ފާނޫޒު - 43

(30 އޯގަސްޓު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެތައް އިރެއް ފަހުން ސާލާރްގެ ވާހައަކަށް އޭނާ ޖަވާބު ދިނެވެ. "އަހަންނަށް ކުށް ކުރެވޭ ކަމަށް ގަބޫލުކުރަން. އެކަމަކު ﷲ އެކަލާނގެ އަޅުންނަށް އަފޫ ކުރައްވާ. އަހަރެންގެ ހުރިހައި ކަމެއް ރަނގަޅު ކަމަކަށް އަހަރެން ދުވަހަކުވެސް ދައުވާއެއް ނުކުރަން. ސުވަރުގެ ދެވޭނެ ވާހަކައެއް ވެސް ނުބުނަން. އެކަމަކު އަހަރެން ދެކޭ ގޮތުގައި ހެޔޮ ކަންތައް ކުރުމާ އަދި ހެޔޮކަންތައް ކުރުމަށް އެހެން މީހުންނަށް ބާރު އެޅުމަކީ މާތްވެގެންވާ އަޅުކަމެއް."

"އެހެން މީހުން ދީނަށް ވެއްދުމުގެ ބުރަ ކަލޭ އުފުލާނެ ކަމެއް ނެތް. އެހެން މީހުން އިސްލާހު ކުރުމުގެ ކުރިން އަމިއްލައަށް އިސްލާހުވޭ. ﷲ ސާދަށް އަފޫ ކުރައްވަންޏާ އަހަރެމެންނަށް ވެސް އަފޫ ކުރައްވާނެ. އެންމެ ފުރަތަމަ ތިމާ އިސްލާހުވޭ."

ސާލާރް ވާހަކަ ދެއްކީ ހަރުކަށި ރާގަކަށެވެ. އޭނާގެ ވާހަކަ ނިމުމުން ސާދު ތެދުވެގެން ހިނގައްޖެއެވެ. އޭގެ ފަހުން އެ މައުޟޫއަށް އޭނާ ސާލާރް އާ ވާހަކައެއް ނުދައްކައެވެ.

***

އެތައް ދުވަހެއް ފަހުން އެއް ރެއަކު ސާލާރް ރެސްޓޯރެންޓަކަށް ކާން ދިޔައެވެ. އޯޑަރު ދީފައި ކާން ގެންނަންދެން އޭނާ އިނީ ކުޑަދޮރުން މަގުމައްޗަށް ބަލަހައްޓައިގެންނެވެ. އެތާ އިން އިރު އޭނާ އިނީ މަގުމަތީގައި ހެން ސާލާރަށް އިހުސާސް ކުރެވުނެވެ.

އޭނާގެ ސަމާލުކަން ގޮސް ހުއްޓުނީ އަންހެނެއްގެ ގިސްލުމުގެ އަޑަށެވެ. އެނބުރިފައި އޭނާގެ ފުރަގަހަށް ހުރި މޭޒަށް ބަލައިލިއެވެ. އެ މޭޒުދޮށުގައި އަންހެނަކާއި ކުޑަ ފިރިހެން ކުއްޖަކު ތިއްބެވެ. އަންހެން ކުއްޖާ ގިސްލަގިސްލާފައި ޓިޝޫއަކުން ކަރުނަ ފޮހެލައެވެ. އެ ކުޑަ ފިރިހެން ކުއްޖާ އިނީ އަންހެން ކުއްޖާގެ އަތުގައި ފިރުމާލަފިރުމާލައެވެ. އެއީ ކުޑަ ރެސްޓޯރެންޓެކެވެ. މޭޒުތައް ހުރީ ކައިރިކައިރީގައެވެ. އޭނާއަށް އެމީހުން ދައްކާ ވާހަކަ އަޑު އިވުނީހެވެ. އެކަމަކު އޭނާ ފަހަތަށް އެނބުރި ބަލައިލީ އެ މަގްސަދަކު ނޫނެވެ. އޭނާ މިތަނަށް އައީ މީހުންގެ ރުއިމުގެ އަޑު އަހާކަށް ނޫނެވެ. ސިކުނޑި ހަމަޖައްސައިލާށެވެ. އެކަަމަކު އެ އަންހެން މީހާގެ ގިސްލުމުގެ އަޑު އިވިފައި އޭނާގެ މޫޑު ޚަރާބު ވެއްޖެއެވެ.

