ފާނޫޒު - 32

(9 އޯގަސްޓު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ) 

"ސާލާރް ސާހިބް އާއި އިމާމާ ސާހިބާގެ ވާހަކަ ބުނަން ކަމަށް މިއައީ."

ސިކަންދަރްގެ މޭ އަނގަޔަށް އައެވެ. "ކިހިނެއްވީ؟"

"ތަންކޮޅެއް ކުރިން ސާލާރް ސާހިބް އަޅުގަނޑުގެ އަތަށް މޯބައިލް ފޯނެއް ދީފައި އަޅުގަނޑުގެ ގެ ދަރިފުޅު މެދުވެރިކޮށް އިމާމާއަށް ގެންގޮސްދޭން ބުނި." ސިކަންދަރް އިންތަނަށް ގަނޑުވިއެވެ. ހާޝިމް މުބީންގެ ތުހުމަތަކީ ތޯތޯ ވާހަކައެއް ނޫންކަން އޭނާއަށް އެނގިއްޖެއެވެ.

"ދެން؟"

"އަޅުގަނޑު ވަރަށް ބޮޑަށް އިންކާރު ކުރިން. އެކަމަކު ގެއިން ނެރެ އެއްލައިލާނެ ކަމަށް ބުނެ ބިރު ދެއްކުމުން ފޯނު ގެންގޮސްދޭން މަޖުބޫރުވި."

އަމިއްލަ ނަފްސު ސަލާމަތް ކުރުމަށްޓަކައި ނާސިރާ ދޮގު ހެދިއެވެ. "އޭގެ ދުވަސްކޮޅެއް ފަހުން އިމާމާ އަށް ފޮނުވުމަށް ކަރުދާސްތަކެއް ދިން. އަދި އަނބުރައި ގެނެސްދޭން އެދުނު. އަޅުގަނޑު ސާލާރް ސާހިބް ބުނިގޮތަށް އަޅުގަނޑުގެ ދަރިފުޅު މެދުވެރިކޮށް އެކަންތައް ވެސް ކޮށްދިނިން. އެއީ ކޮން ކަރުދާސްތަކެއްތޯ އެހިން، އެކަމަކު ނުބުނޭ. އެއީ ކާވެނީގެ ލިޔުންތައް ކަމަށް އަޅުގަނޑަށް ޝައްކު ކުރެވުނު. ސަބަބަކީ ފަސް ފިރިހެނުން އެ ދުވަހު ސާލާރް ގެ ކޮޓަރީގައި ތިބި، އެތަނުން އެކަކީ މައުލަވީއެއް."

ނާސިރާ ތަފްސީލުތައް ކިޔައިދެމުން ދިޔައިރު ސިކަންދަރް އިނީ ދާހިއްލާ ފޯވެފައެވެ.

"ތިކަމެއް ހިނގީ ކޮން އިރަކު؟ ކިހާ ދުވަހެއް ވެދާނެ؟" ސިކަންދަރް އެހިއެވެ.

"އިމާމާ ގެއްލުމުގެ ދުވަސްކޮޅެއް ކުރިން."

"ތި ވާހަކަ ކުރިން ނުބުނީ ކީއްވެ؟" އޭނާ ހަރުކަށި ރާގަކަށް ބުންޏެވެ.

"ސާހިބް، ބުނަން ނުކެރުނީ، ސާލާރް ސާހިބް ބުނެފައި އޮތީ ގެއިން ނެރެ މަގުމައްޗަށް އެއްލައިލާނެ ކަމަށް." އޭނާ ބުންޏެވެ.

"ކޮޓަރީގައި އެދުވަހު ތިބި މީހުން އެނގޭތަ؟ އޭގެ ތެރެއިން އެކަކުވެސް އެނގޭތަ؟" ސިކަންދަރް އެހިއެވެ.

"އެކަކު އެނގޭ، ހަސަން ސާހިބް." ސާލާރްގެ ރައްޓެހި ކުއްޖެއްގެ ނަން އޭނާ ބުންޏެވެ. "އެހެން މީހުންނެއް ނޭނގޭ. އަޅުގަނޑު ވަރަށް ކަންބޮޑުވި، މި ވާހަކަ ބުނަން ވެސް ބޭނުންވި. އެކަމަކު އަޅުގަނޑާ ދޭތެރޭ ސާހިބްގެ ހިތަށް އަރާފާނެ އެއްޗެއް ނޭނގޭތީ ނުބުނީ. އެކަމަކު ދެން އިތުރަށް މި ވާހަކަ ނުބުނެ ހުރެވޭކަށް ނެތް."

