ބަރުބާދުވީ ލޯބީގެ ދުނިޔެ - 4

(15 ނޮވެމްބަރު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ފަރީގެ އެކުވެރި ކުދީން އަހަންނަށް އެއްގޮތަކަށް ވެސް ކަމަކުނުދޭ. އެ މީހުންނާ ގުޅުން ކަނޑާލާ." އަދިވެސް މާނައެއް ނެތް ކިތަންމެ ވާހަކައެކެވެ. މި ފަދަ ވާހަކަތަކުގެ މައްޗަށް ހެނދުނާ ހަވީރު ޒުވާބުކުރެވެން ފަށައިފިއެވެ. މި ކަންތައްތަކުގައި އަރައިރުންވާން ޖެހޭ ފަދަ ސަބަބެއް ނެތީތީ ފަރީ ޙައިރާންވެއެވެ. ނުލާހިކު ގާތްކޮށް މަޑުމައިތިރިކަމާ އެކުގައި ވެސް މި ކަހަލަ ކަންތައްތަކުގެ މައްޗަށް ޚިޔާލު ފާޅުކުރެވިދާނެއެވެ. އެކަމަކު ޖަމާލު އެހެން އެ ހަދަނީ ކިހިނެއް ވެގެން ކަމެއް އޭނާގެ ވިސްނުމަކަށް ނާދެއެވެ. އެއީ އޭނާއަކީ ނުހަނު އާދައިގެ އަންހެން ކުއްޖަކުކަން ސާބިތުކުރާން ވެގެން ބާވައެވެ. ނުވަތަ ތިމާއަކީ މާ މޮޅު މާ މަތީ މީހެއް ކަން ސާބިތުކުރާން ވެގެން ބާވައެވެ.

ޖަމާލާ ބެހޭ ގޮތުން ވިސްނާ އިރު އޭނާގެ ކިބައިގައި ވެސް ފަރީ ކަހަލަ ސީދާސާދާ ތަހުޒީބީ އަންހެންކުއްޖެއްގެ ބޮލަށް އުނދަގޫވާ ކަހަލަ ނުރަނގަޅު ކިތަންމެ އާދައެއް ހުރެއެވެ. އެކަމަކު ފަރީގެ ނަޒަރުގައި ޖަމާލަކީ އޭނާގެ ސާހިބާއެވެ. އެހެންކަމުން އޭނާ ކެތްކޮށްލަނީއެވެ. ޖަމާލު ކާ އިރު ތިޔަ ނެރޭ އަޖައިބެއް ކަހަލަ އަޑުތައް އިވުމުން އަހަރެން މޭނުބައިކުރެއޭ، އެކަނި ބުނެލިއަސް އަރައިލާނީ ކިހައި ވަރެއް ކަމެއް ނޭނގެއެވެ. އެއްވެސް ފިރިހެނަކު ތިމާގެ އަނބިމީހާގެ ދުލުން ތިމާއާ ދޭތެރޭ ފާޑުކިޔާ އަޑުއަހާކަށް ނުރުހޭނެކަން އޭނާ ދަނެއެވެ.

* * *

އެއް ދުވަހަކު ހެނދުނު ހެނދުނާ ފަރީ ތަންކޮޅެއް އަވަސް އަވަހަށް ބިސް ތެލުލަނިކޮށް ބިސްގަނޑު ފެޅިއްޖެއެވެ. ވަގުތު ކުޑަކަމާއެކު އޭނާ އެ ކަމާ އަޅައި ނުލައި އެ ހުރި ގޮތަށް މޭޒުމައްޗަށް ގެނެސްފިއެވެ. ޖަމާލަށް ބިސް ފެނުމާއެކު މަލާމާތުގެ ރާގުގައި ބުނެލިއެވެ.

"ފަރީ. ހަމައެކަނި ސިފަ ރީތިވީމާ ކުރާނީ ކީއް. ބިސް ތެލުލުމަކީ ވެސް ވަކި ފަންނެއް."

ޖަމާލުގެ މި ޖުމުލައިން ހިތްދަތިވީ ވަރުން އޭނާއަށް ތެޅިގަނެވުނެވެ. ހެނދުނު ހެނދުނާ އަރައިރުމެއް ނުފަށާންވެގެން އޭނާ ހިމޭނުން ހުރީއެވެ. ކިތަންމެ ކުޅަދާނަ މީހެއްގެ އަތުން ވެސް މި ކަހަލަ ކަމެއް ވެދާނެއެވެ. އެއީ ނުފެންނަ ކަމަށް ހަދައިލެވިދާނެ ކަހަލަ ވެސް ކަމެކެވެ. އަދި އެ ކަމާ އޭނާގެ ސޫރަޔާ ހުރީ ކޮން ގުޅުމެއް ހެއްޔެވެ؟ އެއަށް ފަހު މި ސިލްސިލާ ގެތެން ފަށައިފިއެވެ.

