ރޯދަމަޖާ: ހިންޏަށް އޮޅުވައިލުން

ހެލިކޮޕްޓަރު

މީހަކު އޭނާގެ ރަޙްމަތްތެރިއަކަށް ފޯނުކޮށްފައި ބުންޏެވެ. "އޭތް- ހިނގާ ކޮންމެވެސް ތަނަކަށް ކާލަން ދަމާ-"

ރަޙްމަތްތެރިޔާ ބުންޏެވެ. "މިރޭ ދެވޭކަށް ނެތް- މިއުޅެނީ އަންހެނުން ގޮވައިގެން ބައިސްކޯފަށް ދާން-"

އޭނާ އަހައިލިއެވެ. "ދަނީ ކާރުގައިތަ-؟"

ރަޙްމަތްތެރިޔާ ބުންޏެވެ. "ނޫނޭ- ދަނީ ހެލިކޮޕްޓަރެއްގައި-"

އޭނާ ބުނެލިއެވެ. "ބަލަ އަދި ކޮންމެ ކޮންމެ މީހަކަށް ބޭނުން ކުރެވޭ ގޮތަކަށް ހުންނަ ހެލިކޮޕްޓަރެއް އަދި އީޖާދެއް ނުކުރެއެއްނު-؟"

ރަޙްމަތްތެރިޔާ ބުންޏެވެ. "އަހަރެންގެ އަންހެނުން ބައިސްކޯފަށް ދާން ތައްޔާރު ވަނީ- އޭނާ ތައްޔާރުވެ ނިމެންވާއިރަށް ތިޔަ ބުނާ ކަހަލަ ހެލިކޮޕްޓަރުވެސް އީޖާދުކޮށްފާނެ-"

ނޯކަރު ވަޒީފާ ދޫކޮށްލުން

އަނބިމީހާ، ފިރިމީހާއާ ދިމާއަށް ބުންޏެވެ. "މިއަދު ހެނދުނު ނޯކަރާ ދިމާއަށް ފޯނުން އެއްޗެހި ކިޔުއްވީމާ އޭނާ ރުޅި އައިސްގެން ވަޒީފާ ދޫކޮށްލާފައި ހިނގައްޖެ-"

ފިރިމީހާ ބުންޏެވެ. "ކިހައި ދެރަކަމެއް-؟ އަހަރެން ހީކުރީ ފޯނުން ވާހަކަދެއްކީ ކަލޭކަމަށް-"

އަންހެނުން ރުޅިއައުން

މީހަކު ކޮންމެ ރެއަކު އޭނާގެ ރައްޓެހިންނާއެކު ތާސް ކުޅެން ހުރެފައި ގަޑިން އެގާރަ ޖެހުމާއެކު ގެއަށް ދެއެވެ. ރައްޓެހިން ކިތަންމެ ވަރަކަށް ވާހަކަ ދައްކައި އާދޭސް ކުރިޔަސް އެގާރަ ޖެހުމަށްފަހު މަޑެއް ނުކުރެއެވެ. އަންހެނުން ރުޅި އަންނާނެއޭ ކިޔާފައި ދަނީއެވެ. އެއްރެއަކު ރައްޓެހިންގެ ތެރެއިން އެކަކު ސުވާލުކޮށްލިއެވެ.

"އަންހެނުން ރުޅި އައިސްގެން ކުރެވޭނެ މާ ބޮޑު ކަމެއް އޮންނާނެތަ-؟"

އޭނާ ބުންޏެވެ. "އާނ- އަހަރެން ލަސް ވެއްޖެއްޔާ އޭނާ ހަދާ ގޮތަކީ ފާރުގައި ފައިން ތަޅަން ފަށަނީ-"

ރައްޓެހިމީހާ ޙައިރާން ވެފައި އަހައިލިއެވެ. "ފާރުގައި ފައިން ތެޅީމާ ކަލޭ ކަންބޮޑުވާން ޖެހޭ ކަމަކީ ކޮބާ-؟"

އޭނާ ބުންޏެވެ. "ކަންބޮޑު ނުވާންވީ ކީއްވެގެން-؟ ފާރާއި އޭނާގެ ފަޔާ ދޭތެރޭ މެދުގައި އޮންނަނީ އަހަންނޭ-!"

