ފާނޫޒު - 5

(24 ޖޫން 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަހަންނަކަށް ނޭނގޭ."

"ދަރިފުޅު އިމާމާ ގާތު އެހިންތަ؟"

"ކިތައް ފަހަރު؟"  

"އިމާމާ ބުނީ މަންމަ ވެސް ތި ބުނިގޮތަށް، އޭނަ އަބަދުވެސް ބުނަނީ އަހަންނަށް ހީވާ ގޮތޭ އެއީ." އަސްޖަދު އަނެއްކާވެސް ދެ ކޮނޑު އަރުވައިލިއެވެ.

"ބައެއްފަހަރު ބުނަނީ ކިޔަވާތީ އޭ، އަނެއްބައިފަހަރު ބުނަނީ މިހާރު އޭނަ ތަސައްރަފު ފުދުނީއޭ..."

"އެއީ ރަނގަޅު ވާހަކައަކަށް ވެދާނެއެއްނު؟" ޝަކީލާ ބުންޏެވެ.

"މަންމާ، އިމާމާ ސީރިއަސް ވާތީ އެއް ނޫނޭ މައްސަލައަކީ. އަހަންނަށް ހީވަނީ އިމާމާ މިހާރު އަހަންނާ ދުރަށް ދާހެން." އަސްޖަދު އިނީ މުޅިން މޮޅިވެފައެވެ.

"ތީ ދަރިފުޅަށް ހަމަ ހީވާގޮތް. މަންމައަކަށް ހިއެއް ނުވޭ ތިކަހަލަ ކަމެއް އުޅޭހެންނެއް. އިމާމާ އާއި ދަރިފުޅަކީ ކުޑައިރުއްސުރެ އެކުގައި އުޅުނު ދެ ކުދިން. ދެ ކުދީންނަށް އެކަކު އަނެކަކު ރަނގަޅަށް އެނގޭ."

ޝަކީލާ އަށް ހީވާގޮތުން ދަރިފުޅުގެ ކަންބޮޑުވުމުގައި އެއްވެސް އަސާސެއް ނެތެވެ. "އުމުރުން ދުވަސް ވާ ވަރަކަށް އެންމެންނަށް ވެސް ބަދަލު އަންނާނެ. ތީ މިހާރު ކުޑަ ކުދީންނެއް ނޫން. ތިކަހަލަ ކުދިކުދި ކަންތައްތަކާ ހާސްވާނެ ކަމެއް ނެތް." ދަރިފުޅަށް ވިސްނައިދޭން ޝަކީލާ މަސައްކަތް ކުރިއެވެ. "ކޮންމެ ގޮތެއް ވިޔަސް ހާޝިމްބެ ބޭނުންވަނީ ދަރިފުޅާ އިމާމާ އާ ދެކުދީން މިއަންނަ އަހަރު ކާވެނި ކުރުވަން. ކާވެންޏަށްފަހު އިމާމާއަށް އޭނާގެ ކިޔެވުން ނިންމައިލެވޭނެ. ހާޝިމްބެ ބޭނުންވަނީ ހާޝިމްބެގެ ޒިއްމާ މިހާރު އަދާކުރަން." މިއީ އަސްޖަދަށް ކުރިން އެނގިފައި ނެތް ވާހަކައެކެވެ.  

"ހާޝިމްބެ ތިވާހަކަ ދެއްކީ ކޮން އިރަކު؟" އަސްޖަދު ސުވާލު ކުރުމުން ޝަކީލާ ދިޔައީ ސިއްސައިގެންނެވެ.

"ކިތަންމެ ފަހަރަކު. މިހާރު ކާވެނީގެ ތައްޔާރީތައް ވެސް ފަށައިފިހެން މަންމައަށް ހީވަނީ."

އަސްޖަދު ހަމަޖެހުމުގެ ނޭވައެއް ލިއެވެ.

"އިމާމާ އަށް އައި ބަދަލަކީ އެއީ ކަމަށް ވެދާނެ."

