އިތުބާރު - 20

(8 ނޮވެމްބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"މިއީ ކޮން ސަކަރާާތެއްތޯ؟ އެކަހަލަަ ޝަރުޠެއް ހުށަހަޅަން އެއީ ކާކުތޯ؟ އެންމެ ފުރަތަމަ ވަގުތުން ކާވެނި ކުރުވަން ތެޅިގަތީ. އަވަސް ކުރަން އަޅުގަނޑު އެއްބަސްވީ ބައްޕަ ބުނުއްވީމަ. މިހާރު އެ އުޅެނީ ޝަރުތު ކަނޑައަޅައިގެން. އެތައް ލައްކަ ރުފިޔާގެ ގަހަނާއާއި ޞަބާދައްތަގެ ގެ ދިނީމާ ނުފުދެނީތޯ؟ މިހާރު އެ އުޅެނީ މިގެވެސް އަތުލަން. މިގެ ދެއްވާކަށް އަޅުގަނޑު އެއްބަހެއް ނުވާނަން. ކޮންމެ ގޮތެއް ވިޔަސް ހެޔޮ. މިއީ ބައްޕަގެ ގެއެއް. މިގެ އެހެން މީހެއްގެ މިލްކަކަށް ވާކަށް އަޅުގަނޑު ދުލެއް ނުކުރާނަން. މިހާރު ލިބުނު މިންވަރާ ނުރުހޭ ކަމަށް ވަންޏާ އޭނާގެ ބޮޑުދައިތަދަރި އެހެން މީހަކާ ދެވާ." ޙައިދަރު ހުރީ ރުޅި އައިސް ރަތް ވެފައެވެ. ޢާރިފީން ދައްކާ ވާހަކަޔާ އެއްބަސްވާކަށް އޭނާ ބޭނުމެއް ނުވެއެވެ.

"ޙައިދަރު. މާ ބޮޑަށް ޖަޒުބާތީ ނުވެ ވިސްނާލަބަލަ. މިގެ ސާރާގެ ނަންމައްޗަށް ބަދަލު ކުރީމާ ވާނޭ ގެއްލުމަކީ ކޮބާ؟ ބައްޕަގެ ނަމުގައި ހުއްޓަސް، ދަރިފުޅުގެ ނަމުގައި ހުއްޓަސް، ސާރާގެ ނަމުގައި ހުއްޓަސް ވާނޭ ދެރައެއް ނެތް. މިގޭގައި އުޅޭނީ އަހަރެމެން ތިން މީހުންނެއްނު؟" ޢާރިފީން ޙައިދަރުގެ ރުޅިގަނޑު މައިތިރި ކުރެވޭތޯ މަސައްކަތް ކުރިއެވެ.

"ބައްޕައަށް ކަަމަކަށް ނުވިޔަސް އަޅުގަނޑަށް ވަރަށް ބޮޑު ކަމަކަށް އެބަވޭ. ބައްޕަ އަމިއްލަ މަސައްކަތުން އެޅުއްވި ގެ އަޅުގަނޑުގެ އަނބިމީހާގެ ނަންމައްޗަށް ބަދަލު ކުރައްވަންވީތޯ؟ އެމީހުން ޝަރުތު ކަނޑައަޅަން ވާނީ އަޅުގަނޑުގެ ހައިސިއްޔަތަށް ބަލާފައި. ބައްޕަގެ ހައިސިއްޔަތަށް ބަލާފައެއް ނޫން." ޙައިދަރު ދުލެއް ނުކުރިއެވެ.

"ޙައިދަރު. މިހާރު ކުރިމަތި ވެފައި އޮތް މައްސަލައަކީ އަހަރެމެންގެ މައްސަލައެއް ނޫން. ސާރާގެ މައްސަލަ. އެކަމާ ވިސްނާ. އަހަރެން ގެއަކާ ހެދި މި ކާވެނީގައި މައްސަލަ ޖެހި އަރައިރުމަކަށް ބަދަލުވިޔަކަ ނުދޭނަން. ކާވެންޏަށް އިންކާރު ކުރުމަކުން ދަރިފުޅަކަށް ކުރާނޭ މާ ބޮޑު އަސަރެއް ނެތް. އެކަމަކު ސާރާއަށް އަސަރު ކުރާނެ. ސާރާގެ ހިތުގައި ޖެހޭނޭ އެއްވެސް ކަމެއް އަހަރެން ވިޔަކަ ނުދޭނަން."

