތް އެކުވެރިއެކެވެ.
"ފަހަރި، ޒަނީން ކިހިނެއްތަ؟ ހާދަ ދުވަހެއް ވެއްޖެއޭ ދިމާނުވާތާ."
"ޒަނީން ވީ އިންގްލެންޑުގަ."
"ކޮން އިރަކު ދިޔައީ؟"
"މަހެއްހައި ދުވަސްކުރިން."
"ކޮން އިރަކުން އަންނާނީ؟"
"ހަ ހަފްތާ އަށޭ ބުނީ، އެހެންވީމާ އަދި ދެ ހަފްތާ ފަހުން އަންނާނެހެން ހީވަނީ."
"ފަހަރި ހަމަ ރަނގަޅަށް ވެސް ޒަނީންގެ ހިތް ފަތަހަ ކޮށްފި." ހިނިތުންވެފައި ހުރެ މަންޒަރް ބުނެލިއެވެ. "ކާވެންޏަށް ފަހު ޒަނީން މުޅިން ބަދަލުވެއްޖެ. ރައްޓެހިންނާ ވެސް އެއްގޮތަކަށް ވެސް ބައްދަލައެއް ނުކުރޭ."
"ނޫން، ތިކަހަލަ ކަމެއް ނުކުރަން. މިހާރުވެސް ރައްޓެހިންނާއެކު ބޭރަށްދޭ."
"ނޫން. ކުރިން ދާ ގޮތަކަށް ނުދޭ. ގުޅާވެސްނުލާ. ކޮންމެ ފަހަރަކު ގުޅަނީ އަހަރެން. އެކަމަކުވެސް ވަރަށް ނާންނާނެ. އަހަރެމެން އެންމެން ބޭރަށް ދާ ދުވަހަކު ބުންޏަސް ކޮންމެވެސް ބަހަނާއެއް ދައްކާފައި ނާދޭ. މިތަނަށް ވެސް އަންނަނީ ހާލަކުން ފަހަރަކު." މަޒްހަރް ޝަކުވާ ފަތިވަރެއް އަމުނައިލިއެވެ.
"އެހެން ނުވާނެ. ކޮންމެ ދުވަހަކު މެންދުރު ޒަނީން އާދޭ މިތަނަށް، ފަތަން." މަރިޔަމް ބުންޏެވެ.
"ނޫން، ދުވަހަކުވެސް އަހަރެން ޒަނީން ނުދެކެން މިތަނުން. އޭނާ ފަތަން އަންނަންޏާ ތި އަންނަނީ ހަވީރު. އެވެސް މަދު ފަހަރަކު ކަމަށް ވެދާނެ." މަރިޔަމްގެ މޫނުމައްޗަށް ވެރިވި ހާސްކަން ފާހަގަނުކުރެވި މަންޒަރް ވާހަކަ ކުރިއަށް ގެންދިޔައެވެ. "ކޮންމެ ގޮތެއް ވިޔަސް މެންދުރު އޭނާ އެއްވެސް މީހަކާ ބައްދަލެއް ނުކުރޭ. ކޮންމެ ދުވަހަކުވެސް ގެއަށް ކާން ދާ ވާހަކަ ބުނަނީ."
"އޭނާ ދުވަހަކުވެސް މެންދުރު ކާން ގެއަކަށް ނުދޭ. އޭނާ ކަނީ ފެކްޓަރީ މީހަކާ އެކު ނުވަތަ ކޮންމެވެސް ރައްޓެއްސަކާއެކު." މަންޒަރްގެ ވާހަކައިން މަރިޔަމް އިތުރަށް މާޔޫސްވިއެވެ. އެވާހަކައިން ނަގަންވީ މާނައެއް އޭނާއަކަށް ނޭނގެއެވެ.
"ހަމަގައިމުވެސް އަހަންނާއެކު މެންދުރު ކާން ނުދާތާ މިހާރު ދެއަހަރު ވެދާނެ." މަންޒަރް ބުންޏެވެ. "އަހަންނަށް އެނގިފައި އޮތް ގޮތުން އަހަރެމެން ތެރެއިން އެކަކާ އެކުވެސް ނުދޭ. އެހެންވީމާ އަހަރެމެން އެންމެން ބައިވެރިވާ ކަމެއް ވެއްޖެއްޔާ ބާއްވަނީ ރޭގަނޑު. އެއީ އަހަރެމެން ބުންޏަސް މެންދުރު ނުދާތީ."