އޭނާގެ ފަހަތުގައި ތިބީ ރަޝިއާ ދެމަފިރިންނެވެ. އެމީހުން ވާހަކަ ދައްކަނީ އެމީހުންގެ އަމިއްލަ ބަހުންނެވެ. ސާލާރް އަނެއްކާވެސް ކުޑަދޮރުން ބޭރަށް ބަލަން ފެށިއެވެ. އެކަމަކު އެއް ކަންފަތް ހުރީ ރެސްޓޯރެންޓް ތެރެއަށެވެ. ގިސްލުމުގެ އަޑާއި އޭނާގެ ފަހަތުގައި ތިބި ދެ މީހުންގެ ވާހަކައަށެވެ. އޭނާ އަނެއްކާވެސް އެ އަންހެން ކުއްޖާ އިން މޭޒާ ދިމާއަށް އެނބުރިލިއެވެ. މިފަހަރު އޭނާޔާ ހަތަރުކަޅި ހަމަވިއެވެ. އެ އަންހެން ކުއްޖާގެ ރަތްވެފައިވާ ދެ ލޮލާއި މޫނު ފެނުމުން އެހެން މޫނެއްގެ މަތިން ހަނދާންވިއެވެ. އިމާމާ ހާޝިމްގެ ހަނދާންތައް އާވިއެވެ.

ވެއިޓަރު ކާނާ ގެނެސް މޭޒުމަތިގައި ބެހެއްޓިއެވެ. އެ ހަނދާންތަކާ ދުރަށް ދިއުމަށް ސާލާރް ފެން ފޮދެއް ބޮއިލިއެވެ. އަދި ފުންކޮށް ނޭވާ ލިއެވެ. ވެއިޓަރު ޝައުގުވެރި ކަމާއެކު އޭނާއަށް ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ސާލާރް އިނީ ކުޑަދޮރުން ބޭރު ބަލާށެވެ.

"އަހަރެން މިތަނަށް އައީ މީރު ކެއުމެއް ކާލައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރާށެވެ. މިތަނުން އަހަރެން ދާނީ ފިލްމަކަށެވެ. އަންހެންކުއްޖެއްގެ ޚިޔާލު ސިކުނޑިއަށް ވަނަ ދީގެން ނުވާނެއެވެ. އެއީ މޮޔައެކެވެ. އޭނާ ދެއްކީ ހޮޅިވާހަކައެވެ. އޭނާގެ ހަނދާންތައް އާކޮށް އެކަމާއި ހިތާމަ ކުރުމުގެ ބޭނުމެއް ނެތެެވެ. އޭނާ ދިޔަތަނެއް އެނގޭނީ އޭނާއަށެވެ. އެއީ އަހަންނާ ބެހޭ ކަމެއް ނޫނެވެ. އޭނާޔާ އާއެކު އެ ކުޅިގަނޑުގައި އަހަރެންވެސް ބައިވެރިވެލީއެވެ. އަހަންނަށް ފަހުން ގުޅި ނަމަ އޭނަ ވަރިކުރީމުހެވެ."

އިމާމާ އާ ދެތެރޭ ކަންތައް ކުރި ގޮތް ހިތަށް އެރިވަރަކަށް އެކަމާ އޭނާ ދެރަވެއެވެ. އަނެއް މޭޒު ދޮށުގައި އިން އަންހެންކުއްޖާގެ ރުއިމުގެ އަޑު އޭނާގެ ސިކުނޑި ތޮރުފާލާފައި ވަނެވެ.

"އެހެން މޭޒަކަށް ބަދަލުވާން ބޭނުން." ވެއިޓަރު ގާތު އޭނާ ބުނެލިއެވެ.

"ކިހިނެއްވީ؟" ވެއިޓަރު ހައިރާންވެފައި އެހިއެވެ.

"އެހެން ނޫނީ އެ މީހުންގެ މޭޒު ބަދަލުކުރޭ." އަންހެން ކުއްޖާ އިން މޭޒަށް އިޝާރާތް ކުރަމުން އޭނާ ބުންޏެވެ. ސާލާރްގެ ކަންބޮޑުވުން ވެއިޓަރަށް ފަހުމު ވީ ހެން ހިއެއް ނުވެއެވެ. އެކަމަކު ކަނުގައި ހުރި މޭޒަށް ބަދަލުކޮށްދިނެވެ.

އޭނާގެ ނޭފަތް ފޮޅާ އަޑު ނީވޭތީ ސާލާރް އިނީ ހަމަޖެހިފައެވެ. އެކަމަކު މިހާރު އިނދެވުނީ އަންހެން ކުއްޖާގެ ކުރިމަތީގަައި ކަހަލަ ގޮތަކަށެވެ. ފުރަތަމަ ބަތްސުވާ އަނގަޔަށް ލާން ނެގިތަނާ އަންހެން ކުއްޖާގެ މޫނު ފެނުނެވެ. ކުއްލިއަކަށް ކާ ހިތް ކެނޑިއްޖެއެވެ. އެއީ ކާ އެއްޗެހި ނުބައިވެގެނެއް ނޫނެވެ. އޭނާގެ މައްސަލައެކެވެ. މިއީ ނުލާހިކު މަޝްހޫރު ރެސްޓޯރެންޓެކެވެ.

