ސަރުކާރުގެ މަޤާމުތަކުން އެމްޑީއެންގެ މެމްބަރު ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލަ ބޭރުކޮށްލައިފި

ސަރުކާރުގެ މަޤާމުތަކުގައި ތިބި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ މެމްބަރު ވަކިކުރުމަށް ހުށަހެޅުނު ކުއްލި މައްސަލަ މަޖިލީހުން ބަލައި ނުގަނެ ބޭރުކޮށްލައިފި އެވެ.
މިއަދު ޖަލްސާގައި މިމައްސަލަ މަޖިލީހުން ބަލައިގަތުމަށް ނެގި ވޯޓްގައި ބަލައިގަތުމަށް ވޯޓް ދެއްވީ 11 މެމްބަރުންނެވެ. 35 މެމްބަރުން ވޯޓް ދެއްވީ ކުއްލި މައްސަލައާ ދެކޮޅަށެވެ. މައްސަލަ ބަލައިގަތުމަށް ފާސްވުމަށް މަދުވެގެން 26 ވޯޓް ލިބެންޖެހެއެވެ. ސަރުކާރުގެ މަޤާމުތަކުގައި ތިބި އެމްޑީއެންގެ މެމްބަރު ވަކިކުރުމަށް މަޖިލީހަށް ކުއްލިމައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ ޕީޕއެމްގެ މެމްބަރ އަޙްމަދު ޝިޔާމެވެ. ޝިޔާމު މިކުއްލި މައްސަލަ ހުށަހެޅުއްވުމުން އެއީ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅޭނެ މައްސަލައެއް ނޫންކަމަށް، މެދު ހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ޢާޒިމް ނިޒާމީ ނުކުރާ ނަންގަވައިގެން، ޤަވާޢިދާ ޙަވާލާ ދެއްވައި ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އެމްޑީއެން ގެ "ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާ ފުށުއަރާ އިސްލާމްދީނަށާއި ކީރިތިސޫލާއަށް އިހާނެތި ވާފަދަ ވާހަކަތައް ހިމަނުއްވާފައިވާ ކަމަށް ސަރުކާރުން ޤަބޫލުކޮށްފައިވާ ހިނދު އެޖަމްޢިއްޔާ ޙަރަކާތްތެރިވަމުންދާ ގިނަބަޔަކު ސަރުކާރުގެ ވާޒީފާތަކުގައި ތިބިކަމުގައެވެ. އެމީހުން ސަރުކާރުގައި ތިބުމުން އެ މަޤާމުތަކުގައި ތިބެ، އިސްލާމްދީނަށް ފުރައްސާރަކުރަމުންދާނެކަމަށް ކުއްލި މައްސަލައިގައި ވަނީފާހަގަ ކުރައްވައިފައެވެ. އަދި ޚާއްޞަ ގޮތެއްގައި ތަންފީޒީ މަޤާމްތަކަށް އެޖަމްޢިއްޔާގައި މަސައްކަތްކޮށްފައިވާ ފަރާތްތައް އައްޔަން ކޮށްފައި ވުމުން އެމީހުންގެ މަޤާމު ނުފޫޒުބޭނުންކޮށްގެނެ ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަ ކުރާނެކަމަށް ތުޙުމަތު ކުރެވޭކަމަށް ވިދާޅުވެފައިވެއެވެ. އެފެދަ ފަރާތްތައް ދައުލަތުގެ އިސްމަޤާމުތަކުގައި ތިއްބަވައިގެން ރާއްޖޭގައި އިސްލާމްދީން ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅި. އިސްލާމީ ވަޙްދަތާއި އެއްބައިވަންތަކަން ގެއްލި ޤައުމުގައި ޚިލާފުތައް އުފެދި، ބާޠިލް ފިކުރުތައް ރާއްޖޭގައި ފެތުރުމަށް މަގުފަހިވެ ޤައުމީ ސަލާމަތަށް ނުރައްކާވާނެކަމެކަން ވަނީ ފާހަގަކޮށްފައެވެ. ސަރުކާރުގެ މަޤާމުތަކުގައި ތިބި އެމްޑީއެންގެ މެމްބަރުން ވަކިކޮށް އެމީހުންގެ މައްސަލަތައް ތަޙްޤީޤކޮށް ފިޔަވަޅު އެޅުމަށް ޝިޔާމްގެ ކުއްލި މައްސަލައިގައި ވަނީ ގޮވާލައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.