ޢާރިފީން އެތައް ވާހަކައެއް ދައްކައިގެން ޙައިދަރު އެއްބަސް ކުރުވައިފިއެވެ. އެކަމަކު ޙައިދަރުގެ ހިތެއް ހަމައެއް ނުޖެހެއެވެ. ކާވެނި އަވަސް ކުރުވާން އުޅުނީމާވެސް އޭނާ ހުރީ ވަރަށް ބޮޑަށް ހިތް ހަމަ ނުޖެހިފައެވެ. އޭގެ ފަހުން ގޭގެ މައްސަލަގަނޑު ހިލިގަތީމާ އަދި މާ ބޮޑަށް ހިތް ހަމަ ނުޖެހުނެވެ. އެކަމަކު އެއިން އެއްވެސް ކަމަކާ އޭނާގެ ބައްޕަގެ ހިތްހަމަ ނުޖެހުމެއް ނެތްކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ.

އަޤްޞާ ހަމަ ހަގީގަތުގައިވެސް ކާވެނި އަވަސް ކުރުވާން ތެޅިގަތީ މާވަރަކަށެވެ. އޭނާ ބޭނުންވީ އެނބުރި އެމެރިކާއަށް ދިއުމުގެ ކުރީން ކާވެނީގެ ހުރިހައި ކަމެއް ފުރިހަމަކޮށް ނިންމައިލާށެވެ. ކާވެނި އަވަސް ކުރާން ޢާރިފީން އެއްބަސްވީމާ އަޤްޞާ އޭނާގެ ބައްޕައާއި ކޮއްކޮވެސް ގެނުވައިފިއެވެ. ކޮއްކޮ އައީ އޭނާގެ އަނބިދަރިން ގޮވައިގެންނެވެ. ޢާރިފީންގެ ދެކޮޅު ހެދުމާއެކުވެސް އެމީހުން ސާރާގެ ކާވެންޏަށް ބާޒާރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ޢާރިފީންގެ ދައްތަ އަޤްޞާގެ ޝަރުތުގެ ވާހަކަ ސާރާ ގާތު ބުންޏެވެ. އޭނާ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. އަދި ލަދުވެސް ގަތެވެ. ކާވެނިކޮށް ނިމިގެން އެންމެން ކޮޓަރިން ނުކުތީމާ އޭނާ އަޤްޞާ ގާތު އެވާހަކަ ދައްކައި އެހެން ނުހަދާން އެދުނެވެ. އެކަމަކު އަޤްޞާ އޭނާގެ ވާހަކަ އިވުނު ކަމަކަށްވެސް ނުހެދިއެވެ.

"ދަރިފުޅު އަދި މާ ކުޑަ. އަދި ރަނގަޅަކަށް ދުނިޔެއެއް ނޭނގޭނެ. ބޮޑުދައިތަ ކުރާ ކަމެއް މި ކުރަނީ ދަރިފުޅުގެ ކުރިމަގަށްޓަކައި. ހުރިހައި ކަމެއްވެސް މި ކުރަނީ ހަމަ ރަނގަޅަށް. މިއީ ދަރިފުޅުވެސް އަދި އެހެން މީހަކުވެސް ދެކޮޅު ހަދާ ވަރުގެ ކަމެއް ނޫން." މިހެން ބުނެފައި އަޤްޞާ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

ކާވެނީގެ ކަންތައްތައް ސާރާގެ ގޭގަޔާއި ޢާރިފީންގެ ގޭގައި އެއް ވަރަކަށް ދިޔައީ ހިނގަމުންނެވެ. އެއް ގޭގައި އަންހެން ކުއްޖާ ތައްޔާރު ކުރަނީއެވެ. އެއް ގެއިން އަނެއް ގެއަށް ގެންދިއުމުގެ ތައްޔާރީތައް ވަނީއެވެ. އަނެއް ގޭގައި ފިރިހެން ކުއްޖާގެ ފަރާތުން ކުރާން ޖެހޭ ކަންތައްތައް ފޯރިއާާއެކު ކުރަމުން ދަނީއެވެ.

އަޤްޞާ ސިޑީމަތީގައި އިށީނދެގެން އިނެވެ.