"އާނ. ވެދާނެ. މިއަންނަ އަހަރު ކޮންމެހެން ވެސް ކާވެނި ކުރަންވާނެ." އަސްޖަދުގެ ހާސްކަން މިހާރު ކޮންމެވެސް ވަރަކަށް ފިލައިފިއެވެ.

***

އެ ފިރިހެން ކުއްޖާގެ އުމުރުން އަދި ވާނީ ސޯޅަ ނުވަތަ ސަތާރަ އަހަރެވެ. އިސްކޮޅުން ދިގުވެފައި ރޫފަ ރަނގަޅެވެ. މޫނު މަތީން ފެންނަ ފެނުމަށް އެއީ ވަރަށް މައުސޫމް ކުއްޖެކެވެ. އޭނާ ހުރީ ގަޔަށް ދޫ ޓީޝާޓަކާއި ސްޕޯޓްސް ސޯޓެއް ލައިގެންނެވެ. އަރައިގެން ހުރީ ޓެނިހަކަށެވެ. ބައިސްކަލުގައި އޭނާ އެދަނީ އެންމެ ދުއްވާ އެއްޗެހި ގިނަ މަގުންނެވެ. މިހާރުވެސް ބާރު ދުވެލީގައި ކާރާއި ސައިކަލު ދުއްވާތަން ފެނެއެވެ. ޓްރެފިކް ގަވައިދަށް ބެލުމެއް ނެތިއެވެ. ގުދުގުދު ލައްވަމުން ބައިސްކަލު ދުއްވަމުން ގޮސް ފާލުގަނޑު މަތީން ދެ ފައި އެއްފަހަރާ މައްޗަށް ނެގިއެވެ. ހަމަ އެ ދުވެލީގައި ގޮސް އެއްކޮޅަށް ދުއްވާ މަގަކަށް ނުކުމެ ޓްރެފިކާ ދިމާ އިދިކޮޅަށް ދާން ފެށިއެވެ. ދެން ކުއްލިއަކަށް ބުރަކި ޖައްސަމުން ހުންގާނުން ދެ އަތް ދޫކޮށްލިއެވެ. އެއާކު ބާރަށް ދުއްވާފައި އައި ކާރެއްގައި ގޮސް ޖެހުނެވެ. ކާރުގައި ޖެހުމާއެކު ޚަބަރު ހުސްވެގެން ވެއްޓުނެވެ.

***

ސްޓޭޖު މަތީގައި ދެ ރޮސްޓްރަމް ބަހައްޓާފައި ހުއްޓެވެ. ދެ ރޮސްޓްރަމްގެ ފަހަތުގައި ހުއްޓިލައިގެން ދެ ފިރިހެން ކުދިން ތިއްބެވެ. އެކަކު އަނެކަކަށް ކުރިމަތިލައިގެންނެވެ. ދެ ކުދިންވެސް ސްކޫލުގެ ކެޕްޓަން ކަމަށް ވާދަކުރަނީ އެވެ. މިހާރު ކުރިއަށްދަނީ އެ އިންތިޚާބުގެ ބައެކެވެ. އެއް ރޮސްޓްރަމްގައި ހަރުކޮށްފައި ހުރި ޕޯސްޓަރުގައި "ސާލާރް އަށް ވޯޓު ދީ" ލިޔެފައި އޮތެވެ. އަނެއް ރޮސްޓްރަމްގައި ހަރުކޮށްފައި ހުރީ ސާލާރް އާ ވާދަކުރާ ކުއްޖާގެ ފޮޓޯއެކެވެ. އެއީ ފައިޒާން އެވެ. އެ ވަގުތު ހޯލުގައި ތިބި ދަރިވަރުންނާ މުޚާތަބުކޮށް ފައިޒާން ވާހަކަދައްކަނީ އެވެ. އިންތިޚާބު ވެއްޖެނަމަ އެކުދީންނަށް ކޮށްދޭން ކަންތައްތަކުގެ ވާހަކައެވެ. ސާލާރް ހުރީ އޭނާ ދައްކާ ވާހަކަ ކަނުލައި އަޑުއަހާށެވެ. ފައިޒާނަކީ ސްކޫލުގައި މިވަގުތު ހުރި އެންމެ މޮޅު ވާހަކަ ދެއްކުންތެރިޔާއެވެ. ބްރިޓިޝް އެކްސެންޓުން ވާހަކަ ދައްކަމުން އެތަނަށް އެއްވެފައި ތިބި ކުދީންގެ ތާއީދު ހޯދަމުން ދިޔައެވެ. ފައިޒާން ވާހަކަ ދައްކަން ފެށުމާއެކު އަތްތިލަބަޑީގެ އަޑާއި ތުނބުން ފުމޭ އަޑުން މުޅި ހޯލު ގުގުމަން ފެށިއެވެ. ސާލާރް ވެސް އޯޑިޔަންސާ ބައިވެރިވެ އަތްތިލަބަޑި ޖަހަން ފެށިއެވެ. ސާލާރް އަތްތިލަބަޑި ޖަހަން ފެށުމުން ފައިޒާން ބޯ ޖަހައިލިއެވެ. ސާލާރް އާ ވާދަކުރުމަކީ ފަސޭހަ ކަމެއް ނޫންކަން ފައިޒާނަށް ރަނގަޅަށް އެނގެއެވެ.

