ބަރުބާދުވީ ލޯބީގެ ދުނިޔެ - 1

ކުޑަކުޑަ ޖުމުލައެއް އިންސާނާގެ ދިރިއުޅުމަށް ކިހައި ވިހައެއް ލައިފާނެކަން ފަރީއަށް ލަފާކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އެއީ އެ ޖުމުލަ ބުނީ ވެސް އޭނާ ކަމަށް ނުވާ ހިނދުގައެވެ. އަދި ކީއް ހެއްޔެވެ؟ އެ ޖުމުލަ އިވުމުން ވެސް ކުޑަކުއްޖަކަށް ލިބޭ ކަހަލަ އުފަލެއް އިޙްސާސްކޮށްފައި އޭނާ ހިމޭންވެފައި ވާ ހިނދުގައެވެ.

ފަސް އަހަރު ކުރިއެވެ. ޒުވާން ކޮންމެ އަންހެން ކުއްޖެކޭ އެއްފަދައިން އޭނާ އުންމީދުތަކާއި އެދުންތަކުގެ ފާލިކީ ޒީނަތްތެރިކޮށްގެން ޖަމާލުގެ އަލަތު އަތްނބަކަށް ވިއެވެ. އޭނާ އަލަތު އަތްނބެއްގެ ގޮތުގައި ޒީނަތްތެރިވެގެން އިންދައި ފެނިފައި އެންމެން ތާރީފުކުރިއެވެ. އެ ސާދާ، ސީރިއަސްކަމެއް ނެތް، ނާޒުކު އަންހެން ކުއްޖާ އެހައި ވަރަށް ރީތިކަން ވަގަށްނެގީ ކޮން ތަނަކުން ހެއްޔެވެ؟ އޭނާ ހުރިހައި ރީތިކަމެއް ހީނާފަތުގައި ރައްކައުކޮށްފައި ހުރި ކަހަލައެވެ. އެއްކޮޅުން ހީނާފަތް އެޅުމުގެ ކަންތައް ފެށި، ކާވެނީގެ ކުރިން ގެއިން ބޭރަށް ނުނުކުމެ، އިންނަން ޖެހުމާ އެކު، އަނެއްކޮޅުން އެއް ދުވަހުން އަނެއް ދުވަހަށް އޭނާގެ ރީތިކަން އިތުރުވާން ފެށިއެވެ. އޭނާ އަލަތުއަތްނބަކަށް ވީ ދުވަހު އޭނާ އަށް ހެޔޮ ދުޢާ ނުކުރާ ލޮލެއް ނެތެވެ. އޭނާގެ އެ ރީތިކަން  ތިމާ އަށް ލިބުމަށް ނޭދޭ ހިތެއް ނެތެވެ. ހަމަ އެންމެން ވެސް ދައްކަނީ ޖަމާލުގެ ނަސީބު ރަނގަޅުކަމުގެ ވާހަކައެވެ. އަދި ފަރީ އުފަލާއި އަރާމުގައި ލެހެއްޓެވުން އެދި އަދަދެއް ނެތްހައި ދުޢާ ކުރަނީއެވެ. ޙަޤީޤަތުގައި ވެސް ޖަމާލު ފަރީގެ މޫނުމައްޗަށް ވައްޓައިލައިފައި އޮތް ފަސްބައި އުފުލައިލައިފައި ބަލައިލި ގޮތަށް ހުރެވުނީއެވެ. ހުރިހައި ގުނަވަނެއް ވެސް ވަރުންއެޅިފައި ފުރިހަމައެވެ. ފަރިކަން، ހިތް މަސްތުކަމުގެ ތެރެއަށް ގަންބައިލާ ފަދައެވެ. ހިނިތުންވުން، އެ ހިނިތުންވުމުގެ މައްޗަށް ތަކުރާރުކޮށް ފިދާވާން ހިތް އެދޭ ކަހަލައެވެ. ފުރަތަމަ ރޭ ޖަމާލުގެ ދޫ ގޮށްޖެހުނު ސަބަބަކީ އެއެވެ. އޭނާ ވާހަކަދެއްކީ ވަރަށް މަދުންނެވެ. އަޑުއެހީ އަދި ބުނީ ވަރަށް މަދު އެއްޗެކެވެ. ޖަމާލު، އޭނާގެ ނަސީބުގެ މައްޗަށް ފަޚުރުވެރިވިއެވެ. އޭނާގެ އަލަތުއަނބި އޭނާ ހިތަށް ގެނައި ހުރިހައި ސިފައަކަށް ވުރެން ވެސް ރީއްޗެވެ. ލަދުވެތިކަމުގެ ކަސްތޮޅުން ކަސްތޮޅުއެޅިފައި އިން ވަރުން، އެ ފިދާވުމުގެ މައްޗަށް ދޫވީއްލައިލަބަލާށެކޭ ވެސް ނުބުނެވުނެވެ. އެންމެ ފަހުން ހަމަހިމޭންކަމުގެ ތެރޭގައި ދުލުން ބޭރުނުކުރެވޭ ބަސްތަކަކާއެކު، ދެ މީހުންގެ ދެމެދުގައި އެއްބަސްވުމެއް އެއްބަސްވެއްޖެއެވެ.

