އިންޑިއާގެ އަނިޔާއިންް ލިބެނީ ހިތްވަރު

އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ޕުލްވާމާ ސަރަހައްދުގައި ޢާދިލް އަޙްމަދު ޑާރު ދިން ޖާނުން ފިދާވުމުގެ ހަމާލާގެ ޒިއްމާ އުފުލަން ޖެހޭނީ އިންޑިއާގެ އަނިޔާވެރި ސިފައިންކަމުގައި ޢާދިލުގެ މައިންބަފައިން ބުނެފިއެވެ.

"އިންޑިއާ ސިފައިންގެ އަނިޔާ ލިބުނުފަހުން އޭނާގެ ހިތުގައި އިންޑިއާ ސިފައިންނާމެދު ނަފުރަތުގެ ޖަޒުބާތު އުފެދި ކެކެންފެށީ." އާދިލުގެ މައިންބަފައިން ބުންޏެވެ.

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު (ފެބުރުއަރީ 14 ވަނަ ދުވަހު) ކަޝްމީރުގެ ޕުލްވާމާ ސަރަހައްދުން ދަތުރުކޮށްފައި ދިޔަ ބަހަކަށް ދިން ޖާނުން ފިދާވުމުގެ ހާދިސާގައި އިންޑިއާ ސިފައިންގެ 42 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވިއެވެ. ގޮވާތަކެތި ކާރަކަށް ލައިގެން ދުއްވާފައި ގޮސް ބަހަށް ހަމަލާދީ ޖާނުން ފިދާވެގެން ދިޔައީ އެ ސަރަހައްދުގެ ޒުވާނެއްކަމުގައިވާ ޢާދިލް އަޙްމަދު ޑާރު އެވެ.

އެ ހަމަލާ ވެގެންދިޔައީ ފާއިތުވި 28 އަހަރުދުވަހުގެ ތެރޭގައި އިންޑިއާ ސިފައިންނާ ދެކޮޅަށް ދިން އެންމެ ގެއްލުން ބޮޑު ވަރުގަދަ ހަމަލާއަށެވެ.

ޢާދިލުގެ މައިންބަފައިން މީޑިއާއާ ވާހަކަދައްކަމުން ބުނި ގޮތުގައި އިންޑިއާގެ އަނިޔާވެރިކަމާއި ނުލަފާކަމުގެ ސަބަބުން ޒުވާނުން ދަނީ ހައްދުފަހަނައެޅުމާ ދިމާއަށެވެ.

"ގައު އުކުމުގެ ދޮގު އިލްޒާމު ބޮލުގައި އަޅުވައި އިންޑިއާގެ ސިފައިން ވަނީ ދަރިފުޅަށް އަނިޔާކޮށްފައި. އަދި އޭނާގެ އިއްޒަތާއި ހުރުމަތް ކަނޑާލި. އެކަމާ ގުޅިގެން އޭނާ އިންޑިއާ ސިފައިންނަށް ނަފުރަތު ކުރަން ފެށި."

ޢާދިލުގެ މަންމަ ފަހުމީދާ ބުނި ގޮތުގައި 2016 ވަނަ އަހަރު އިންޑިއާގެ ސިފައިން އޭނާގެ ދަރިފުޅާއި ސްކޫލްގެ އެހެން ކުދިބަޔަކު ހިފައި ހައްޔަރުކޮށް އަނިޔާކުރިއެވެ.

ޢާދިލުގެ ބައްޕަ ޣުލާމް ޑާރު ބުނި ގޮތުގައި އޭނާގެ ދަރިފުޅަކީ ވަރަށް ޒިއްމާދާރު ކުއްޖެކެވެ.

"މައިންބަފައިންނާއި އާއިލާގެ މީހުންނާމެދު އޭނާ އަބަދު ވެސް ޚިޔާލުކޮށް ހަދާނެ. ޖީބުގައި 10 ރުފިޔާ އޮތަސް އެއިން ފަސް ރުފިޔާ ދޭނެ. ގޭތެރޭގެ އެކިއެކި ކަންތައްތަކުގައި ވެސް ކުރިއަށް ނިކުމެ ބައިވެރިވާނެ." ޣުލާމް ޑާރު ދަރިފުޅަށް ތައުރީފުކޮށް ވާހަކަދެއްކިއެވެ.

ޢާދިލުގެ ބައްޕަ ބުނި ގޮތުގައި 2018 ވަނަ އަހަރުގެ މާޗު މަހު ޢާދިލަށް ވީނުވީ ގޮތެއް ނޭނގި ގެއްލުނެވެ.

"ތިން މަސް ވާނދެން އޭނާ ހޯދަން ކުރި މަސައްކަތުން ނަތީޖާއެއް ނުފެނުމުން ހުއްޓާލީ." އޭނާ ބުންޏެވެ. "އޭގެ ފަހުން މައުލޫމާތު ލިބުނީ މުޖާހިދަކަށް ވުމުގެ މަގު އޭނާ އިޚްތިޔާރުކުރިކަން."

ޢާދިލުގެ ބައްޕަ ބުނިގޮތުގައި ކަޝްމީރުގެ މައްސަލަ އިންޑިއާއިން ހައްލުކުރަންޖެހެނީ ވާހަކަދައްކައިގެންނެވެ. ހަތިޔާރުގެ ބޭނުންކޮށްގެނެއްނޫނެވެ.

އިންޑިއާގެ ސިފައިންނަށް ޖާނުން ފިދާވުމުގެ ހަމަލާދިން ޢާދިލް ވަނީ ހަމަލާދިނުމުގެ ކުރިން ކުރު ވީޑިއޯ މެސެޖެއް ތައްޔާރުކޮށްފައެވެ.

"މި ވީޑިއޯ ތިޔަބޭފުޅުންނާ ހަމަޔަށް ދިއުމުގެ ކުރިން އަޅުގަނޑަށް ސުވަރުގެއަށް ދެވޭނެ."

ޢާދިލު އޭނާގެ ވީޑިއޯ މެސެޖުގައި ބުނެފައިވަނީ މިއީ ކަޝްމީރުގެ ރައްޔިތުންނަށް އޭނާ ދޭ އެންމެ ފަހު މެސެޖުކަމަށެވެ.

"އިންޑިއާގެ ފައުޖުތަކުން ކަޝްމީރުގެ އަޚުންނަށް ކުރާ އަނިޔާއިން މުޖާހިދުންގެ ހިތްވަރު ދަނީ އިތުރަށް ވަރުގަދަވަމުން."

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.