" އިންސާނާ ކިތަންމެ މަސައްކަތް ކުރިޔަސް ﷲ ދެއްވި ނިއުމަތްތަކަށް ޝުކުރު އަދާކޮށެއް ނުނިމޭނެއެވެ. ކާނާގެ ރަހަ ބެލުމާއި ހިތް ހަމަޖެހިލައިގެން ކާލަން ލިބުމަކީ ކިހާ ބޮޑު ނިއުމަތެއް ހެއްޔެވެ؟ މި ނިއުމަތުން މަހްރޫމުވެފައިވާ އެތައް ބަޔަކު ދުނިޔޭގައި އުޅޭނެއެވެ."

އޭނާގެ ސިކުނޑީގައި ގުގުމަނީއެވެ. އަލިފާން ފަރުބަދައެއް ހެން އޭނާ ކެކި އަރައިގަތެވެ. ކާން އިން ތަށިތެރެއަށް ސަމުސާ އެއްލާލައިފާ ހަޅޭއް ލަވަމުން ގޮނޑިން ތެދުވިއެވެ.

"ކިހާ ބޮޑު ކަމެއް! ތި ރުއިން ހުއްޓާލަބަލަ!" މުޅި ރެސްޓޯރެންޓުގެ ތެރެއަށް ހިމޭންކަން ވެރިވިއެވެ.

"ހުއްޓާލަބަލަ! ދަރުމަވާނެ!" އޭނާގެ މޫނު ހީވަނީ ރަތް އަނގުރުގަނޑެއްހެންނެވެ. "ކަލޭގެ ޚިޔާލުތައް އަހަރެންގެ ސިކުނޑިން ފިލައިނުދަނީ ކީއްވެ؟" ނިތްކުރީގައި ހިފަހައްޓައިގެން ހުރެ އަނެއްކާވެސް ބާރަށް ހަޅޭއްލަވައިގަތެވެ. "އަހަންނަށް ދެން ކަލޭ ފެނިއްޖެއްޔާ މަރައިލާނަން!"

ދެން އޭނާ ފެން ތަށްޓެއް ބޯލިއެވެ. އެއަށްފަހު ރެސްޓޯރެންޓާއި އެތަނުގައި ތިބި މީހުން ފެނުނެވެ. އެވަގުތު ކަންބޮޑުވެފައި ހުރެ ވެއިޓަރު އޭނާއާ ދިމާއަށް އާދެއެވެ.

"ހާލު ރަނގަޅުތަ؟"

ވެއިޓަރުގެ ސުވާލަށް ޖަވާބު ނުދީ ޖީބުން ވޮލެޓު ނެގިއެވެ. ތިން ހަތަރު ނޫޓު މޭޒުމަތީގައި ބާއްވާފައި ރެސްޓޯރެންޓުން ނިކުމެގެން ހިނގައްޖެއެވެ.

އެއީ އިމާމާ އެއް ނޫނެވެ. އޭނާގެ ޚިޔާލުގައި އެވަނީ ޝައިޠާނީ ވަސްވާހެކެވެ. އޭނާ ދާ ކޮންމެ ތަނަކުން އޭނާގެ ސިކުނޑިއަށް އެ ޚިޔާލުތައް ވެރިވެގަނެއެވެ. އިމާމާގެ އެއްކަމެއް ހަނދާން ނައްތައިލަން މަސައްކަތް ކުރުމުން އޭނާގެ އެެހެންކަމެއް ސިކުނޑިއަށް އާދެއެވެ. އިމާމާ ފެނިއްޖެނަމަ ދުވަސް ދުއްވާލާނަމޭ އެތައް ފަހަރަކު އޭނާގެ ހިތަށް އަރައެވެ. އިމާމާ ގޮވައިގެން އެރޭ ދަންވަރު ލާހޯރަށް ދިޔަ ކުޑަ ވަގުތު ކޮޅު އޭނާގެ މުޅި ހަޔާތަށް ހިޔަނި އަޅައިފިއެވެ.

***

"ކީއްކުރަން މިކޮޅަށް އަންނަނީ؟" އޭނާއަށްވުރެ ދޮށީ ބޭބެ ދުވަސްކޮޅަކަށް ނިއު ހޭަވަން އަށް އަންނަން އުޅޭތީ އޭނާ އަށް އުދަނގޫވިއެވެ. ކުރީގެ ސާލާރް ނަމަ އުފަލާއެކު ބޭބެއަށް މަރުހަބާ ކިޔާނެއެވެ. އެކަމަކު މިދުވަސްކޮޅު ކާމްރާން އަންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެކަން އޭނާއަކަށް ނުވެސް ފޮރުވުނެވެ.

"ކީއްކުރަންހޭ ތިއަހަނީ ކީއްވެ؟ ކޮއްކޮއާއި ބައްދަލުކުރަން މިދަނީ. އެހެން ކޮން ކަމަކު؟" ސާލާރްގެ ވާހަކަ ހުރިގޮތުން ކާމްރާން ސިހުނެވެ. "ބައްޕަވެސް ބުނި ދާށޭ."