ކޮންމެ ކަމެއް ދިމާވިޔަސް ޖަމާލު އޭނާގެ ރީތިކަމުގެ މައްޗަށް މަލާމާތް ރައްދުކުރާން ފަށައިފިއެވެ. "ފަރީއަށް ލޯގަނޑު ދޮށުން ދުރަށް ދާނެ ވަގުތެއް ލިބިގެންނެއްނު، ގޭތެރޭގެ ކަމެއް ދަސްވާނީ."

އެކަމަކު އެ ފަކީރު ތިމާއާ މެދު އެހައި ބޮޑު ސަމާލުކަމެއް ނުބަހައްޓައެވެ. އޭނާ އެހައި ރީތިކަމެއް ކައިވެނީގެ ކުރިން އޭނާއަށް އެނގިފައެއް ނެތެވެ. އޭނާއަށް އެ ކަން އިޙްސާސް ކުރުވައިދިން މީހާ މިހާރު އެ އިޙްސާސަށް އަނިޔާދެނީއެވެ. ފަރީ އިތުރު ސަމާލުކަމަކާ އެކު ގޭތެރޭގެ ކަންތައްތައް ކުރާން ފަށައިފިއެވެ. އަދި ނަލަހެދި ޒީނަތްތެރިވުން ދޫކޮށްލައިފިއެވެ. އެހެންނަމަވެސް އާ އަލަތު އަތްނބެއްގެ ހުންނަ އުޖާލާކަން އަބަދު ވެސް އޭނާގެ މޫނުމަތީގައި ހުރެއެވެ.

މާތަކުގެ ތެރޭގައި ހީނ އުފާކުރަމުން ވޭތިވާ ބައެއް ދުވަސް ދުވަސް ވެސް އާދެއެވެ. އެކަމަކު ދެން އެ ވަނީ ކިހިނެއް ކަމެއް ނޭނގެއެވެ. ދެ ފަރާތުން ދުރުހެލިކަން އިތުރުވެދާނެއެވެ. މި ހެން މި ވަނީ ކީއްވެގެންކަން ފަރީގެ ވިސްނުމަކަށް ނާދެއެވެ. އަދި ކައިވެންޏަކީ ކޮން އެއްޗެއްކަމެއްވެސް އޭނާގެ ވިސްނުމަކަށް ނާދެއެވެ. އަންހެންކުދީން، ނިމުމެއް ނެތް އުފާވެރިކަމުގެ ދުނިޔެއެކޭ ބުނާ ކައިވެނީގެ ދުނިޔެއަށް އައުމަށް ފަހު އިންސާނާއަށް އޭނާގެ އަމިއްލަ ރުހުމުގައި ނޭވާ ވެސް ނުލެވެއެވެ. ތިމާގެ އަމިއްލަ ގެއެއް ހުންނާނެ ކަމަށާއި ތިމާ ބޭނުން ގޮތަކަށް އެ ގެ ޒީނަތްތެރިކުރާނެ ކަމަށާއި، ތިމާ ކުރާ ކަމަކާ ބެހޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށް އަންހެން ކުދީން ވިސްނަނީ ކީއްވެގެން ހެއްޔެވެ. އެ ގޭގައި ފިރިމީހާ ނުބެހޭ ނުވަތަ އޭނާގެ ވެރިކަން ގަބޫލުނުކުރުވާ ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ. މައިންބަފައިންގެ ގޭގައި ވެސް އެއަށްވުރެ ތަންކޮޅެއް މިނިވަންކަން ބޮޑުވާނެއެވެ. އެ މިނިވަންކަމަކީ ވެސް ރީތި ލުއި މިނިވަންކަމެކެވެ. އެހެން ކަމެއް ނުވިޔަސް ފޭރާމާއި ކާބޯތަކެތި މަލާމާތަކާ ނުލައި ލިބޭނެއެވެ. ހީނ ވާހަކަދެއްކުމުގެ ފުރިހަމަ މިނިވަންކަން އޮންނާނެއެވެ. މި ތަނުގައި ވާނެ ގޮތަކީ ކަލޭ ރޯން ބޭނުމީ ވިއްޔާ ފިރިމީހާ ބޭނުން ވާނީ އެކުވެރީންނާ އެކު މަޖާކުރާށެވެ. އަދި ކަލޭ ވެސް އެ މީހުންނާ ބައިވެރިވުމަށެވެ. ކަލޭ ކޮންމެވެސް ކަމަކާ އުފަލުން ހޭން ބޭނުން ވެއްޖެ ނަމަ ފިރިމީހާ ހުންނާނީ ރުޅިއައިސްފައެވެ. އަދި އެންމެ ފަހުން ގޮސް ކަލެއަށް ރޮވޭ ވަރު ވަންދެން ހިތްދަތިވާ ފާޑުފާޑުގެ އެއްޗެހި ކިޔާނެއެވެ. މާތްރަސްކަލާނގެ ކުޅަދުންވަންތަވެރިކަމެވެ.

