މީގެ ތިން އަހަރު ކުރިން އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ކަޝްމީރާ ގުޅުންހުރި ބައްދަލުވުމެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެން އޭރުގެ ދިހަ ދަރިވަރެއްގެ މައްޗަށް 'އިންޑިޔާއާ ދެކޮޅަށް އަޑުއުފުލައި' 'ފިތުނަ އުފެއްދުމު'ގެ ދައުވާ އިންޑިޔާ ފުލުން އުފުލައިފިއެވެ.
ޓައިމްސް އޮފް އިންޑިޔާއިން ޚަބަރުދޭ ގޮތުގައި ނިއުދިއްލީގެ ކޯޓެއްގައި ދައުވާ އުފުލާއި ވަނީ މުހައްމަދު އަފްޒަލް ގުރޫ މަރުވި ދުވަސް ފާހަގަކުރަން ޖަވާހަރު ލާލް ޔުނިވަސިޓީގައި 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވި ބައްދަލުވުމުއްގައި "ގައުމާ ދެކޮޅު' އަޑު އުފުލައިގެންނެވެ.
2001 ވަނަ އަހަރު އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ދުވުނު ހަމަލާގެ މައްސަލައިގައި ގުރޫގެ މައްޗަށް ކުށް ސާބިތުވެ، 9 ފެބުރުވަނީ 2013 ގައި އޭނާ ވަނީ ތިހާރު ޖަލުގައި ދަންޖައްސައި މަރާފައެވެ. އޭނާއަކީ ކަޝްމީރުގެ މިނިވަންކަމަށް އަޑުއުފުލި މީހެކެވެ.
އިންޑިޔާގެ ގާނޫނުލް އުގޫބާތުގެ 'ފިތުނަ އުފެއްދުމު'ގެ ކުށް ހިމެނޭ މާއްދާ 124 އޭ އާއި ޖިނާއި ކުށެއްކުރުމަށް ރޭވުމުގެ ކުށް ހިމެނޭ މާއްދާ 120 ބީ ގެ ދަށުން ނިއުދިއްލީގެ ޕަޓިޔާލާ ހައުސް ކޯޓުގައި އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ތުރުކީގެ ރަސްމީ ނިއުސް އެޖެންސީ އަނަޑޯލޫއާ ވާހަކަދައްކަމުން މި މައްސަލައިގައި ދައުވާލިބޭ އެކަކު ކަމުގައިވާ ކަންހައްޔާ ކުމާރު ބުނީ އެ ދައުވާއަކީ "ސިޔާސީ މަގުސަދެއްގައި" އުފުލާފައިވާ ދައުވާއެއް ކަމުގައެވެ. "އަހަރެން މި ގައުމުގެ ޖުޑިޝަރީއަށް އިތުބާރުކުރަން. އިންތިޚާބާ ދިމާކޮށް އެމީހުން މިމައްސަލަ ނެގީ. އެކަމުން އެނގެނީ އެމީހުން ބޭނުންވަނީ މިމައްސަލައިން ސިޔާސީ ފައިދާ ނަގަން." އޭނާ ބުންޏެވެ.
ކަންހައްޔާއަކީ އެބައްދަލުވުން ބޭއްވި ދުވަސްވަރު އެ ޔުނިވަސިޓީގެ ކިޔަވާކުދިންގެ ޖަމްއިއްޔާގެ ރައީސެވެ. އެ މައްސަލައިގައި 36 ދަރިވަރުންގެ މައްޗަށް ދައުވާކުރަން ނިންމި ނަމަވެސް އެކަށީގެންވާ ވަރަށް ހެކިނެތިގެން 10 ދަރިވަރަކު ފިޔަވައި އެހެން މީހުންގެ މައްޗަށް ދައުވާ ނުއުފުލައެވެ. ދައުވާ ލިބޭ 10 ދަރިވަރުންގެ ތެރެއިން 7 ދަރިވަރުން ނިސްބަތްވަނީ ޖައްމޫ އެންޑް ކަޝްމީރަށެވެ.
އިންޑިޔާގެ ގާނޫލް އުގޫބާތު ބުނާގޮތުން ފިތުނަ އުފެއްދުމުގެ ކުށަކީ މަރުގެ އަދަބުވެސް ދެވިދާނެ ކުށެކެވެ.