ހެއްވާ: ހުވަފެނުގެ ތަޢުބީރު

ހުވަފެނުގެ ތަޢުބީރަކީ މިހާރު ވަރަށް ވައިގައި ހިފާފައި އޮތް ކަމެކެވެ. ހުވަފެން ތަޢުބީރު ކުރުމަކީ ޢިލްމެކެވެ. އެ ޢިލްމު ލިބިގެން ހުރި މީހަކު ދިވެހިރާއްޖޭގައި ހުރި ކަމެއް އެނގިފައެއް ނެތެވެ. ބައެއް މަޖައްލާ ތަކުން ހުވަފެނުގެ ތަޢުބީރު ހުށަހަޅައި ދެނީ އެ ފަންނުގެ ޢިލްމުވެރިން ލިޔުއްވާފައި ހުންނަ ފޮތް ފޮތުން ބަލައިގެންނެވެ. އެއީ އެކަން ކުރެވޭން އޮތް ގޮތްވެސް މެއެވެ.

ފާތުންއަކީ ހުވަފެނުގެ ތަޢުބީރަށް ވަރަށް ބޮޑަށް ލެނބިފައި ހުންނަ މީހެކެވެ. ހުވަފެނުގެ ތަޢުބީރު ގެނެސްދޭ މަޖައްލާ ތަކުން ތަޢުބީރު ގެެނެސް ދިނުމަށް ފަހު އޭގެ މައްޗަށް ދިރިއުޅުން ބިނާ ނުކުރުމަށް އެދިފައި ހުރެއެވެ. އެ އެދުމަށް ބޯ ލަނބަނީ ބައެއް މީހުންނެވެ. ބައެއް މީހުން ތަޢުބީރަށް ވަރަށް ބޮޑަށް އިތުބާރު ކުރެއެވެ. ފާތުންއަކީ މި ދެންނެވި ބައިގައި ހިމެނޭ މީހެކެވެ.   

ފިރިމީހާ އަށް ކޮންމެވެސް ހުވަފެނެއްގެ ވާހަކަ ކިޔައި ނުދޭ ދުވަހެއް ވަރަށް މަދު ވާނެއެވެ. ބައެއް ދުވަސް ދުވަހު ދެތިން ހުވަފެން ފެންނަ ކަމަށްވެސް ބުނެއެވެ. އަދި ބައެއް ފަހަރަށް ސިލްސިލާ ހުވަފެންވެސް ފާތުންއަށް ފެނެއެވެ. ސިލްސިލާ ހުވަފެނޭ މި ދެންނެވީ ޓީވީން އެ ދައްކާ ސިލްސިލާ ފިލްމު ކަހަލަ ހުވަފެނުގެ ވާހަކައެވެ. އެއް ރެއަކުން އެ ފިލްމެއް ނުނިމެއެއް ނޫންތޯއެވެ؟ ފާތުންގެ ހުވަފެންވެސް އެއް ރެއަކުން ނުނިމެއެވެ. އެއްރޭ ފެންނަ ބަޔަކާ ގުޅޭ ބައި އަނެއް ރޭ ފެނެއެވެ.

ފާތުން ކޮންމެެހެން ބޭނުންވާ ބައެއް އެއްޗެހީގެ ވާހަކަ ބުނާންވެސް ހުވަފެނުގެ ބޭނުން ކުރެއެވެ. އެއް ދުވަހަކު ހެނދުނު ފިރިމީހާ އޮފީހަށް ދާން ނުކުންނާން އުޅެނިކޮށް ރޭ ފެނުނު ހުވަފެނެއްގެ ވާހަކަ ފާތުން ކިޔައި ދިނެވެ.

"އަހަންނަށް ރޭ ހުވަފެނުގައި ފެންނަނީ ސަޢީދު އަހަރެންގެ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ވަރަށް އަގު ބޮޑު ހާރެއް ގެނެސްދޭތަން- މި ހުވަފެނުގެ ތަޢުބީރަކީ ކޮބާ-؟"

އެ ދުވަަހަކީ ފާތުންގެ އުފަން ދުވަހެވެ. އެހެންވީމާ އޭނާ އެ ދުވަހު ބޭނުންވީ އަގު ބޮޑު ހާރެކެވެ.

"ތިޔަ ހުވަފެނުގެ ތަޢުބީރު ހަވީރު އެނގިދާނެ- އަހަރެން އޮފީހުން އަންނާނީ ތަޢުބީރު ހޯދައިގެން-" ފިރިމީހާ ހިތްހެޔޮ ކަމާއެކު ހިނިތުންވެލިއެވެ.

ފާތުން ހުރީ ވަރަށް އުފަލުންނެވެ. އޭނާގެ ފިރިމީހާ އަކީ ވަރަށް ރަނގަޅު މީހެކެވެ. އޭނާގެ ބޭނުމެއް ފުއްދައިދޭން ކިތަންމެ ބޮޑު ޚަރަދެއްވެސް ކޮށްފާނެއެވެ. އޭނާއަށް ފެންނަ ހުވަފެނުގެ ވާހަކަ ކިޔައި ދިނީމާ އެ ހުވަފެން ހަގީގަތަކަށް ހަދައިދޭން ވަރަށް ބޮޑެތި ބުރަވެސް އުފުލާފައި އެބަ ހުއްޓެވެ. އޭގެ ތެރޭގައި ބައެއް ފަހަރަށް ވަރަށް ބޮޑެތި ޚަރަދު ހިނގާ ކަހަލަ ކަންތައްތައް ކުރުންވެސް ހިމެނެ އެވެ. އެއީ ދުރު ދަތުރު ކުރުން ފަދަ ކަންތައްތަކެވެ.

ފިރިމީހާ ހަވީރު ގެއަށް އައީ ޕާރުސަލެއް ހިފައިގެންނެވެ. ފާތުން ދުވެފައި ގޮސް އެ ޕާރުސަލު އަތުލައިފިއެވެ. އެއީ އޭނާގެ ހުވަފެނުގެ ތަޢުބީރުކަން އޭނާއަށް ކަށަވަރެވެ. އަވަހަށް ދުވެފައި ގޮސް ވަނީ ކޮޓަރިއަށެވެ. ފިރިމީހާވެސް ފަހަތުން އައިސް ކޮޓަރިއަށް ވަދެއްޖެއެވެ.

ފާތުން އަވަސް އަވަހަށް ޕާރުސަލު ކަނޑައިލިއެވެ. އެތެރޭގައި އޮތީ ހުވަފެނުގެ ތަޢުބީރު ފޮތެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.