މި ތަނުގައި މި ކުރެވެނީ ކައިވެންޏެއް ނޫނެވެ؛ އަންހެނުންގެ ފުރާނައާއި ހަށިގަނޑުގެ ވިޔަފާރިއެވެ. ހަ މަސްދުވަހުގެ ތެރޭގައި މި ކަހަލަ އެއްޗެހިތައް ފަރީ ވިސްނާން ފަށައިފިއެވެ. ހިތުގައި ވަނީ އުދާސް އުފެދިފައެވެ. އެ އުދާސްތައް، އެކަނިވާ ވަގުތު ލޮލުގެ މަގުން ބޭރުވަމުން ދެއެވެ. އެހެންނަމަވެސް ހިތި އުދާހެއް އޭނާގެ ހިތާއި ހަށިގަނޑު ހައްޔަރުކޮށްފައި ވެއެވެ. އޭނާ މި ބުރަ ލުއިކޮށްލާން ބޭނުމެވެ. އެކަމަކު ދާނީ ކޮން ތަނަކަށް ހެއްޔެވެ؟

ޖަމާލުގެ ގަދައެޅުމުގެމަތިން އެކުވެރި ކުދީންނާ ބައްދަލުކުރުން ވަނީ ހުއްޓައިލައިފައެވެ. އެހެންނޫނަސް އެ މީހުން ގާތު ބުނާނީ ކީކޭ ހެއްޔެވެ؟ އެ މީހުން އަބަދު ވެސް ހީކޮށްގެން ތިބެނީ އޭނާގެ ފިރިމީހާ ދީވާނާ ވާ ވަރަށް އޭނާ ދެކެ ލޯބިވާ ކަމުގައެވެ. އަދި ފަހަރެއްގައި ވެސް އޭނާއަށް އުނދަގުލެއް ލިބިދާނެ ކަމެއް ނުކުރާ ކަމުގައެވެ. ދެ ދައްތަ އުޅެނީ މާ ދުރުގައެވެ. އެ މީހުންގެ ދަރީންގެ ކަންތައްތަކުގެ ތެރެއަށް ގެއްލިގެންނެވެ. ދެން ހުރީ ހަމައެކަނި މަންމައެވެ. އެކަމަކު މަންމައަށް ހަސްފަތާލާއި ބަލިމީހުންގެ ކިބައިން ފުރުޞަތެއް ލިބެނީ ކޮން ވަގުތަކު ހެއްޔެވެ.  މަންމަ ތިން ކުދީންގެ ކައިވެނި ކޮށްދީގެން މަންމަގެ ފަރުޟު އަދާކޮށްފިއެވެ. މަންމަގެ ކުޑަކުޑަ ކުލިނިކަކީ މިހާރު އެ ހިސާބުގަނޑުގައި ހުރި އެންމެ ބޮޑު މެޓާނިޓީ ހޯމެވެ. އެ ތަން ކުރިޔަށް ގެންދިއުމަށް މަންމަ ރެޔާއި ދުވާލު ހުވަފެން ދެކެއެވެ. ކުދީންގެ ކައިވެނިކޮށްދިނުމަށް ފަހު، ކުދީން އުޅެނީ އުފަލުގައިތޯ ނުވަތަ ތަޖުރިބާތަކުގެ އުނދުނުގައި އަނދަނީތޯ ބަލައިލުމުގެ ގޮތުން އަހައި ވެސް ނުލައެވެ. މަންމަ ވޭތިކޮށްލި، ދީންވެރި މަސައްކަތްތެރި ދިރިއުޅުމަށް ބަލައިފައި މަންމަގެ ދަރީން ވެސް ދިރިއުޅުމުގެ ގޮތްގަނޑު އޮންނާނީ ދަސްކޮށްފައިކަމަށް މަންމަ ލަފާކުރީ ކަމަށް ވެސް ވެދާނެއެވެ.

ފިރިމީހާގެ ފަރާތުގައި ވެސް ކައިރި، ގާތް މީހަކު ނެތެވެ. ވީ އިރު ފަރީ މި ހިތްދަތިކަން ދުރުކުރާނީ ކާކުގެ ގާތަށް ގޮސްގެން ހެއްޔެވެ. މި އުދާސް ހިތުގެ ތެރޭގައި ހުރެއްޖެނަމަ އޭގެ ރައްދު ޢަމަލަކަށް ވާނީ ކޮން ކަމެއް ކަމެއް ނޭނގެއެވެ.

އޭނާއަށް އަދި މި ހާސްކަމާއި ނުތަނަވަސްކަމުގެ އެނބުރޭ އޮއިވަރުން ނުނުކުމެވިގެން އުޅެނިކޮށް އާ އެނގުމެއް އޭނާގެ ދިރިއުޅުމުގެ އޮއިވަރުގެ ކުރި އަނބުރައިލައިފިއެވެ. އަލަށް ކައިވެނިކުރާ ކޮންމެ އަންހެންކުއްޖެއްގެ ދިރިއުޅުމުގައި ވިއްސާރަދުނީގެ ކުލަތަކާއި ބަހާރުތަކުގެ މީރުވަސް އުފައްދާ އާ، ރީތި، އެނގުމެވެ.