ޢަޒީމް އެތެރެއަށް ވަންނަމުން އޭނާޔާ ސުވާލުކުރިއެވެ. "ދައްތާ. ކިހިނެއްވީ؟ ތައްޔާރު ނުވެ މިތާނގައި އިށީނދެގެން އިނީޔޯ؟"

"ޢަޒީމް. އަހަރެންގެ ހިތަށް ކޮންމެވެސް ގޮތެއް އެބަވޭ. އަހަރެމެން މި ކުރަނީ ރަނގަޅު ކަމެއް ބާވައޭ ހިތަށް އަރަނީ. ކަން ބޮޑުވަނީ. ސާރާ އާ ޙައިދަރާ ދެވުމަކީ އެންމެ ރަނގަޅު ކަމެއް ބާވައޭ ހިތަށް އަރާވަރުން ހާސް ވަނީ." އޭނާ ބުންޏެވެ.

"ދައްތާ. ތިޔަ ފިކުރު ކުރަން ޖެހޭ ވަގުތު މިހާރު ފާއިތުވެއްޖެ. ސާރާގެ ކާވެނި ކުރެވިއްޖެ. ކުޑައިރުކޮޅަކުން އެހެން ރަސްމިއްޔާތުތައް ފެށޭނެ. މާދަމާ ހަވީރު އޭނާ މިގެއިން ނުުމެގެން ފިރމީހާގެ ގެއަށް ދާނެ. މިހާރު ތިޔަ ފިކުރު ކުރަނީ ކީއްކުރަން؟" ޢަޒީމް ދައްތަގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ.

"ފިކުރު ކުރުމެއްނު ނުހުއްޓިގެން މި އުޅެނީ؟ އުޅެއުޅެ ފިކުރަކުން ސަލާމަތެއް ނުވެވުނު."

"ހާސްނުވޭ. ޙައިދަރަކީ ރަނގަޅު ކުއްޖެއް. ސާރާއަށްވެސް ޙައިދަރު ރަނގަޅު. އޭނާާ ސާރާ ރަނގަޅަށް ބަލަހައްޓާނެ."

"އަހަރެން މި ކާާވެންޏަށް އެއްބަސްވީވެސް ހަމައެކަނި ތިޔަ ސަބަބާ ހުރެ. އެހެން ނޫންނަމަ މި ގޮތްކުޑަ އާއިލާގެ މީހުންނާ ސާރާ ހަވާލެއް ނުކުރީމުސް. މިއީ ޞަބާގެ ދަރިފުޅު ފޮނުވަން ހެޔޮވާ ވަރުގެ ގެއެއް ނޫން." އަޤްޞާއަކަށް ކެތެއް ނުކުރެވުނެވެ. ކުއްލިއަކަށް ރޮވިއްޖެއެވެ.

ޢަޒީމްވެސް މޮޅިވެރިކަމާއެކު އަޤްޞާގެ ގާތުގައި އިށީނދެއްޖެެވެ. "ދައްތާ. ވެދިޔަތަން ހަނދާން ނައްތައިލެވޭތޯ ބަލާ."