ހިންޏަށް އޮޅުވައިލުން

އަޙްމަދު މަނިކާއި އިސްމާޢީލްފުޅަކީ ދެ ރަހްމަތްތެރީންނެވެ. އެއް ދުވަހަކު އަޙްމަދު މަނިކު އިސްމާޢީލުފުޅާ ބައްދަލު ކޮށްލާން އޭނާގެ ގެއަށް ހިނގައްޖެއެވެ. އެއީ ހަވީރުގެ ވަގުތު ކަމަށް ވާތީ އިސްމާޢީލްފުޅު އުޅެނީ ސައިގެ ކަންތަކުގައެވެ. ގޭގައި އެހެން މީހަކު ނޫޅޭތީ އޭނާ ހުރިހައި ކަމެއް ކޮށް އުޅެނީ އަމިއްލަ އަށެވެ. ކެއްކުމާއި ގޭތެރެ ފޮޅައި ސާފު ކުރުމާއި ބާޒާރު ކުރުމާއި މިހެން ގޮސް ހުރިހައި ކަމެއް ކުރަނީ އަމިއްލަ އަށެވެ.

އަޙްމަދު މަނިކު އައީމާ އިސްމާޢީލުފުޅު ވަރަށް އުފާ ކުރިއެވެ. "ތިޔަ އައީ ހަމަ ބަރާބަރު ގަޑިއަށް- މިއީ ހަވީރުގެ ސައި ގަޑި- އަވަހަށް އިށީނދޭ- މިއަދު ދާން ވާނީ ސައި ބޮއިގެން-"

އަޙްމަދު މަނިކު އިށީނދެއްޖެއެވެ. "އިސްމާޢީލްފުޅާ- އަދިވެސް ތިޔަ އެކަނިވެރިކަން ފިލާނޭ ގޮތެއް ހަދާކަށް ނޫޅެންތަ-؟"

އިސްމާޢީލުފުޅު ހިތާމަވެރި ރާގަކަށް ބުނެލިއެވެ. "މީހަކާ އިނީ އެކަނިވެރިކަން ފިލާނޭ ކަމަށް ހިތާ- އެކަމަކު މީހަކާ އިނދެގެން އުޅުނު އިރު އެކަނިވެރިކަން އިޙްސާސް ކުރެވުނީ މާ ބޮޑަށް- އެހެންވީމާ މިހާރު ތިޔަ ކަހަލަ ޚިޔާލެއް ނުކުރަން-"

ވާހަކަ ދައްކަމުން ދިޔަ އިރު އިސްމާޢީލުފުޅު ދިޔައީ ސައި ހެދުމުގެ މަސައްކަތް ވެސް ހިންގަމުންނެވެ. ކުއްލިއަކަށް އަޙްމަދު މަނިކަށް ފެނުނީ އިސްމާޢީލުފުޅު ސައި ތަށްޓައް ލޮނު އެޅި ތަނެވެ.

"ބަލަ އިސްމާޢީލްފުޅާ- ސައި ތަށްޓައް ތިޔަ އަޅަނީ ލޮނެއްނު-؟"

އިސްމާޢީލުފުޅު ބުނެލިއެވެ. "މިއީ ލޮނެއް ނޫން- މިއީ ހަކުރު-"

އަޙްމަދު މަނިކު ބުންޏެވެ. "ބަލަ އަހަރެން މިއީ ކަނު މީހަކަށް ހަދަނީތަ-؟ ތިޔަ ދަޅުގެ ބޭރުގައި ބޮޑު އަކުރުން އެއޮތީ ލޮނޭ ޖަހާފައެއްނު-؟"

އިސްމާޢީލުފުޅު ހީނލާފައި ބުންޏެވެ. "މި ގޭގައި ވަރަށް ހިނި ގިނަ ވާނެ- އެހެންވީމާ ހިންޏަށް އޮޅުވާލަން ވެގެން ހަކުރު ދަޅުގެ ބޭރުގައި ލޮނޭ ޖަހާލީ-!"

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.