ފައިޒާންގެ ވާހަކަ ތިރީސް މިނެޓަށް ދިގުދެމިގެން ދިޔައެވެ. އޭނާގެ ވާހަކަ ނިމި ހޯލު ހިމޭންވުމުން ސާލާރް އަށް ފުރުސަތު ދިނެވެ. އެއްވެފައި ތިބި ކުދީންގެ ތެރޭގައި ސާލާރްއަށް ތާއީދުކުރާ ކުދީންވެސް ތިއްބެވެ. އޭނާ ވާހަކަ ފެށިއެވެ. ސަލާން ގޮވައިލުމަށްފަހު އިރުކޮޅަކު ހިމޭނުން ހުރެފައި ވާހަކަ ފެށިއެވެ. "ފައިޒާން އަކްބަރަކީ ސްކޫލަށް ލިބިފައި ހުރި ހަރުމުދަލެއް. ސްކޫލުގައި ނެތްވަރުގެ މޮޅު ވާހަކަދެއްކުންތެރިއެއް. އަހަންނަށްވެސް އަދި އެހެން ކުއްޖަކަށް ވެސް ފައިޒާން އާ ވާދައެއް ނުކުރެވޭނެ..." އެހެން ބުނެފައި ފައިޒާނަށް ބަލާލިއެވެ. ފައިޒާން ފަޚުރުވެރިކަމާއެކު ހީނލިއެވެ. ސާލާރްގެ ޖުމުލައިގެ އަނެއްބައި އަޑު އިވުމުން އޭނާގެ މޫނުމަތިން ހިނިތުންވުން ފިލިއެވެ. "...މިއީ ވާހަކަ ދެއްކުމުގެ މުބާރާތެއް ނަމަ."

ހުނުމުގެ އަޑުން ހޯލު ފުރުނެވެ. ސާލާރް ވާހަކަ ކުރިއަށް ގެންދިޔައެވެ. "ނަމަވެސް ވާހަކަދެއްކުންތެރިޔަކާ ސްކޫލެއްގެ ކެޕްޓަނަކާ ދެމެދު ބޮޑު ފަރަގެއް ހުރޭ. ވާހަކަދެއްކުންތެރިޔަކު ޖެހޭނީ ވާހަކަ ދައްކަން. ސްކޫލް ކެޕްޓަނަކަށް ހުންނަ ދަރިވަރަކީ ހިންގުންތެރިޔަކަށް ވާންވާނެ.." ސާލާރަށް ތާއީދުކުރާ ކުދީން އަތްތިލަބަޑި ޖަހަން ފެށިއެވެ.