"ނާސިރާގެ އިތުރުން މިކަން އެނގޭނީ ދެން ކޮންބަޔަކަށް؟" އޭނާ އެހިއެވެ.

"މިކަން އެނގޭނީ އަޅުގަނޑާއި، އަޅުގަނޑުގެ ފިރިމީހާ އަދި ދަރިފުޅަށް."

"އެހެން ޚާދިމުންނަށް މިއިން އެއްވެސް ކަމެއް އެނގޭނެތަ؟"

"މިއަޅާގެ ފާފަ ފުއްސަވާށި! އެހެން މީހަކަށް އެކަން އަންގަންވީ ކީއްކުރަންތޯ؟ އެއްވެސް މީހަކަށް ނޭނގޭނެ."

"ތިކުރި ކަންތަކުގެ ވާހަކަ ދައްކާނީ ފަހުން. އެކަމަކު ހަނދާންކުރާތި، އެއްވެސް މީހަކަށް މިކަން އަނގައިގެން ނުވާނެ. އަނގަ މަޑުންލައިގެން ހުންނާތި، އެހެން ނޫނީ ނަގައި އެއްލައިލާނީކީ ނޫން، ހުރިހާ ކަމެއްގެ މޭސްތިރިއަކީ ކަލޭ ކަމަށް ހާޝިމް މުބީން ގާތު ބުނާނަން. ފުލުހުން ކަލެޔާ ކަލޭގެ އާއިލާ އާ މެދު ކަންތައްކުރާނެ ގޮތް ހިތަށް ގެނޭ. މުޅި އުމުރު ޖަލުގައި ހޭދަ ކުރަން ޖެހިދާނެ."

ސިކަންދަރް ފަތިފައްޗަށް އޭނާއަށް އިންޒާރު ދިނެވެ.

"ނޫން، ސާހިބް. އަޅުގަނޑުގެ ފަރާތުން މީހަކަށް މި ވާހަކަ އަޑު އިވިޖެއްޔާ އަޅުގަނޑުގެ ދޫ ބުރިކޮށްލައްވާ." ނާސިރާ ބުންޏެވެ.

"އެންމެ ރަނގަޅު، ދޭ. އަހަރެން ފަހުން ކަލެޔާ ވާހަކަ ދައްކާނަން." ސިކަންދަރް އޭނާ ފޮނުވައިލިއެވެ.

އޭނާ ގޮނޑިން ތެދުވެ ސިޓިންރޫމުގައި ކުރުކާލި ކަނޑަން ފަށައިފިއެވެ. ހަގީގަތުގައި ވެސް އުޑު ބޮލަށް ވެއްޓިއްޖެއެވެ. ސާލާރް އޭނާ އާއި މުޅި އާއިލާ ވާ ވައްދައިފި ކަމުގެ އިހުސާސް ފުރަތަމަ ފަހަރަށް އޭނާއަށް ކުރެވުނެވެ. ސާލާރް ދިޔައީ އެމީހުންނަށް ދޮގު ހަދަމުން އޮޅުވާލަމުންނެވެ. އޭނާ އެކަމެއް ކުރީ މީހެއްގެ ހިތުގައި ޝައްކެއް ވެސް ނުއުފެދޭ ވަރަށް، ރޭވުންތެރިކަމާއެކު އެވެ. ނޯކަރު އެ ވާހަކަތައް ކިޔައި ނުދިންނަމަ އިމާމާ ގެއްލުމުގައި އޭނާގެ އަތެއް ނުވާކަމުގެ ހިތް ހަމަޖެހުން ދެމިއޮތީހެވެ.