އެއް ހިތް މުއްދަތަކުއްސުރެން ވަނީ އިންތިޒާރުގައެވެ. ހީނާފަތް އެޅި ދެއަތާއި މަސްތީ ދެލޮލުގެއެވެ. އަނެއް ހިތް އިންތިޒާރުގެ މި ގިއުގަނޑުގެ ތެރެއަށް މުޅިން ފެތިއްޖެއެވެ. އެއަށް ފަހު އެއްބަސްވުމެއްގެ ބޭނުމެއް ނުވެސް ޖެހުނުމެއެވެ. ފާއިތުވީ ހަމަ އެންމެ ރެއެކެވެ.

މާތްރަސްކަލާކޯއެވެ. ހެނދުނު ފަރީ ނަލަހެދިލައިގެން، ހުވަނދުން ފެންވަރައިގެން ނުކުތް އިރު ރީތިކަމުން، ފުރިހަމަކަމުން ކަޅިޖަހައިނުލެވެއެވެ. ނުފޮޅޭ މަލެއް ފަރިވެ ފޮޅިފައި އިން ކަހަލައެވެ. އެ މަލަކީ ވެސް ގުލްޝަނުން ހަމަ ކޮންމެ މީހެއްގެ ވެސް ސަމާލުކަމުގެ މަރުކަޒަކަށް ވާ ކަހަލަ މަލެކެވެ.

މެހުމާނުންތައް ދިއުމުން ފަރީ އެކުވެރި އަންހެން ކުއްޖަކާ އެކު ކޮޓަރިއަށް ދިޔައިރު އެ ކުއްޖާ ތަކުރާރުކޮށް ފަރީގެ ރީތިކަމުގެ ވާހަކަދައްކަމުން ގެންދިޔައެވެ. ސިފައެކޭ އެއްފަދައިން އޭނާގެ ހިނިތުންވުން ވެސް ވަނީ ވީއްލިފައެވެ. އޭނާ ބުނާނީ ވެސް ވަކި ކީކޭ ހެއްޔެވެ. ހިތްހަމަޖެހެންދެން ލޯގަނޑުން ބަލައިލާނެހައި ވަގުތު ވެސް އޭނާއަކަށް އަދި ނުލިބެއެވެ. އޭނާ އޭނާގެ ދުށް ސިފައެއް ވިއްޔާ ދުށީ ހަމަ ޖަމާލުގެ ދެ ލޮލުންނެވެ. އެ ދެ ލޯ އޭނާ ފެނުމުން ވިދައިގަނެއެވެ. ހިނިތުންވެގެން ދެއެވެ. ފިދާވާން އުޅެއެވެ. ދެން ކެތްނުލެވުމުގެ ރަތްކުލަ ދީވާނާކަމުގެ އިސްޓޭޖު މައްޗަށް އެ ދެ ލޯ ގެނައެވެ. ދީވާނާކަމެވެ. އެއަށް ފަހު އޭނާ ލޯކުޑަކޮށްލައެވެ. ނޭވާހިފައްޓައިލައެވެ.