"ފައިޒާން އަކްބަރުގެ އެ ހުރި ލިޔުންތެރިކަމާ ވާހަކަދެއްކުންތެރިކަމުގެ ހުނަރެއް އަހަންނަކަށް ލިބިފައެއް ނެތް. އަހަންނަށް ލިބިފައި  އޮތްހައި ވެސް އެއްޗަކީ އަހަރެންގެ ނަމާއި އަހަރެންގެ ސްކޫލް ރިކޯޑު. މި ވާހަކަ ބުނަން ދައްކާނެ މާ ދިގު ވާހަކައެއް އޮތް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން." އަނެއްކާވެސް އިރުކޮޅަކަށް އޭނާ ވާހަކަ މެދުކަނޑައިލިއެވެ.

"އަހަންނަށް އިތުބާރު ކޮށްފަ ވޯޓު ދީ." އެހުންތެރިންނަށް ޝުކުރު އަދާކޮށްފައި އޭނާ މައިކު ނިއްވައިލިއެވެ. އަތްތިލަބަޑީގެ އަޑުން މުޅި ހޯލު ގުގުމަން ފެށިއެވެ. ސާލާރް ވާހަކަ ދެއްކީ މުޅިއެކު އެއް މިނެޓާއި ސާޅީސް ސިކުންތަށެވެ. އެ ކުޑަ ހިނދުކޮޅުގެ ތެރޭގައި ސާލާރް، ފައިޒާންގެ ހުވަފެން އެއްފުށުން އަނެއް ފުށަށް ޖަހައިލިއެވެ. ދެ ކުދީންގެ ވާހަކައަށް ފަހު ދެން އޮތީ ސުވާލާއި ޖަވާބު ސެޝަނެކެވެ. އާދައިގެ މަތިން ސާލާރްގެ ޖަވާބުތައް ސާދާވެފައި ކުރެވެ. އެންމެ ދިގު ޖަވާބު ދިނީ ހަތަރު ޖުމުލައިންނެވެ. އެއާ ޚިލާފަށް ފައިޒާންގެ އެންމެ ކުރު ޖަވާބު ވެސް ހަތަރު ޖުމުލައަށް ވުރެ ދިގެވެ. މޮޅަށް ވާހަކަދެއްކުމުގެ ހުނަރު ލިބިފައި ހުރި ނަމަވެސް އޭނާއަށް ސާލާރް އާ ވާދަކުރެވޭ ވަރެއް ނުވިއެވެ. ފައިޒާންގެ ޖަވާބުތަކުން ސާލާރް ބުނި ވާހަކަތައް އެހުންތެރިންނަށް މިދަނީ ހާމަވަމުންނެވެ.

"ސާލާރް ސިކަންދަރަށް ސްކޫލުގެ ކެޕްޓަންކަން ލިބެންވީ ކީއްވެ؟" އޯޑިޔަންސުން ސުވާލު ކުރިއެވެ.

"މި މަގާމަށް އިސްކުރަންވާނީ އެކަމަށް އެންމެ ގާބިލު ކުއްޖާ ކަމުގައި ވާތީ." ސާލާރް ޖަވާބު ދިނެވެ.

"މިއަށް ކިބުރުވެރިކަމޭ ކީދާނެތަ؟" އޯޑިޔަންސުން އަނެއްކާވެސް ސުވާލުކުރިއެވެ.

"ނޫން. މިއީ ކިބުރުވެރިކަމެއް ނޫން. މިއީ އަމިއްލަ ނަފްސަށް އޮތް އިތުބާރު. އަދި ކުރަން އުޅޭ ކަންތަކަށް ހޭލުންތެރި ވެފައިވުން." އޭނާ ރައްދުދިނެވެ.

"ކިބުރުވެރިކަމާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރުގެ ތަފާތަކީ ކޮބާ؟" ގުޅުންހުރި ސުވާލެއް އޯޑިޔަންސުން އަނެއްކާވެސް ސާލާރަށް ކުރިމަތިކުރުވިއެވެ. "ފައިޒާން އަކްބަރާ ސާލާރް ސިކަންދަރާ ދެމެދު ހުރި ތަފާތު." ސާލާރް ތަންކޮޅެއް ހަރުދަނާ ރާގަކަށް ޖަވާބު ދިނެވެ.