ގޭ ބަންދުގައި ދުވަސްކޮޅަކު ހުރުމަށްފަހު ސާލާރް ކޮލެޖަށް ދާން ފެށިއެވެ. ހާޝިމް މުބީން ސާލާރަށް ފާރަވެރިވާކަން ސާލާރްގެ ބައްޕަައަށް އެނގެއެވެ. އަދި ހާޝިމް މުބީނަށް ހަގީގަތް އެނގޭ ދުވަހަކުން ކަންތައް ވާނޭ ގޮތް ވެސް އެނގެއެވެ. ކުރިން ލިބުނު ހިތްހަމަޖެހުން ގެއްލި ހާސްކަމުގެ ތެރެއަށް ސިކަންދަރް އުސްމާން ވެއްޓިއްޖެއެވެ. ސާލާރްގެ ކޮޓަރީގައި ގެންގުޅުނު ކަރުދާހާއި، ހާޒިރުވެ ތިބި މީހުންނާއި އަދި އިމާމާ އާއި ސާލާރާ ދެމެދު އޮތް ގުޅުން މިހާރު ތިލަވެއްޖެއެވެ. މިވަގުތު އޭނާ ބޭނުންވަނީ ބިންގަނޑު ފަޅާލާފައި އަޑިއަށް ވަންނާށެވެ. އެކަމަކު އެއީ ކުރެވޭނެ ކަމެއް ނޫންކަން އޭނާއަށް އެނގެއެވެ. އޭނާގެ ހުރިހައި ދަރިންގެ ތެރެއިން އެންމެ ލޯބިވަނީ ސާލާރް ދެކެއެވެ. މިހާ ވަރަށް މަކަރު ހަދައި އޮޅުވާލުމުން ސާލާރަށް ދުވަހަކުވެސް އިތުބާރު ނުކުރަން އޭނާ ނިންމިއެވެ. އަދި ސާލާރްގެ ހަގީގަތް އެނގޭކަން އޭނާއަށް ވެސް ސިއްރުކޮށްފައި ބާއްވަން ނިންމިއެވެ.

***

"އޭނާއަށް އިމާމާ އެނގުނީ ކިހިނެއް؟" ސިކަންދަރް އުސްމާން ދުންޖަހާފައި ކޮޓަރިއަށް ވަދެ ޠައްޔިބާ ގާތު އެހިއެވެ.

"އަހަންނަށް ކިހިނެއް އެނގޭނީ؟ އެއީ ކުޑަ ކުއްޖެއް ނޫނެއްނު، ދާހައި ތަނެއް ބަލަން." ޠައްޔިބާގެ އަޑުގައި ހުރީ ނުރުހުމުގެ އަސަރެވެ.

"އޭނަ އުޅޭ ނޫޅޭ ގޮތް ބަލަން އެތައް ފަހަރަކު އަހަރެން ބުނިން. އެކަމަކު އަމިއްލަ ކަންކަމުން ނިމިގެންތާ..."

"އޭނަ އުޅޭނޫޅޭ ގޮތް ބެލުމަކީ އަހަރެންގެ އެކަނި ޒިއްމާއެއް ނޫން." ޠައްޔިބާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. "ސިކަންދަރް ވެސް އަމިއްލަ މަސައްކަތުން އަވަދިވެގެން އޭނަ އުޅޭނޫޅޭ ގޮތް ބެލިނަމަ... އަހަރެންގެ ބޮލުގައި އެކަނި ބަދުނާމު އަޅުވަނީ ކީއްކުރަން؟"

"ބަދުނާމު އަޅުވަނީކީ ނޫން. މި ބަހުސް ނިންމާލަމާ. ސާލާރް އާ އިމާމާ އާ ކާވެނިކުރާ ހިސާބަށް ދިޔައީ ކިހިނެއް؟ މީ ކޮން ސަކަރާތެއް؟ ހާޝިމް މުބީނަށް މިކަން އެނގޭ ދުވަހަކުން އަހަރެމެންގެ ދުވަސް ދުއްވައިލާނެ."

"ސާލާރް އެވަރު ކަމެއް ކުރީ ކީއްވެބާ؟ އަހަންނަށް އަދިވެސް ގަބޫލުކުރަން ދަތި... މީހުންގެ ތެރޭގައި އަހަރެމެންގެ ގަދަރު ހިފަހައްޓަންވެސް ފަރުވާލެއް ނުބެހެއްޓި."

ސިކަންދަރާއި އޭނާގެ އަންހެނުން ސާލާރްގެ މައްސަލައިގައި އިތުރަށް މާޔޫސްވިއެވެ.

