ހުޅަނގު އެފްރިކާގެ ގައުމެއް ކަމުގައިވާ ބުރްކީނާ ފާސޯގެ މިސްކިތަކަށް ހަމަލާދީ 16 މީހުން މަރާލައިފިއެވެ. ބަޑިހިފައިގެން ވަދެ ހަމަލާދީފައި ވަނީ އެ ގައުމުގެ ހަމަނުޖެހުން ބޮޑު އުތުރު ސަރަހައްދުގެ ސަލްމޮސީ އަވަށުގެ ބޮޑު މިސްކިތަށެވެ.
އޭއެފްޕީން ޚަބަރުދޭ ގޮތުގައި ހަމަލާގެ ސަބަބުން ވަގުތުން 13 މީހަކު މަރުވިއިރު، އަނެއް 3 މީހުން މަރުވެފައި ވަނީ ފަރުވާދެމުން ދަނިކޮށެވެ. އަދި 2 މީހެއްގެ ހާލު ދެރަކަމަށް ޚަބަރު ލިބެއެވެ.
މާލީއާ ސަރަހައްދީގޮތުނު ގުޅޭ އައުޑަލާން ސަރަހައްދުގެ އެ މިސްކިތަށް ހަމަލާދިނީ މީހުން ޢިޝާ ނަމާދަށް ތިއްބައެވެ.
އެ ސަރަހައްދުގައި ޖިހާދުގެ ނަމުގައި ހަނގުރާމަކުރަމުންދާ ހަރުކަށި ހަނގުރާމަވެރިން މައިތިރިކުރުމަށް ސަރުކާރު ވަނީ ނުކުޅެދިފައެވެ. ސަލްމޮސީ އަވަށުގެ ބައެއް މީހުން ކިޔައިދިން ގޮތުގައި އިއްޔެވެސް ހަނގުރާމަވެރިން އެ ސަރަހައްދުގައި ހަރަކާތްތެރިވާތީ، ހެނދުނުއްސުރެ އާއްމުން ދިޔައީ ސަރަހައްދު ދޫކޮށް ނިކުންނަމުންނެވެ.
ސަލްމޮސީ ކައިރީގައި އޮންނަ ގޮރޮމް-ގޮރޮމް އަވަށުގެ މީހުން ބުނި ގޮތުގައި މިސްކިތަށް ދެވުނު ހަމަލާއަށް ފަހު ސަލްމޮސީގެ މީހުން ވަނީ އެއަވަށް ދޫކޮށް ގޮސްފައެވެ.
ހަރުކަށި މީހުންގެ ހަނގުރާމަވެރި އަމަލުތައް ބުރްކީނާ ފާސޯގައި އިތުރުވަމުން ދިޔަ ނަމަވެސް ބޭރު ގައުމުތަކުގެ ސިފައިން އެ ގައުމުގައި ތިބުމާ ރައްޔިތުން ދެކޮޅެވެ.
"ފްރާންސް، ޖަރުމަނު، އެމެރިކާ އަދި ކެނެޑާގެ ސިފައިން އަހަރުމެންގެ ސަރަހައްދަށް އައިސް ތިބީ ޓެރަރިޒަމާ ހަނގުރާމަކުރަން ކަމަށް ބުނެ. އެކަމަކު، އެމީހުންގެ ގިނަ އަދަދެއްގެ ސިފައިން ތިބުމާ އެކުވެސް ޓެރަރިސްޓު ޖަމާއަތްތައް ދަނީ ވަރުގަދަ ވަމުންނެވެ.
ހޮނިހިރު ދުވަހު ހާހަކަށް ވުރެ ގިނަ މީހުންވަނީ ވެރިރަށް އޮގަޑޫގޫގައި ޓެރަރިޒަމާ ދެކޮޅަށް އަޑުއުފުލައި ހިނގާލުމެއް ބާއްވާފައެވެ.
ބުރްކީނާ ފާސޯ އުތުރުގައި އޮންނަ މާލީގެ އެތައް އަހަރުއްސުގެ ހަމަނުޖެހުން ހިނގަމުން އައިނަމަވެސް، 2015 ވަނަ އަހަރާ ހަމައަށް ބުރްކީނާ ފާސޯ އޮތީ އަމާންކޮށެވެ.
ނަމަވެސް އަލްޤާޢިދާއާއި، އިސްލާމިކް ސްޓޭޓާ ގުޅިފައިވާ ޖަމާއަތްތަކާ އެހެނިހެން ހަރުކަށި ޖަމާއަތްތައް އެގައުގެ އުތުރަށާއި އުތުރަށް ވަދެ ހަނގުރާމަކުރަން ފެށުމުގެ ސަބަބުން ގައުމުގެ އަމާންކަން މިހާރުވަނީ ގެއްލިފައެވެ.
5 އޮގަސްޓް 1960 ގައި ފަރާންސްގެ އަތްދަށުން މިނިވަން ވުމަށް ފަހު 1984 ވަނަ އަހަރާ ހަމައަށް ރިޕަބްލިކް އޮފް އަޕަރ ވޯލްޓާގެ ނަމުން މަޝްހޫރުވެފައި އޮތް ބުރްކީނާ ފާސޯއަކީ ދުނިޔޭގެ އެންމެ ފަގީރު ގައުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. 2 ލައްކަ 4 ހާސް އަކަކިލޯމީޓަރުގެ ބޮޑު ސަރަހައްދެއް އޮތް އެ ގައުމުގެ އާބާދީއަކީ 20.1 މިލިއަނެވެ. ގައުމު އާމްދަނީން އަހަރަކު ބޮލަކަށް ޖެހެނީ 744 ޑޮލަރެވެ.