ލަންކާގެ ސަލާމަތީ ބާރުތަކުގެ އިސް މަގާމުތަކަށް ބަދަލު ގެންނަނީ

އާދީއްތަ ދުވަހު ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު ސަލާމަތީ ބާރުތަކުގެ މަތީ މަގާމުތަކަށް ކުރިއަށް 24 ގަޑި އިރުތެރޭ ބަދަލު ގެންނަވާނެ ކަމަށް ސްރީ ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާ ވައުދުވެ ވަޑައިގެންފިއެވެ. އަންގާރަ ދުވަހުގެ ރޭ ރައީސް ސިރިސޭނާ ވިދާޅުވީ ލަންކާއަށް ދިން ބޮމުގެ ޙަމަލާގެ އިންޓެލިޖެންސް މައުލޫމާތު އެމަނިކުފާނާ ހިއްސާކުރައްވާފައިވާ ނުވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް 24ގަޑިއިރު ތެރޭ އެ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ލަންކާގެ އެކި ފައްޅިތަކާއި ހޮޓެލްތަކުގައި ދިން ބޮމުގެ ހަމަލާގައި 321 މީހުން މަރުވެ 500 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

އަންގާރަ ދުވަހުގެ ރޭ ޓީވީ މެދުވެރިކޮށް ގައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސިރިސޭނާ ވިދާޅުވީ ކުރިއަށް ހަފުތާ ތެރޭގައި ފުލުހާއި ސަލާމަތީ ބާރުތައް އަލުން ތަރުތީބު ކުރައްވާނެ ކަމަށެވެ.

"ބޭރު ގައުމަކުން ލިބިފައިވާ އިންޓެލިޖެންސް ރިޕޯޓު ސަލާމަތީ ބާރުތަކުގެ އޮފިޝަލުން އަހަންނާއި ހިއްސާކޮށްފައެއް ނުވޭ. މި އޮފިޝަލުންނާ ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅަން ގަސްދުކުރަން،" ސިރިސޭނާ ވިދާޅުވިއެވެ.

މި ހަމަލާ އާއި ގުޅިގެން މީޑީއާ އާއި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ މި ހަމަލާ އާއި އިސްލާމިކް ސްޓޭޓާއި ގުޅުމެއް އޮތް ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ބޭރުގެ ނިރުބަވެރި ގުރޫޕުތަކާއި ގުޅުމެއް ނެތި އެފަދަ ހަމަލާއެއް ނުދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބޮޑުވަޒީރު މިހެން ވިދާޅުވެފައިވަނިކޮށް އިސްލާމިކް ސްޓޭޓުން ވަނީ މި ހަމަލާގެ ޒިއްމާ އުފުލާފައެވެ. ނަމަވެސް އަދި މިހައިތަނަށް އެކަމާ ގުޅޭ އެއްވެސް ހެއްކެއް ދައްކާފައި ނުވެއެވެ.

އެތައް ބައެއްގެ ފުރާނަ މި ދުނިޔެ އާއި ވަކިވި ހަމަލާގެ އިންޒާރު ސަލާމަތީ ބާރުތަކަށް ކުރީން ލިބިފައިވީ ނަމަވެސް އެކަން ރައީސާއި ހިއްސާކުރައްވާފައި ނުވުމަކީ ލަދުވެތި ކަމެއްގެ ގޮތުގައި މީޑިއާއިން ދަނީ ސިފަކުރަމުންނެވެ. އައި.އެސ. އިން ހަމަލާގެ ޒިއްމާ ނަގާފައިވުމާއެކު ލަންކާ މިހާރުވަނީ މީގެ ކުރީން ތަޖުރިބާކޮށްފައިނުވާ ފަދަ ހާލަތެއްގައި ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ލަންކާގެ ކަމާބެހޭ ފަރާތްތަކުން ދަނީ ބިމުގެ ހަމަލާ ދިނުމަށް ޖާނުން ފިދާވި ޒުވާނުންނާއި އައި.އެސް އާއި ގުޅުމެއް އޮތްތޯ ބަލަމުންނެވެ.