"އެެއްކަމަކުން އަރައިނުގަނެވެނީސް އަނެއް ކަމެއްގެ ތެރެއަށް އެބަ ވައްޓާލާ. މި ކުޅިވަރެއް ފެށުނީ މިދިޔަ އަހަރު އޭނާ ސާލާރްގެ ފުރާނަ ސަލާމަތްކުރި ހިސާބުން ކަމަަށް ވެދާނެ. އަހަރެމެންގެ މޮޔަކަމުން މި ހިސާބަށް ދިޔައީ. އެހެން ނޫން ނަމަ ނިރު ފަޅާ އިރަށް ކޮށައި އެއްލާލެވުނީސް."

"އަހަންނަށް ޔަގީން އެ އަންހެން ކުއްޖާގެ ވެސް ރުހުމާއެކު މިކަން ކުރާނީ... ގަދަަކަމުން ކާވެންޏެއް ކުރުމަކީ ފަސޭހަ ކަމެއް ނޫން. ހާޝިމް މުބީން ސާލާރްގެ ބޮލުގައި ތުހުމަތު އަޅުވާގޮތް ބަލާބަލަ، އޭނާގެ ދަރިފުޅަކީ މާ މާތް ކުއްޖަކަށް ހަދައިގެން." ޠައްޔިބާ ބުނެލިއެވެ.

"ކޮންމެ ގޮތަކަށް އެކަން ހިނގައި ދިޔައަސް ކުށް ކުރީ އަހަރެމެންގެ ދަރި. އޭނަ ލައްވާ މީހަކަށް ގަދަކަމުން އެއްވެސް ކަމެއް ނުކުރުވޭނެ. އޭނަ ބޭނުން ނުވާ ކަމެއް އޭނާ ނުކުރާނެ." ސިކަންދަރް ބުނެލިއެވެ. "އެކަމަކު މިކަމުން ނިކުމެވޭނެ ގޮތެއް ހޯދާ. މި މައްސަލަ ތި ހީކުރާހާ ގޯހެއް ނޫން." ޠައްޔިބާ ބުނެލިއެވެ. "ފުލުހުންގެ އަތަކުވެސް ހާޝިމް މުބީންގެ އަތަކުގެ ވެސް ސާލާރް އާ ދެކޮޅަށް ދެއްކޭނެ ހެއްކެއް ނެތް، ހެއްކެއް ނެތި އެއްވެސް ކަމެއް އެ މީހުންނަކަށް ނުކުރެވޭނެ."

"ހެކި ލިބުމުން ވާނެ ގޮތަކާ މެދު ވިސްނާލިންތަ؟ އޭރުން ކީއްކުރާނީ؟" ސިކަންދަރް ރުޅި އައިސްފައި ބުންޏެެވެ.

"ތި ދައްކަނީ ނަމަނަމައިގެ ވާހަކަ، ވީ ކަމެއްގެ ވާހަކައެއް ނޫން. ހެއްކެއް ނުވެސް ހޯދޭނެ."

ޠައްޔިބާ ބުނި އެއްޗަކާ މެދު ސިކަންދަރ ވިސްނައިލިއެވެ.

"މިވަރަށް އޭނަ އަހަރެމެން ވާ ވެއްދި އިރު، މިހާރު އެ އަންހެން ކުއްޖާ އާ އޭނަޔާ އެއްެވެސް ގުޅުމެއް ނެތް ކަމަށް ވެސް ވެދާނެ، އޭނައާ ގުޅުން އޮތް ނަމަ..."

"ގުޅުން އޮތް ނަމަ ކިހިނެއް ހަދާނީ؟"

"ސާލާރް އާ ވާހަކަ ދެއްކުމަކީ ފާރެއްގައި ބޯ ތެޅުން ކަހަލަ ކަމެއް. އޭނައަކީ ދޮގު ހެދުމަށް އަރައި ހުރި ތަރިއެެއް." ސިކަންދަރް ހުރި ރޮވެން ކައިރިވެފައެވެ. "އޭނާގެ ކޯސް ނިމެން ދެން އޮތީ ކުޑަ ދުވަސްކޮޅެއް. ކޯސް ނިމުނީމާ ބޭރަށް ފޮނުވައިލާނީ. އޭރުން ހާޝިމް މުބީންގެ ފަރާތުން ގޯނާއެއް ލިބިދާނެ ކަމުގެ ބިރެއް ނޯންނާނެ." ސިކަންދަރް ސިނގިރޭޓް ރޯކޮށްލަމުން ބުންޏެވެ.