"އެކަމަކު އޭނަ ދުވަހަކުވެސް މެންދުރު ގެއިން ނުކައި." މަރިޔަމް ހުރީ ވާނުވާ ނޭނގިފައެވެ.
"ތަންކޮޅެއް ބަލައިގެން އުޅެއްޗޭ ފަހަރި...، އެހެން ކަމެއް ކުރަނީ ކަމަށް ވެދާނެ..." މަންޒަރް ސަމާސާ ކޮށްލިއެވެ. "ދަނީ. އަދި ދިމާވާނެ."
މަރިޔަމް ހިތި ގޮތަކަށް ހީނލިއެވެ.
މަންޒަރް އެތަނުން ދިއުމުން ގެއަށް ނުގޮސް އޭނާ ދިޔައީ ސްވިމިންޕޫލް ހުންނަ ބަޔަށެވެ. އެތަނަށް ދިއުމުން ޒަނީން އެއްގޮތަކަށް ވެސް މިހާރު ޕޫލަށް ނުދާކަން އެނގުނެވެ. އަދި ޓެނިސް ކުޅޭން ނުދާކަން ވެސް އެނގުނެވެ. މެންދުރު އެއްގޮތަކަށްވެސް އޭނާ ކަސްރަތުޚާނާއަކަށް ނުދެއެވެ. ޓެނިސް ކުޅެން އަޔަސް އަންނަނީ ވަރަށް މަދުން ކަމަށާއި އެވެސް ހަވީރު ކަމަށް އެތަނުން މަރިޔަމަށް މައުލޫމާތު ދިނެވެ.
މަރިޔަމްގެ ހަށިގަނޑު ގަނޑުފެނަށް ވިއެވެ. "އެ ހުރިހާ ދޮގެއް... ކޮންމެ ދުވަހަކު ތިން ގަޑިއިރު ހޭދަކުރަނީ ކޮންތާކު... މަންމައާ އެކުތަ؟" މަރިޔަމް ވިސްނައިލިއެވެ. "ނޫން، ނުވާނެ." އޭނާ އެ ޚިޔާލު ދޫކޮށްލިއެވެ. "ތިން ގަޑިއިރު މަންމައާއެކު... ކޮންމެ ދުވަހަކު؟ ނޫން، ނުވާނެ. އެގޭގައި އޭނާ ކުރާނީ ކީއް؟ އެހެން ނޫނަސް މަންމަގެއަށް ވަދެލަނީ ދޭތެރެއަކުން ފަހަރަކު ކަމަށް ޒަނީން ބުނި." ޒަނީނާއެކު ކުރިން ދެކެވިފައި ހުރި ވާހަކަ މަރިޔަމްގެ ހަނދާނަށް ގެނައެވެ. " އޭނާ އެގެއަށް ދަނީ ވަރަށް މަދުން ކަމަށް މަންމަވެސް ބުނި. އެހެން ނޫނަސް އެގޭގައި އޭނާ ކުރާނީ ވަކި ކޮން ކަމެއް؟"
އައިސްފައި ހުރި ރުޅީގެ އިތުރުން އޭނާގެ ހިތަށް ބިރުވެރިކަން ވެރިވަމުން ދިޔައެވެ. މަރިޔަމް ގެއަށް ގޮސް ކޮޓަރިއަށް ވަދެ އެނދުގައި އިށީނެވެ. އެއާކު ތެދުވެއްޖެއެވެ. އެނދުގައި ޒަނީން ނިދަން އޮންނަ ފަޅިއަށް ގޮސް އެނދުއަރިމަތީ މޭޒުގެ ވަތްގަނޑު ހުޅުވައި ހާވަން ފެށިއެވެ. ވަތްގަނޑުން ހޯދަން އުޅެނީ ކޯޗެއްކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ.