ސާލާރް އެވާހަކަ އަޑުއެހީ ދަތްކުނޑީވިކައިގެން ހުރެއެވެ.

"އަހަރެން ބަލާ އެއާޕޯޓަށް ދާތި. ފްލައިޓްގެ ތަފްސީލު ފަހުން ފޮނުވާނަން." އޭނާ ފޯނު ބޭއްވިއެވެ.

ހަތަރު ދުވަސް ފަހުން ސާލާރް ކާމްރާން ބަލާ އެއާޕޯޓަށް ދިޔައެވެ. ސާލާރް ފެނިފައި އޭނާ ސިހުނެވެ.

"ބަލިވެތަ ތިއުޅެނީ؟" ކާމްރާން އެހިއެވެ.

"ނޫން، ބައްޔެއް ނޫން." ހީނލަން މަސައްކަތް ކުރަމުން ސާލާރް ބުންޏެވެ.

"ރަނގަޅު ހެނެއް ހިއެއްނުވޭ އެކަމަކު." ކާމްރާން ވަރަށް ކަންބޮޑުވިއެވެ. ސާލާރަކީ މީހުންނާ ވާހަކަ ދައްކާއިރު ހަތަރުކަޅި ހަމަކޮށްގެން ވާހަކަ ދައްކާމީހެކެވެ. އެކަމަކު މިހާރު އޭނާ އިންނަނީ އިސްދަށަށް ޖަހައިގެންނެވެ. އެހެންޏާ ދުއްވާ ވަރާއި ގާތަށްވެސް ކާރު ނުދުއްވައެވެ. ކުރިން އޭނާޔާ އެކު ކާރަށް އަރަންވާނީ މޭގަނޑު އަތަށް ލައިގެންނެވެ. މިއީ ކޮއްކޮއަށް ރަނގަޅު ބަދަލެއް ކަމަށް ކާމްރާން އަށް އިހުސާސް ކުރެވުނެވެ. އެކަމަކު އެހެން ބަދަލުތައް ފެނިފައި އޭނާ ވަރަށް ކަންބޮޑުވިއެވެ.

"ކިޔެވުން ކިހިނެއް؟"

"ރަނގަޅު ހަމަ."

އެއާޕޯޓުން ގެއަށް އާދެވެންދެން ސާލާރްގެ ފަރާތުން އޭނާއަށް ލިބުނީ އެކަހަލަ ކުރު ޖަވާބެވެ. ސާލާރްގެ އެޕާޓްމަންޓަށް ވަދެފައި އޭނާގެ ހައިރާންކަން އިތުރުވިއެވެ.

"ޔާ ރައްބީ! މިއީ ކޮއްކޮގެ އެޕާޓްމަންޓްތަ؟"

ސާލާރް އުޅޭތަން ހުންނަނީ ވަރަށް ތަރުތީބުކޮށްފައެވެ. އެކަމަކު މިތަނުގައި ހުރީ އެތަން މިތަނަށް އެއްޗެހި އުކާފައެވެ. އަންނައުނާއި، ބޫޓާއި، ފޮތާއި، މަޖައްލާ އަދި ނޫސްކަރުދާސް ހުރީ އެތަން މިތާނގައެވެ. ބަދިގެ އާއި ފާޚާނާގެ ހާލަތު އަދި މާ ދެރައެވެ.

"އެންމެ ފަހުން މިތަން ސާފުކުރީ ކޮން އިރަކު؟"

"މިހާރު މިއުޅެނީ ސާފުކުރަން." ސާލާރް ބުންޏެވެ.

"މިއީ ކޮއްކޮ ކުރިން އުޅުނު ގޮތެއް ނޫން. ހުރިހާ ކަމެއް ރަނގަޅުތަ؟" ކާމްރާންގެ ލޯ ގޮސް ހުއްޓުނީ ފުރިގެން ބަންޑުންވޭވޭ ހުރި އަޅިކެނޑިއަކަށެވެ. އޭނާ އެ އަޅިކެނޑި ނަގައިގެން ވަސްބަލައިލިއެވެ. ސާލާރް އޭނާގެ ބޭބެއާއި ދިމާއަށް ކަޅި އަޅައިލިއެވެ. އެކަމަކު އަނގަޔަކުން ނުބުނެއެވެ. އަޅިކެނޑި ބަހައްޓާފައި ސާލާރާ ދިމާއަށް އެނބުރުނެވެ.

"މިހާރު ކޮން ކަމެއްގެ ތެރޭގައި ތިއުޅެނީ؟ ރަނގަޅަށް ބުނޭ. ކޮބާ މައްސަލައަކީ؟ ޑްރަގް ނަގަނީތަ؟"

"ނޫން، އަހަރެން އެއްވެސް އެއްޗެއް ނުނަގަން." އޭނާގެ ޖަވާބުން ކާމްރާން ރުޅި އަތުވެއްޖެއެވެ. ސާލާރްގެ ކޮނޑުގައި ހިފައި ދަމާފައި ގެންގޮސް ފާޚާނާގެ މޫނު ބަލާ ލޯގަނޑު ކުރިމަތީގައި ބެހެއްޓިއެވެ.