"ފަރީ! ފަރީގެ ފިރިމީހާއަކީ ފަރީގެ ކުރިމަތީގައި އެއްވެސް އެއްޗެއް ނޫން! ހުންނަ ސިފައިން ވެސް ހީވަނީ ހަމަ މޮޔައެއް ހެން. ފަރީ ލިބުނީމާ މޮޔަކަން އަދި މާ ބޮޑުވެއްޖެ. ދެކެން ހުންނައްޗޭ. ތާއުމުރަށް ފަރީގެ ފައިދޮއްވަ ދޮވައިފައި އެ ފެން ބޯނެ!"

ފެންނަ ފެނުމުގައި މި ޖުމުލައަކީ އެހައި ވިހަ ޖުމުލައެއް ވެސް ނޫނެވެ. އުފާވެރިކަމުގެ އެ ދަނޑިވަޅުގައި ރަޙްމަތްތެރި މަޢުޞޫމު އަންހެން ކުއްޖަކު އޭނާގެ އަނެއް ރަޙުމަތްތެރިޔާއަށް  ލޯތްބާއި ހެޔޮއެދުން ރައްދުކުރީއެވެ. އެއީ މީހަކު ލަދުގަންނަވައިލުމުގެ ބޭނުމުގައި ބުނި އެއްޗެއް ނޫނެވެ. މަލާމާތްކުރާ ކަހަލަ ދަނޑިވަޅެއް ވެސް ނުމެ ނޫން މެ އެވެ. އެހެން ނޫނަސް އެ އުމުރުގައި ކުދީންގެ ތަޖުރިބާއެއް ނުހުންނާނެއެވެ. ބޭނުންކުރެވޭ ލަފުޒުތަކުން ނުކުންނާނެ ރަނގަޅު ނުރަނގަޅު އަސަރުތަކެއް އެއްގޮތަކަށް ވެސް ނުދަންނާނެއެވެ. އެކަމަކު އެ ވަގުތު ޖަމާލު އިނީ ކޮން މޫޑެއްގައި ކަމެއް ނޭނގެއެވެ. އޭނާ އިނީ ކޮޓަރީގައި ފަރީއަށް އިންތިޒާރުކުރާށެވެ.

އިންތިޒާރާއި ކެތްނުލެވުން.... އޭނާ ތަހުޒީބުގެ ފަރުދާގެ ނިވަލުގައި ފޮރުވައިފައި އޮތް ލޯބީގެ ފިދާވުން ވަގުތުން ދިޔައީ ކޮން ތަނަކަށް ކަމެއް ނޭނގެއެވެ. އޭނާ އަށް ހީވީ ފަރީގެ އެކުވެރިޔާ ހަމަ ދިމާއަށް އޭނާ އަށް މަލާމާތްކުރީހެންނެވެ. މިހައި ރީތި އަތްނބަކާ ކަލޭ އެކަށީގެނެއް ނުވެޔޭ ބުނީހެންނެވެ. އެހެން ޢިބާރާތްތަކަކުން، އޭނާގެ ފިރިމީހާއާ މެދު ކުއްތާއާ މެދު ކަންކުރާ ގޮތަށް ކަން ކުރަން އަންހެނުންނަށް ނަސޭހަތް ދިނީއެވެ.

އޭނާ މި ކަހަލަ ވާހަކަ އަޑުއަހައިފައި ވަނީ ނޫންކަމެއް ނުވަތަ އޭނާގެ ޝުޢޫރުގައި ނިކަމެތިކަމުގެ އިޙްސާސް އުފެދިފައި ވަނީ ނޫންކަމެއް ނޭނގެއެވެ. އެހެން ނޫނީ ސިފައާއި ސޫރައާއި ޝަޚުޞިއްޔަތުގެ ގޮތުން އޭނާއަކީ ނުހަނު ހިތްދަމައިގަންނަ އިސްމާޓު މީހެކެވެ. ފަރީއަށް އޭނާ ފެނުމާ އެކު އޭނާއާ ރުހެވުނެވެ. އޭނާގެ ކިބައިގައި ފިރިހެންވަންތަކަން ނުހަނު ބޮޑަށް ހުއްޓެވެ. އޭނާގެ ކުލައަކީ މުށިކުލައެވެ. ފަރީއަށް އަބަދު ވެސް ރީތީ އެ ކުލައިގެ މީހުންނެވެ. ހިތުގައި ބިންވަޅުނެގިގެން ދަނީ އެ ކުލައެވެ. ދޮން ބިސްގަނޑެއް ހެން ހީވާ އަދި މާ ބޮޑަށް ރީތި ފިރިހެނުން ދެކެ އޭނާ އަބަދު ވެސް ފޫހިވެއެވެ. ފިރިހެނުންގެ ޝަޚުޞިއްޔަތުގައި ފިރިހެންވަންތަކަން ހުންނަން ޖެހޭނެއެވެ. ޖަމާލު އޭނާގެ ޚިޔާލާ މުޅިން އެއް ގޮތެވެ. އެހެންކަމުން ޖަމާލު ލިބުމުން އޭނާ ވަރަށް ހިތްހަމަޖެހުނެވެ. އޭނާގެ ޒުވާންކަމުގެ ހުރިހައި ރީތިކަމަކާއި ލޯތްބެއް ޖަމާލުގެ މައްޗަށް ފިދާކޮށްލާން ބޭނުންވިއެވެ.