ކުޑަކުއްޖެއްގެ މަންމައަކަށް ވުމުގެ އިޙްސާސެވެ. ތިމާގެ ހަށިގަނޑުގެ ތެރޭގައި ތިމާއަށް ނުފެންނަ ތުއްތު ތުއްތު ކުއްޖަކު އުފެދެމުންދާކަމުގެ އިޙްސާސެވެ. ފުރަތަމަ ދަރިފުޅު ލިބެން އުޅޭ ޚަބަރު ލިބުމުން އަންހެންކުއްޖާ ކިހައި ވަރަކަށް އުފާވޭ ހެއްޔެވެ. އަދި ކިހައި ވަރަކަށް ބޮޑާވޭ ހެއްޔެވެ. އޭރުން އޭނާއަށް އުފެއްދުމުގެ ޢަމަލުގައި ބައިވެރިވެވުނީއެވެ. އެހެން ޢިބާރާތަކުން ބުނާ ނަމަ އެ އަނިޔާވެރި އިންސާނާގެ ޒާތުގެ ކޮޅެއް އޭނާގެ ހަށިގަނޑުގެ ތެރޭގައި ރައްކާކުރެވުނީ އެވެ. ދަރިފުޅަކީ ހަމަ ހިލިހިލާގަނޑެކެވެ. ހަ މަސްދުވަސް ވަންދެން އެ މީހުން ތިބީ މި ކަމުން މަޙްރޫމުވެފައެވެ. ޖަމާލު ނުރުހުންވެފައި ހުންނަ ސަބަބަކީ ވެސް އެއީ ކަމަށް ވެދާނެއެވެ. އެ ދުވަހު އޭނާ އުފާވީ ވަރުން ގެ މުޅިން އެހެން ގޮތަކަށް ޒީނަތްތެރިކުރިއެވެ. މީރު އެއްޗެހި ކެއްކިއެވެ. ޖަމާލު އެންމެ ރުހޭ ހެދުން އެޅިއެވެ. ޖަމާލު ހަވީރު އެ ހުރިހައި ބަދަލެއްގެ ސަބަބު އެހުމުން ވިސްނައިފައި ހުރި ހުރިހައި ޖުމުލައެއް ހަނދާނުން ފޮހެވިއްޖެއެވެ. އޭނާގެ ކާމިޔާބުގެ ވާހަކަ ބަޔާންކުރާނެ އެކަށީގެންވާ ލަފުޒެއް ނުލިބުނެވެ. އޭނާގެ އުފުލެމުން ތިރިވަމުންދާ އެސްފިޔަތަކާއި މޫނުމަތީގެ ބަދަލުވަމުންދާ ކުލަތަކުން ޖަމާލު އަމިއްލައަށް ލަފާކޮށްލައިފިއެވެ. ޙަޤީޤަތުގައި ވެސް އެއަށް ފަހު އޭނާގެ ރެއާއި ދުވާ ބަދަލުވެއްޖެއެވެ. އޭނާ އަޑުއަހައިފައި އޮންނަނީ އެ ކަހަލަ ވަގުތުތަކުގައި އެންމެ ނުބައި ފިރިހެނުން ވެސް އެ މީހުންގެ އަނބީންނަށް ހިސާބަކަށް ލުއި ދޭ ކަމުގައެވެ. ޖަމާލު އޭނާގެ ހަރުކަށިކަމާ އެކުގައި ވެސް އޭނާ ދެކެ ލޯބިވެއެވެ. އޭނާގެ ވެސް ޢަމަލުތައް ބަދަލުވެއްޖެއެވެ. ފަރީ ހުންނަނީ އަބަދު މޭނުބައިކޮށްފައެވެ. އަދި ހޮޑުލެވިލެވިއެވެ. އަދި ކުޑަ އިރުކޮޅެއް ވާ އިރަށް ވަރުބަލިވެގެން ނޯށޯވެ ފަރުޖެހޭނެ ގޮތެއް ނޯވެއެވެ. ކައްކާން އުޅޭ އިރު، ފިޔާމީރުކުރާ ވަގުތު އޭނާއަށް ނޭވާލާން އުނދަގޫވެއެވެ. ފާޚާނާއާ ދިމާއަށް ދުއްވައިގަންނަ އިރަށް ހިތް ހާސްވެއެވެ. މާތްރަސްކަލާކޯއެވެ. ދިރިއުޅުމުގައި މި މަރްޙަލާ ވެސް އާދޭ ހެއްޔެވެ. ކުއްޖާއަށް ޓަކައި އަންހެންމީހާ ކިހައި ވޭނަކަށް ކެތްކުރާން ޖެހޭނެ ކަމެއް އޭނާއަކަށް އެނގިފައެއް ނެތެވެ. އެއްޗެއް ކާހިތެއް ނުވެއެވެ. ބޯހިތެއް ނުވެއެވެ. މީރުވަސް ވެސް ކަމަކުނުދެއެވެ. ނުބައިވަސް ވެސް ރަނގަޅެއް ނޫނެވެ. މޭވާ ވެސް ކަމަކުނުދެއެވެ. މާ ވެސް ކަމަކުނުދެއެވެ. އެކަމަކު އެހެން ކަންތައް ހުރުމާ އެކުގައި ވެސް ހިތް ނުލާހިކު ލުޔެވެ. އިންނަނީ އުފަލުންނެވެ. ދުނިޔެ ފެންނަނީ އާ ތަނެއްގެ ގޮތުގައެވެ. ވަރުދެރަވެފައި ބަލިކޮށް އުޅުމާ އެކުގައި ވެސް އެތައް ހާސް ކަމެއް ކުރާން ހިތްއެދެއެވެ. އެހެން ކަމެއް ނުވެވުނިއްޔާ އިށީނދެ އިނދެގެން ދަރިފުޅަށް ތުއްތުތުއްތު އެއްޗެހި ހަދައެވެ. އެ ތަކެތި ބަލަބަލައިފައި އެ ދެ މީހުން އެތަކެއް ގަޑިއިރު ވާންދެން ވާހަކަދައްކާން ތިބެއެވެ. އަދި ނުހަނު އުފާވެއެވެ. ޖަމާލު ކައްކާން ނޯކަރަކު ހޯދައިފިއެވެ. އޮފީހުން ވެސް އަވަހަށް އާދެއެވެ. ކޮންމެ ދުވަހަކު ހަވީރު ހިނގައިލާން ބޭރަށް ވެސް ދެއެވެ. ޖަމާލުގެ ވާހަކަދެއްކުމުން ހަރުކަށިކަމާއި ނުރުހުންތެރިކަން ފިލައިފިއެވެ.