"އަމިއްލަ ސޫރައަށް ނިކަން ބަލައިލަބަލަ. ކަލޭ ހީވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ހެން. އުޅުން ވެސް ތިހިރީ އެހެން. އިސް އުފުލާފައި އެއްފަހަރު ތި ސޫރައަށް ބަލާބަލަ!" ކާމްރާން ހުރީ އޭނާގެ ގިރުވާނުގައި ހިފަހައްޓައިގެންނެވެ. ލޯގަނޑުން ނުބެލިއަސް އޭނާގެ ސޫރަ ހުންނާނެ ގޮތް ސާލާރަށް އެނގެއެވެ. ލޯކައިރީގައި ހުރި ކަޅު ކުލަ ނޫން އެއްޗެއް ފެންނާނެ ހެއްޔެވެ؟ މޫނު ހުރީ މިލާފައެވެ. މޫނުގައި ހުރީ ބިއްސާއި ލަކެވެ. ކޮފީ އާއި ސިނގިރޭޓުގެ ސަބަބުން ތުންފަތް ހުރީ ފޮޅިފައެވެ. އޮށާޅަ ނަގާތީ މިހާރަކު އޭނާ ތުނބުޅިއެއް ނުބާލައެވެ. ކަންބޮޑުވެފައި ހުރެ ކާމްރާންގެ އަތުތެރެއިން ވީއްލިގެންފިއެވެ.

"ހީވަނީ ކޯފާއެއް ލައްވާފައި ހުރިހެން." ކޯފާ އަކީ ކާމްރާން އާދަކޮށް ބޭނުންކުރާ ލަފުޒެކެވެ. އެކަމަކު މީގެ ކުރިން އެލަފުޒުން އޭނާއަށް އެއްވެސް އަސަރެއް ނުކުރެއެވެ.

"އާނ... ކޯފާއެއް. ދެން ކޮބާ މައްސަލައަކީ؟" ސާލާރް ހުރީ ކާމްރާންގެ ކުރިމަތީގައި ހުއްޓިލައިގެންނެވެ. "އަހަރެން ޑްރަގް ނުނަގަމޭ ބުނީމަ އަހަރެންގެ ވާހަކަ ގަބޫލުނުކުރަނީ ކީއްވެ؟"

"ކަލޭގެ ވާހަކަ؟" ކާމްރާންގެ އަޑުގައި ހުރީ މަލާމާތުގެ އަސަރެވެ. ރުޅި އައިސް ދަތްކުނޑިވިކައިގެން ހުރެ ސާލާރް ކޮޓަރި ސާފުކުރަން ފެށިއެވެ.

"ޔުނިވަރސިޓީއަށް ދަންތަ މިހާރު؟"

އިންޒާރެއް އަންނަން އުޅޭ ކަމުގެ އިހުސާސް ސާލާރަށް ކުރެވުނެވެ.

"އާނ. ދަން."

ކާމްރާނަށް އެ ޖަވާބު ކަަމަކު ނުދިޔައެވެ.

"ހިނގާ އަހަންނާއެކު ހޮސްޕިޓަލަށް ދާން. ރަނގަޅު ޗެކަޕެއް ހަދާލަންވާނެ."

"މިތަނަށް އައީ ތިކަން ކުރަން ވެއްޖެއްޔާ ރަނގަޅުވާނީ އަވަހަަށް އެނބުރި ދިޔައިއްޔާ. އަހަންނަކީ ޕްރީ ސްކޫލް ކުއްޖެއް ނޫން. އަހަންނަށް އަހަރެންގެ ކަންކަން ކުރެވޭނެ."