"ކެޕްޓަނަކަށް ނުހޮވައިފިނަމަ ސާލާރް އަށް އެކަމުން ކުރާނެ އަސަރަކީ ކޮބާ؟"

"އެކަމުން އަސަރު ކުރާނީ އަހަންނަކަށް ނޫން. ކަލޭމެންނަށް."

"ކޮންގޮތަކުން؟"

'ކަމަށް އެންމެ ގާބިލު މީހާ އިސްވެރިޔަކަށް ނުހޮވައިފިނަމަ އޭގެ އަސަރު ކުރާނީ މުޖްތަމައަށް. އޭނާއަކަށް ނޫން."

"ތިބުނަނީ ކަމަށް އެންމެ ގާބިލު މީހަކީ ތީއޭތަ؟"

"ކަމަށް ގާބިލު ނޫން މީހަކާ ތިމަންނައާ އެއްވަރޭ ބުނަން ކެރޭނެ މީހަކު މި ހޯލުގައި އެބައިންތަ؟"

"އެބައިން ކަމަށްވެސް ވެދާނެ..."

"އެމީހަކާ ބައްދަލުކުރަން އަހަރެން ބޭނުން." ހުނުމުގެ އަޑުން އަނެއްކާވެސް ހޯލު ގުގުމައިގަތެވެ.

"ކެޕްޓަނެއްގެ ހައިސިއްޔަތުން ސާލާރް ސިކަންދަރު ސްކޫލަށް ގެންނަން ގަސްދުކުރާ ބަދަލުތައް އަހަރުމެންނާ ހިއްސާކުރަންވީނު."

"ބަދަލުގެ ވާހަކައެއް ނުއެއް ދައްކާނެ. ބަދަލު ދައްކާނީ އަމަލުން. ކެޕްޓަންކަން ނުލިބެނީސް އެބަދަލު އަހަންނަކަށް ނުދެއްކޭނެ."

އިތުރު ބައެއް ސުވާލާއި ޖަވާބަށްފަހު އެންމެ ފަހު ސުވާލަށް ފުރުސަތު ހުޅުވައިލިއެވެ. އޯޑިޔަންސުން ލަންކާ ކުއްޖަކު ތެދުވެއްޖެއެވެ. ނުލަފާ ފާޑަކަށް ހިނިއައިސްފައި ހުރެ އޭނާ ބުންޏެވެ.

"އަހަރެންގެ ސުވާލަށް ޖަވާބު ދީފިނަމަ އަހަންނާއި އަހަރެންގެ މުޅި ގުރޫޕު ސާލާރަށް ވޯޓު ދޭނަން."

ސާލާރް ހިނިތުންވެލިއެވެ. "ތިޔަ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން، ތި ގުރޫޕުގައި ތިބީ ކިތައް މީހުން ކަން އެނގެން ބޭނުން."

"ހަޔެއް." އޭނާ ބުންޏެވެ.

ސާލާރް ބޯޖަހައިލައިފައި ބުންޏެވެ. "އެންމެ ރަނގަޅު، ކޮބާ ސުވާލަކީ؟"

"952852 އާއި 267895 އެއްކޮށް، ދެން 399999 އިން ކަނޑައި އެއަށް 929292 އެއްކުރާނީ،" އަތުގައި އޮތް ގަނޑުގައި ލިޔެފައި އޮތް ސުވާލު އޭނާ ލަސްލަހުން ކިޔަމުން ދިޔައެވެ. "ދެން އަންނަ އަދަދު 6 ކާ ގުނަކޮށް ދޭކުން ގެއްލާނީ. އެ ޖަވާބަށް 492359 އެއްކުރާނީ، އޭގެ ހަތަރުބައިކުޅަ އެއްބަޔަށްވާނީ ކިހާވަރެއް؟"

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ލިޔުންތެރިޔާގެ ތަޢާރަފުގަ އޮތްގޮތުން ފެންނަނީ ބަހުގެ ފުންނާބުއުސް ބޭކަނބަލެއް ކަމަށް. ޢެކަމަކު ހާދަ ގިނައޭ ފަރަންޖީ ލަފުޒުތައް?

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.