ކަޝްމީރުގައި ހިނގި ކުރިމަތިލުުމެއްގައި ސަލާމަތީ ބާރުތަކުގެ ފަސް މީހުންނާއި ހަނގުރާމަވެރިންގެ 2 މީހުން މަރުވެއްޖެ

ކަޝްމީރުގައި ހިނގި ކުރިމަތިލުމުގައި މަރުވި އިންޑިޔާގެ ސަލާމަތީ ބާރުތަކުގެ ފަސް މީހުންނަށް ފަހުގެ އިހުތިރާމު އަދާކުރަނީ

ކަޝްމީރުގެ އިންޑިޔާ ފަޅީގައި ބަދަލުކުރެވުނު ހަމަލާތަކެއްގައި އިންޑިޔާގެ ސަލާމަތީ ބާރުތަކުގެ 5 މީހުންނާއި، ހަނގުރާމަވެރިންގެ 2 މީހުން މަރުވެއްޖެއެވެ.

ރަސްމީ ފަރާތްތަކުން ޚަބަރުފަތުރާ ވަސީލަތްތަކަަށް މައުލޫމާތު ދިން ގޮތުގަައި އިންޑިޔާގެ ކަޝްމީރުގެ ހުޅަނގު ދެކުނުގެ ހަންދްވާޅާގެ ގެއެއްގައި ރަހީނުކޮށްފައި ތިބި ބަޔަކު ސަލާމަތްކުރަން ސަލާމަތީ ބާރުތަކުން ކުރި މަސައްކަތުގައި އެގޭގައި  ރަހީނުވެފައިތިބި "އާއްމުން ވަނީ ކާމިޔާބުކަމާއެކު ނެރެވިފައެވެ."

ރަހީނުން ސަލަމާތްކުރަން އެގެއަށް ހަމަލާ ދިން ޓީމުގައި ހިމެނެނީ ސިފައިންނާއި ފުލުހުންގެ ފަސްް މީހުންނެވެ. 13 ގަޑި އިރަށް ދެމިގެންދިޔަ ހަމަލާތަކުގައި ރަހީނުން ސަލާމަތްކުރަން މަސައްކަތްކުރި އަސްކަރީ ޓީމުގައި ހިމެނޭ ފަސް މީހުންވެސް ވަނީ މަރުވެފައެވެ. އަދި ހަނގުރާމަވެރިންގެ 2 މީހަކު ވެސް ވަނީ މަރުވެފައެވެ. މި ކުރިމަތިލުމުގައި މަރުވި މީހުންގެ ތެރޭގައި އިންޑިޔާގެ އެެއްގަމުން ސިފައިންގެ ކާނަލް އަދި މޭޖާ ދަރަޖައިގެ ދެ އޮފިސަރުން ވެސް ހިމެނެއެެވެ. ދެން ހިމެނެނީ އާދައިގެ ސިފައިންގެ ދެމީހުންނާއި، ފުލުސް އޮފިސަރެކެވެ.

އެ ގެއިން ސަލާމަތްކުރެވުނު އާއްމުންގެ އަދަދު ސަރުކާރުން ހާމަކޮށްފައި ނުވާއިރު، އެމީހުން ރަހީނުކުރުމުގެ ޒިންމާ އެއްވެސް ހަނގުރާމަވެރި ޖަމާއަތަކުން އުފުލާފައި ނުވެއެވެ. އަދި ބަޔަކު ރަހީނުކުރިކަންވެސް މިނިވަން މަސްދަރަކުން ކަށަވަރުކޮށްދީފައި ނުވެއެވެ.

ނަން ހާމަކުރަން ބޭނުންނުވާ ފުލުހުސް އޮފިސަރަކު ބޭރުގެ ބައެއް ނޫސްތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ ގެއަށް ދިން ހަމަލާގައި ބައިވެރިވި ސަލާމަތީ ބާރުތަކުގެ ފަސް މީހުންނަށް ދިން ވަރުގަދަ ބަޑީގެ ހަމަލާއިގައި އެމީހުން މަރުވުމާއެކު، ސަލާމަތީ ބާރުތަކުގެ އިތުރު ޓީމެއް އައިސް ހަމަލާދީ އެ ގޭތެރޭގައި ތިބި ހަނގުރާމަވެރިންގެ ތެރެއިން 2 މީހަކު މަރާލާފައި ވެއެވެ. އަދި ހަނގުރާމަވެރިންގެ ދެ މީހަކު ވަނީ ފިލާފައެވެ.

ސަލާމަތީ ބާރުތަކާ ހަނގުރާމަވެރިންނާ ދެެމެދު ކުރިމަތިލުން ހިނގި ގެއާ ފަސް ކިލޯމީޓަރު ދުރުގައި އޮތް ގޮވާ އެއްޗެއް ގޮވައިގެން އާއްމުންގެ އަށް މީހަކުވެސް ވަނީ ޒަޚަމްވެފައެެެވެ. އޭގެ ތެރޭގައި ކުޑަ ތިން ކުދިންވެސް ހިމެނެއެވެ.

ކަޝްމީރުގެ ދެބައިގެ ދެމެދުގައި އޮންނަ ވަގުތީ ސަަރަހައްދީ ރޮނގު، ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ހުކުރު ދުވަހު ބަދަލުކުރެވުނު ހަމަލާތަކެއްގައި އިންޑިޔާ ސިފައިންްގެ 2 މީހުން މަރުވެފައި ވާއިރު، ބުދަ ދުވަހު ބަދަލުކުރެވުން ހަމަލާތަކެއްގައި ޕާކިސްތާނު ސިފައިންގެ މީހަކު ވަނީ މަރުވެފައެވެ.

ކަޝްމީރުގެ އިންޑިޔާ ފަޅީގައި އިންޑިޔާގެ ސަލާމަތީ ބާރުތަކާއި، ހަނގުރާމަވެރިންނާ ދެމެދު ހިނގާފައިވާ ކުރިމަތިލުންތަކުގައި މިހާތަނަށް 70 ހާހަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.