ކާމްރާން ސާލާރަށް ރައްދެއް ނުދެއެވެ. ކޮޓަރި ތެރެ ތަރުތީބު ކުރުމަށް އޭނާއަށް އެހީވާން ފެށިއެވެ. ސާލާރް ފުން ނޭވައެއް ލިއެވެ. އޭނާ ހީކުރީ އެ ބަހުސް ނިމުނީ ކަމަށެވެ. އެކަމަކު އެއީ ކުށް ހީއެކެވެ. ކާމްރާން ނިއު ހޭވަންގައި އިތުރު އެއް ހަފްތާއަށް މަޑުކުރާ ގޮތަށް ނިންމިއެވެ. އެދުވަސްކޮޅު ސާލާރް ބަރާބަރަށް ކުލާހަށް ދިޔައެވެ. އަނެއްކޮޅުން ކާމްރާން ސާލާރްގެ އެކުވެރިންނާއި އޭނާގެ ޕްރޮފެސަރުންނާ ބައްދަލުކުރިއެވެ. ސާލާރްގެ އެކުވެރިންގެ ފަރާތުން އެ ސެމެސްޓަރ ގައި ސާލާރް ފެއިލްވިކަން އެނގުނެވެ. މިއީ އޭނާއަށް ލިބުނު ބޮޑު ޝޮކެކެވެ. ސާލާރްގެ ފަރާތުން އާދަޔާ ޚިލާފު ކޮންމެ ކަމެއްވެސް ފެނިދާނެއެވެ. އެކަމަކު ކުލާހުން ފެއިލްވުމަކީ ގަބޫލުކުރަން ދަތިވި ކަމެކެވެ. ފަހަކާ ޖެހެންދެން ވެސް އޭނާ އަކީ ކިޔެވުމުގައި އެންމެ ރަނގަޅު ނަތީޖާ ހޯދަމުން އައި ކުއްޖެެކެވެ. މުޅި ޔުނިވަރސިޓީ އިންވެސް އެއްވަނައިގައި އުޅުނީ އޭނާއެވެ. އޭނާގެ އައިކިއު ލެވެލް އަކީ ސަތޭކަ ފަންސާހެވެ.

މިވާހަކަ ކާމްރާން ސާލާރަކަށް ނާންގައެވެ. އޭގެ ބަދަލުގައި ޕާކިސްތާނަށް ފޯނުކޮށް ހުރިހާ ވާހަކައެއް ބައްޕައަށް ކިޔައިދިނެވެ. ސިކަންދަރުގެ ފައިދަށުން އަނެއްކާވެސް ބިންގަނޑު ދެމިގެން ފަދައެވެ. ސާލާރް އޭނާގެ ކުރީގެ ރެކޯޑު ދަމަހައްޓަނީއެވެ. ކޮންމެ ދެ އަހަރަކުން އެއް އަހަރު އޭނާގެ ބައްޕައަށް އިތުރު މައްސަލަތަކެއް ކުރިމަތިކުރުވައެވެ. ހާޝިމް މުބީނާއި އިމާމާގެ ކުޅިވަރު މިހާރު ބާވީއެވެ.

"ބައްޕަ އަދި މި ވާހަކަ ނުދައްކާތި." ކާމްރާން ލަފާދިނެވެ. "ޔުނިވަރސިޓީ ބަންދުވާނެ ދުވަސްކޮޅަކުން. އެދުވަސްކޮޅު އޭނާ ޕާކިސްތާނަށް ގެންދޭ. އެނބުރި އަންނައިރު އޭނާޔާ އެކު މަންމަ ފޮނުވާ. ކޯސް ނިމެންދެން މިކޮޅުގައި މަންމަ ބަހައްޓާ."

ކާމްރާން ލަފާދިން ގޮތަށް ސިކަންދަރް ކަންތައް ކުރިއެވެ. ޗުއްޓީ ފެށުމުގެ ދުވަސްކޮޅެއް ކުރިން ސިކަންދަރް ނިއު ހޭވަން އަށް އައެވެ. ސާލާރް ފެނުމުން އޭނާގެ މޭ ގުޑައިގެން ދިޔައެވެ. ސާލާރާ ކުރިމަތިލާކަށް އޭނާ ގަސްތެއް ނުކުރިއެވެ. ޗުއްޓީއަށް ޕާކިސްތާނަށް ގޮވައިގެން ދާ ވާހަަކަ ބުންޏެވެ. ސާލާރް ކިޔެވުމުގެ ބަހަނާ ދެއްކިއެވެ. އެކަމަކުވެސް ސިކަންދަރު ޓިކެޓު ނެގިއެވެ. ހިތާއި ދެކޮޅަަށް އޭނާ ބައްޕައާއެކު ޕާކިސްތާނަށް ދިޔައެވެ.

***

އެމީހުންނަށް ޕާކިސްތާނަށް އާދެވުނީ މެންދަމުން އަލިވެ އެކެއް ޖެހިއިރުއެވެ. ސިކަންދަރާއި ޠައްޔިބާ އެމީހުންގެ ކޮޓަރިއަށް ދިޔައެވެ. ސާލާރް އޭނާގެ ކޮޓަރިއަށް ދިޔައެވެ. އޭނާ ރަށުން ދިޔަތާ ދޮޅު އަހަރުވަނީއެވެ. އެކަމަކު ކޮޓަރިތެރޭގައި ހުރި ހުރިހާ އެއްޗެއް ހުރީ އޭނާ ބެހެއްޓި ގޮތަށެވެ. ހެދުން ބަދަލުކޮށްގެން ބޮކި ނިއްވާލާފައި އޭަނާ އެނދުގައި އޮށޯތެވެ. ފްލައިޓުގައި އޭނާ އިނީ ނިދާފައެވެ. އެހެންކަމުން މިހާރަކު ނިންޖެއް ވެސް ނާދެއެވެ. އެއީ ދެ ގައުމުގެ ވަގުތުގެ ފަރަގަށް ވެސް ވެދާނެއެވެ.