ނުވަ މަސްދުވަހުގެ މުއްދަތު އެސްފިޔަޖަހައިލައިހައި ހިނދުކޮޅެއްގެ ތެރޭގައި ފާއިތުވެއްޖެއެވެ. އެ ނުވަ މަސްދުވަހުގެ ތެރޭގައި އޭނާ ސަތޭކަ ފަހަރު އޭނާ އަށް ލިބެން އުޅޭ ދަރިފުޅުގެ ތަޞައްވުރު ކުރިއެވެ. އަދި އެ ދަރިފުޅު ދެ އަތުގެ ތެރެއަށް ލައި ބޮނޑިކޮށްލައިފައި ލޯބިކުރިއެވެ. ޙަޤީޤީ ވަށްވަށް، ދޮންދޮން އަންހެންކުއްޖެއް އޭނާގެ އަތުގެ ތެރެއަށް އައުމުން، އޭނާގެ ފައި ބިންމަތީގައި ހަރެއް ނުލައެވެ. އޭނާ ފަރުވާތެރިކަމާއެކު ޖަމާލަށް ބަލައިލިއެވެ. ޖަމާލު ބޭނުމީ ފިރިހެންކުއްޖެއް ކަން ނޭނގެއެވެ. އެކަމަކު ޖަމާލު އެ ކަހަލަ އެއްވެސް ނިޝާނެއް ފާޅެއް ނުކުރެއެވެ. އަންހެންކުއްޖަކަށް ވިޔަސް ފިރިހެންކުއްޖަކަށް ވިޔަސް ފުރަތަމަ ދަރިފުޅަކީ ދެމަފިރީންގެ އުންމީދުތަކުގެ ނިޝާނެވެ. އެއަށްފަހު އޭނާ ދަރިފުޅުގެ ކަންތައްތަކަށް ގެއްލިއްޖެއެވެ. އޭނާގެ ހަމަހޭވެރިކަމެއް ނެތެވެ. ދިރިއުޅުމުގެ ތަޖުރިބާތަކުގެ ތެރެއިން މިއީ އާދަޔާ ޚިލާފު ތަޖުރިބާއެކެވެ. އޭނާ ތުއްތު ކުއްޖަކު ދެކެފައެއް ނެތެވެ. އެހެންކަމުން އެންމެ ކުޑަކުޑަ ކަމެއް ވެސް އޭނާއަށް ވަނީ އާ ކަމަކަށެވެ. ކިތަންމެ ކުޑަ އުނދަގުލެއް ވިޔަސް ކަންބޮޑުވެއެވެ. ވަގުތުން ޑޮކްޓަރުގެ ކައިރިއަށް ދެއެވެ. އޭނާ ދަރިފުޅުގެ ލޯބީގައި ހައްޔަރުވެއްޖެ ކަހަލައެވެ. އެހެން ކަންތައް ވުމުން އޭނާ ޖަމާލާ ދޭތެރޭ ތަންކޮޅެއް ފަރުވާކުޑަވެއްޖެއެވެ. އެއީ ޤުދްރަތީ ކަމެކެވެ. އެކަމަކު ޖަމާލުގެ ކުށްހީގެ ފިތުރަތު އެ ކަން ދުށީ އެހެން ކުލައެއްގައެވެ. އޭނާގެ ހިތަށް އެރިއެވެ. އަންހެނުން ކުއްޖާ އުފަންކުރުމަށްފަހު ފަރުވާކުޑަކޮށްލަނީ އެމީހުންނަށް ފިރިހެނުންގެ މައްޗަށް ބާރުފޯރުވުނީކަމަށް އެމީހުން ދެކޭތީއެވެ. އޭނާގެ ނަފުސު ހަޅޭއްލަވަން ފަށައިފިއެވެ. އޭނާގެ ރާގު ހަރުކަށިވާން ފަށައިފިއެވެ. އެ ދުވަހު ވެސް ފަރީ އިނީ މޯނާ ގޮވައިގެން ޙައްދެއްނެތް މިންވަރަށް ލޯބިކުރާށެވެ. ޖަމާލު އިނީ ލޯގަނޑުގެ ކުރިމަތީގައި ތުނބުޅިބާލާށެވެ. ފަރީ މޯނާ މައްޗަށް އެއްލައިފައި ޖަމާލަށް ދައްކައިލިއެވެ. އަދި ބުންޏެވެ. "ބަލައިލަ. އަހަރެންގެ ދަރިފުޅު ކިހާ ލޯބި؟"

"މީހުން ބުނާއެއްޗެއް ފަރީ ނާހަންތަ؟" ޖަމާލު އެނބުރިލައިފައި އޭނާއާ ދިމާއަށް ބަލަމުން ބުންޏެވެ.

"ކީކޭތޯ؟" ފަރީ ސުވާލުކުރިއެވެ.

"މީހުން ބުނަނީ ދަރިފުޅު ވައްތަރީ އަހަންނާއޭ."