"ޢަޒީމް. ކީއްކުރާނީ؟ އަހަރެންގެ ހަނދާާނަކުން އެ ކަންތައްތަކެއް ނުފިލި. ހަނދާނެއް ނުނެތުނު. ދާދި ދެންމެއަކު ވީ ކަމެއްހެން ހުރިހައި ކަމެއް ހަނދާން އެބަހުރި. ހުރިހައި މަންޒަރެއް ސާފުކޮށް ހިތުގައި ހަރުލާފައި އެބަހުރި. އެއީ ހަމަ މިގެ. އޭރު އުޅުނީވެސް މިއުޅޭ މީހުން. ގެ އޮތީ ހަމަ މި ގޮތަށް ޒީނަތްތެރިކޮށް، ތައްޔާރު ކޮށްފައި. އެންމެ ތިބީ ހަމަ މި ގޮތަށް ހީނ މަޖާ ކުރުމުގެ ތެރޭގައި. އުފަލުން ފޮޅިފައި. އެ ވަގުތު ބޮޑުދައިތަ ތިރިއަށް އައިސް ރޮއިހޭރިގަތީ. އެކަކަށްވެސް ހަދާނޭ ގޮތެއް ނޭނގުނު. އަހަރެންވެސް މަންމަޔާއެކު މައްޗަށް ދިޔައީ. އެތަނުން ފެނުނީ ދައްތަޔާއި ޢާދިލާ ދެމީހުން އެއް ކޮޓަރިއަކުން ނެރުނުތަން. އަހަރެންގެ ހިތް އޭރުވެސް ބުނަމުން ދިޔައީ ދައްތަ އެކަހަލަ ވިޔާނުދާ ކަމެއް ނުކުރާނެއޭ. އެކަމަކު އަހަރެން ހުރީ ބިރުން އަވަދިވާ ވަރުވެފައި. ކުރާނޭ ކަމެއް، ބުނާނޭ އެއްޗެއް ވިސްނޭވަރެއް ނުވޭ. ބޮޑުދައިތަ އެހައި ބޮޑު މަކަރެއް ހަދައިފާނެއެކޭ އެއްގޮތަކަށްވެސް ހިތަކަށް ނާރާ. ދައްތަގެ ހިތަކަށްވެސް ނާރާނެ އޭނާގެ މައިދައިތަ އެހައި ނުބައި ރޭވުމެއް ރާވައިފާނެއެކޭ. މިއަދު ކަންތައް ހިނގާ ގޮތް ނިކަން ދެކިބަލަ. ޢާރިފީންބޭބެގެ ގެ ސާރާގެ ނަންމައްޗަށް ބަދަލު ކުރުވަން އުޅުނީމާ އެކަމާ ދެކޮޅަށް ތެދުވި އެކަކީ ޢާރިފީންބޭބެގެ ދައްތަ. އަހަރެމެން އެންމެންގެ ދައްތަ. އޭނާއަކީ އެ ރޭ ދައްތަގެ އައުރަ ކަޝްފުކޮށްގެން އަތުގައި ހިފާ ދަމައި ގެންގޮސް ބޭރު ގޯތިތެރެއަށް ހޫރައިލީ މީހާ. އަހަރެން އެރޭ އިނީ މިހާރު މިއިން ތާނގައި. އަހަންނަށް އިހުސާސް ވަމުން ދިޔައީ އަހަރެންގެ ހަށިގަނޑު މީހަކު ކޮށައި ކުދިކުރަމުން ގެންދާ ކަމުގައި. ޢާޒިމްވެސް ހުރީމެއްނު؟ މަންޒަރު ދުށީމެއްނު؟ ބޮޑުބޭބެ ދައްތަގެ ގައިގައި ފައިވާންކިބައިން ތަޅަމުން ގެންދިޔަ ރަހުމު ކުޑަ މަންޒަރު ހަނދާން އެބަހުރިތަ؟ މަންމައާއި ބައްޕަ ދުވަހަކުވެސް ދައްތަގެ ގައިގައި އަތްވެސް ޖައްސައިނުލާ. އެކަަމަކު އެ ނުލަފާ ކަލޭގެ އާއިލާގެ އެންމެންގެ ތެރޭގައި ދައްތަގެ ބޮލުގައި ފައިވާންކިބައިން ތެޅީ."