"ހީވާގޮތުން އަހަރެން ދެން އޮންނަން ޖެހޭނީ ނުނިދިފަ." އޭނާ ބުންޏެވެ. ދެއަތަށް ފުރޮޅިފުރޮޅިފައި އޭނާ ތެދުވެ އިށީނދެއްޖެއެވެ. ދެން ތެދުވެގެން ގޮސް ކުޑަދޮރުގެ ފޮތި ގަނޑު ކަހައިލިއެވެ. ކުރިމަތިން ފެންނަން ހުރީ ހާޝިމް މުބީންގެ ގެއެވެ. މީގެ ކުރިން އޭނާ ދުވަހަކުވެސް އެގޭގެ ތެރެއަށް ފަރުވާތެރިކަމާއެކު ނުބަލައެވެ. ފުރަތަމަ ފަންގިފިލާގައި ދިއްލާފައި ހުރިބޮކި އަލީގެ އެހީގައި އޭނާ އެ އިމާރާތް ރަނގަޅަށް ބަލައިލިއެވެ. އެ ހަނދާންތައް އާވެގަތެވެ. އޭނާ ދޮރު ފޮތިގަނޑު ދަމައިލިއެވެ.

"ވަސީމްގެ މީހުންނަށް އިމާމާ ފެނިއްޖެތަ؟" އަނެއް ދުވަހު ހެނދުނު އޭނާ ނާސިރާ ގާތު އެހިއެވެ. ނާސިރާ ޝައްކުގެ ނަޒަރަކުން ސާލާރަށް ބަލައިލިއެވެ.

"ނޫން، ނުފެނޭ އަދިވެސް. އެމީހުން ނުހޯދާކަށް ތަނެއް ނެތް. އޭނާގެ ހިލަމެއް ވެސް ނުވޭ. އެމީހުން އަދިވެސް ތުހުމަތު ކުރަނީ ސާހިބާއަށް. އެކަން އެނގޭތަ؟ އިމާމާގެ މަންމަ ބަދު ދުއާ ވެސް ކުރޭ."

ސާލާރް އޭނާއާ ދިމާއަށް ބަލަން ހުއްޓެވެ.

"ފުލުހުން އެ ގޭގެ ހުރިހާ ނޯކަރުންނާ ވެސް ސުވާލުކުރި. އަހަރެން އެއްވެސް ވާހަކައެއް ނުބުނަން. އަހަންނާއި އަހަރެންގެ ދަރި ވަޒީފާ އިން ވަކިކުރި. އެކަމަކު އަނެއްކާ ގެނައީ. އަދިވެސް ސާހިބުގެ ވާހަކަ އަހާނެ. އަލުން ވަޒީފާ ދިނީ މިގެއިން ވާހަކަ ހޯދަން ކަމަށް ވެދާނެ. އެކަމަކު އަހަރެން ހުންނަނީ އަޑު ނީވޭކަމަށް ހަދައިގެން." ނާސިރާ ހަދަހަދައިގެން ވާހަކަ ދެއްކިއެވެ.

"ފުލުހުން އަދިވެސް އިމާމާ އެބަހޯދާތަ؟" ސާލާރް އެހިއެވެ.

"އާދެ، އަދިވެސް އެބަހޯދާ. އެކަމާ ގުޅޭ މައުލޫމާތު އެހާ ރަނގަަޅަކަށް ނޭނގޭ. އަހަރުމެން ތިބޭ ތަންތާ އެ ވާހަކަ ވަރަށް ނުދައްކާނެ. އިމާމާގެ ނަންވެސް ނުގަންނާނެ. އެކަމަކު ބައެއް ވާހަކަ އަޑުއިވޭ. ސާހިބު، އިމާމާ ވީ ތަނެއް އެނގޭތަ؟" ކުއްލިއަކަށް ނާސިރާ އެހިއެވެ.

"ކިހިނެއް އަހަންނަށް އެނގެނީ؟" ނާސިރާ އާއި ހަތަރުކަޅި ހަމަކޮށްފައި އޭނާ ބުނެލިއެވެ.

"ހަމަ އަހައިލީ. އިމާމާގެ ރައްޓެއްސެއްވީމަ. އަހަރެން ހީކުރީ އެނގޭނެކަަމަށް. އެއްކަލަ އިރު ފޮނުވި ލިޔުންތައް، އެއީ ކާކަށް ފޮނުވި އެއްޗެއް؟" އޭނާގެ ޝަައުގުވެރިކަން ނުރައްކާ ވާ ހިސާބަށް ދިޔައެވެ.

"އެއީ މިގޭގެ ލިޔެކިޔުންތައް. އިމާމާގެ ނަން މައްޗަށް މި ގެ ބަދަލުކުރީ."