ފަރީ ސިހެން އުޅުނެވެ. އޭނާ ހައިރާންކަން ފާޅުކުރި ނަމަ އަނެއްކާވެސް އަރާރުމެއް ފެށުނީހެވެ. މިހާރު އޭނާ ވަރަށް ހަމަޖެހިއްޖެއެވެ. ހީނލައިފައި ބުންޏެވެ. "އަޅުގަނޑުވެސް މި ނަންގަންނަނީ ތިޔަ ހެން." މިހެން ބުނެފައި އޭނާ އެ ތަނުން ހިނގައްޖެއެވެ. އެހެން ކަމަށް ވިޔަސް ދަރިފުޅު މަންމަޔާ ވައްތަރުކަމުން އޭގެ މިސާލެއް ލިބުމަކީ ދަތިކަމެކެވެ.

އެއަށް ފަހު އަނެއްކާ ވެސް ކަލޭކަލޭ އަހަރެން އަހަރެންގެ އޮއިވަރެއް ހިނގަން ފަށައިފިއެވެ.

ފުރަތަމަ ދަރިފުޅު ވިހެއުމަށް ފަހު ފަރީގެ ސިފަ ވަރަށް ރީތިވެއްޖެއެވެ. މިހާރު އޭނާ ފުރާފުރިހަމަވެފައި އިން އަންހެނެއްގެ ސިފަ ޖަހަން ފަށައިފިއެވެ. އޭނާގެ މޫނުމަތި ވެސް އިތުރަށް އުޖާލާވެއްޖެއެވެ. އޭނާގެ މަޢުޞޫމު ރީތިކަމަށް މަންމަގެ މައިވަންތަކަން އިތުރު ފުރިހަމަކަމެއް ގެނެސްދީފިއެވެ. އެކަމަކު މީސްތަކުން ފާޅުގައި އެ ވާހަކަ ދެއްކުމަކާ ޖަމާލަކަށް ނުރުހެވުނެވެ. އެންމެ ފަހުން އޭނާ ދަށުދަރަޖައިގެ ހަތިޔާރުގައި ހިފައިފިއެވެ. ރީތި ކޮންމެ އަންހެނެއްގެ މައްޗަށް އެޅުވޭ އިލްޒާމު އޭނާގެ މައްޗަށް ވެސް އަޅުވާން ފަށައިފިއެވެ.

"ފަރީ އަހަރެންގެ މިވެނި އެކުވެރިއެއްގެ މައްޗަށް ހާދަ ހެޔޮކޮށް ހިތައޭ. މިހާރު ހީވަނީ އަހަރެން ދެކެ ފޫހިވެއްޖެހެން. އަހަންނަށް ވުރެ ރަނގަޅު އެހެން މީހެއް ފަރީއަށް ފެނުނީކަން ނޭނގެ." މި ކަހަލަ ވާހަކަތަކެވެ.

