ފަލަސްޠނުގެ ފިދާއީންގެ ޙަމަލާތަކުން ރައްކައުތެރިވުމަށް ޓަކައި ޣައްޒާގެ އިރުމަތީ ބިތުގައި އިސްރާއީލުން ބިނާކުރަމުންދާ ސަރަޙައްދީ ބިންގަރާސް ފާރާ ކުރިމަތިލުމަށް ޓަކައި ޙަމާސުން ކުރިމަގުގައި ބޭނުންކުރާނީ ޕައިލެޓުން ނެތި މިސްރާބު ކުރެވޭ ޑްރޯން ފަދަ ވައިގެ އުޅަނދުފަހަރުކަމަށް އިސްރާއީލުގެ ޢަސްކަރީ ތަޖްރިބާކަރަކު ވިދާޅުވެއްޖެއެވެ. މި ފަދަ ހަތިޔާރުތަކުގެ އެހީގައި ޙަމާސުން އިސްރާއީލުގެ ވައިގެ ސަރަޙައްދު ފޫއަޅުވައިލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަމީރު ބޫޚަބޫޠު ، ވެއްލާ ވެބް ސައިޓްގައި ޝާއިޢު ކުރި ރިޕޯޓެއް ބުނާގޮތުގައި މީގެ ކުރިން ޙަމާސުން މި ހަތިޔާރަށް މާބޮޑު އަހައްމިއްޔަތެއް ދީފައެއް ނުވެއެވެ. އެކަމަކު ފަހަކަށް އައިސް ބިމު އަޑީގައި ބިންގަރާސްކޮށް އިސްރާއީލުން ހަދަމުންދާ މި ފާރު ނިމެން ކައިރިވުމާ ވިދިގެން ޙަމާސުން މި އައު ހަތިޔާރަށް އިސްކަންދެމުން އަންނަ ތަން ފެނެއެވެ. ޣައްޒާގެ ޖައްވުގެ ތެރެއިން ޑްރޯންތައް ފުރަތަމަ ފަހަރަށް ފެންނަ ފެށީ 2016ގައެވެ. އެކަމަކު އިސްރާއީލުގެ ދެކުނު ސަރަޙައްދުގެ ޢަސްކަރިއްޔާއިން އޭރު އަދި ދިއްލައެއް ރަތްއަލި ނުލިއެވެ.މިކަމުގެ އެއް ސަބަބަކީ އެ ދުވަސްވަރު ޙަމާސުން އިސްކަންދީފައި ވަނީ އެ ޖަމާޢަތުގެ ކަނޑުގެ ބާރު ވަރުގަދަ ކުރުމަށް ކަމަށް އިސްރާއީލު ދެކޭތީއެވެ.އަދި އިސްރާއީލުގައި އެ ދުވަސްވަރު އެންމެ ބާރަށް ވާހަކަ ދެކެވެމުން ދިޔައީ ބިންގަރާސް މަޝްރޫޢާއި އެ މަޝްރޫޢާ ކުރިމަތި ވެދާނެ ބިރުވެރިތަކާ ބެހޭގޮތުން ކަމަށް ވާތީއެވެ.
މި ރިޕޯޓް ބުނާގޮތުގައި އެ ދުވަސްވަރު އިސްރާއީލުގެ ޢަސްކަރިއްޔާއިން ބުނަމުން ދިޔައީ އެއީ ފޯޓޯ ނަގާ ކެމެރާތަކެއް ކަމަށެވެ. އޭގައި ހަނގުރާމަވެރި އެއްވެސް ހަތިޔާރެއް ނޫފުލޭނެ ކަމަށެވެ. ނަމަވެސް އޭގެ ތިން އަހަރާއި ބައި އަހަރު ފަހުން މި ވިސްނުމަށް ބަދަލުތަކެއް އަތުވެއްޖެއެވެ. މި ބިންގަރާސް ފާރު ބިނާކޮށް ނިމުމުން ސަލާމަތީ ގޮތުން ފަލަސްޠީނުގެ ޙާލަތަށް ބަދަލުތަކެއް އަންނާނެއެވެ. މިހެންވެ ފަލަސްޠީނުން އިސްކަންދިނީ މި ފަދަ ޑްރޯންތަކާއި ޕައިލެޓަކާ ނުލައި އުދުހޭ މަތިންދާބޯޓުތައް ޣައްޒާއަށް އެތެރެކުރެވޭތޯއެވެ. ޙަމާސުން މި ފަދަ ބޯޓްތައް ހުރިގޮތަށް ނުވަތަ ބައިބަޔަށް އެއްގަމު މަގުން އެތެރެކުރަމުން ދަނީ މިޞްރުގެ ސަރަޙައްދީ ރޮނގުގެ ޞަލާހުއްދީނު ދޮރޯށީންނެވެ.
އޭނާގެ މި ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި 2018 ގައި ޙަމާސުން ޣައްޒާ ސަރަޙައްދުގެ އަނެއް ފަރާތުގައި އިސްރާއީލު ސިފައިންގެ ޙަރަކާތްތަކަށް ފާރަލުމަށާއި މުޒާހަރާކުރާ މީހުންނަށް މަގުދެއްކުމަށް ޓަކައި މި ފަދަ ބޯޓުފަހަރުގެ ބޭނުންކޮށްފައި ވެއެވެ. އިސްރާއީލު ސިފައިންގެ ބަލިފައިތައް ހޯދައި މުޒާހަރާ ކުރާމީހުންނަށް އެތެރެއަށް ވަނުމަށް ހުރި ބައުގަނޑުތައް ހާމަކޮށް ދިނުމުގައި މި ބޯޓުތައް ވަރަށް މުހިއްމު ދައުރެއް ކުޅެމުންދާ ކަމަށް ބޫޚަބޫޠުގެ ރިޕޯޓްގައި ވެއެވެ.
އޭނާގެ މި ރިޕޯޓް ބުނާ ގޮތުގައި މި ފަދަ ޑްރޯނެއްގެ އަގަކީ ދެތިން ހާސް ޝާކިލެވެ. ( ޝާކިލަކީ އިސްރާއިލުގެ ފައިސާ ނަން) މި އެއްޗިހި ގަންނަނީ ނެޓް މެދުވެރިކޮށެވެ.ޙަމާސުން އިސްރާއީލާއެކު ކުރަމުންގެންދާ ބުއްދީގެ ހަނގުރާމައިގައި ފާއިތުވެދިޔަ ދެތިންހަތަރު އަހަރުގެ ތެރޭގައ ޑްރޯން ވަރަށް މުހިއްމު ޢުންޞުރަކަށް ވެއްޖެކަމަށް އޭނާ ބުންޏެވެ.
އޭނާގެ މި ރިޕޯޓް ނިންމައިލަމުން އިންޒާރު ކުރާ ގޮތުގައި، މާރިޗް 2019ގައި ޙަމާސް އަތުގައި އިސްރާއީލަށް ވަދެ ޣައްޒާއަށް އަނބުރާ އައުމުގެ ޤާބިލުކަން ލިބިފައިވާ ޑްރޯންތައް ހުރިކަން ވަނީ އެނގިފައެވެ.ޙަމާސުން އިސްރާއީލާ ދެކޮޅަށް ކުރަމުންދާ ނަފްސާނީ ހަނގުރާމައިގައި ޑްރޯނުން ނަގާ ފޮޓޯތަކައި ޑްރޯނުގެ ފްލީޓު ބޮޑުވެ ވަރުގަދަވަމުންދާ މަންޒަރުތައް ދައްކައެވެ.