"ޢަޒީމް... އަހަރެން ބަަލަހައްޓައިގެން ހުރީ. އެއްވެސް ކަމެއް ނުކުރަން. މިތާނގައި އިނދެގެން ރޮއި ހަޅޭއް ލެވީ. އެންމެން ތިބީ ކުޅިބަލަން. އެކަކުވެސް ކުރިއަށް ޖެހިލައި ބޮޑުބޭބެ ހުއްޓުވާކަށް މަސައްކަތެއް ނުކުރޭ. ހަނދާން އެބަހުރިތަ؟ ދައްތަ އެންމެ ފަހަރަކުވެސް ތަދުވެގެން ހަޅޭކެއް ނުލަވާ. އައްދިޔޯތްއެކޭ ނުގޮވާ. ހިމޭންކަމާއެކު އިސްޖަހައިލައިގެން އިނީ. ތަޅާނެ ވަރަކަށް ތަޅައި ނިމެންދެން. ޢަޒީމް. އަހަރެމެންގެ ތެރެއިން އެކަކުވެސް ދައްތަޔަކާ އަޅައެއް ނުލި. އެންމެންވެސް ކަންތައް ކުރީ ވަރަށް ނިކަމެތިކޮށް. ބޮޑުދައިތަ ޚަތިމުގައި އަތްލައި ހުވައި ކުރީމާ ދައްތަ ހުވައެއް ނުކުރި. އެ ވަގުތު ޢަޒީމްވެސް އުޅުނީ ދައްތަ މަރާލަން. އެރޭ ހަމަ އެވަގުތު އެތާނގައި ހުރެގެން ޢާރިފީންބޭބެ ދައްތަ ވަރިކޮށްލީ. އެވަގުތު އަހަރެންގެ ހިތަށް އެރި ދައްތަގެ ގައިގައި ތަޅައިގެންފާނަމޭ. އެހެން މީހުންނެކޭ އެއްގޮތަށް ދައްތައަކީ ކުށްވެރިއެއް ކަމަށް އަހަންނަށްވެސް ޔަގީން ކުރެވުނު. އެކަމަކު ނިކަން ވިސްނާލަބަލަ. ދައްތައަކީ ކުށްވެރިއެއް ނޫން. ދައްތަ އެއްވެސް ކުށެއް ނުކުރޭ. ކުށްވެރިންނަކީ އަހަރެމެން. ކުށް ކުރީ އަހަރެމެން. ހަތް ނަސްލަށް ދާންދެން އެ އާއިލާގެ މީހުން ދައްތަގެ ދަރަނި އަދާކުރަން ޖެހޭނެ. އެއީ އެމީހުންނަށް ކުރެވޭނޭ ކަމެއްތަ؟ ޢަޒީމް ހަނދާން ހުންނާނެ. ބޮޑުބޭބެއަކީ ޚުދުމުޚްތާރީގެ ބަލި ޖެހިފައި ހުންނަ މީހެއް. ފައިސާލާ ކުރުމާއިގެން މޮޔަ ވެފައި ހުންނަ މީހެއް. އަބަދު ހުންނަނީ އާއިލާގެ ދޮށީ މީހާއަށް ވީތީ ފަޚުރުވެރިވޭވެ. އެ އާއިލާގެ މީހުން އަދާ ކުރާނީ އެމީހުންގެ ކޮން ފާފައެއް ކައްފާރާއެއް؟ ބޮޑު މުސްކުޅިއެއްގެ ދެވަނަ އަނތްބަކަށް ޞަބާ ހެދުުގެ ކައްފާރާތަ؟ ޞަބާގެ ބޮލުގައި ހަރާންދަރިއެއް ވިހެއުމުގެ ތުހުމަތު އެޅުވުމުގެ ކައްފާރާތަ؟ ކާވެނީގެ ހަތަރު މަސް ދުވަސް ފަހުން ފިރިމީހާ އޭނާ ވަރިކުރި ކުރުމުގެ ކައްފާރާތަ؟ އެ އާއިލާގެ އަންބޮނޑި ފުރިފައި ވަނީ ފާފައިން. އެކަމަކު އަހަރެމެން... އަހަރެމެން އަނެއްކާވެސް މި އުޅެނީ އެ އާއިލާޔާ ގުޅުން އުފައްދަން. އެ ނަޖިސްކަމުގެ ތެރެއަށް ސާރާ ވައްޓައިލަން. އެއީ މައާފުވެސް ކުރުން ހެޔޮވާވަރުގެ ބައެއްތަ؟ ހައިރާނެއް ފަހެ ނުވާނެތަ؟ އެމީހުން އުފާވެރިކަމާއެކު ކޮޅުކޮޅުމައްޗަށް ދުވާތަން ނިކަން ދެކިބަލަ. އެންމެން އެ ތިބީ ނުލާހިކު ބޮޑަށް ހިތްހަމަ ޖެހިފައި. އެމީހުން ހަލާކުކޮށް ބަރުބާދުކޮށްލީ ކިތައް މީހުންގެ ދިރިއުޅުމެއް ކަމެއް އެނގޭހެންނެއްވެސް ހިޔެއް ނުވޭ. އެމީހުން އެ އުޅެނީ މި ކާވެނީގެ ޒަރީއާއިން އެމީހުންގެ ފާފަތަކުގެ ކައްފާރާ އަދާކުރެވޭތޯ. އެ އުޅެނީ އަމިއްލަ އަބުރު ނަގައި ކޮޅަށް ޖެހޭތޯ. އެހެން ނޫންނަމަ އެމީހުން ސާރާގެ ފިކުރެއް ކުރާނެތަ؟" އަޤްޞާ ގިސްލަމުން ދިޔައެވެ. ޢަޒީމް އިސްދަށަށް ޖަހައިގެން އޭނާގެ ދައްތަގެ އަތުގައި ހިފަހައްޓައިގެން އިނީއެވެ.

