ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓުތަކުގައި ހުރި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ފްރީޒް ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވިދާޅުވެއްޖެއެވެ.
ފުލުހުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުތެރޭގައި އެކިފަހަރު މަތިން ބޮޑެތި ޢަދަދުތަކުން އެމަނިކުފާނުގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެފައިސާ އިން މުޢާމަލާތްކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީގެ "އެކައުންޓުތަކުގައި މިހާރުހުރި ޔޫއެސް ޑޮލަރާއި ދިވެހި ފައިސާ ހިމެނޭ ގޮތުން ދިވެހި ފައިސާއިން ޖުމްލަ ސަތޭކަ މިލިއަން ރުފިޔާއަށްވުރެ ބޮޑު ޢަދަދެއްގެ ފައިސާ ވަނީ ފްރީޒް ކުރެވިފައި،" ފުލުހުން ވިދާޅުވެފައިވެއެވެ. އެފައިސާތަކަކީ ދިވެހިރާއްޖޭގެ ބޭންކުތަކުގައި ރައީސް ޔާމީންގެ ނަމުގައި ހުޅުވަފައިވާ އެކައުންޓުތަކުގެ ތެރެއިން ފުލުހުންނަށް މަޢުލޫމާތު ލިބިފައިވާ އެކައުންޓުތަކުގައި ހުރި މިންވަރު ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިމައްސަލައިގައި ރައީސް ޔާމީން މިއަދުވަނީ ފުލުހުންގެ އިދާރާއަށް ޙާޒިރު ވެސް ކުރައްވައި ސުވާލު ކުރައްވައިފައެވެ. އެމަނިކުފާނު މިއަދު ފުލުހުންގެ އިދާރާއަށް ޙާޒިރު ކުރެވިފައިވަނީ "އެމަނިކުފާނު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނެވި މުއްދަތުގައި ޤާނޫނާ ޚިލާފަށް މާލީ މުޢާމަލާތްތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވިގެން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން މި ސާވިސްއަށް ހުށަހަޅައިފައިވާ ބައެއް މައްސަލަތަ ތަކުގެ ތަޙުޤީޤަށް ސުވާލު ކުރުމަށެވެ." ފުލުހުން ވިދާޅުވެފައި ވެއެވެ.
ފުލުހުން ވިދާޅުވީ ރައީސް ޔާމީން ވަނީ މި ތަޙުޤީޤަށް ފުރިހަމައަށް އެއްބާރުލެއްވުން ދެއްވައި އަދިވެސް އެއްބާރުލެއްވުން ދެއްވާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ.