ޒުވާނުންވަނީ ޒާތްޒާތުގެ އަސަރުތަކުގެ ތެރެއަށް ވަދެގެން ގޮސްފައި: ހޯމް މިނިސްޓަރ

ދިވެހި ޒުވާން ޖީލަށް ރަނގަޅު ތަޢުލީމާއި ތަރުބިއްޔަތު ދެވިފައި ނެތުމުގެ ސަބަބުން ޒުވާނުންވަނީ ޒާތްޒާތުގެ އަސަރުތަކުގެ ތެރެއަށް ވެދެގެން ގޮސްފައި ކަމަށް ހޯމް މިނިސްޓަރ އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެއްވުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑުމެންގެ ޒުވާންޖީލަށް އެންމެ ރަނގަޅު ގޮތުގައި ތަޢުލީމާއި ތަރުބިއްޔަތު ދެވިފައި ނުވުމުގެ ނަތީޖާއެއްގެ ގޮތުން އެކި ޒާތްޒާތުގެ އަސަރުތަކުގެ ތެރެއަށް ޒުވާނުން ވަދެގެން ގޮސްފައިވޭ،" މިނިސްޓަރ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެ ކުރިމަތިލާން މިޖެހެނީ 21 ވަނަ ޤަރުނުގެ ދަތި އުނދަގޫ މަގުތަކާ ކަމަށެވެ. "މިއަދު އަޅުގަނޑުމެން ކުރިމަތިލާން މިޖެހެނީ އެކާވީސްވަނަ ޤަރުނުގެ ދަތި އުނދަގޫ މަގުތަކުގެ ތެރެއަށް. މީހާލަތުން އަޅުގަނޑުމެމްނަށް އަރައިގަނެވޭނީ އަޅުގަނޑުމެންގެ ޒުވާނުން މަތިވެރިވެގެންވާ ތަރުބިއްޔަތަކުން ތަރުބިއްޔަތު ކޮށްގެން. ރިވެތި އަޚުލާގެއް އެޒުވާނުންގެ ކިބައިގައި އަށަގަންނަވައިގެން،" މިނިސްޓަރ ވިދާޅުވިއެވެ.

އެކަން އެގޮތަށް ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާއި، ކެބިނެޓު މިނިސްޓަރުންނާއި އަދި ޤައުމުގެ ހުރިހާ މުޢައްސަސާތަކަކާއި މައިންބަފައިންނާއި ހުރިހާ ރައްޔިތުން ގުޅި ލާމެހިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތަށް ގުޅިގެން މަސައްކަތް ކޮށްފިނަމަ ކާބަފައިން އިސްލާމްދީނާއި ޤައުމިއްޔަތު ޙިމާޔަތްކޮށްދިން ފަދައިން އަޅުގަނޑުމެންނަށްވެސް އެކަންކުރެވޭނެ ކަމަށް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ. އިރާދަކުރެއްވިއްޔާ މި ޤައުމު ދެން އަންނަ ޖީލަކަށް ވާޞިލް ކޮށްދެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކާބަފައިންވަނީ މިޖީލާ ހަމައަށް ދިވެހި ޤައުމިއްޔަތާއި އިސްލާމް ދީން ރައްކާތެރިކަމާއި އަމާނާތްތެރިކަމާއެކު ފޯރުކޮށްދެއްވައިފައި ކަމަށެވެ. "މިއަދު އަޅުގަނޑުމެންގެ މިޖީލުގެ އެންމެބޮޑު ޒިންމާއެއް ކަމުގައިވަނީ އަންނަންއޮތް ޖީލުތަކަށް ދިވެހިޤައުމިއްޔަތާއި އިސްލާމްވަންތަކަމާއި ރިވެތި އަޚުލާހުޤު ފޯރުކޮށްދިނުން. މި މަސައްކަތަކީ އަބަދުވެސް ބޮޑު މަސައްކަތެއް. ބޮޑުވެގެންވާ ޒިންމާއެއް، ބޮޑު އަމާނާތެއް. އެކަމާމެދު ހުރި ގޮންޖެހުންތަކަކީ އަޅުގަނޑުމެންގެ ކާބަފައިންގެ ކިބައިން ދަސްކޮށް ޢިބްރަތް ލިބިގަންނަހުރި ކަންތައްތަކެއް. މިއަދު އަޅުގަނޑުމެންނަށް އޮތް އެންމެބޮޑު ގޮންޖެހުންތަކަކީ ބަވަނަ ވެފައިވާ ދުނިޔޭގައި ހިނގާ އޮއިވަރުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ޒުވާންޖީލަށް ނުބައި ނުރައްކާތެރި އަސަރުތަކެއް ކޮށްފައިވުން،" މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވީ ދިވެހި ތާރީޚަށް ނަޒަރު ހިންގާލާއިރު ދިވެހި ޤައުމިއްޔަތާއި އިސްލާމްދީން މަތިވެރިކޮށްއޮތް ނަމަވެސް އަބަދުވެސް ގޮންޖެހުންތަކެއް ކުރިމަތިވަމުން އައިސްފައިވާ ކަމަށެވެ. "ދިވެހި ތާރީޚަށް ނަޒަރު ހިންގާލުމުން ދިވެހި ޤައުމިއްޔާތާއި އިސްލާމްދީން މަތިވެރިކޮށް އޮތްނަމަވެސް ދިވެހި ޤައުމިޔަތަށާއި އިސްލާމްދީނަށް އަބަދުވެސް ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކުރެވިގެންދޭ،" އެމަނިކުފާނު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެފަދަ ގޮންޖެހުންތަކާއި ހުރަސްތައް ދިވެހި ކާބައިފައިން ގިރާކުރަމުންދިޔައީ ވަރަށް ހިތްވަރާއި ސާބިތުކަމާއި ޙިކުމަތްތެރި ކަމާއެކުގައި ކަމަށެވެ. އެފަދަ ކޮންމެ ވަގުތެއްގައި "ﷲގެ ރަޙުމަތްފުޅުން ދިވެހި ޤައުމިއްޔަތާއި އިސްލާމްދީން ރައްކާތެރިކޮށްދެއްވައިފައިވަނީ އެ އިލާހުގެ ރަޙުމަތާއެކުގައި ދިވެހިންގެ ސާބިތުކަމާއި ހިތްވަރާއި ކެތްތެރިކަމާއި ޢަޒުމުގެ ސަބަބުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އިސްލާމްދީން އެއްޖީލުން އަނެއްޖީލަށް ނަޤުލު ކުރުމުގެ ޒިންމާއަކީ އެއްވެސް ދުވަސްވަރެއްގައި ހަމައެކަނި ދައުލަތާއި ސަރުކާރުގެ މަސްއޫލިއްޔަތެއް ނޫންކަމަށެވެ. ރަނގަޅު ޞާލިޙު ވެރިކަމަކީ އެ ޤައުމެއްގެ ރައްކާތެރިކަމާއި އަމާންކަމުގެ ޞުލްޙައިގެ އެންމެ މަތިވެރިބަހާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެންމެން ޝާމިލްވާ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީއާއި އެމިނިސްޓްރީގެ ދަށުން ހިންގާ ސްކޫލުތައް މިކަމުގައި ބައިވެރިވާޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. ޚާއްޞަކޮށް ދީނީ ޢީލްމުވެރިން މިކަމުގެ ޙިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކުގައި ސަރުކާރަށް އެއްބާރުލެއްވުން ދެއްވަންޖެހޭ ކަމަށް ވެސް މނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.