މީގެ ކުރިން ކިޔަމުން އައި ހުރިހައި އެއްޗަކަށް ވެސް ފަރީ ކެތްކުރިއެވެ. އެކަމަކު ޣޭރަތްތެރި ކޮންމެ އަންހެނެކޭ އެއްފަދައިން އޭނާގެ ސާފު ފަސްބަޔަށް ކިސަޑު އުކުމަކާ އޭނާއަކަށް ނުރުހެވުނެވެ. މަޑުމައިތިރިކަމާ އެކު ވިސްނައިދީ ވިސްނައިދީ ވަރުބަލިވުމުން އެންމެފަހުން އޭނާ ވެސް ހަރުކަށިވާން ފަށައިފިއެވެ. އޭނާގެ ހަރުކަށިކަން ފެނުމުން ޖަމާލުގެ ރުޅިގަނޑު ދިޔައީ މައްޗަށެވެ. ޖަމާލު ގެއިން ބޭރުގައި އުޅެން ފަށައިފިއެވެ. ރޭގަނޑު ލަހުން އަންނަން ފަށައިފިއެވެ. މި ކަމާ އަބަދު ދެ މީހުންގެ މެދުގައި ޚިލާފު އުފެދެއެވެ. ޖަމާލު އޭނާ ރުޅިއަރުވާން ކުރިއަށް ވުރެ ވެސް ލަހުން އަންނާން ފަށައިފިއެވެ. ރޭގަނޑު ގިނަ އިރު ވާންދެން ފިރިހެނުން ގެއިން ބޭރުގައި އުޅޭ ނަމަ ނުހަނު ގިނަ ބަލާތައް ރީތި ސިފިސިފައިގައި އޭނާ ހައްލާން ފަށާނެއެވެ. އޭނާ ހެއްލެން ރުހިއްޖެ ނަމަ މަގުދައްކާނެ ކިތަންމެ ބަޔަކު ވާނެއެވެ. ނުބައިކަމުގެ މަގުގައި އަދަދެއް ނެތްހައި ގިނަ އެކުވެރީން ތިބެއެވެ. ރަނގަޅުކަމުގެ މަގުގައި އެއްވެސް އެކުވެރިއެއް ނުހުރެއެވެ. އެހެންކަމުން އޭނާ އާވާރާ އެކުވެރީންނާ އެކުގައި އުޅޭން ފަށައިފިއެވެ. އާވާރާކަމުގެ އަސަރުތައް ފެނުމުން ފަރީ އަޑުގަދަކޮށްލިއެވެ. އެކަމަކު ފިރިހެންމީހާ އަންހެންމީހާ ރުޅިއަރުވާން ފޫގަޅައިފައި ހުންނަ އިރު އެއްވެސް ހަޅޭކަކުން ނުވަތަ އާދޭހަކުން އޭނާގެ އުޅުން ބަދަލެއް ނުވާނެއެވެ. އޭނާގެ ހިއްސެއް ނެތް ކަމުން ވެސް ފަރީ މިހައި ވަރަކަށް ނުތަޅުވައެވެ. ޖަމާލު އެތައް ދުވަހެއް ވާންދެން އަނގައިން ނުބުނެ ހުރެއެވެ. އޭނާ ވެސް ރުޅިއައިސްފައި ހުންނަނީއެވެ. ކަރުނަ އޮހޮރައޮހޮރައިފައި ހިމޭން ވަނީއެވެ. ދަރިފުޅާ އަޅައިނުލިޔަސް ވެސް ކެތްކޮށްލަނީއެވެ. އެކަމަކު ޖަމާލު ނުބައި އެކުވެރީންނާ އެކުލަވައިގެން ރާބޯން ފަށައިފިކަން އެނގުނު ހިނދު އޭނާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އޭނާ ވަރަށް ބޮޑަށް ރުޔެވެ. ހަޅޭއްލެވިއެވެ. އެއްޗެހިކިޔެވެ. ހުރިހައި ގޮތަކުން ޖަމާލަށް ވިސްނައިދިނެވެ. ނަސޭހަތްދިނެވެ. އެކަމަކު އެ މަގަށް ނުކުމެއްޖެ މީހަކީ އަވަހަށް އެނބުރި އަންނަ މީހެއް ނޫނެވެ. ޖަމާލު މަސްތުވެފައި ހުންނަ ވަގުތު ސާފު ބަހުން ބުނެއެވެ. "އަހަރެން ކަލެއަށް ނަފުރަތު ކުރަން. ކަލެއަކީ ވަރަށް ބޮޑާ އަންހެނެއް. ކަލޭ ހީކުރަނީ ކަލެއަކީ ދުނިޔޭގައި އިން އެންމެ ރީތި އަންހެނާކަމަށް. ކަލޭ ކަލޭގެ އަމިއްލަ މޫނުދެކެ ނަފުރަތުވާ ވަރަށް އަހަރެން ކަލެއަށް ނަފުރަތު ކުރާނަން."

(ނުނިމޭ)

މުޙައްމަދު ޝާހިދު ޙަލީމް
މުޙައްމަދު ޝާހިދު ޙަލީމަކީ ދިވެހި އަދަބީ ދުނިޔޭގެ އެންމެ ފުންނާބު އުސް ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދަބީ ދުނިޔޭގައި ޝާހިދުގެ ކުޅަދާނަކަން ނުފެންނަ ދާއިރާއެއް ނެތެވެ. ތަރުޖަމާ ކުރެއްވުމާއި، ލިޔުއްވުމާއި، ތަމްސީލާއި ޑްރާމާ ކުޅުއްވުމާއި، ޅެން ހެއްދެވުމާއި، އަތުލިޔުމުގެ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެކެވެ. މިހާރުވެސް ދިވެހިބަހުގެ އެކަޑެމީގެ މެންބަރެއްގެ ގޮތުގައްޔާއި ޔުނިވަރުސިޓީ ލެކްޗަރާރެއްގެ ގޮތުގައި ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ލިޔުއްވުމުގައި އިބާރާތް ކުރެއްވުމުގެ ރީތިކަމާއި، އެތުރުއްވުމުގެ ކުޅަދާނަކަން ފާހަގަ ކުރެވެއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.