"ސިކަންދަރް، ތިއުޅެނީ އަދި އެއްކަމެއް ހަނދާން ނައްތާލައިގެން." އިރުކޮޅަކު އިނުމަށްފަހު ޠައްޔިބާ ބުނެލިއެވެ.

"ކޮން ކަމެެއް؟" ސިކަންދަރް ގޮނޑީގައި ހަމަޖެހިލިއެވެ.

"ސާލާރް އައި އިމާމާގެ ސިއްރު ކާވެނި. އެ ކާވެންޏާ މެދު ގޮތެއް ނިންމަންވާނެ."

"ވަރިއަށް ކުރުވުން ނޫން ކޮން ގޮތެއް އޮންނާނީ؟" ސިކަންދަރްގެ ނިންމުން އިއްވިއެވެ.

"ކާވެނި ކުރިކަމަށް އެއްބަސްނުވާ މީހަކު ވަރިކުރަން އެއްބަސްވާނެތަ؟"

"ކާވެނިކުރިކަމުގެ ހެކި ދެއްކުމުން އޭނަ ޖެހޭނީ އެއްބަސްވާން."

"ކޮންމެވެސް ގޮތެއް ހޯދަންވާނެ، އަމިއްލަ އިޚްތިޔާރުގައި ވަރިކުރާނީތޯ ނުވަތަ ގަދަކަމުން ވަރިކުރުވާނީތޯ. އަހަރެން އެކަމަށް ގޮތެއް ހޯދާނަން. މިކަހަލަ ކާވެނި މުޅި އުމުރަށް މުސީބާތަކަށް ވެދޭ. މިކަމަށް އަލި މަގެއް ފެންނަންވާނެ. އަހަރެންގެ ބެލެނިވެރިކަމުގެ ދަށުން އޭނަ މިނިވަން ކުރަން ނިންމައިފިން މިހާރު."

***

ހަސަންގެ ބައްޕަ ފޯނު ކުރިއިރު އޭނާ ހުރީ އިސްލާމްއާބާދުގެ ހޮޓަލެއްގައެވެ. ވަގުތުން ގެއަށް އަންނާން އެންގުމަށްފަހު އޭނާ ފޯނު ބޭއްވިއެވެ. ބައްޕަގެ އަޑުގައި އާދަޔާ ޚިލާފު ގޮތެއް ހުއްޓެވެ. އިރުކޮޅަކުން ގެއަށް ދިޔައިރު ސިކަންދަރް އުސްމާން ގެ ކާރު ފެނުމުން އޭނާ ސިހުނެވެ.

"އަހަރެން މި ކަންތައް ގަނޑުގައި ބައިވެރިވިކަމުގެ އެއްވެސް ހެއްކެއް ސިކަންދަރްބެ އަތަކު ނުހުންނާނެ. އަހަންނަކީ ސާލާރްގެ ރައްޓެއްސެއް ވީމާ ވާހަކަ ދައްކާލަން އައީ ކަމަށް ވާނީ. ހަމަޖެހިލައިގެން ހުރެ ހުރިހާ ކަމަކަށް އަހަރެން ކުރާނީ އިންކާރު. އަހަރެން ހާސްވެ، ކަންބޮޑު ވެއްޖެނަމަ ބައްޕަ އަހަންނަށް ޝައްކު ކުރާނެ. ސިކަންދަރްބެ އަށް އެއްވެސް ވާހަކައެއް ކިޔައެއް ނުދޭނަން."

ހަސަން ގޭތެރެއަށް ވަނީ ހުރިހާ ކަމެއް ވަރަށް ރަނގަަޅަށް ރާވައިގެންނެވެ. އޭނާ ވަން އިރު ސިކަންދަރް އާއި އޭނާގެ ބައްޕަ ގާސިމް ފާރޫގީ ތިބީ ކޮފީ ބޯށެވެ. އެ މީހުންގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ.

"ސިކަންދަރްބެ، ކިހިނެއް؟ ހާދަ ގިނަ ދުވަހެއް ކޮށްލާފައޭ މިގެއަށް ތި އައީ."