* * *

ދެ އެކުވެރީން ހެނމުން ހެނމުން އައިސް ނިދާކޮޓަރިއަށް ވަނުމުން، އިޙްތިރާމުގެ ގޮތުން ޖަމާލު ކޮޅަށް ތެދުވެއްޖެއެވެ. ފަރީ ލަދުވެތިކަމާ އެކު އިސްދަށަށް ޖަހައިލިއެވެ. އޭނާގެ އެކުވެރިޔާ ލާނެތް ބެލުމަކުން ޖަމާލާ ދިމާއަށް ބަލައިލިއެވެ. މިއީ ވެސް ހަމަ އާދައިގެ ލޯބިވެރި ޙަރަކާތެކެވެ. އެކަމަކު އެ ކުޑަ ހިނދުކޮޅުގައި ފަރީގެ ރީތި މަޢުޞޫމު ދެ ލޮލުގައި ބޮޑާކަމާއި އަޅައިލުމެއް ނެތް ކަމުގެ ވިދުވަރެއް އުފެދުނު ކަމަށް ޖަމާލަށް ހީކުރެވުނެވެ. އަދި ފަރީގެ އެކުވެރިޔާގެ ލާނެތް ބަލައިލުން ހަންމުށީގެ އެތިފަހަރަކަށް ވެގެން އޭނާގެ ގައިގައި އެޅުނެވެ.

ވަގުތު ވޭތިވެގެެން ހިނގައްޖެއެވެ. އެކަމަކު ވިހަ ހަރުފައެއް، ކައިރިން ބޯ އުފުލައިލައިފައި މަޑުމަޑުން ޖަމާލުގެ ޝުޢޫރުތަކުގެެ ތެރެއަށް ވަދެއްޖެއެވެ. ޚުދު ޖަމާލަށް ވެސް އެ ކަމެއް ނޭނގެއެވެ. އެއަށް ފަހު އެތަކެއް ދުވަސް މެހުމާނުންނާ އެކު ދަޢުވަތުތަކުގައާއި އެތަން މިތަނަށް ދިއުމުގައި ވޭތިވެއްޖެއެވެ. އެ މީހުންނަށް ރޭގަނޑު ފިޔަވައި ވާހަކަދައްކައިލާނެ ވަގުތެއް ލިބުނީ ވަރަށް މަދުންނެވެ. ރޭގަނޑު ވެސް މިންޖުވެވެނީ ބާރަ އެކެއް ޖަހައި ދާ ފަހުންނެވެ. އޭރު ދެ މީހުން ވެސް ތިބެނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ.

މި ހިސާބުގަނޑުގައި ކާވެންޏަކީ ވެސް ކިހައި ވަރުބަލިކޮށްލާ ކަމެއް ހެއްޔެވެ. ފަރީ ހިތަށްއަރައެވެ. އަލަތުދެމަފިރިންނަކީ އެއްގޮތަކަށް ވެސް އިންސާނުންކަމަކަށް ނުދެކެއެެ. އެކަކުގެ ވެސް ދަޢުވަތު ރައްދުކޮށްފިއްޔާ އޭނާ ހުންނާނީ ރުޅިއައިސްފައެވެ. މީހަކާ މަޖާކޮށް ވާހަކަދައްކައިލައިފިއްޔާ އޭނާ ހުންނާނީ ނުބައި އަޑުތައް ފެތުރުމުގައި އެންމެ ކުރިއަށެވެ.