"ދައްތާ. ދޮންތައަށް މެދުވެރިވީ އެއްވެސް ކަމެއް ސާރާއަކަށް މެދުވެރިއެއް ނުވާނެ. އޭރު އަހަރެމެން ތިބީ ބާރެއް ނެތިފައި. އެއީ ޅަ ދުވަސްވަރު. އެއްވެސް ކަމެއް ކުރުމުގެ ބާރެއް އޭރަކު ނެތް. ދޮންތަ ސަލާމަތް ކުރެވޭކަށްވެސް އަދި ހިމާޔަތް ކުރެވޭކަށްވެސް އޭރަކު ނެތް. މިހާރު ހާލަތު އޮތީއަކީ އެހެންނެއް ނޫން. މިހާރު އަހަރެމެންނަށް ސާރާ ހިމާޔަތް ކުރެވޭނެ. ޢަރިފީންބޭބެއާއި ޙައިދަރާ ދެމީހުން ސާރާ ބަލަހައްޓާނެ. ދެރަ ގޮތެއް ނުހަދާނެ. ދައްތަ ހާސްނުވޭ." ޢަޒީމް ދައްތައަށް ހިތްވަރު ދިނެވެ.

އެ ވަގުތު އަޤްޞާގެ ދޮށީ އަންހެން ދަރިފުޅު އަފްޝާން އައިސް ގޭތެރެއަށް ވަދެއްޖެއެވެ.

"މަންމާ. އަދިވެސް ތިޔަ އިނީ ތައްޔާރު ނުވެ. އަވަސް ކުރޭ. އެމީހުން އިރުކޮޅަކުން އަންނާނެ. ދެން ރުއިން ހުއްޓައިލާ."

އޭނާ މަންމަގެ އަތުގައި ހިފައި ދަމަން ފަށައިފިއެވެ. އަޤްޞާ ކަރުނަ ފޮހެލުމަށް ފަހު ތައްޔާރުވާން ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ.

* * *

"މިތަނަށް މަޑުކޮށްލައްވާ. އަޅުގަނޑު ގޮސްފައި އެބަ އަންނަން." ސާރާ ކާރުގެ ދޮރު ހުޅުވައިލަމުން ބުންޏެވެ.

"އަހަރެންވެސް ދާާނަން." އަޤްޞާވެސް ކާރުން ފައިބާން އުޅުނެވެ.

ސާރާ އެކަމާ ދެކޮޅުހެދިއެވެ. "ނޫން، ބޮޑުދައިތާ. އަޅުގަނޑު އެކަނި ގޮސްފައި އެބަ އަންނަން. ބޮޑުދައިތަޔާއެކީ ދާން އަޅުގަނޑުގެ ހިތެއް ހަމައެއް ނުޖެހޭ. ރައްޓެހި ކުއްޖާޔާ ބައްދަލު ކޮށްފައި ވަރަށް އަވަހަށް އެބަ އެބައަންނަން."

އޭނާ ފައިބައިފައި ކާރުގެ ދޮރު ލައްޕައިލިއެވެ. ހިތްހަމަ ނުޖެހުނު ނަމަވެސް އަޤްޞާ ކާރުގައި މަޑުކޮށްލިއެވެ. އޭނާ އެ ދަނީ ސާާރާ ގޮވައިގެން ބިއުޓީ ޕާލަރަށެވެ. ރައްޓެއްސަކާ ބައްދަލު ކޮށްލާން ބޭނުން ވާހަކަ ސާރާ ބުނީ ދަތުރަށް ފަށައިގަތް ފަހުންނެވެ. އަޤްޞާ އެކަމަކާ ދެކޮޅެއް ނުހަދައެވެ. ޙައިދަރުގެ ގެއަށް ދިއުމުގެ ރަސްމިއްޔާތުއޮތީ ފަހެއް ޖަހާއިރުއެވެ. ބިއުޓީ ޕާލަރަށް ދާން ޖެހެނީ ދެގަޑިބަޔަށެވެ. އަދި ކިރިޔާ އެކެއް ޖަހަނީއެވެ. ކާރުގައި އޭނާގެ ދަރިފުޅު އަފްޝާންއާއި ޢަޒީމްގެ އަނބިމިހާވެސް ތިއްބެވެ.

