ދިވެހިބަހުގެ ޤައުމީ ސިޔާސަތެއް ކަނޑައަޅަންޖެހޭ: ރައީސް

މިރޭގެ ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވާހަކަފުޅު ދައްކަވަނީ: ފޮޓޯ ރައީސް އޮފީސް

ދިވެހިބަސް ދިރުވައި އާލާކުރުމަށްޓަކައި ދިވެހިބަހުގެ ޤައުމީ ސިޔާސަތެއް ކަނޑައެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ދަރުބާރުގޭގައި ބޭއްވި ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި ބަހަށް އިސްކަން ދިނުމަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއް ކަމަށެވެ. ޚާއްސަކޮށް ދިވެހި ބަހުން ލިޔާ ލިޔުންތައް، ބަހުގެ ޤަވާޢިދާއި ހަމަތަކާ އެއްގޮތަށް ލިޔުމަކީ، ވަރަށް މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެންމެގިނައިން ލިޔަނީ ނޫސްވެރިންނަށް ވުމުން ލިޔުމުގައި ދިވެހިބަހުގެ ޤަވާޢީދާ އެއްގޮތަށް ލިޔުއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ އެތަނެއްގެ ވެހި ބަސްބަހަކީ ވަރަށް އަގުބޮޑު މާނަވީ ތަރިކައެއްކަމަށާއި އެ ތަރިކަ ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ އެއިރެއްގައި އެ ތަނެއްގައި ދިރިއުޅޭ ބައެއްގެ ޒިންމާއެއް ކަމަށެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޒަމާނީ ޓެކްނޮލޮޖީއަށް ދިވެހިބަސް އަހުލުވެރިކުރުވުމަށާއި، އެކަމުގެ ފަންނީ މަސައްކަތްތަކަށް އެހީތެރިވެދޭން އެމަނިކުފާނުގެ މި ސަރުކާރުން  ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރަށް ބަސް ދިރުވައި އާލާކުރުމަށް މިހާރު ކުރެވިދާނެ މަސައްކަތްތަކާއި މުސްތަޤްބަލުގައި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ވެސް ރައީސް ވާހަކަފުޅު ދެއްކެވިއެވެ. "އަޅުގަނޑުމެންގެ ދިވެހި ޙަޟާރަތުގެ ޤަދީމީ އެވޭލާކަމާ މެދު ފަޚުރުވެރިވާ ފަދައިން، ދިވެހި ބަހާމެދުވެސް ފަޚުރުވެރިވާންޖެހޭނެ. ދިވެހި ދައުލަތް އެކި ޒަމާންތަކުން ފިރުކެމުން، މިޒަމާނަށް އައީ، ދިވެހި ބަސް ކޮނޑުއަޅައިގެން،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި ދައުލަތުގެ މުސްކުޅިކަމާމެދު އުފެދޭ ފަޚުރަކީ ދިވެހިބަހާ މެދު ކުރެވޭ އުފާވެރިކަމުގެ އިޙްސާސެއް ކަމުގައިވާންޖެހޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ އިންސާނުންނާއި ތަރައްޤީ ގުޅުވައިދޭ ފާލަމަކީ ވެސް އެބައެއްގެ މާދަރީ ބަސް ކަމަށާއި މުޖްތަމަޢުގެ ޞުލްޙަ މަސަލަސްކަން ދަމަހައްޓައިދީ އެބައެއްގެ މެދުގައި އެއްބައިވަންތަކަން ޤާއިމުކޮށްދެނީ ވެސް މާދަރީ ބަހުން ކަމަށެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.