ލިބުނު ޙައިރާންކަން ފޮރުވަން މަސައްކަތް ކުރަމުން ނާސިރާ ވާހަކަ ދެއްކިއެވެ. "އެކަމަކު މި ގެއަކީ ސިކަންދަރް ސާހިބްގެ މިލްކެއްނު؟"

"އާނ. އެކަމެއް އަހަންނަކަށް އޭރަކު ނޭނގޭ. އެ ލިޔެކިޔުންތަކުގެ ވާހަކަ އެއްވެސް މީހެއް ގާތު ބުނިންތަ؟"

ނާސިރާ އޭނަގެ ދެ ކަންފަތުގައި އަތް ޖައްސާލިއެވެ. "ނޫން. ދުވަހަކުވެސް ނުބުނާނަން. ސިކަންދަރް ސާހިބް ގާތު ވެސް އެއްވެސް ވާހަކައެއް ނުބުނަން."

"ރަނގަޅުވާނީ ދެންވެސް ނުބުނިއްޔާ. ބައްޕައަށް އެނގިއްޖެއްޔާ ކަލޭ މިގެއިން ނެރެލާނެ. ބައްޕަގެ ރުޅިގަނޑު އެނގެއެއްނު؟ ދެން މިތަނުން ދޭ." ސާލާރް އޭނާ ފޮނުވައިލިއެވެ.

ނާސިރާ އަވަސް އަަވަހަށް އެތަނުން ދިޔައެވެ.

***

ހަފްތާ ބަންދުގައި އޭނާ ކުރިން މާގަލާ ފަރުބަދައަށް އަރަން ދެއެވެ. މިއީ ހަފްތާ ބަންދެއް ނޫނެވެ. އެކަމަކުވެސް އެތަނަށް ދިޔައެވެ. އާދައިގެ މަތިން އެތަނުގެ ތިރީގައި ކާރު ޕާކުކޮށްފައި ކުޑަ ދަބަހެއް ކޮނޑުގައި އަޅުވައިގެން ފަރުބަދައަށް އަރަން ދިޔައެވެ. ފަރުބަދައިން ފައިބަން ފެށީ އިރު ނޯއްސެނީސް ކާރާ ހަމައަށް ދެވޭނެ ވަގުތު އޮއްވައެވެ. ތިރިއަށް ފައިބަން ދެގަޑިއިރު ނަގާނެއެވެ. އެހެންކަމުން ގިނަ މީހުން ދަތުރު ކުރާ މަގަކަށް އެޅިއެވެ. ކުޑައިރުކޮޅަކަށް ދެވުނުތަނާ އޭނާގެ ފަހަތުން ބަޔަކު އަންނަހެން ހީވިއެވެ. ފަހަތަށް އެނބުރި ބަލައިލިއިރު ތަންކޮޅެއް ދުރުން ދެ ފިރިހެން ކުދިން ފެނެއެވެ. އެމީހުން އަންނަނީ ވަރަށް ބާރަަށެވެ.

އޭނާ އަނެއްކާވެސް ތިރިއަށް ފައިބަން ފެށިއެވެ. ބަލާ ބެލުމަށް އެކުދީންނަކީ ގޯސް ކުދިބަޔަކު ހެން ހިއެއްނުވެއެވެ. ލައިގެން ތިބީ ޓީޝާޓާއި ޖިންސެވެ. އެހެން މީހުންނެކޭ ތަފާތެއް ނެތެވެ. އެކަމަކު އޭނާޔާ ދާދި ކައިރީގައި މީހަކު ހުރިހެން ހީވިއެވެ. ފަހަތަށް އެނބުރި ބަލައިލުމާއެކު ބިރުން ފިއް ކަނޑައިގެން ދިޔައެވެ. އެމީހުން އޭނާ އާއި ދިމާއަށް ބަޑި ދިއްކުރިއެވެ.

"އަތް މައްޗަށް ނަގާ، އެހެންނޫނީ މި ޖަހަނީ!" އެކަކު ހަޅޭއްލަވައިގަތެވެ. ސާލާރް އަތް މައްޗަށް ނެގިއެވެ. އެކަކު ފަހަތުން އައިސް ސާލާރް ބިން މައްޗަށް ވައްޓައިލަން މަސައްކަތް ކުރިއެވެ. ސާލާރް ފައި ކުޑަކޮށް ކައްސާލިއެވެ. އެކަމަކު އޭނާ ނުއެއް ވެއްޓެއެވެ. އެ މަގަކީ އާދަކޮށް މީހުން ހިނގާ މަގަކަށް ވުމުން އެ މީހުން ބޭނުންވީ އޭނާ ގޮވައިގެން މީހުންނަށް ނުފެންނަ ހިސާބަކަށް ގެންދާށެވެ. އެހެންކަމުން އޭނާ ދަމާފައި ގެންގޮސް ގަސްތަކުގެ ތެރެއަށް ވެއްދިއެވެ.

(ނުނިމޭ) 

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.