"އޭނާ އުޅެނީ މި އިމާރާތުގެ އެންމެ މަތީގައި ހުންނަ ފުލެޓެއްގައި." ސާރާ މިހެން ބުނެފައި ކާރުން ފައިބައިގެން ހިނގައްޖެއެވެ. ޑުރައިވަރު ކާރު އެއް ފަރާތެއްގައި ޕާކުކޮށްލިއެވެ. އަންހެންވެރިން ވާހަކައިގައި ކާރުގައި ތިބީއެވެ.

ފަނަރަ މިނިޓު ފާއިތު ވެގެން ހިނގައްޖެއެވެ. ސާރާ އެނބުރިއެއް ނައެވެ. އަޤްޞާ ގަޑި ބަލާން ފަށައިފިއެވެ. ވަގުތު ފާއިތުވަމުން ގޮސް ބައިގަޑި އިރު ވެއްޖެއެވެ. އަޤްޞާ ކަންބޮޑުވާން ފަށައިފިއެވެ. މިހާރު އެހެރަގެން އެއްގަޑިބައި ވީއެވެ.

"ކަލޭމެން ކާރުގައި މަޑުކޮށްލާ. އަހަރެން ޚަބަރު ބަލާފައި އެބަ އަންނަން." އަޤްޞާ ކާރުން ފައިބަމުން ބުންޏެވެ.

"މަންމަ ދާތަނުން ސާރާ އަތުވެއްޖެއްޔާ އަނެއްކާ މަންމަ ނައިސްގެން އަހަރެމެންނަށް ޖެހޭނީ ތިބެން." އަފްޝާން ބުނެލިއެވެ.

"ނޫނޭ. ސާރާ އަތުވެއްޖެއްޔާ ކަލޭމެން ބިއުޓީ ޕާލަރަށް ދޭ. އަހަރެން ޓެކްސީއެއްގައި އަތުވެދާނަން."

އަޤްޞާ ކާާރުން ފައިބައިގެން އިމާރާތާ ދިމާއަށް ހިނގައިގެންފިއެވެ. އެއީ ވިޔަފާރި އިމާރާތެކެވެ. މީސްމީހުން ވަދެނުކުމެވާތަން ފެނެއެވެ.

އަޤްޞާ ދޮރުވާނު ކުރެން އަހައިލިއެވެ. "ފުލެޓު ހުންނަނީ ކޮން ބުރިއެއްގައި؟"

"މި އިމާރާތަކު ފުލެޓެއް ނުހުރޭ. ހުންނަނީ ހައްތަހާވެސް އޮފީސް."

(ނުނިމޭ)

14 ޚިޔާލު

  1. ވަރަށް ޝައުގުވެރި.ދެންވާނީ ކިހިނެތް؟
    ބޮޑުދައިތަ ތިވާހަކަ ޢާރިފީން ގާތު ބުނާނީ ކިހިނެތް؟ޢާރިފީނަށް ބޮޑުދައިތަގެ ވާހަކަ
    ގަ ބޫލުކުރަން ފަސޭހައެއްވެސް ނުވާނެ.

  2. މެރެ ޒާަތު ޒައްރައެ ބޭ ނިޝާން. މި ވާހަކައަށް ހަދާަފަިވާ ހަމަ މި ނަން ކިޔާ ޕާކިސްތާން ޑްރާމާ ބަލައިލީމާ އަސްލު މި ވާހަކައިގެ އަސަރު ފެނިގެން ދާނެ، މި ނޫހުގައި ގެނެސްދޭ ބައިތަކަށް ވުރެ ތަފުސީލުކޮށް އަސަރުގަދަކޮށް.

  3. ސާރާ ތިކުރިކަމެއް?
    މާދަމާ ވަރަށް އަވަހަށް ވާހަކަ ގެނެސްދެއްވައްޗޭ.ވީގޮތެއް ބަލަން ވަރަށް ވަރަށް ވަރަށް ބޭނުންވެއްޖެ.
    ވަރަށް ރީތި ނަލަ ވާހަކައެއް.. ނަޢީމު މިވާހަކަ ދިވެހިބަހުން ގެނެސްދެއްވާގޮތް ވެސް އެހާ ފުރިހަމަ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.