އެހެން ކަމަށް ވިޔަސް މަޑުމަޑުން ގޮސް ކަންތައްތައް އާދައިގެ ގޮތަށް ބަދަލުވެއްޖެއެވެ. އަޑުފަށްގަނޑާއި ހޭލަމޭލަކަމާއި ޕާޓީތަކުގެ ދުވަސް ވޭތިވެއްޖެއެވެ. އޭނާ ޖަމާލު އަތުން ހުއްދަ ހޯދައިގެން މަންމަގެ ގޭގައި އިންނަން އަތުވެއްޖެއެވެ. އޭގެ ކުރިން އެ ގެ އަށް ދިޔައީ ހަމައެކަނި އެއް ފަހަރުއެވެ. އެއީ އާދަކާދައިގެ މަތިން އެންމެ ރެއަކަށެވެ. އެ ރޭ ވެސް ވޭތި ވެގެން ދިޔައީ މަޖާކުރުމާއި ހޭލަމޭލަކަމުގައެވެ. މި ފަހަރު އޭނާ މި އައީ އެއް މަސް ދުވަހު އެ ގޭގައި އިންނާން ޕުރޮގުރާމު ރާވައިގެންނެވެ. ޖަމާލު ވެސް އޭނާއާ އެކުގައި ދިޔުމަށް އޭނާ ޖަމާލު ގާތުގައި ބުންޏެވެ. އެކަމަކު ޖަމާލުގެ ޗުއްޓީ ވަނީ ހަމަވެފައެވެ. އޭނާ ބުންޏެވެ. "އަހަރެން ގޮސް އުޅޭނަން. އެ ގެއަކު ނުއެއް ހުރެވޭނެ."

(ނުނިމޭ)

މުޙައްމަދު ޝާހިދު ޙަލީމް
މުޙައްމަދު ޝާހިދު ޙަލީމަކީ ދިވެހި އަދަބީ ދުނިޔޭގެ އެންމެ ފުންނާބު އުސް ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދަބީ ދުނިޔޭގައި ޝާހިދުގެ ކުޅަދާނަކަން ނުފެންނަ ދާއިރާއެއް ނެތެވެ. ތަރުޖަމާ ކުރެއްވުމާއި، ލިޔުއްވުމާއި، ތަމްސީލާއި ޑްރާމާ ކުޅުއްވުމާއި، ޅެން ހެއްދެވުމާއި، އަތުލިޔުމުގެ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެކެވެ. މިހާރުވެސް ދިވެހިބަހުގެ އެކަޑެމީގެ މެންބަރެއްގެ ގޮތުގައްޔާއި ޔުނިވަރުސިޓީ ލެކްޗަރާރެއްގެ ގޮތުގައި ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ލިޔުއްވުމުގައި އިބާރާތް ކުރެއްވުމުގެ ރީތިކަމާއި، އެތުރުއްވުމުގެ ކުޅަދާނަކަން ފާހަގަ ކުރެވެއެވެ.

4 ޚިޔާލު

  1. މުހައްމާ ނުބެހޭ ކަންތަކާާ ނުބެހޭ. އަހަރެން މިހެން ބުނީ އެވާހަކަ ކީ މީހަކަށް ވާތީ. އެއީ ހަމަ ޑުރެކިއުލާގެ ވާހަކައެއް. މީ ދޮގެއް ވިއްޔާ ޝާހިދު ބުނުއްވާނެ. މުހައްމާ ހިމޭނުން ހުރޭ.

  2. ޝަހިދުގެ ވާހަކައެއް ކިޔާލަން މި ލިބުނީ އެތައް އަހަރަކަށް ފަހުއެވެ. ވަރައް ރީތި ވާހަކަ ލިޔާ ބޭފުޅެކެވެ. އަޅުގަނޑު ކީ އެއްމެ ރީތި ވާހަކައަކީ ޑުރެކިއުލާ ވާހަކައއވެ. އެ ވާހަކަ އާފަތިހުން ގެނެސްދިނުން އެދެމެވެ. އެއީ ޝަހިދުގެ އެއްމެ ރީތި ވާހަކައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.