އަޅުގަނޑުކުރާ ކަމެއް ނިމިގެންދާނީ ފިސާރި ޗާލުކަމާއެކީ: ރައީސް

އެމަނިކުފާނު ކުރައްވާ ކަމެއް ނިމިގެންދާއިރު ނިމިގެންދާނީ ފިސާރި ޗާލުކަމާއެކު ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަލިމަސް ކާނިވާ ސަރަހައްދުގައި ޕީޕީއެމުން މިހާރު ބާއްވަމުން ގެންދަވާ "ބްރިޖު ސަޅި" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވިއިރު ދައުލަތްއޮތީ އޮނަތިރީސް ބިލިއަން ރުފިޔާއިން ދަރާފައި ކަމަށެވެ.

އެހެންނަމަވެސް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތުގައި 46 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސް ނަޝީދުގެ ތިން އަހަރުގެ ސަރުކާރުގެ ދަރަނި ދައްކަން 29 ބިލިއަން ރުފިޔާ ހޭދަ ކުރައްވައިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެދަރަނި ކަނޑާލުމަށްފަހު އަދި ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމުން ބަދަލުގެ ގޮތުގައި ދައްކަންޖެހުނު 5 ބިލިއަން ރުފިޔާ ކަނޑާލައި މި ސަރުކާރުގެ ދަރަނި 5 އަހަރުގެ ތެރޭގައި އޮންނާނީ 12 ބިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ދަރަންޏަށް ބަލާއިރު އެއްވެސް އެއްޗެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ދަރަނި ދައްކަން އަޅުގަނޑަށް ފުރުސަތު ދީ. އަޅުގަނޑު ކަމެއް ކޮށްފައި ނިންމާނީ ފިސާރި ޗާލުކޮށް،" ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.