މީރާގެ ބޯޑުގެ ޗެއަރ އަކަށް މާލީ ވުޒާރާ ތަމްސީލުކުރާ މެމްބަރު ހުންނަންޖެހޭ ގޮތަށް ޤާނޫނަށް އިޞްލާހު ގެންނަނީ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރީޓީ (މީރާ)ގެ ބޯރޑްގެ ޗެއަރޕާސަނަކަށް، މާލީ ވުޒާރާ ތަމްސީލުކުރާ މެމްބަރ ހުންނަންޖެހޭ ގޮތަށް ޓެކްހާ ބެހޭ ޤާނޫނަށް އިޞްލާހު ހުށަހަޅައިފިއެވެ. ޑެޕިއުޓީ ޗެއަރޕާސަނަކަށް ހުންނަން ޖެހޭނީ ވެސް ބިލްގައިވާގޮތުން މަޖިލީހުގެ ލަފާގެ މަތިން ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރައްވާ ފަސް މެމްބަރުންގެ ތެރެއިން ބޯޑުން ކަނޑައަޅާ މެމްބްރެކެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޓެކްހާ ބެހޭ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބެވެ.

ބިލްގައިވާ ގޮތުން މީރާގެ ބޯޑް އެކުލެވިގެންވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ މާލީ ވުޒާރާ ތަމްސީލުކުރާނެފަރާތެއްގެ ގޮތުގައި މިނިސްޓަރގެ ލަފަޔާއެކު ރައީސް އައްޔަން ކުރައްވާ މެމްމަބަރަކާއި މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ފަސް މެމްބަރުންނާއި ކޮމިޝަނަރ ޖެނެރަލް ހިމެނޭ ގޮތަށެވެ. ނަމަވެސް ބިލްގައި ވާގޮތުން ކޮމިޝަނަރ ޖެނެރަލް ބޯޑަގައި ހިމެނިވަޑައި ގަންނަވާނޯ ވޯޓް ނުދެވޭ މެމްބަރެއްގެ ގޮތުގައެވެ.

ބިލްގައިވާ ގޮތުން ކޮމިޝަނަރ ޖެނެރަލާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ވެސް މަޤާމަށް އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. ނަމަވެސް މިދެމަޤާމަށް އައްޔަން ކުރެވޭ ބޭފުޅުން މަޖިލީހުގެ ކަމާބެހޭ ކޮމެޓީން، ވަކިކުރުމަށް ނިންމަވައި މަޖިލީހުގެ ތަޅުމަށް ހުށަހެޅި އަޣްލަބިއްޔަތުން ފާސްވެއްޖެނަމަ މަޤާމުން ވަކި ކުރެވޭނެކަމަށް ބިލްގައި ވަނީ ބަޔާން ކުރައްވައިފައެވެ. ކޮމިޝަނަރ ޖެނެރަލާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަޤާމުގެ މުއްދަތަކީ ފަސް އަހަރު ކަމަށް ބިލްގައި ވަނީ ކަނޑައަޅުއްވައިފައެވެ. ބޯޑް މެމްބަރުންވެސް މެމްބަރު ކަމުން ވަކި ކުރުމުގެ ބާރު ބިލުން ވަނީ ރައްޔިތުންގެ މަޖިލީހަށް ދީފައެވެ.

ކޮމިޝަނަރ ޖެނެރަލާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ އިތުރަށް ޖަވާދާރީކުރެވޭގޮތަށް ބިލުގައި ވަނީ ކަނޑައަޅުއްވައިފއެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު އިޞްލާޙުކުރުމުގެ ބޭނުމަކީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކޮމިޝަނަރ ޖެނެރަލް އާއި ނޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް، މިހާރަށްވުރެ ހާމަކަން ބޮޑުކޮށް ޖަވާބުދާރީކުރުވޭނެ، ނިޒާމެއް ތަޢާރުފުކޮށް، ޓެކްސް ދައްކާ ފަރާތްތަކަށް މިހާރަށްވުރެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަށް ބިލްހުށަހެޅުއްވި ސަބަބު ތަކުގެ ތެރޭގައި ވެއެވެ.

ޓެކްހާ ބޭހޭ ޤާނޫނަށް ހުށަހަޅައިފައިވާ އިޞްލާޙުތަކުގެ ތެރޭގައި، ބޯޑުގެ ހިންގުމުގެ ނިޒާމު ބަދަލުކުރުން ހިމެނެއެވެ. ކޮމިޝަނަރ ޖެނެރަލާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލާއި، މީރާގެ ބޯޑުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންޖެހޭނެކަމަށް ބިލްގައި ބަޔާންކޮށްފައި ވެއެވެ.

ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ހުށަހަޅުއްވައިފައިވާ އިޞްލާހުތަކުގެ ތެރޭގައި މީރާއިން ކަނޑައަޅާ ޢަދަދުގެ ތެރެއިން ޓެކްސް ދައްކާ ފަރާތުން އިޢުތިރާޟްކުރާ ޢަދަދުގެ %30 ދެއްކުމަށްފަހު ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ. ޤާނޫނުގައި މިހާރު އޮންނަނީ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ މިންވަރު މީރާއިން ހިސާބުކުރުމަށްފަހު ކަނޑައަޅާ ޢަދަދާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން އެ ޢަދަދު އެކުގައި ދައްކާ ޚަލާޞްކުރުމަށްފަހު މެނުވީ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަނޭޅޭ ގޮތަށެވެ.

މީރާގެ ނިންމުމަކަށް އިޢުތިރާޟްކޮށް ހުށަހަޅާ މައްސަލަ ތަކަށް ގޮތެއްނިންމުމަށް ވަކި މުއްދަތެއް ކަނޑައަޅައި، އެ މުއްދަތުގެ ތެރޭގައި މީރާއިން ގޮތެއް ނިންމަން ލާޒިމުކުރުން ވެސް ޤާނޫނަށް ގެންނަ އިޞްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.