ބޭރުގެ ޖަމާއަތަކާއި އޮތް ގުޅުން

އަންގާރަ ދުވަހު ލަންކާގައި ދިން ނިރުބަވެރި ހަމަލާއަކީ ލަންކާގެ އިސްލާމިސްޓް ގުރޫޕެއް ކަމުގައިވާ ނޭޝަނަލް ތައުޙީދު ޖަމާއަތް (އެން.ޓީ.ޖޭ) އިން ދިން ހަމަލާއެއް ކަމަށް ލަންކާ ސަރުކާރުން ތުހުމަތު ކުރެއެވެ. ނަމަވެސް ހަމައެކަނި ލަންކާ މީހުންނަށް މިފަދަ ހަމަލާއެއް ނުދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ގުރޫޕުތަކަށް ތަމްރީނު ދީފައިވާ ކަމަށާއި އަދި ހަމަލާ ކުރިން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަލާއާއި ގުޅުންހުރި 40 މީހަކު ވަނީ ލަންކާއިން ހައްޔަރުކޮށްފައެވެ. މި 40 މީހުންނަކީ ވެސް ލަންކާގެ ރައްޔިތުންނެވެ. އަދިވެސް ދީފާނެ އިތުރު ހަމަލާތަކުން ރައްކާތެރި ވުމަށް އާދީއްތަ ދުވަހުގެ ރެއިން ފެށިގެން ކުއްލި ހާލަތުވެސް ވަނީ އިއުލާން ކޮށްފައެވެ.

އާދީއްތަ ދުވަހުގެ ހަމަލާދީފައިވަނީ ކްރިސްޓިއަނުންގެ ދީނީ މުނާސަބަތަކާއި ދިމާކޮށެވެ. ހަމަލާދީފައިވަނީ ލަންކާގެ ވެރިރަށް ކޮޅުނބުގައި އަޅުކަމަށް މީހުން ޖަމާވެފައިވަނިކޮށް ތިން ފައްޅި އާއި ބޮޑު ތިން ހޮޓަލެއްގައި އެކުއެކީގައެވެ. ގޮވާ ތަކެއްޗާއެކު ފިދާއީން އަދިވެސް ދޫވެފައި ތިބުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ހަމަލާގެ ފަހަތުގައި ވަނީ ކޮންބައެއް؟

އައި.އެސްގެ ނޫހެއް ކަމުގައިވާ އަމަގް އިން ބުނެފައިވާ ގޮތުގައި އެ ޖަމާއަތުން ހަމަލާ އަމާޒުކޮށްފައިވަނީ ޞަލީބީންނާއި ލަންކާގައި އުޅޭ ކްރިސްޓިއަނުންނަށެވެ. ނަމަވެސް މިކަމާ ގުޅޭ އެއްވެސް ހެއްކެއް ހިއްސާކޮށްފައި ނުވާއިރު ހަމަލާގެ ފަހަތުގައި ތިބި މީޙުން ކަމަށް ބުނެ 8 މީޙަކު ހިމެނޭ ފޮޓޯއެއް ހިއްސާކޮށްފައިވެއެވެ.

ލަންކާގެ ދިފާޢީ ވަޒީރު ރުވާން ވިޖޭވަރްދަނާ ވަނީ ނެޝެނަލް ތައުހީދު ޖަމާއަތާއި ހައްދު ފަހަނައަޅާފައިވާ އެހެން ޖަމާއަތަކާއި ގުޅުން އޮންނަ ކަމުގެ މައުލޫމާތު ލަންކާގެ ގާނޫނު ހަދާ މަޖިލީހާ ހިއްސާކުރައްވާފައެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ހިއްސާކުރައްވާފައެއް ނުވެއެވެ. އަދި މި ހަމަލާ އާއި ކްރައިސްޗަރޗް ގެ މިސްކިތްތަކަށް ދިން ހަމަލާއާއި ގުޅުމެއް އޮތް ކަމަށް ތަހުގީގުން އެނގިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް އެކަން އަދި ކަށަވަރު ވެފައެއް ނުވެއެވެ.