ސިކަންދަރާއި ގާސިމް އަނގަޔަކުން ނުބުނެއެވެ. ހަސަން ބުނި އެއްޗަކަށް ވެސް އަޅައެއް ނުލައެވެ. ސިކަންދަރް ހަސަންގެ ބޮލުން ފެށިގެން ތިރިއަށް ބަލައިލިއެވެ.

"އިށީނދޭ." ގާސިމް ބުންޏެވެ. "ސިކަންދަރް ކުރާ ހުރިހާ ސުވާލަކަށް ތެދު ބަހުން ޖަވާބު ދީ. ދޮގު ހަދައިފިއްޔާ ފުލުހުންނާ ހަވާލުކުރުމުގެ އިޒުނަ އަހަރެން ސިކަންދަރަށް ދީފިން. ކަލޭ ސަލާމަތްކުރަން އަހަރެން އެއްވެސް ކަމެއް ނުކުރާނަން." ގާސިމް ފާރޫގީ ސީދާ މައުޟޫއަށް ދިޔައެވެ.

"ބައްޕަ ތި ދައްކަނީ ކޮން ވާހަކައެއް؟ އަހަންނަކަށް ނުވިސްނޭ." ހަސަން ހައިރާންވެފައި ބުނެލިއެވެ. އެކަމަކު އޭނާގެ ހިތް ބާރަށް ތެޅެނީއެވެ. މި މައްސަލަ އޭނަ ހީކުރިހައި ފަސޭހައެއް ނުވިއެވެ.

"މާ މޮޅުވާން އުޅޭނެ ކަމެއް ނެތް." ގާސިމް ފާރޫގީ އޭނާ މައިތިރި ކުރިއެވެ. "ސިކަންދަރް، ކުރިއަށް ގެންދޭ، ބޭނުން ސުވާލެއް ކުރޭ. އޭނަ ދޮގު ހަދާތަން ބަލަން އަހަރެން ބޭނުން."

"ސާލާރް އާ އިމާމާގެ ކާވެންޏަށް ދިޔައިންތަ؟"

"ސިކަންދަރްބެ، ކޮން ކާވެންޏެއް؟ ކާކުގެ ކާވެންޏެއް؟" ހަސަންގެ އަޑުގައި ވެސް ހުރީ ހައިރާން ކަމެެވެ.

"އަހަރެން ރަށުގަ ނެތީސް އަހަރެމެން ގޭގަ އޮތް ކާވެނި، އިމާމާ އަތަށް ލިޔުންތައް ފޮނުވި ކާވެނި."

"ސިކަންދަރްބެ، އަހަރެންެގެ ބޮލުގައި ހާދަ ބޮޑު އިލްޒާމެއް ތި އަޅުވަނީ. އަހަރެން ތިގެއަށް ދަން. އެކަމަކު ސާލާރްގެ ކާވެންޏާ ބެހޭ އެއްވެސް ކަމެއް އަހަންނަކަށް ނޭނގޭ. އޭނަ ތިކަހަލަ އެއްވެސް ކަމެއް ކުރި ކަމެއް އަހަންނަށް އެނގިފައެއް ނެތް. ތިޔަބުނާ އަންހެން ކުއްޖެއް ވެސް އަހަންނަކަށް ނޭނގޭ. ސާލާރް އާ އަންހެން ކުއްޖަކާ ގުޅުން އޮތް ކަމަށްވެދާނެ. އެކަމަކު އަހަންނަކަށް އެކަމެއް ވެސް ނޭނގޭ. އޭނަގެ ހުރިހާ ވާހަކައެއް އަހަންނަށް ކިޔައެއް ނުދޭ."

ސިކަންދަރް އުސްމާނާއި ގާސިމް ފާރޫގީ އޭނާގެ ވާހަކަތައް އަޑުއެހީ ހިމޭންކަމާއެކުއެވެ. އޭނާގެ ވަހަކަ ނިމުމުން ސިކަންދަރް މޭޒުމަތީގައި އޮތް ސިޓީއުރަ ނަގައި އެއިން ކަރުދާސްތަކެއް ނެގިއެވެ.  ހަސަންގެ މޫނުގެ ކުލަވަރު މުޅިން ބަދަލުވިއެވެ. އެއީ އިމާމާ އާއި ސާލާރްގެ ކާވެނީގެ ލިޔުންތަކެވެ.

(ނުނިމޭ)

 

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.