މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރަން ދަސްކޮށްދެނީ

މަސްވެރިން މަސްއައިނެއްގެ ތެރޭގައި ފޯރިއާއެކު ޙަރަކާތްތެރިވަނީ: ފޮޓޯ ޒުވާން މަސްވެރިޔާ

މަހާއިމަހުގެ އުފެއްދުންތައް ތައްޔާރުކުރަން ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމްތަކެއް ފަށަން ފިޝަރީޒް މިނިސްޓްރީން ނިންމަވައިފިއެވެ.

"ވިޔަފާރީގެ އުޞޫލުން އަގުއެއްކުރި މަހާއިމަހުގެ އުފެއްދުންތައް ތައްޔާރުކުރުން،" ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ މިޕްރޮގްރާތްތަކަކީ މަހާއި މަހުންތައްޔާރުކުރާ ބާވަތްތައް އިތުރުކޮށް މަތީއަގުލިބޭ ބާވަތްތައް އުފައްދާ ޖަމާއަތެއްގެ ގޮތުގައި އެބާވަތްތައް މާކެޓްތަކަށް ބޭނުންވާ ގޮތަށް ތައްޔާރުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މިތަމްރީން ޕްރޮގްރާމުގެ މަޤްޞަދުތަކަކީ ރަށްރަށުގެ އަމިއްލަ ފަރުދުންނާއި އަމިއްލަ ޖަމާޢަތްތަކާއި ޖަމްޢިއްޔާތައް މެދުވެރިކޮށް ރަށުފެންވަރުގައާއި އަދި އަތޮޅު ފެންވަރުގައި މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ، މިފަދަ އުފެއްދުންތަށް ގަންނަފަރާތްތަކާ ހަމަޔަށް ފޯރުކޮށްދިނުމަށް އެފަރާތްތައް އަހުލުވެރި ކުރުމަށް ހިންގް މިޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިއަރީ ސެޝަންތަކަކާއި ޢަމަލީ މަސައްކަތް ތަކެއްގެ މައްޗަށް ބަހާލައިގެން ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މިތަމްރީން ޕްރޮގްރާމްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ މަހުގެ ބާވަތްތައް ފެންވަރު ރަނގަޅުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، މަހުގެ އުފެއްދުންތައް ތައްޔާރު ކުރުމުގައި ގެންގުޅެންޖެހޭ ރައްކާތެރި މިންގަނޑުތަކާއި، ލޭބަލްކުރުމާއި ބަންދުކުރުމާއި، މަސްވެރިކަމުގެ ކުދި ވިޔަފާރިއެއް ހިންގާ ބަލަހައްޓާނެ ގޮތެވެ. އޭގެ އިތުރުން މަސްވެރިކަމުގެ ކުދި ވިޔަފާރި ހިންގުމުގައި ފައިސާ ބަލަހައްޓާނޭ ގޮތާއި، އަގު އެއްކުރި މަހުގެ އުފެއްދުންތައް އުފައްދާ ބަންދުކޮށް މާރކެޓް ކުރާނެ ގޮތާއި، އަގުއެއްކުރި މަހުގެ އުފެއްދުންތައް އުފެއްދުމުގެ އަމަލީ މަސައްކަތްތައް ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މިއީ ކުދި އަދި މެދުފަންތީގެ ވިޔަފަރިކުރާފަރާތްތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަން ރާވާފައިވާ ޕްރޮގްރާމެކެވެ. މަހުގެ އުފެއްދުން ތައްޔާރުކުރުމަށް ބޭނުންވާ ދެޖިންސުގެ ޒުވާނުންނަށް މީގައި ބައިވެރިވެވޭނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.