މީގެ ކުރީން ނެޝެނަލް ތައުހީދު ޖަމާއަތުން މިފަދަ ބޮޑު ހަމަލާއެއް ދީފައިނުވެއެވެ. ނަމަވެސް މިދިޔަ އަހަރު ބުދުތަކަކަށް ގެއްލުން ދީފައިވާ ކަމުގެ ތުހުމަތު މި ޖަމާއަތަށް ވަނީ ކުރެވިފައެވެ.

ހަމަލާގެ އިންޒާރު ކުރީން ދީފައިވާ އިރު އެކަމަށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅާފައިނުވާ ކަމަށް ބުނެ ލަންކާ ސަރުކާރަށް އެއް ބަޔަކު ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އިންޒާރުގެ މައުލޫމާތު ބޮޑުވަޒީރާއި ވަޒީރުންގެ މަޖިލީހާއި ހިއްސާކޮށްފައި ނުވި ކަމުގައި ވިޔަސް ސަލާމަތީ ބާރުތަކުން ނެޝަނަލް ތައުހީދު ޖަމާއަތުގެ ހަރަކާތްތައް ގާތުން ބަލަމުން ގެންދިޔަ ކަމަށް  އެފަރާތުން ވަނީ ބުނެފައެވެ.

ހަމަލާގެ ޝިކާރައަކަށްވީ ކޮންބައެއް؟

ޓެރަރިސްޓު ހަމަލާގައި މަރުވި މީހުންގެ ފުރަތަމަ ބޮޑު ޖަނާޒާ ބާއްވާފައިވަނީ އަންގާރަ ދުވަހުއެވެ. އަންގާރަ ދުވަހަކީ ހަމަލާއާއި ގުޅިގެން ދުނިޔެ ދޫކުރި އެތައް ބައެއްގެ ހަނދާނުގައި ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ދުވަހެވެ.

ބޮމުގެ ހަމަލާގައި މަރުވި ގިނަ މީހުންނަކީ ސްރީ ލަންކާގެ ރައްޔިތުންނެވެ. މީގެ ތެރޭގައި ގިނައިން ހިމެނެނީ އާދީއްތަ ދުވަހު ފައްޅިއަށް ދިޔަ ކްރިސްޓިއަނުންނެވެ. ސަރުޚާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ބީބީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ލަންކާ މީހުންގެ އިތުރުން ބޭރުގެ 38 މީހަކު ވަނީ މަރުވެފައެވެ. އަދި ކޮން ބައެއްކަން ހޯދިފައިނުވާ އިތުރު 14 މީހަކު ހިމެނެއެވެ. އަދި އިނގިރޭސިވިލާތުގެ 8 މީހަކާއި އިންޑިއާގެ 11 ރައްޔިތަކުވެސް ވަނީ މަރުވެފައެވެ.

މަރުވި މީހުންގެ ތެރެއިން 30 މީހެއްގެ ބޮޑު ޖަނާޒާ ބާއްވާފައިވަނީ ނިގަންބޯ ގައި ހުންނަ އެސްޓީ. ސެބޭސްޝިއަން ފައްޅީގައެވެ. މި ފައްޅި އަކީ އާދީއްތަ ދުވަހުގެ ހަމަލާ އަމާޒުކުރެވުނު އެއް ފައްޅިއެވެ.

އާދީއްތަ ދުވަހުގެ ހަމަލާގެ ފުރަތަމަ 6 ބޮން ގޮއްވާލާފައިވަނީ އެ ދުވަހުގެ ހެނދުނު 8:30 ގައެވެ. އަންގާރަ ދުވަހުގެ 8:30 ގައި ލަންކާގައި ވަނީ ސުކޫތުގެ ވަގުތުކޮޅެއް ގެނެސްފައެވެ.

ނޯޓު: މި ޚަބަރު ނަގާފައިވަނީ ބީބީސީ އިންނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.