އައިސިސް އާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ 140 މީހަކު ހޯދަނީ: ރައީސް ސިރިސޭނާ

ސްރީ ލަންކާގައި އައިސިސް އާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ 130-140 މީހަކު އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ރައީސް މައިތިރިޕާލަ ސިރިސޭނާ ވިދާޅުވެއްޖެއެވެ. މީޑިއާ އާއި މައުލޫމާތު ހިއްސާކުރައްވަމުން ހުކުރު ދުވަހު ސިރިސޭނާ ވިދާޅުވީ މީގެ ތެރެއިން 70 މީހުން މިހާރު ހައްޔަރު ކުރެވިފައިވާ ކަމަށެވެ. އަދި ބާކީ ތިބި މީހުން ވަރަށް އަވަހަށް ހައްޔަރު ކޮށް ހަމަލާތަކަށް ނިމުމެއް ގެންނަވާނެ ކަމަށް ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސިރިސޭނާ ވިދާޅުވީ 2013ވަނަ އަހަރުން ފެށިގެން ބައެއް ޒުވާނުންނާ އައިސިސް ޖަމާއަތާ ގުޅުން އޮތް ކަން އެނގިފައިވާ ކަަމަށެވެ. އަދި ދިފާޢީ ބާރުގެ އިސްވެރިންނާއި ފުލުހުންގެ އިސްވެރީން އާދީއްތަ ދުވަހުގެ ޙަމަލާގެ މައުލޫމާތު ކުރިން ލިބިފައިވީ ނަމަވެސް އެމަނިކުފާނާ ހިއްސާކުރައްވާފައި ނުވާ ކަަމަށެވެ. އަދި ސަރުކާރުން އިންޓެލިޖެންސްގެ ނިޒާމު ބަލިކަށި ކުރައްވާފައިވާ ކަމަށް ވިދާޅުވެ ހަމަލާ ދެވުނީ ސަރުކާރުގެ އިހުމާޅުންކަމަށް ތުހުމަތު ކުރެއްވިއެވެ. 

މަސްތުވާ ތަކެއްޗާ ދެކޮޅަށް އެމަނިކުފާނު ފަށާފައިވާ ކެންޕޭނަކީ އާދީއްތަ ދުވަހުގެ ހަމަލާގެ ސަބަބެއް ކަމަށް ވެދާނެ ކަމަށްވެސް އެމަނިކުފާނު ތުހުމަތު ކުރައްވައެވެ. އަދި 'ޑްރަގް މާފިއާ' އާއި ޓެރަރިޒަމާއި ގުޅިފައިވާ ކަމަށް ވިދާޅުވިއެވެ.

އާދީއްތަ ދުވަހުގެ ޙަމަލާ އާއި ގުޅިގެން ލަންކާގައި ސޯޝަލްމީޑިއާ ބޭނުން ކުރުން ވަނީ ހިފަހައްޓާފައެވެ. ސިރިސޭނާ ވިދާޅުވީ މިއަދު އެ ނިންމުން ބާތިލުކުރައްވަން ނިންމަވާފައިވީ ނަމަވެސް ބުރާސްފަތި ދުވަހު ވަރަށް ބޮޑަށް ދޮގު މައުލޫމާތު ފަތުރާފައިވާތީ މިހާރު އެކަމާ ދޭތެރޭ އަލުން ވިސްނަވަމުން ގެންދަވާ ކަމަށެވެ. އަދި މިއަދު ސޯޝަލްމީޑިއާ ޕްލެޓްފޯމު ތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ދޮގު މައުލޫމާތު ފެތުރުން ކޮންޓްރޯލު ނުކުރެވޭ ނަމަ ސޯޝަލްމީީޑިއާ އެއްކޮށް ބަންދުކުރައްވާނެ ކަމަށް ވެސް ސިރިސޭނާ ވިދާޅުވިއެެެވެ.

އާދީއްތަ ދުވަހު ޖާނު ގޮއްވާލައިގެން ދިން ހަމަލާގެ މޭސްތިރި އަކީ ލަންކާގެ މުސްލިމް ޖަމާއަތެެއް ކަމަށްވާ ނެޝެނަލް ތައުހީދު ޖަމާއަތުގެ އިސްވެރިޔާ މުޙައްމަދު ޒަހްރާން އެވެ. އޭނާ މަރުވި ކަމެއް ނުވަތަ ނޫން ކަން މީގެ ކުރިން ކަށަވަރު ކުރެވިފައި ނުވެއެވެ. ނަމަވެސް މިއަދު ލަންކާގެ މިލިޓަރީ އިންޓެލިޖެންސް ގެ ޑިރެކްޓަރު ވަނީ އޭނާ މަރުވެފައިވާ ކަން ކަށަވަރުކޮށްދެއްވާފައެވެ. މިލިޓަރީ އިންެޓެލިޖެންސްގެ ޑިރެކްޓަރު ވިދާޅުވި ގޮތުގައި ޒަހްރާން މަރުވެފައިވަނީ ޝަންގްރިއްލާ ހޮޓެލް ގައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.