ތާނަ ބްރައިލް ފުޅާކޮށް ގިނަބަޔަކަށް ދަސްކޮށްދިނުމަށް ރައީސް އެދިވަޑައިގެންފި

ތާނަ ބްރައިލް މިހާރަށްވުރެ ފުޅާކޮށް ވީހާވެސް ގިނަބަޔަކަށް އޭގެ ބޭނުން ހިފަން ދަސްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެދިވަޑައިގެންފިއެވެ.

ދުނިޔޭގެ މާދަރީބަހުގެ ދުވަސް ފާހާގަކުރުމަށް ބޭއްވި ރަސްމީޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއީ "ގިންތީގެ ތަފާތުތަކާއި މިންތީގެ ތަފާތަށް ބެލުމެއް ނެތި ޚިދުމަތް ދިނުމުގެ ސިޔާސަތުގެ ތެރެއިން، މި ސަރުކާރުން ތަރުޙީބު ދޭނެ ކަމެއް،" ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ތާނަ ބްރެއިލްއަކީ، ދިވެހިބަހުގެ އަދަބިއްޔާތުގެ އެކި "ވާދީތަކަށް ޒިޔާރަތްކުރުމަށް، ލޯފަން ކުދީންނަށް ލިބުނު މިސްރާބު ރަނގަޅު ސަވާރީއެއް،" ކަމަށެވެ. އޭގެ ސަބަބުން ދިވެހި ބަހުން ލިޔެފައި ހުންނަ ތަފާތު ލިޔުންތައް ކިޔުމުގެ ފުރުޞަތު ވީހާގިނަ ލޯފަން ކުދިންނަށް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މާދަރީ ބަހުގެ ދުވަހެއް ފާހަގަ ކުރުމަށް ޔުނެސްކޯއިން ކަނޑައެޅީ ވަރަށް މަތިވެރި މަޤްޞަދެއްގައި ކަމަށާއި އެއީ  ވަރަށް ގިނަ މާދަރީ ބަސްތަކާއި ވެހި ބަސްތައް މި ދުނިޔެ ދޫކޮށްފައިވާތީއާއި އޭގެ އިތުރަށް ބައެއް ބަސްބަސް ނެތިދާނެ ކަމުގެ ބިރު އުފެދިފައިވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކޮންމެ މުޖްތަމަޢަކާ ލާމެހިފައިވާ ވެހި ބަސްބަހަކީ ވަރަށް އަގުބޮޑު މާނަވީ ތަރިކައެއް. އެ ތަރިކަ ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ އެތަނެއްގައި ދިރިއުޅޭ ބައެއްގެ ޒިންމާއެއް. މާދަރީ ބަހުގެ ދުވަހެއް ފާހަގަ ކުރުމުގެ އަނެއް މަޤްޞަދަކީ، ގިނަބައްސަ ތަޢުލީމާއި ބަހަވީ ސިންދަފާތު، ޢާންމުކޮށް ފެތުރުމާއި ތަރައްޤީކުރުން. ސަބަބަކީ، ތަޢުލީމަކީ ތަރައްޤީގެ މައި ހަކަތަ ކަމަށްވެފައި، އެ ހަކަތަ ދަމަހައްޓައިދޭ ކާނާއަކީ، އެބަޔަކު މޮށެއުޅޭ މާދަރީ ބަސް ކަމުގައިވާތީ،" ރައީސް ވިދާޅުވިއެވެ.

ދިވެހިބަހުގެ އެހާ ޢާއްމު ނޫން ގިނަ ބަސްތައް ބޭނުން ކުރައްވައިގެން ރައީސް މި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެކައްޗަކީ ބަހަވީ ސިންދަފާތު (ޑައިވަރސިޓީ)   ކަމަށެވެ. އެހެންނަމަވެސް "ތަރައްޤީގެ ފަހަތުން އިންސާނުން ހޭރިޔާކުރާއިރު، ތަރައްޤީގެ މޯހިރަށް މާދަރީ ބަސް ދޫކޮށްލުމުގެ ސަބަބުން، ވަރަށް ގިނަ ބަސްބަހާއި ބަހުރުވަތައް މިހާރުވެސް ވަނީ، ނޭވާހޮޅިއަށް އެޅިފައި" ވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޔުނެސްކޯގެ "އެޓްލަސް އޮފް ދަ ވޯލްޑްސް ލޭންގުއޭޖްސް އިން ޑޭންޖަރ" އާ ޙަވާލާ ދެއްވައި ރައީސް ވިދަޅުވީ 2465 ބަހެއް މިހާރުވެސް ވަނީ ނެތިދިޔުމުގެ ނުރައްކަލާ ކުރިމަތިވެފައި ކަމަށާއި، 230 ބަހެއް ވަނީ، 1950 ވަނަ އަހަރާއި 2010 ވަނަ އަހަރާ ދެމެދު ނެތި ގޮސްފައި ކަމަށެވެ.

ރައީސް ވިދާޅުވީ އިންސާނުން ވާހަކަ ދައްކައި އުޅޭ ހަހާހަށްވުރެ ގިނަ ބަސްބަހުގެ ތެރެއިން ތަޢުލީމީ ނިޒާމާއި ޢާންމު ޚިދުމަތްތަކުގައި އަހަންމިއްޔަތުކަން ދެވެނީ، ވަރަށް މަދު ބަސްބަހަށް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ޑިޖިޓަލް ވިއުގައިގެ ތެރޭގައި ބޭނުންކުރެވެނީ 100 އަށް ވުރެވެސް މަދު ބަސް ކަމަށް ވިދާޅުވިއެވެ.

"ބަހެއް ދެމިއޮތުމުގެ އެންމެ މުހިންމު އެއް ވަސީލަތަކީ، އެ ބަހަކުން ލިޔެކިޔުމާއި، ލިޔެކިޔާން ބޭނުންކުރާ އަމިއްލަ އަކުރު. އިރާދަކުރެއްވީތީ، އަޅުގަނޑުމެންގެ މާދަރީ ބަހަކީ، އެ ދެ ނަސީބުވެސް ލިބިފައިވާ މުއްސަނދި ރީތި ބަހެއް،" ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.