***
ވިދިގެން އައި ދުވަހު އަންނައުނު ބަހައްޓާ ކޮޓަރީގައި ހުންނަ ފައިލިން ކެބިނެޓުގެ ވަތްގަނޑު ހާވަން މަރިޔަމް ގަސްތުކުރިއެވެ. އެ ވަތްގަނޑަކީ އަބަދު ތަޅުލާފައި ހުންނަ ވަތްގަނޑެކެވެ. ތަޅުދަނޑި އޮންނަނީ ޒަނީންގެ އަތުގައެވެ. މަރިޔަމް ޚާދިމު މީހާއަށް ގޮވިއެވެ.
"މި ވަތްގަނޑު ހުޅުވަން ބޭނުން. މިއުޅެނީ ތަޅުދަނޑި ގެއްލިގެން." މަރިޔަމް ދޮގެއް ހަދައިލިއެވެ. "މީތި ހަލާކުކޮށްލެވޭނެތަ؟"
"ސާހިބާ، ތީ ބޭރުން ގެނައި އާ ތަޅެއް. ތި ތަޅު ހަލާކުކުރުމަކީ ކުރެވޭނޭ ކަމެއް ނޫން." ޚާދިމު ބުންޏެވެ.
"މީހަކު ގޮވައިގެން އަންނަން ދޭ." މަރިޔަމް އަމުރުކުރިއެވެ.
އެމީހާ އަންނާންދެން މަޑުކޮށްގެން އިން އިރު މަރިޔަމަށް މޮޅު ބުއްދިއެއް ވެއްޖެއެވެ. އޭނާ ފެކްޓަރީގައި އުޅޭ ޒަނީންގެ ސެކެރްޓްރީއަށް ފޯނުކުރިއެވެ. "ޒަނީން ގެ ފޯނު ބިލް ބަލައިލަން ބޭނުން. ގެއަށް ފޮނުވައިދީފާނަންތަ؟" އޭނާ ބުންޏެވެ.
"އާނ." ސެކެޓްރީ ބުންޏެވެ. "ދެ ފޯނުގެ ބިލްވެސް ފޮނުވަންވީތަ؟"
ސެކެޓްރީއަށް އޮޅުނީ ކަމަށް ހީކޮށް އޭނާ ބުނި އެއްޗެއް ސެކެޓްރީއަށް ސާފުކޮށްދިނެވެ. "ނޫން. އަހަރެންގެ ފޯނު ބިލް ބޭނުމެއް ނޫން. ބޭނުންވަނީ ހަމައެކަނި ޒަނީންގެ ބިލް."
"ޒަނީންގެ އަތުގައި ދެ ފޯނު އޮވޭ. އެ ދެ ބިލް ފޮނުވަންވީ ތަ ނޫނީ އެއް ފޯނުގެ ބިލްތަ ފޮނުވަންވީ؟"
މިއީ މަރިޔަމަށް އާ ޚަބަރެކެވެ. ޒަނީން ދެ ފޯނު ގެންގުޅޭ ކަމެއް އޭނާއަކަށް ކުރިން އެނގިފައެއް ނެތެވެ. ދުވަހަކުވެސް ދެ ފޯނު ގެންގުޅުނު ތަނެއް ފެނިފައެއްވެސް ނެތެވެ. އެހެން ނަންބަރެއް ގެންގުޅޭ ވާހަކައެއް ވެސް ބުނެފައެއް ނެތެވެ.
"ދެ ފޯނުގެ ބިލްވެސް ފޮނުވައިދީ – މި ދިޔަ ދެ އަހަރުގެ ބިލްތައް." މަރިޔަމް ބުންޏެވެ. ބައިގަޑިއެއް ހައިއިރު ފަހުން ފެކްޓަރީގެ ޑްރައިވަރު މަރިޔަމަށް ދެ އަަހަރުގެ ބިލްތައް ގެނެސްދިނެވެ. މަރިޔަމް ބަލައިލަން ބޭނުންވީ އާދަކޮށް ވަކި ނަންބަރަކަށް ގުޅާފައި ހުރިތޯ އެވެ. އެހެން މީހަކާ ހިތާވެގެން އުޅޭ ނަމަ އެމީހަކަށް އެތައްފަހަރަކު ގުޅާފައި ހުންނާނެއެވެ.
