ޔާމީންގެ ކައުންޓަކަށް އެމްއެމްޕީއާރުސީގެ ފައިސާ ވަދެފައިވާ ކަމަށް އެމަނިކުފާނު ޤަބޫލުފުޅު ނުކުރައްވާ: ވަކީލުން

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބަދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ނަމުގައި އެއްވެސް ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ފައިސާތަކެއް ޖަމާކޮށްފައިވާ ކަމަށް އެމަނިކުފާނު ޤަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީގެ ނަމުގައި "މޯލްޑިވްސް އިސްލާމިކް ބޭންކުގައި އަދި އޭނޫން ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ވެސް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ދައުލަތުން ލިބެންޖެހޭ ފައިސާއެއް ޖަމާކޮށްފައިވާ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޤަބޫލުފުޅެއް ނުކުރައްވައެވެ،" ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނުގައި ވެއެވެ.

ރައީސް ޔާމީގެ ފަރާތްޕުޅުން އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ނެރުއްވައިފައިވާ ބަޔާނެއްގައި އެހެން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާކަމެއް ދައުލަތުގެ އެއްވެސް ފަރާތަކުން ކަނޑަޅައިފައި ނުވާތީއެވެ.

ރައީސް ޔާމީން ފަރާތްޕުޅުން މިބަޔާން ނެރުއްވީ މަނީލޯންޑަރ ކުރުމުގެ މައްސަލައާއި އެކަމާ ގުޅިގެން ތަޙުޤީޤަށް ދޮގުމަޢުލޫމާތު ދެއްވައިފައިވާ ކަމަށް ވިދާޅުވެ އެމަނިކުފާނާއި ކުރީގެ ލީގަލްއެފެއާޒު މިނިސްޓަރު ޢާޒިމާ ޝަކޫރުގެ މައްޗަށް ދަޢުވާ ކޮށްދެއްވުމަށް އެދި ފުލުހުން ޕްރޮސެކިޔުޓަރޖެނެރަލް އޮފީހަށް އެމައްސަލަ ހުށަހެޅުއްވުމުނެވެ.

ރައީސް ޔާމީގެ ފަރާތްޕުޅުން ނެރުއްވައިފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމެއް ނުވަތަ ދައުލަތުގެ ފައިސާއެއްކަމެއް ކަމާބެހޭ އިދާރާއަކުން ނުވަތަ ޝަރުޢީ ކޯޓަކުން ވެސް އަދި ނިންމަވާފައިނުވާ ކަމަށެވެ. އެހެން ކަމުން އެމަނިކުފާނުގެ އަމިއްލަ އިސްނެންގެވުމެއްގެ ދަށުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެމަނިކުފާނު ބައިވެރިވާގޮތަށް އެސްކްރޯ އެކައުންޓެއް ހުޅުވައި އެ އެކައުންޓުގައި އެއް މިލިއަން ޑޮލަރު ބަހައްޓައިފައިވާނެ ކަމަށް ވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އެގޮތަށް ހެއްދެވީ އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމެއް ނުވަތަ ނޫންކަމެއް ތަޙުޤީޤީ އެއްވެސް އިދާރާއަކުން ކަނޑައަޅާފައިނުވާތީ އެ ފައިސާއާ މެދު ވަކިގޮތެއް ކަނޑައަޅަންދެން ކަމަށް ވެސް އެބަޔާނުގައި ވެއެވެ.

"އެންޓިކޮރަޕްޝަން ކޮމިޝަނާއި ރައީސް ޢަބްދުﷲ ޔާމީން ބައިވެރިވާގޮތަށް އެސްކްރޯ އެކައުންޓެއްގައި 1 މިލިއަން ޑޮލަރު ބެހެއްޓުމަށް ނިންމި ނިންމުމަކީ، ރައީސް ޢަބްދުﷲ ޔާމީންގެ އަމިއްލަ އިސްނެގުމަށް ކޮށްފައިވާ ކަމެއްކަމުގައިވުމާއި އެހާތަނަށް ވެސް އަދި މިއަދާ ހަމައަށް ވެސް ރައީސް ޢަބްދުﷲ ޔާމީންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރަކީ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވި ފަރާތަކުން އެސްއޯއެފް ކުންފުންޏަށް ޖަމާކުރި ފައިސާގެ ތެރެއިން ޖަމާކޮށްފައިވާ ފައިސާއެއްކަން އެންޓިކޮރަޕްޝަން ކޮމިޝަނަށް ކަނޑައަޅައި ބަޔާންކޮށްދެވިފައި ނުވެއެވެ." އެ ބަޔާނިގައި ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދަޢުވާ ކުރެއްވުމަށް އެދި ޕީޖީ އޮފީހަށް ފުނުވައިފިކަން ހާމަކޮށް ފުލުހުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވާ "ދައުލަތަށް ލިބެންޖެހޭ ގިނަ ޢަދަދެއްގެ ފައިސާއަށް ޚިޔާނަތްތެރިވި ފަރާތްތަކުން އެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ" މިހެން ލިޔުއްވައިފައި އޮތުން ރައީސް ޔާމީންގެ ފަރާތްޕުޅުން ވިދާޅުވެފައިވަނީ އެ ޢިބާރާތަކީ ކަމާގުޅުންހުރި އެއްވެސް އިދާރާއަކުން ހިންގާފައިވާ ތަޙުޤީޤުތަކުން ސާބިތުވެފައިވާ ޙަޤީޤަތެއްގެ މައްޗަށް ލިޔުއްވައިފައިވާ ޢިބާރާތެއް ނޫން ކަމަށެވެ.

އެބަޔާނުގައި ވިދާޅުވެފައިވަނީ އެސްއޯއެފްއަކީ އެތައް ފިޔަފާރިއެއް ރާއްޖޭގައި ހިންގައި އެތައް ކުންފުންޏަކާއި އަމިއްލަ ފަރުދުންނާ އެކު މާލީ މުޢާމަލާތް ހިންގާފައިވާ ކުންފުންޏެއް ކަމަށެވެ. އެހެންނަމަވެސް "ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފިޔަވައި އެހެން އެއްވެސް ފަރާތަކާމެދު ތަޙުޤީޤެއް ހިންގައި ސުވާލު ކޮށްފައި ނުވާކަން އެނގިފައިވެއެވެ." އެބަޔާނުގައި ވެއެވެ.

"ޤާނޫނަކީ ހުރިހާ ފަރާތްތަކަށް ވެސް އެއްހަމައަކަށް ތަންފީޒު ކުރަންޖެހޭ އެއްޗެއް ކަމުގައި ވުމާއެކު ޤާނޫނު ޢަސީސާގައި ބަޔާންކުރާ ދުސްތޫރީ ޙައްޤުތައް ދިނުމާއި އިދާރީ ފިޔަވަޅުތައް އެޅުމުގައި ހަމަހަމަ ކަމުގެ މަބްދަޢަށް ރިޢާޔަތް ކުރާއިރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ޓާގެޓްކޮށް ހަމައެކަނި އެފަރާތުގެ މައްޗަށް ޤާނޫނު ތަންފީޒުކުރަން އުޅުމަކީ ޤާނޫނު ޢަސާސީގައި ކަށަވަރުކޮށްދީފައިވާ ދޫސްތޫރީ ހަމަހަމަކަމާއި ޚިލާފު ކަމެކެވެ." އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.