އިންޑިއަން އެއާރފޯސްގެ މިގް 21 މަރުކާގެ ހަނގުރާމަމަތީ ޖެޓެއް ހުކުރު ދުވަހު ޕާކިސްތާން ސަރަހައްދާ ކައިރިއަށް ވެއްޓިއްޖެއެވެ. މިފަހަރު ޖެޓު ވެއްޓުނީ ޕާކިސްތާނުން ދިން ވައިގެ ހަމަލާއެއްގައެއް ނޫނެވެ. އުދުހިފައިދިޔަ ދޫންޏެއްގައި ޖެހިފައެވެ.
ޖެޓު ވެއްޓި ފުނޑުފުނޑުވުމުގެ ކުރިން ޕައިލެޓު މީހާ ވައިކުޑައިގައި ފުންމާލުމުން އޭނާގެ ފުރާނަ ވަނީ ސަލާމަތްވެފައެވެ.
އިންޑިއަން އެއާރފޯސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖެޓު ވެއްޓުނީ ނައްޓާލި ވަގުތު ދޫންޏެއްގައި ޖެހިގެންނެވެ. ޖެޓު ވެއްޓުނީ ރާޖިސްތާނުގެ އަވަށަކަށެވެ.
އުދުހޭ ބޯޓުތައް ރަންވޭގައި ދުއްވާފައި ގޮސް މައްޗަށް އަރައިގެންދާ ވަގުތު ދޫނިތައް އިންޖީނުގެ ތެރެއަށް ވަދެގެން ދިއުމުގެ ސަބަބުން ނުރައްކާތެރި އެކުސިޑެންޓުތައް މީގެ ކުރިން ވެސް އެކި ގައުމުތަކުގައި ހިނގާފައިވެއެވެ.
ރަޝިޔާގައި އުފައްދާފައިވާ "މިގް" މަރުކާގެ ޖެޓުތަކުގެ ތެރެއިން އިންޑިއާގައި ބޭނުންކުރަމުންދާ ވަރަށް ގިނަ ޖެޓުތައް ފާއިތުވި ފަސް އަހަރުދުވަހުގެ ތެރޭގައި އެކިއެކި ސަބަބުތައް ދިމާވެގެން ވެއްޓި ހަލާކުވެފައިވެއެވެ.
ދޫންޏެއްގައި ޖެހިގެން މިގް 21 ގެ ޖެޓެއް ހުކުރުދުވަހު ވެއްޓި ކުދިކުދިވެގެންދިއުމުގެ ކުރިން މިދިޔަ މަހު ވަނީ އިންޑިއާގައި މިހާތަނަށް އުފެއްދި އެންމެ ބާރަށް ދުވާ ރޭލު ގެރިއެއްގައި ޖެހުމުގެ ސަބަބުން ބުރަކި ހަލާކުވެ ދަތުރުތައް ހުއްޓާލަންޖެހިފައެވެ.
ގަޑިއަކު 110 ކިލޯމީޓަރަށް ދުވާނެކަމަށް ބެލެވޭ ރޭލުގެ ފުރަތަމަ ދަތުރުގައި ގެރިއެއްގައި ޖެހި ރޭލަށް ގެއްލުންތަކެއް ލިބުމާ ގުޅިގެން ރޭލުގެ އާއްމު ދަތުތައް ވަނީ ހުއްޓާލާފައެވެ. ކުލަގަދަ ރަސްމިއްޔާތެއްގައި ރޭލުގެ ދަތުރުތައް ފައްޓަވައިދެއްވީ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. ގެރިއެއްގައި ޖެހުމުގެ ސަބަބުން ރޭލުގެ ދަތުރުތައް ހުއްޓާލަންޖެހުނީ ރަސްމީ ގޮތުން ދަތުރުތައް ފެށިދުވަހުއެވެ.
Geri boduvazeeruge geri