އޭނާ ބިރުގަތީ އަސާސެއް ނެތިއެއް ނޫނެވެ. ދުވާލަކު މަދުވެގެން ހަތަރު ފަހަރު އެއް ނަންބަރަކަށް ގުޅާފައި ހުއްޓެވެ. އެއީ ކުރު ކޯލުތަކެއް ނޫނެވެ. އެ ނަންބަރު ލިސްޓުކޮށްފައި އޮތީ ކޮން ނަމެއްގައިތޯ ބަލަން ފޯނު ޑައިރެކްޓަރީ ނެގިއެވެ.
ޑައިެކްޓަރީއަކު އެ ނަންބަރު ލިސްޓު ކޮށްފައެއް ނެތެވެ. އޭނާ އަނެއްކާ ސެކެޓްރީއަށް ފޯނު ކުރިއެވެ. "އޮފީސް ޑައިރެކްޓަރީ އިން މި ނަންބަރު ބަލައިދީފާނަންތަ؟" ފޯނު ނަންބަރު ދީފައި ސެކެޓްރީ ގާތު އޭނާ ބުންޏެވެ.
"އެއީ ޒަނީންގެ ދެވަނަ ނަންބަރު." ސެެކެޓްރީ ބުންޏެވެ.
މަރިޔަމް ފޯނު ބާއްވާފައި އަނެއްކާވެސް ބިލްތައް ހުރި ފައިލު ނެގިއެވެ. ތެދެކެވެ. އެއީ ޒަނީންގެ ނަމުގައި ލިސްޓުކޮށްފައި އޮތް ދެވަނަ ނަންބަރެވެ. ޒަނީން އަމިއްލައަށް އެއް ފޯނުން އަނެއް ފޯނަށް ގުޅައިގެން ވާހަކަ ދައްކަނީ ހެއްޔެވެ؟ އެވަގުތު އެހެން ޚިޔާލެއް އައެވެ. އެވާނީ އެހެން އަންހެނަކަށް ފޯނެއް ގަނެދީގެން ޒަނީން އެ ބިލްވެސް ދައްކައިދެނީ ކަމަށެވެ. އެހެންކަމަށްވާނަމަ މިހާރު އެމީހަކު ވާނީ ޒަނީނާ އެކު ގޮހެވެ. ފޯނު އޮންނާނީ ނިވާލާފައެވެ. މަރިޔަމް އޭނާގެ ފޯނުން އެ ނަންބަރަށް ގުޅިއެވެ. ފޯނު އޮތީ ނިވާލާފައެވެ. އޭނާ އަނެއްކާވެސް ބިލުތައް ނަގައިގެން ބަލަން ފެށިއެވެ. އެ ނަންބަރު ބޭނުން ކުރަން ފަށާފައިވަނީ މީގެ ދެ އަހަރު ކުރިންނެވެ. އެ ނަންބަރަށް ގުޅާފައި ހުރީ ހަމައެކަނި ޒަނީންގެ ނަންބަރުންނެވެ. އަދި އެ ނަންބަރުން ވެސް ގުޅާފައި ހުރީ ހަމައެކަނި ޒަނީންގެ ނަންބަރަށެވެ.
(ނުނިމޭ(
މަރިޔަމަށް ޝައްކު ބަލި ޖެހިއްޖެ
Varah reethi .Insaanun thereyga shukuru nukuraa meehun vara gina.Maryam himenenee ebaiga..eyge ithurun adhi ajaabeh kahala meeheh.firimeehaa ah vaguthu dhevenee noon.ekamaku firimeehaa ulheygoiy balan faaralaan ves ebajeheh.mashakee Zaneen nama dhevana anbaku hoadhaanethaa kon zammaneh
Haadhahaavaa reehchey.. dhen oyy bayah vvv inthizaaru kurannn... ???
vaahaka vvvsalhi akamu iyye up nukurey. miadhu up vejje
dhen kuriah othee mivaahaka genes nudhevvaa dhedhuvas
alhugandu men vv dheravey
mivaahaka mihafthaaga kiyaaln
libunuleh madhu vumun
unmeedhudhu kuran mikamah heyo
rangalhu badhaleh genes dhevvaane kamah