ވިލިމާލެ ދޭއް އުފައްދައި މާލެއާ ގުޅައިލަނީ

ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ވިލިމާލެ 2 އުފައްދައި މާލެއާ ގުޅައިލައްވާނެ ކަމުގެ އުފާވެރި ޚަބަރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ދެއްވައިފިއެވެ.

މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަލަށް ތަރައްގީކުރާ ވިލިމާލެ 2 ތަރައްގީކުރައްވާނީ ތިންލައްކަ ފަނަރަ ހާސް މީހުންނަށް އާމާޒު ކޮށްގެން ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދައިދެއްވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން އަލަށް ފަށްޓަވާ މިމަޝްރޫގެ ދަށުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް އެއްހާސްއަކަފޫޓުގެ ގޯއްޗެއް  ދެއްވާނެ ކަމަށެވެ.   ރައީސް ވިދާޅުވީ 2030 ވަނައަހަރަށް 18 އަހަރު ފުރޭ ކޮންމެ ދިވެއްސަކީ އެއްހާސް އަކަފޫޓުގެ ބިމެއް އޮތް މީހަކަށް ހައްދަވައި ދެއްވާނެ ކަމަށެވެ.

މާލެއާއި ވިލިމާލެ ގުޅައިލެއްވުމަކީ ބޯހިޔާވަހި ކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް އެމަނިކުފާނު ފަށްޓަވާނެ ދެވަނަ މަޝްރޫއު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މިހާރު މާލެއާއި ހުޅުލެއާ ދެމެދު ތަރައްގީ ކުރައްވައިފައިވާ ބްރިޖުގެ މަސައްކަތް އެއްކޮށް ނިމުނުހާ އަވަހަކަށް މާލެއާއި ވިލިމާލެއާ ދެމެދު ބްރިޖު އެޅުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ގެންދަވަނީ ރައްޔިތުންނަށް ދިމާވެފައިވާ ވަރަށްގިނަ ކަންކަމަށް ހައްލު ހޯއްދަވައި ދެއްވަމުން ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދިފައިނުވާ ކަމަށެވެ. އެހެނަމަވެސް އެކަމަށް ވެސް ހައްލެއް ހޯއްދަވައި ދެއްވުމަށް މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.